Advertisement

އިރާގުގެ ރައްޔިތުން އަނެއްކާވެސް ޕާލިމެންޓުގެ ތެރެއަށް ވަދެފި

31 ޖުލައި 2022 - 08:44 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

މުގްތަދަތާ އަލް ސަދްރްގެ ސަޕޯޓަރުން ޕާލިމެންޓުގެ ތެރޭގައި: މިއީ އެ މީހުން ޕާލިމެންޓުގެ ތެރެއަށް ވަން ދެ ވަނަ ފަހަރު. -- ފޮޓޯ: ގެޓީ އިމޭޖާޒް


އިރާގުގެ ރައްޔިތުން އަނެއްކާވެސް ޕާލިމެންޓުގެ ތެރެއަށް ވަދެފި

31 ޖުލައި 2022 - 08:44 0

އިރާގުގެ ނުފޫޒު ގަދަ ދީނީ އިލްމުވެރިޔާ މުގްތަދާ އަލް ސަދްރްގެ ސަޕޯޓަރުން ދެ ވަނަ ފަހަރަށް ޕާލިމެންޓުގެ ތެރެއަށް ވަދެފި އެވެ.

ވެރިރަށް ބަގުދާދުގެ ހައި ސެކިއުރިޓީ ގްރީން ޒޯނުގައި ހުންނަ ޕާލިމެންޓުގެ ތެރެއަށް މިދިޔަ ހަފްތާގައި ވެސް ގިނަ އަދަދެއްގެ މީހުން ވަނެވެ.

ސަދްރްގެ ސަޕޯޓަރުން މުޒާހަރާ ކުރަމުން ދަނީ އެ މީހުންގެ ވިސްނުމާ ދެކޮޅު އަދި އިރާނާ ގާތް ގުޅުމެއް އޮންނަ ކަމަށް ބެލެވޭ ބޭފުޅެއްގެ ނަން ބޮޑު ވަޒީރު ކަމަށް ހުށަހެޅުމުންނެވެ.

ހޮނިހިރު ދުވަހު ޕާލިމެންޓުގެ ތެރެއަށް ވަދެ ހިނގި ހަމަނުޖެހުމުގައި 120 އަށް ވުރެ ގިނަަ މީހުންނަށް އަނިޔާވި ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ސަދްރްއަކީ ޝިއައީ މަޒްހަބުގެ އިލްމުވެރިޔެކެވެ. އޭނާ ވަނީ އެމެރިކާއިން އިރާގަށް އެރުމާ ދެކޮޅަށް ކުރިން އަޑު އުފުލާފަ އެވެ.

މިދިޔަ އޮކްޓޯބަރު މަހު އޮތް އާއްމު އިންތިހާބުގައި އެންމެ ގިނަ ގޮނޑި ކާމިޔާބު ކުރީ ސަދްރްގެ ކޯލިޝަނުންނެވެ. އެކަމަކު ވޯޓަށް ފަަހު އުފެދުނު ހިޔާލު ތަފާތުވުމާ ހެދި އެ ކޯލިޝަނަށް ވެރިކަމުގެ ބާރުތަކެއް ނުލިބެ އެވެ.

ޕާލިމެންޓުގައި މި ވަގުތު އޮތް އެންމެ ބާރުގަދަ ކޯލިޝަަނުން ވަނީ ސަދްރްގެ ސަޕޯޓަރުން ކުރަމުންދާ މުޒާހަރާތައް ކުށްވެރިކޮށްފަ އެވެ.

ޝިއައީން އިސްވެ ހިންގާ ކޯޑިނޭޝަން ފްރޭމްވޯކުން ގޮވާލީ "ސުލްހަވެރި" މުޒާހަރާ ކުރުމަށާއި "ގާނޫނީ ގުނަަވަންތަކަށް" ގެއްލުންވާ ކަމެއް ނުކުރުމަށެވެ.

ހެލްތު މިނިސްޓްރީން ބުނީ ހޮނިހިރު ދުވަހު އަނިޔާވި މީހުންގެ ތެރެއިން 100 އެއްހާ މީހުންނަކީ އާއްމުން ކަމަށާއި ސަލާމަތީ ފައުޖުގެ 25 މީހުން ވެސް ހިމެނޭ ކަމަށެވެ. ހަ މީހެއްގެ ހާލު ސީރިއަސް ކަމަށް ވެސް ބުންޏެވެ.

އޭއެފްޕީއިން ރިޕޯޓު ކުރި ގޮތުގައި މުޒާހަރާގެ ބައިވެރިން ބުނެފަައި ވަނީ ޕާލިމެންޓުން ނުނިކުންނާނެ ކަމަަށެވެ. މުޒާހަރާގެ ބައިވެރިން ހިތްހަމަނުޖެހުނީ ކޯޑިނޭޝަން ފްރޭމްވޯކުން ތާއީދު ކުރާ މުހައްމަދު އަލް ސޫދާނީ ބޮޑު ވަޒީރު ކަމަށް ގެންނަން ޕާލިމެންޓުން މަސައްކަތް ކުރާތީ އެވެ.