Advertisement

އިންޑިއާގައި އެއް ސިރިންޖުން 30 ކުދިންނަށް ވެކްސިން ޖަހައިފި

28 ޖުލައި 2022 - 12:55 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ގިނަ ކުދިންތަކަކަށް އެންމެ ސިރިންޖަކުން ވެކްސިން ޖެހީ ސްކޫލެއްގައި. -- ފޮޓޯ: ގެޓީ އިމޭޖާޒް


އިންޑިއާގައި އެއް ސިރިންޖުން 30 ކުދިންނަށް ވެކްސިން ޖަހައިފި

28 ޖުލައި 2022 - 12:55 0

އިންޑިއާގެ މެދު ތެރޭގައި އޮންނަ މަދްޔަ ޕްރަދޭޝް ސްޓޭޓުގައި އެންމެ ސިރިންޖަކުން 30 ކުދިންނަށް ވެކްސިން ޖެހި މައްސަލައެއް ބަލަން ފަށައިފި އެވެ.

އެ ހާދިސާ ހިނގީ ސާގަރް ޑިސްޓްރިކްޓުގެ ސްކޫލެއްގައި ކުދިންނަށް ކޮވިޑް ވެކްސިން ދިނުމުގެ ތެރޭގަ އެވެ.

ކޮވިޑް ވެކްސިން ދިނުމުގައި ކޮންމެ ފަހަރަކު ވެސް ބޭނުން ކުރަން ޖެހޭނީ މުޅިން އާ ސިރިންޖެއް ކަމަށް އިންޑިއާގެ ހެލްތު މިނިސްޓްރީން ނެރުނު ޕްރޮޓޮކޯލްގައިވެ އެވެ.

އެ ގައުމުން މިހާތަނަށް ކޮވިޑް ވެކްސިންގެ 2.03 ބިލިއަން ޑޯޒް ޖަހާފައިވެ އެވެ.

އެއް ފަހަރު ބޭނުން ކުރުމަށް ފަހު ނައްތާލަން ޖެހޭ ސިރިންޖު ބޭނުން ކުރުން އިންޑިއާގައި އާއްމުވެފައި ވަނީ އެޗްއައިވީ ފަދަ ނުރައްކާތެރި ބަލިތަކުން ދުރުވުމަށެވެ.

އެކަމަކު މީގެ ކުރިން ވެސް ބައެއް ހޮސްޕިޓަލްތަކުގައި ތަކެތީގެ ދަތިކަމާ ހެދި އެންމެ ސިރިންޖެއް ބައިވަރު ފަހަރު ބޭނުން ކުރުމުގެ މައްސަލަ ފެންމަތިވެފައިވެ އެވެ.

ސާގަރް ޑިސްޓްރިކްޓްގެ ސްކޫލްގައި ކުދިންނަށް ވެކްސިން ޖެހުމުގައި އުޅުނު ހެލްތު އޮފިޝަލް ޖިތެންދްރަ ރާއީ ބުނީ ހެލްތު ޑިޕާޓްމަންޓުން އޭނާއަށް ދިނީ އެންމެ ސިރިންޖެއް ކަމަށާއި އޭނާ އެކަން ކުރީ އަމުރަށް ކިޔަމަންތެރިވުމަށް ކަމަށެވެ.

އެއް ސިރިންޖު ބޭނުން ކުރާ މަންޒަރު ފެނި ސްކޫލަށް އެކަން އެންގީ ބައެއް ކުދިންގެ ބެލެނިވެރިންނެވެ. ތަހުގީގީ އޮފިޝަލިން އެ ތަނަށް ދިޔަ އިރު، ޖިތެންދްރަ ރާއީ ސްކޫލަކު ނެތެވެ. އަދި އޭނާގެ ފޯނު އޮތީ ނިވާލާފަ އެވެ.

މަދްޔަ ޕްރަދޭޝް ސްޓޭޓްގެ ހެލްތު ޑިޕާޓްމަންޓުން އޭނާއާ ދެކޮޅަށް އިހުމާލުގެ މައްސަލައެއް ފުލުހުންނަށް ހުށަަހަޅާފައިވާ އިރު، ވެކްސިން ޖެހުމަށް ބޭނުންވާ ތަކެތި ސަޕްލައި ކުރުމާ ހަވާލުވެ ހުރި އޮފިޝަލްގެ މައްސަަލަަ ވެސް ދަނީ ތަހުގީގު ކުރަމުންނެވެ.