Advertisement

ތޮޅެންދޫ ކުއްޔަށް ދިނުން ހުއްޓުވި މައްސަލަ ސުޕްރީމް ކޯޓަށް

31 ޖުލައި 2022 - 18:31 0

ނިމާ ހަސަން

ނިމާ ހަސަން

ނ. ތޮޅެންދޫ; އެ ރަށުގައި ދިރިއުޅުނު މީހުން މިހާރު ދިރިއުޅެނީ ކެނދިކުޅުދޫގައި -- ފޮޓޯ: ސީ ފްރޮމް ދަ ސްކައި


ތޮޅެންދޫ ކުއްޔަށް ދިނުން ހުއްޓުވި މައްސަލަ ސުޕްރީމް ކޯޓަށް

31 ޖުލައި 2022 - 18:31 0

ނ. އަތޮޅުގެ ފަޅުރަށެއް ކަމަށްވާ ތޮޅެންދޫ ކުއްޔަށް ދިނުން ހުއްޓުވި މައްސަލަ، ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.

ނ. އަތޮޅު ކައުންސިލްގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ އަތޮޅު ކައުންސިލްގެ ފަރާތުން ފިޝަރީޒް މިނިސްޓްރީއަށް ތޮޅެންދޫއާ ގުޅޭ ގޮތުން ކުރި މަޝްވަރާއާ ހިލާފަށް 21 އަހަރަށް އެ ރަށް ކުއްޔަށް ދޫކުރުމަށް ފިޝަރީޒް މިނިސްޓްރީން މަސައްކަތްކުރަމުންދާ ބުނެ، އެކަން ހުއްޓުވުމަށެވެ. އެ މައްސަލާގައި ތޮޅެންދޫ ކުއްޔަށް ދިނުން މަޑުޖައްސާލަން އަންގާ މިދިޔަ މާޗް މަހު 16ގައި ސިވިލް ކޯޓުން ވަނީ ވަގުތީ އަމުރެއް ނެރެފަ އެވެ.

އެ ވަގުތީ އަމުރު ބާތިލުކޮށްދިނުމަށް އެދި ދައުލަތުން ހައިކޯޓަށް ހުށަހެޅުމުން ހައިކޯޓުން ވަނީ މިދިޔަ ޖޫން މަހު 30ގައި، ސިވިލް ކޯޓުގެ އަމުރަށް ތާއީދުކޮށްފަ އެވެ. އެއަށްފަހު ދައުލަތުން ވަނީ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފަ އެވެ. މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅިކަން ފިޝަރީޒް މިނިސްޓްރީން ކަށަވަރު ކޮށްދީފައިވާއިރު، އެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފައި ނުވާކަމަށް މައުލޫމާތު ލިބެ އެވެ.

އެ މައްސަލައިގައި ސިވިލް ކޯޓުން ނެރުނު އަމުރުގައި ބުނީ ތޮޅެންދޫ ދިގު މުއްދަތަކަށް ވަކި ފަރާތަކަށް ކުއްޔަށް ދޫކުރުމަށް ކުރަމުންދާ މަސައްކަތް މަޑުޖައްސާލުމަށާއި، އެ މައްސަލައިގައި ގޮތެއް ނިންމަންދެން އެ ރަށް އެހެން ފަރާތަކަށް އެވޯޑުކޮށް އެހެން ފަރާތެއްގެ މަސްލަހަތު އެ ރަށުގެ މައްޗަށް އުފަންކުރުވަފާނޭފަދަ އެެއްވެސް ކަމެއް ނުކުރުމަށް ދައުލަތުގެ އިދާރާތަކަށް އަންގާ ކަމަށެވެ.

