Advertisement

މަންކީ ޕޮކްސް ޖެހެނީ ފޮޅުގެ ދިޔަ ހަށިގަނޑުގެ ތެތްކަމާ ގުޅުމުން

28 ޖުލައި 2022 - 15:04 0

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

މަންކީޕޮކްސް ޖެހުމުން ނަގާ ފޮޅު--


މަންކީ ޕޮކްސް ޖެހެނީ ފޮޅުގެ ދިޔަ ހަށިގަނޑުގެ ތެތްކަމާ ގުޅުމުން

28 ޖުލައި 2022 - 15:04 0

ދުނިޔޭގެ އެކި ގައުމުތަކުގައި މިހާރު ފެތުރެމުންދާ މަންކީޕޮކްސް އަކީ އާންމު ސިއްހަތަށް ހުރި ނުރައްކަލެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ވަނީ ކަނޑައަޅައިފަ އެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނެފައިވާ ގޮތުގައި މި ބަލި ޖެހިފައިވާ މީހަކު މިހާތަނަށް ރާއްޖެއިން ފެނިފައި ނުވި ނަމަވެސް ދުނިޔޭގައި މަންކީޕޮކްސް ބަލި ފެންނަމުންދާ ހާލަތަށް ބަލާއިރު ރާއްޖެއަށް އެ ބަލި އައުމުގެ ފުރުސަތު ބޮޑެވެ.

ނަމަވެސް ކޮވިޑާ އަޅާބަލާއިރު މިފަދަ ބައްޔެއް ފެތުރުމުގެ ފުރުސަތު ބޮޑީ ވަރަށް ގައިގޯޅިކޮށް އެކުގައި އުޅޭ މީހުންގެ މެދުގައި ކަމަށްވުމުން މި ބަލި ފެތުރޭ ގޮތާއި މިންވަރު ތަފާތު ވާނެ ކަމަށް އެޗްޕީއޭ އިން ބުނެ އެވެ.

މި ބަލީގެ ކަންބޮޑުވުން އާންމުންގެ މެދުގައި އޮތް އިރު، އައިޖީއެމްއެޗްގެ އެތެރެހަށީގެ ޑރ. މުހައްމަދު އަލީ ވަނީ ބަލި ފެތުރިދާނެ ގޮތްތަކާއި ސަމާލުކަން ދޭންވީ ކަންކަން ކިޔައިދެއްވާފަ އެވެ.

އެގޮތުން، އެކެއްގެ ގައިން އަނެކާއަށް މަންކީޕޮކްސް ފެތުރެނީ ތިރީގައިވާ ގޮތްތަކުން ކަމަށް ޑރ. ވިދާޅުވި އެވެ.

  • ބަލިޖެހިފައިވާ މީހެއްގެ ހަށިގަނޑުން ނުކުންނަ ދިޔަ ނުވަތަ މި ބަލީގައި ހަށިގަނޑުގައި ނަގާ ފެންފޮޅުތައް ފަޅައިގެން ގޮސް ނިކުންނަ ދިޔަ, ސިއްހަތު ސަލާމަތުން ހުންނަ މީހާގެ ތެތް ފަށަލައިގައި ހަލާކުވެފައި ހުންނަ ތަންތަނުގައި ޖެހިގެން
  • ބަލި ޖެހިފައިވާ މީހާގެ ހަށިގަނޑުން ނުކުންނަ ދިޔަ, ސިއްހަތު ސަލާމަތުން ހުންނަ މީހާގެ އަތުގައި ނުވަތަ ތަނެއްގައި ހޭކިފައި ހުއްޓާ, އެ ތަނެއްގައި އަތްލުމަށްފަހު އަތް ނުދޮވެ، ހަށިގަނޑުގެ ތެތްފަށަލައިގައި ހަލާކުވެފައި ހުރި ތަނެއްގައި އަތްލުން
  • ބަލި ޖެހިފައިވާ މީހާ ކެއްސާއިރު ނުކުންނަ ކުޅުގެ ޒަރީއާއިން
  • ބަލިޖެހިފައިވާ މީހާގެ ގައިން ނުކުންނަ ދިޔަ, ފޮތީގައި ހަރުލައި ހިކިފައި ހުއްޓާ, ގަދަޔަށް ފޮޅާލައިފި ނަމަ އޭގެ ޒަރީއާއިން
  • ބަލި ޖެހިފައިވާ މަންމަގެ ފަރާތުން ބަނޑުގައި އޮންނަ ދަރިފުޅަށް ލޭގެ ތެރެއިން ފެތުރުން

ޑރ. މުހައްމަދު އަލީ ވިދާޅުވި ގޮތުގައި ތެތްފަށަލައިގެ ތެރޭގައި ހިމެނެނީ ލޮލާއި އަނގަޔާއި ނޭފަތާއި ކުރިމަތިފަރާތާއި ފުރަގަސްފަރާތުގެ ތެތްފަށަލަ އެވެ.

މި ބަލި އާންމު ގޮތެއްގައި ފެތުރިފައިވަނީ ފިރިހެނުންގެ މެދުގަ އެވެ. އޭގެތެރެއިން ވެސް ހާއްސަކޮށް އެއް ޖިންސުން ޖިންސީ ގުޅުން ހިންގާ މީހުންގެ މެދުގައި މި ފެތުރުން އާންމު ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ނުރައްކާތެރި ބައްޔެއް ކަމަށްވާ އެއިޑްސް އެންމެ ފުރަތަމަ ފެތުރެން ފެށިއިރު އެ ބައްޔަކީ ވެސް އެއް ޖިންސުން ގުޅުން ހިންގާ މީހުންނަށް ޖެހޭ ބައްޔެއް ކަމަށް ބަލައި މީހުންނަށް ފުރައްސާރަކުރި ކަމަށާއި އެކަމާ ގުޅިގެން ގިނަ ބަޔަކު އެ ބަލި ޖެހުނުކަން ސިއްރު ކުރި ކަމަށް ވެސް ޑޮކްޓަރުން ވިދާޅުވެ އެވެ.

އަދި، މިކަން ތަކުރާރު ވިޔަ ނުދިނުމަށް މަންކީޕޮކްސް ކަމަށް ޝައްކު ކުރެވޭ ފަދަ ކަމެއް ފެނިއްޖެނަމަ ވަގުތުން ސިއްހީ ހިދުމަތްތެރިއަކަށް ދެއްކުމަށް އިލްތިމާސް ކުރެއްވި އެވެ.

މިހާތަނަށް 74 ގައުމެއްގެ 17،000 އަށް ވުރެ ގިނަ މަންކީޕޮކްސް ކޭސް ރިޕޯޓުކޮށްފައިވާ އިރު، ގިނަ ކޭސްތައް ފެނުނީ ޔޫރަޕުންނެވެ.