Advertisement

ޖަޕާންގެ ރެކޯޑް ނިމުމަކަށް ގެނެސް އިރާގު ގަދަ 16 އަށް

20 ޖަނަވަރީ 2024 - 11:02 0

އިރާގުގެ ލަނޑުތައް ކާމިޔާބުކުރި އައިމަން އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ


ޖަޕާންގެ ރެކޯޑް ނިމުމަކަށް ގެނެސް އިރާގު ގަދަ 16 އަށް

20 ޖަނަވަރީ 2024 - 11:02 0

އަލް ރައްޔާން، ގަތަރު (ޖެނުއަރީ 20) - މިހާރު ކުރިއަށްދާ އޭޝިއަން ކަޕް ފުޓްބޯޅަ މުބާރާތުގައި ޖަޕާން އަތުން 2-1 އިން މޮޅުވެ، އިރާގުން މުބާރާތުގެ ގަދަ 16 ބުރުން ފުރުސަތު ހޯދައިފި އެވެ.

މިއީ، އެންމެ ފަހުން ކުޅުނު 12 މެޗުގެ ތެރެއިން ޖަޕާން ބަލިވި ފުރަތަމަ ފަހަރެވެ. މި މެޗުގެ ކުރިން ޖަޕާނުން ވަނީ އެންމެ ފަހުން ކުުޅުނު 11 މެޗުން ވެސް މޮޅުވެފަ އެވެ. އަނެއްކޮޅުން މިއީ، 42 އަހަރު ތެރޭ އިރާގު އަތުން ޖަޕާން ބަލިވި ފުރަތަމަ އަހަރެެވެ. އެންމެ ފަހުން އިރާގާ ދެކޮޅަށް ކުޅުނު ނުވަ މެޗުން ވެސް ޖަޕާން ބަލިވެފައި ނުވެ އެވެ.

ގަތަރުގެ އެޑިއުކޭޝަން ސިޓީ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި އިރާގުން ދެ ގޯލު ވެސް ޖެހީ ފުރަތަމަ ހާފުގަ އެވެ. އެ ގޮތުން، އައިމަން އަހުމަދު ޖެހި މި ދެ ގޯލު ވެސް ކާމިޔާބުކުރީ ބޮލުންނެވެ.

މި މެޗުގައި ޖަޕާނުން ލަނޑެއް ޖަހަން ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ އިތުރު ވަގުތުގަ އެވެ. އެ ގޮތުން، އިތުރު ވަގުތުގެ ތިން ވަނަ މިނިޓްގައި މި ލަނޑު ޖެހީ މިޑްފީލްޑަރު، ވަޓަރޫ އެންޑޯ އެެވެ. އޭނާ ވެސް މި ލަނޑު ޖެހީ ބޮލުންނެވެ.

އޭޝިއަން ކަޕް ގްރޫޕް ޑީގެ އެއް ވަނައިގައި އިރާގު އޮތީ، ދެ މެޗުން ހަ ޕޮއިންޓާ އެކު އެވެ. އެ ޓީމަށް ގްރޫޕްގެ އެއް ވަނައިގެ ގޮތުގައި ގަދަ 16 ޔަގީންވެފައިވާއިރު، ދެން އޮތް ޖާގައަށް ވާދަކުރާނީ ފަހު މެޗުގައި ބައްދަލުކުރަން ޖެހޭ އިންޑޮނީޝިއާ އާއި ޖަޕާން އެވެ. އިންޑޮނީޝިއާ އިން ވަނީ މި ގްރޫޕްގެ ފުލުގައި އޮތް ވިއެޓްނާމް އަތުން އިއްޔެ، 1-0 އިން މޮޅުވެފަ އެވެ.

މުބާރާތުން ކަޓާފައިވާ ވިއެޓްނާމް ފަހު މެޗުގައި ކުޅޭނީ އިރާގާ އެވެ.

އޭޝިއަން ކަޕް ގްރޫޕް ސީގައި އިއްޔެ ކުޅުނު މެޗުން ހޮންކޮންގް އަތުން 1-0 އިން މޮޅުވެ، އިރާން ވެސް ވަނީ ގަދަ 16 ބުރުން ފުރުސަތު ހޯދައިފަ އެވެ.