ސިވިލް ކޯޓުން ވަނީ ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުގެ ދަށުން ހިންގުމުގެ ގާނޫނުގައި އަތޮޅު ކައުންސިލަށް ނިސްބަތްވާ ދާއިރާގެ ފަޅުރަށްރަށާއި ފަޅުތައް ސަރުކާރުގެ އެއްވެސް އިދާރާއަކުން ބޭނުންކުރަން، ކުއްޔަށްދޭން އަދި ވަރުވާއަށް ވެސް ދޭން ވާނީ އަތޮޅު ކައުންސިލްގެ މަޝްވަރާގެ މަތިން ކަމަށް ބަޔާންކުރާކަން ފާހަގަކޮށްފަ އެވެ.

މައްސަލައިގެ ފަސްފަހަތް

އެކާވީސް އަހަރުގެ ދިގު މުއްދަތަކަށް ތޮޅެންދޫ ކުއްޔަށް ދޭން ބީލަމަށް ހުޅުވާލީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 8 ވަނަ ދުވަހު އެވެ. މީގެކުރިން މީހުން ދިރިއުޅުނު ތޮޅެންދޫ ދިގު މުއްދަތަކަށް ކުއްޔަށް ދިނުމަށް ފިޝަރީޒް މިނިސްޓްރީން ދަނީ އެ ރަށަށް ހުށަހެޅި ބިޑުތައް އިވެލުއޭޓްކުރަމުންނެވެ.

ނަމަވެސް އަތޮޅު ކައުންސިލުން ވަނީ އެއީ ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތް ނޫން ކަމަށް ބުނެ ގަރާރެއް ފާސްކޮށްފަ އެވެ. އަދި އެކަން ވަނީ ސަރުކާރުގެ އިދާރާތަކަށް ވެސް އަންގައިފަ އެވެ.

އެ މައްސަލައިގައި ކައުންސިލުން ވަނީ އެެ ރަށް ފިޝަރީޒް މިނިސްޓްރީން ދިގު މުއްދަތަކަށް ކުއްޔަށް ދީފިނަމަ ރައްޔިތުންގެ އާންމު ބޭނުންތަކަށް ބޭނުންކުރަން ހުރި މަދު ރަށްތަކުގެ ތެރެއިން ރަށެއް ގެއްލޭނެ ކަމަށް ބުނެފަ އެވެ.

އަދި ރައްޔިތުން ޒަމާނުއްސުރެ ތޮޅެންދުއަށް ދަތުރުކޮށް އެރަށުން ދަރާއި ފަންފަދަ ތަކެތި ހޮވުމުގެ މަސައްކަތް ހުއްޓި، ރައްޔިތުންގެ އާދަކާދައަށް އަސަރުކުރާނެވަރުގެ މާލީ ގެއްލުމެއް ލިބިގެންދާނެ ކަމަށް ވެސް ކައުންސިލުން ބުނެ އެވެ.

ނ. އަތޮޅުގައި ޖުމްލަ 69 ރަށް އޮންނަ އިރު އޭގެ ތެރެއިން މީހުން އާބާދުވެ ދިރިއުޅެމުން ދަނީ 13 ރަށެއްގަ އެވެ. މީހުން ދިރިނޫޅޭ ރަށްރަށުގެ ގޮތުގައި 47 ރަށް އޮންނައިރު، 18 ހެކްޓަރުގެ ތޮޅެންދުއަކީ އޭގެން އެއް ރަށެވެ. އެރަށާ އެންމެ ކައިރީގައި އޮންނަ މީހުން ދިރިއުޅޭ ރަށަކީ މާޅެންދުއާއި ކެނދިކުޅުދޫ އެވެ.

ތޮޅެންދޫގައި ދިރިއުޅުނު މީހުން ކެނދިކުޅުދުއަށް ބަދަލުކޮށް އެރަށަކީ ފަޅުރަށެއްކަމުގައި ސަރުކާރުން ހަމަޖެއްސީ ޖެނުއަރީ 10، 1993 ގަ އެވެ. ތޮޅެންދުއަށް ނިސްބަތްވާ ގިނަ ބަޔަކު ކެނދިކުޅުދޫގައި ދިރިއުޅެމުންދާއިރު، އެރަށުގެ އަވަށަކަށް ވެސް ތޮޅެންދޫގެ ނަމުން ނަން ދީފައި އޮވެ އެވެ.