Advertisement

ކުޑަކުއްޖަކު ގްރޫމްކުރުމުގެ ތުހުމަތުކުރެވޭ އަނީސް ބަންދުކުރަން ހައިކޯޓުން އަމުރުކޮށްފި

25 މާރިޗު 2024 - 12:33 0

އަމަން ހަލީމް

އަމަން ހަލީމް

މި މައްސަލައިގައި ތުހުމަތުކުރެވޭ އަނީސް ހިލްމީ: ހައިކޯޓުން ވަނީ އޭނާ ރިމާންޑު ޖަލެއްގައި ބަންދުކުރަން އަމުރުކޮށްފައި -- ފޮޓޯ: ފުލުހުން


ކުޑަކުއްޖަކު ގްރޫމްކުރުމުގެ ތުހުމަތުކުރެވޭ އަނީސް ބަންދުކުރަން ހައިކޯޓުން އަމުރުކޮށްފި

25 މާރިޗު 2024 - 12:33 0

ކުޑަކުއްޖަކު ގްރޫމްކޮށްގެން އޭނާއަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުކުރެވޭ މީހަކު ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ކުރި އަމުރެއް ބާތިލުކޮށް، އެ މީހާ ބަންދުކުރަން ހައިކޯޓުން އިއްޔެ އަމުރުކޮށްފި އެވެ.

މި މައްސަލައިގައި ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްތުގައި އަތްލުމާއި ޖިންސީ ގޯނާކުރުމަށްޓަކައި ކުއްޖަކު ގްރޫމުކުރުމާއި އޮރިޔާން ކާޑު ގެންގުޅުނު ކަމަށް ދައުވާކުރީ އަނީސް ހިލްމީ ކިޔާ މީހަކަށެވެ.

އޭނާއަށް ތުހުމަތުކުރެވެނީ ކޮވިޑު ލޮކްޑައުންގެ ދުވަސްވަރު މަގުމަތިން ދިމާވި 11 އަހަރުގެ އަންހެން ކުއްޖަކާ ވާހަކަދައްކައި، ފޯނެއް ގަނެދޭނެ ކަމަށް ބުނެ، ކައިރީގައި ހުރި ފިހާރައަކުން ދަޅާއި ބޮޑީސްޕްރޭ ފުޅިއެއް ގަނެދީ، ކުއްޖާ ގްރޫމްކޮށް، އެ ކުއްޖާ ގެސްޓްހައުސްއަކަށް ގެންގޮސް ޖިންސީ ގޯނާކުރި ކަމަށެވެ.

ކްރިމިނަލް ކޯޓުން ތަހުގީގު މަރުހަލާގައި ކުރި އަމުރެއްގެ ދަށުން އަނީސް ހުރީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ. އަނީސް ދޫކުރަން ކްރިމިނަލް ކޯޓުން އަމުރުކުރީ، ބަންދު އަމުރު މުރާޖައާކުރަން އޭނާ ހުށަހެޅުމުން، މިދިޔަ މަހުގެ 24 ގަ އެވެ. އޭނާ ބަންދުން ދޫކޮށްލި ސަބަބެއް ކަމަށް އެ އަމުރުގައި ބަޔާންކޮށްފައިވަނީ މި މައްސަލައިގައި ބަންދުގައި ދިގުމުއްދަތެއް ހޭދަކުރުމާއި ބަންދުގައި ހުރި މުއްދަތުގައި ގާނޫނާ ހިލާފު އަމަލެއް ކޮށްފައި ނުވާތީ އާއި ހެކިން ހެކިބަސް ނަގައި ނިމިފައިވުމެވެ.

ދަށު ކޯޓުގެ ނިންމުމާ މެދު ހިތްހަމަނުޖެހިގެން އެ އަމަރު ބާތިލުކުރުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ހައިކޯޓުގައި ވަކާލާތުކުރަމުން ބުނީ މައްސަލައިގައި ބަންދުކުރީ މުޖުތަމައުގެ ސަލާމަތަށް ނުރައްކާވުން ކަމަށްވާއިރު، އެ ހާލަތު ބަދަލުވީ ގޮތް އޭނާ ބަންދުން ދޫކޮށްލި އަމުރުގައި ބަޔާންކޮށްފައި ނެތް ކަމަށެވެ.

މި މައްސަލައިގައި ހައިކޯޓުން ދައުލަތާ އެއްކޮޅަށް އިއްވި ހުކުމުގައި ކްރިމިނަލް ކޯޓުގެ އަމުރުގައި މުޖުތަމައުއަށް އޮތް ނުރައްކަލުގެ ހާލަތު ބަދަލުވެފައިވާ ގޮތް އެނގެން ނެތް ކަން ފާހަގަކޮށްފައިވެ އެވެ. އެގޮތުން މި މައްސަލަ ބެލި ފަނޑިޔާރުންގެ ބެންޗުން އިއްތިފާގުވީ ފަނޑިޔާރު ދީބާނާޒް ފަހުމީގެ ރައުޔުގައި ބަޔާންކޮށްފައިވާ ގޮތުގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ކުށެއްގެ ތުހުމަތުކުރެވޭ މިންވަރަށް ހެކިލިބިފައިވާ މީހެއްގެ އަސްލީ އާންމު ހާލަތަކީ، އެ މީހަކީ މުޖުތަމައު އާއި މުޖުތަމައުގެ ކުޑަކުދިންގެ ސަލާމަތަށް ނުރައްކާތެރި މީހެއްގެ ގޮތުގައި ބެލެވުމެވެ.

