Advertisement

އަލާމަތްތަކެއް ހުރެގެން ބޭރު މީހަކު އެކަހެރިކޮށް، ކޭސް ދިރާސާކުރަނީ

28 ޖުލައި 2022 - 15:43 0

ނާޒިމް ހަސަން

ނާޒިމް ހަސަން


އަލާމަތްތަކެއް ހުރެގެން ބޭރު މީހަކު އެކަހެރިކޮށް، ކޭސް ދިރާސާކުރަނީ

28 ޖުލައި 2022 - 15:43 0

ހުމާއި ގައިގާ ތަންތަން ރަތްވެފައި ހުރުން ފަދަ އަލާމަތްތަކެއް ފެނިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ދެއްކި ބިދޭސީއެއް ކަރަންޓީނުކޮށް, އެމީހާގެ ކޭސް އެޗްޕީއޭއިން ބަލަން ފަށައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ބޭރު ބިދޭސީ ފިރިހެނެއް ޓްރީޓޮޕް ދެއްކީ ހުން އައިސް, ގައިގަ ބައެއް ތަންތަން ރަތްވެފައި ހުރުމުންނެވެ. އެ އަލާމާތްތަކަކީ, މަންކީޕޮކްސްއަށް ޝައްކު ކުރެވޭ ފަދަ އަލާމާތްތަކަކަށް ވާތީ ޑޮކްޓަރުން ވަނީ އޭނާގެ އިތުރު ޓެސްޓްތައް ހަދަން ނިންމާފަ އެވެ.

އެޗްޕީއޭއިން ވެސް އެކަން ޔަގީންކޮށްދިނެވެ.

އެ އިދާރާއިން ބުނި ގޮތުގައި, ކިރިޔާވެސް ޝައްކު އުފެދޭ ކޭސްއެެއް ފެނިއްޖެނަމަ އެލާޓް ކުރުމަށް ސިއްހީ ހިދުމަތް ދޭ ތަންތަނަށް އަންގާފައިވާނެ އެވެ. އެގޮތަށް އަންނަ އެލާޓްތަކާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލައި, އިތުރަށް ޓެސްޓްތައް ކުރަން ޖެހޭނަމަ, އެކަން ކުރާނެ އެވެ.

އެގޮތުން, ޓްރީޓޮޕްއިން ރިޕޯޓް ކުރި އެލާޓާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާކަން އެޗްޕީއޭއިން ޔަގީންކޮށްދެ އެވެ. ނަމަވެސް, އެ ކޭސް އެއީ މަންކީޕޮކްސްއަށް ޓެސްޓް ކުރަން ޖެހޭ ކޭސްއެއް ކަމެއް އަދި ކަނޑައަޅާފައެއް ނުވެ އެވެ.

"އެ ބަލި މީހާ ކަރަންޓީނު ކުރަން އަންގާފައިވަނީ އެންމެންގެ ސަލާމަތަށް, އަދި މިހާތަނަށް އޭނާ އެއީ މަންކީޕޮކްސްއަށް ޝައްކުވާ މީހެއް ކަމަށް ނިންމައި ޓެސްޓް ހަދަން ނުނިންމާ, ރާއްޖޭން މަންކީޕޮކްސް އަދި ފެނިފައެއް ނުވޭ," އެޗްޕީއޭގެ އޮފިޝަލަކު ވިދާޅުވި އެވެ.

ދުނިޔޭގެ އެކި ގައުމުތަކުގައި މިހާރު ފެތުރެމުންދާ މަންކީޕޮކްސް އަކީ އާންމު ސިއްހަތަށް ހުރި ނުރައްކަލެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ކަނޑައަޅާފައި ވާއިރު، ދުނިޔޭގެ 75 ގައުމަކުން މިހާތަނަށް މަންކީޕޮކްސްގެ 14,000 އަށްވުރެ ގިނަ ކޭސް ވަނީ ރިޕޯޓުކޮށްފަ އެވެ. އަދި، މި ބަލީގައި މިހާތަނަށް ފަސް މީހަކު ވަނީ މަރުވެފަ އެވެ.

