Advertisement

ފްރާންސް ކަޓުވާލައި ފައިނަލުގެ ފަހު ޖާގަ ޖަރުމަނަށް

28 ޖުލައި 2022 - 04:14 0

ލަނޑު ޖެހުމަށް ފަހު ޖަރުމަނު ޓީމުގެ ޕޮޕް އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ


ފްރާންސް ކަޓުވާލައި ފައިނަލުގެ ފަހު ޖާގަ ޖަރުމަނަށް

28 ޖުލައި 2022 - 04:14 0

ލަންޑަން (ޖުލައި 28) - އަންހެނުންގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެ ވަނަ ސެމީގައި މިރޭ 2-1 އިން ފްރާންސް ބަލިކޮށް ޖަރުމަނުން ފައިނަލުގެ ފަހު ޖާގަ ހޯދައިފި އެވެ.

ޖަރުމަނުން މި ވަނީ އަންހެނުންގެ ޔޫރޯ ބޭއްވި 13 ފަހަރުގެ ތެރެއިން ހަތަރު ފަހަރު ނޫން ހުރިހާ ފަހަރަކު ފައިނަލުގައި ކުޅެފަ އެވެ.

އަށް ފަަހަރު ޔޫރަޕްގެ ޗެމްޕިއަންކަން ހޯދާފައިވާ ޖަރުމަނުން އާދިއްތަ ދުވަހުގެރޭ ކުޅޭ މި އަހަރުގެ އަންހެނުންގެ ޔޫރޯ ފައިނަލުގައި ބައްދަލުކުރާނީ މުބާރާތުގެ ހޯސްޓް، އިންގްލެންޑާ އެވެ. އިންގްލެންޑުން ސްވިޑެން ކަޓުވާލާފައި ފައިނަލަށް ދިޔައިރު، އެންމެ ފަހުން އިންގްލެންޑް ފައިނަލުގައި ކުޅުނު ފަހަރު ވެސް ވާދަކުރީ ޖަރުމަނާ އެވެ.

އެ ގޮތުން 2009 ވަނަ އަހަރު ފިންލެންޑްގައި ބޭއްވި މުބާރާތުގެ ފައިނަލުގައި ޖަރުމަނު ވަނީ 6-2 އިން އިންގްލެންޑް ބަލިކޮށްފަ އެވެ.

އިންގްލެންޑްގެ މިލްޓޮން ކީނިސްގެ ސްޓޭޑިއަމް އެމްކޭގައި ފްރާންސާ ދެކޮޅަށް ކުޅުނު ސެމީ ފައިނަލުގައި ޖަރުމަނަށް ލީޑުނަގައިދިނީ 40 ވަނަ މިނިޓްގައި އަލެކްސަންޑްރާ ޕޮޕް ވޮލީއަކުން ޖެހި މޮޅު ގޯލުންނެވެ.

އެކަމަކު، ޖަރުމަނަށް ލީޑު ހިފަހައްޓައިލެވުނީ އެންމެ ހަތަރު މިނިޓް އެވެ. ނަސީބުގެ އެހީއާ އެކު ފްރާންސުން ޖެހި ގޯލުން ވަނީ ފުރަތަމަ ހާފު ނިމުނުއިރު ނަތީޖާ އެއްވަރުވެފަ އެވެ. މެޗުގެ 44 ވަނަ މިނިޓްގައި ފްރާންސްގެ ކަޑިޑިއާޓޫ ޑިއާނީ އޭރިއާބޭރުން ޖެހި ޝޮޓް، ގޯލަށް ވަނީ ދަނޑީގައި ޖެހިފައި ޖަރުމަނުގެ ކީޕަރު، މާލް ފްރޯމްސް ގައިގައި ޖެހިފަ އެވެ.

ޖަރުމަނު މޮޅުކޮށްދިން ގޯލު ޖެހީ ވެސް ޕޮޕް އެވެ. މި ފަހަރު ވެސް ފެނުނީ ފުރަތަމަ ގޯލެކޭ އެއްގޮތަށް ސްވެންޔާ ހުތު އާއި ޕޮޕްގެ ކޮމްބިނޭޝަނެވެ. ހުތު ނެގި ހުރަހަކުން ޕޮޕް ދެ ވަނަ ގޯލު ޖެހީ ބޮލުންނެވެ.

މި މެޗުގައި ޖެހި ދެ ލަނޑާ އެކު ޕޮޕް ވަނީ މުބާރާތުގެ ލަނޑު ލިސްޓުގެ އެއް ވަނައިގައި އޮތް އިންގްލެންޑްގެ ބާތު މީޑްއާ އެއްވަރުކޮށްފަ އެެވެ. އެހެންކަމުން، ޗެމްޕިއަން ހޯދާ ޓީމެއް ކަނޑައެޅުމާ އެއްވަރަށް، ފައިނަލުގައި ރަން ބޫޓުގެ ވާދަވެރިކަން ވެސް ފެނިގެންދާނެ އެވެ.