މިހެންކަމުން މިގޮތަށް ބަންދުކޮށްފައި ހުރި މީހަކު ބަންދުން ދޫކޮށްލާ އަމުރެއްގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހާގެ ހާލަތު ބަދަލުވީ ސަބަބު ކޯޓުން ބަޔާންކޮށްފައި އޮންނަން ވާނެ ކަމަށް، ކުރީގެ ގަޒިއްޔާތަކާ ހަވާލާދެއްވާ، ދީބާނާޒް ބަޔާންކުރައްވާފައިވެ އެވެ. އަދި މިފަހުން ސުޕްރީމް ކޯޓުން ކަނޑައެޅި އުސޫލާ ހަވާލާދެއްވާ، މުޖުމަތަމައަށް ނުރައްކަލެއް އޮތް މީހަކު ދޫކުރެވޭނީ، ބަންދުގައި ހުރި މީހަކު ހައްގު ހިމެނޭ ގޮތަށް ދެ ފަރާތުގެ ހައްގުތައް މީޒާންކޮށް، ހަމަކޮށް، ވަށައިގެންވާ ހާލަތްތަކާއި ހަގީގަތުގެ މައްޗަށް ބިނާކޮށް ކަމަށެވެ.

ހައިކޯޓުގެ ނިންމުމުގައި ފާހަގަކުރި އަނެއް ކަމަކީ ޝަރީއަތް ދިގުލައިގެންދާ ހާލަތުގައި ބަންދުން ދޫކުރެވިދާނެތޯ އެވެ. މިއީ ބަންދުން ދޫކޮށްލި އަމުރުގައި ނެތް ކަމެއް ނަމަވެސް، ހައިކޯޓުން މި ނުކުތާގައި ގޮތެއް ކަނޑައެޅީ ޝަރީއަތުން ކުށް ސާބިތު ނުކުރެވޭ ނަމަ އެ މީހަކީ ކުށެއް ނެތް ކަމުގައި ބަލަން ޖެހޭނެ ކަމަށް ބެލުމުގެ ހައްގާ ގުޅޭ ގޮތުން ދައުލަތުން ޖަވާބުދާރީ ވާން ޖެހޭނެ ކަމަށް އަނީސްގެ ވަކީލު ފާހަގަކުރުމުންނެވެ.

މި މައްސަލައިގައި ވެސް ހައިކޯޓުން ރިއާޔަތްކުރީ ސުޕްރީމް ކޯޓުގެ ނިންމުމަށެވެ. އެގޮތުން ޝަރީއަތް އަވަސް ކުރަން އެކަށީގެންވާ ވަސީލަތްތައް ނެތި ޝަރީއަތްތައް ދިގުލައިގެން ދިޔުމަކީ އެ ސަބަބުގެ މައްޗަށް މީހަކު ދޫކުރެވޭނެ ކަމެއް ނޫން ކަމަށް ހައިކޯޓުގެ ނިންމުމުގައިވެ އެވެ. މިހެން ނަމަވެސް މިއީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުން ބަންދުގެ މުއްދަތު ދިގުވުމަކީ ބަންދު މުރާޖައާ ކުރެވޭނެ ސަބަބެއް ކަމަށް ބަޔާންކޮށްފައިވެ އެވެ.

އެކަމަކު އެގޮތަށް ދޫކުރެވޭނީ އެ މައްސަލައިގައި މައުލޫއަށް އަސަރުނުކުރާ ބީދައަކުން ބަންދުން ދޫކުރި ސަބަބު ކުރުކޮށް ބަޔާންކުރުމާ އެކު، މުއްތަހަމުގެ މައްޗަށް ޝަރީއަތުން ކޮށްފައިވާ ޝަރުތުތަކާ އެއްގޮތަށް އަމަލުކުރާކަން ހަރުދަނާ އުސޫލަކުން ދައުލަތަށް ބެލެހެއްޓޭނެ ގޮތުގެ މަތިން ކަމަށް ފަނޑިޔާރު ލިޔުއްވާފައިވެ އެވެ.

ހައިކޯޓުން ވަނީ އަނީސް ރިމާންޑު ޖަލެއްގައި ބަންދުކުރަން އަމުރުކޮށް ހަތް ދުވަހުގެ ތެރޭގައި އެ ކޯޓުން ކަނޑައެޅި އުސޫލުތަކުގެ މަތިން އޭނާގެ ބަންދާ މެދު ގޮތެއް ކަނޑައެޅުމަށް އަމުރުކޮށް، ކްރިމިނަލް ކޯޓުގެ އަމުރު ބާތިލުކޮށްފަ އެވެ،.