އެޗްޕީއޭން ބުނީ މި ބަލި ޖެހިފައިވާ މީހަކު މިހާތަނަށް ރާއްޖެއިން ފެނިފައި ނުވި ނަމަވެސް ދުނިޔޭގައި މަންކީޕޮކްސް ބަލި ފެންނަމުންދާ ހާލަތަށް ބަލާއިރު ރާއްޖެއަށް އެ ބަލި އައުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

ނަމަވެސް ކޮވިޑާ އަޅާބަލާއިރު މިފަދަ ބައްޔެއް ފެތުރުމުގެ ފުރުސަތު ބޮޑީ ވަރަށް ގައިގޯޅިކޮށް އެކުގައި އުޅޭ މީހުންގެ މެދުގައި ކަމަށްވުމުން މި ބަލި ފެތުރޭ ގޮތާއި މިންވަރު ތަފާތު ވާނެ ކަމަށް އެޗްޕީއޭ އިން ބުނެ އެވެ.

އެގޮތުން މަންކީޕޮކްސްގެ އަލާމާތެއް ފެނިއްޖެނަމަ ވީހާވެސް އަވަހަކަށް ސިއްހީ ހިދުމަތްތެރިއަކަށް ދެއްކުމަށާއި، ބަލި ކަށަވަރު ކުރެވެންދެން އެހެން މީހުންނާ ގައިގޯޅިވުމުން ދުރުވެ އެކަހެރިވުން މުހިއްމު ކަމަށް އެޗްޕީއޭ އިން ބުނެ އެވެ. އެޗްޕީއޭން ބުނީ މި ބައްޔާއި ގުޅިގެން ވާންޖެހޭ ތައްޔާރިތަކާއި ދޭންޖެހޭ އިޖާބަ ދިނުމަށްޓަކާ ކުރަންޖެހޭ މަސައްކަތް ކުރަމުންދާ ކަމަށެވެ.

"މި ބައްޔަށް ސިއްހީ ހިދުމަތްތެރިން ހޭލުންތެރިކުރުވުމާއި، ޓެސްޓު ކުރެވޭނެ ގޮތް ގާއިމުކުރަން ދަނީ މަސައްކަތް ކުރަމުން. އަދި ސަވައިލެންސް ހަރުދަނާ ކުރުމާއި، ބަލިޖެހޭ މީހުންނަށް ފަރުވާ ކުރުމާ ބެހޭ ގައިޑްލައިންތައް ކަނޑައެޅުމުގެ އިތުރުން ވެކްސިނާއި ބޭސް ލިބޭނެ ގޮތްތައް ވެސް އަންނަނީ ބަލަމުން،" އެޗްޕީއޭން ބުންޏެވެ.

މި ބަލި އާންމު ގޮތެއްގައި ފެތުރިފައިވަނީ ފިރިހެނުންގެ މެދުގަ އެވެ. އޭގެތެރެއިން ވެސް ހާއްސަކޮށް އެއް ޖިންސުން ޖިންސީ ގުޅުން ހިންގާ މީހުންގެ މެދުގައި މި ފެތުރުން އާންމު ވެފައިވާއިރު އަންހެނުންނާއި ކުޑަކުދިިންގެ މެދުގައި ވެސް މި ބަލި މަދު މިންވަރަކަށް ފެނިފައިވެ އެވެ.

ބަލީގެ އަލާމާތްތަކަކީ ކޮބާ؟

މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ފުރަތަމަ ހުން އައުން، ގައިގައި ރިއްސުން، ވަރަށް ބޮޑަށް ވަރުބަލިވުން، ބޮލުގައި ރިއްސުން އަދި ކަރުގައާއި، ކިހިލުގައި ނުވަތަ އުކުޅުވަޅުގައި ގޮށްލުން ހިމެނޭ ކަމަށް އެޗްޕީއޭ އިން ބުންޏެވެ. އެއަށްފަހު އެއް ދުވަހާއި ހަތަރު ދުވަހުގެ ތެރޭގައި ހަށިގަނޑުގައި ބިހިތައް ނަގަ އެވެ.

މި ބިހިތައް ފުރަތަމަ ނަގާއިރު ހުންނަނީ ފަތިކޮށެވެ. އެއަށް ފަހު ފެން ފޮޅަށްވެ، އޭގައި ދޮސް ލައި، އެ ފަޅައިގެން ގޮސް ކުރަލަ އެވެ. ކުރައިގެ ދަށުން އާ ހަންގަނޑު އުފެދި، ކުރަ ވެއްޓެން ދެން ބަލި އެހެން މީހުންނަށް ފެތުރުމުގެ ފުރުސަތު އޮވެ އެވެ.