Advertisement

މުވާސަލާތާއި ތައުލީމު ފިޔަވާ ހުރިހާ އަގުތަކެއް މައްޗަށް!

28 ޖުލައި 2022 - 09:37 0

އަމަން ހަލީމް

އަމަން ހަލީމް

މާލޭގައި ހުންނަ ދަތުރުވެރިންގެ މާރުކޭޓުގައި ހުންނަ ގޮޅިޔަކުން މީހަކު ވިޔަފާރިކުރަނީ: އަހަރެއްގެ ތެރޭގައި ކާނާ އާއި ބުއިމުގެ ބާވަތްތަކުގެ އަގު ފަސް ޕަސެންޓު އުފުލިއްޖެ. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


މުވާސަލާތާއި ތައުލީމު ފިޔަވާ ހުރިހާ އަގުތަކެއް މައްޗަށް!

28 ޖުލައި 2022 - 09:37 0

މުވާސަލަތާއި ތައުލީމު ފިޔަވާ އެހެން ހުރިހާ ވައްތަރެއްގެ މުދަލާއި ހިދުމަތްތަކުގެ އަގު އަހަރެއްގެ ތެރޭގައި އިތުރުވެފައިވާ ކަމަށް ގައުމީ ސްޓެޓިސްޓިކްސް ބިއުރޯއިން ހާމަކޮށްފި އެވެ.

އެ ބިއުރޯއިން މަހަކު އެއް ފަހަރު ނެރޭ ކޮންސިއުމާ ޕްރައިސް އިންޑެކްސްއިން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ޖޫން އިން ފެށިގެން މި އަހަރުގެ ޖޫންއާ ހަމައަށް އަގުތަށް 5.19 ޕަސެންޓު އުފުލިއްޖެ އެވެ. އެންމެ ބޮޑަށް އުފުލުނީ ކުއްޔާއި ފެނާއި ކަރަންޓާއި ގޭހުގެ އަގެވެ. ދެން އެންމެ ބޮޑަށް އުފުލުނީ ދަތުރުފަތުރުގެ އަގުތަކެވެ.

އޭގެ އިތުރުން ކާނާގެ ބާވަތްތަކާއި މަހާއި ފަރުނީޗަރާއި ސިއްހީ ފަރުވާ އާއި އަންނައުނުގެ އަގުތައް ވެސް ވަނީ މަތިވެފަ އެވެ. އަދި ރެސްޓޯރަންޓުތަކާއި އެކޮމޮޑޭޝަނާއި މުނިފޫހިފިލުވުމައި ދުންފަތާއި ދުފުމުގެ އަގު ވެސް ދިޔައީ މައްޗަށެވެ. އަގަށް އެއްވެސް ބަދަލެއް ނާންނަނީ އިންޝުއަރެންސް އަދި މާލީ ހިދުމަތްތަކުގެ އެވެ.

އެއް އަހަރުގެ ތެރޭގައި މިވަރުގެ ބަދަލެއް އައި ނަމަވެސް، މަހުންމަހަށް އިންފްލޭޝަން މަތިވާ ރޭޓު ހުރީ ވަރަށް ބޮޑަށް ހިފެހެއްޓިފަ އެވެ. އެގޮތުން އަހަރުގެ މިހާތަނަށް އިންފްލޭޝަން ހުރީ 2.5 ޕަސެންޓުގަ އެވެ. އަދި ނިމުނު ޖޫން މަހު އިންފްލޭޝަން އިތުރުވީ 0.45 ޕަސެންޓެ އެވެ.

އެ މަހު ދަތުރުފަތުރު ފިޔަވާ އެހެން ދާއިރާއެއްގެ އަގުތަކަށް މާ ބޮޑު ބަދަލެއް ނާދެ އެވެ. މިދިޔަ މަހު ދަތުރުފަތުރުގެ އަގުތައް ބޮޑުވީ މައިގަނޑު ސަބަބަކީ ޕެޓްރޯލުގެ އަގު ބޮޑު ވުމާއި މާލޭ ސަރަހައްދުގައި ޓެކްސީ ދަތުރުތަކުގެ އަގުތައް ބޮޑުކުރުމެވެ. ހަމައެހެންމެ ބޭރު ދަތުރުތަކާއި އެތެރޭގެ އުދުހުންތަކާއި ކަނޑު ދަތުރުތަކުގެ އަގުތައް ވަނީ އުފުލިފަ އެވެ.

ކާނާގެ ބާވަތްތަކުގެ ތެރެއިން އެންމެ އަގު ބޮޑުވީ ދަޅު މަހުގެ އެވެ. އެއީ އުފައްދަން ބޭނުންކުރާ ތެލާއި ތަކެތީގެ އަގު ބޮޑުވެ ދަޅު މަސް މާކެޓުގެ ބޮޑު ހިއްސާއެއް އޮންނަ މިފްކޯއިން އަގު ބޮޑުކުރުމާ ގުޅިގެންނެވެ. އަގު ބޮޑުވީ އެހެން ބާވަތްތަކުގެ ތެރޭގައި ކައްކާ ތެލާއި، ކިރު ޕެކެޓާއި ފިނިކުރި ކުކުޅުގެ އިތުރުން ޓޮމާޓޯ އާއި ލެޓިއުސް އާއި ވަޅޯމަސް ހިމެނެ އެވެ.

ރާއްޖޭގައި ތަކެތީގެ އަގު އުފުލެމުންދަނީ ދުނިޔޭގެ ބާޒާރުގައި ތެލާއި ތަކެތީގެ އަގު އުފުލެމުން ދާތީ އެވެ. އެކަމަކު އެހެން ގައުމުތަކާ ބަލާ ނިސްބަތުން އިންފްލޭޝަން ކޮންޓްރޯލް ކުރެވިފައި ހުރީ ސަބްސިޑީގެ ގޮތުގައި ބޮޑު ހޭދައެއްކޮށްގެން ސަރުކާރުން އަސާސީ މުދަލާއި ހިދުމަތްތަކުގެ އަގުތައް ހިފަހައްޓާތީ އެވެ.