Advertisement

ކޮވިޑް-19: ނުރަސްމީ ދާއިރާއިން އާމްދަނީ އެންމެ ދަށްވީ އަންހެނުންނަށް!

27 ޖުލައި 2022 - 12:46 0

ދަނޑުވެރިއަކު ދަނޑުގައި މަސައްކަތްކުރަނީ. ކޮވިޑް-19 ގެ ބަލިމަޑުކަން ކޮންޓްރޯލްކުރަން އެޅި ފިޔަވަޅުތަކުން 71 ޕަސެންޓް މީހުންގެ އާމްދަނީ ދަށްވި. ފޮޓޯ: ޔޫއެންޑީޕީ


ކޮވިޑް-19: ނުރަސްމީ ދާއިރާއިން އާމްދަނީ އެންމެ ދަށްވީ އަންހެނުންނަށް!

27 ޖުލައި 2022 - 12:46 0

ރާއްޖޭގައި އާމްދަނީ ހޯދަން ނުރަސްމީ [އައްމިއްލަ މަަސައްކަތުގެ] ދާއިރާއިން ކޮވިޑްގައި އެންމެ ބޮޑަށް ދަށްވީ އަންހެނުންގެ އާމްދަނީ ކަމަށް ސާވޭއަކުން ދައްކައިފި އެވެ.

ޔޫއެންޑީޕީން ކުރި ސާވޭއަކަށް ފަހު އިއްޔެ އާއްމުކުރި ރިޕޯޓުގައިވާ ގޮތުން، ނުރަސްމީ މަސައްކަތްކުރާ މީހުންގެ ތެރެއިން 71 ޕަސެންޓް މީހުންގެ އާމްދަނީ އަށް، ކޮވިޑް ކޮންޓްރޯލްކުރަން އެޅި ފިޔަވަަޅުތަކުގެ އަސަރުކުރި އެވެ. އަދި, އެމީހުންގެ 42 ޕަސެންޓަކީ އަންހެނުންނެވެ. އާމްދަނީ ދަށްވި މީހުންގެ ތެރެއިން ފިރިހެނުންގެ ނިސްބަތަކީ 29 ޕަސެެންޓެވެ.

ނުރަސްމީ މަސައްކަތްތައް ކުރާ މީހުންގެ ތެއިން އާމްދަނީއަށް އަސަރުކުރި މީހުންގެ 10 ޕަސެންޓަކީ އާމްދަނީ ލިބުން މުޅިން ހުއްޓުނު މީހުންނެވެ. ޔޫއެންޑީޕީގެ ސާވޭއިން ދެއްކި ގޮތުގައި އާމްދަނީ މުޅިން ހުއްޓުނުމީހުންގެ ހަ ޕަސެންޓަކީ ވެސް އަންްހެނުންނެވެ.

އާމްދަނީ ދަށްވި މީހުން ހަރަދުތައް ހަމަޖެއްސި ގޮތްތައް

ޔޫއެންޑީޕީގެ ސާވޭއިން ދެއްކި ގޮތުގައި ނުރަސްމީ މަސައްކަތްތައް ކުރާ މީހުންގެ ތެރެއިން، ކޮވިޑްގައި އާމްދަނީ އަށް އަަސަރުކުރި މީހުންގެ 11 ޕަސެންޓު، އެމީހުންގެ ހަރަދުތައް ހަމަޖެއްސީ އާއިލީ މެމްބަރުންނާއި ރަށްޓެހިންނާއި އަވަށްޓެރިންގެ އަތުން ދަރަންޏަށް ފައިސާ ނަގައިގެންނެވެ. ބޭންކްތަކުން ލޯނު ނެގީ އެންމެ ހަތަރު ޕަސެންޓު މީހުންނެވެ.

ކޮވިޑްގެ ފިޔަވަޅުތަކުގެ ސަބަބުން އަމިއްލަ ވިޔަފާރިތަކަށާއި ފަރުދުންނަށް ލިބުނު މާލީ ގެއްލުންތަކުން އަރައިގަތުމަށް ސަރުކާރުން ތައާރަފްކުރި ސްޓިމިއުލަސް ޕެކޭޖްތަކުގެ ފައިދާ، ނުރަސްމީ މަސައްކަތްތައް ކުރާ މީހުންނަށް ކުރީ ވަރަށް ކުޑަކޮށް ކަމަށް ވެސް އެ ސާވޭއިން އެނގުނެވެ. އޭގެ ބޮޑު ފައިދާ ކުރީ އާމްދަނީ އަށް އަސަރުކުރި މީހުންގެ އެންމެ ހަ ޕަސެންޓު މީހުންނަށެވެ. ސްޓިމިއުލަސް ޕެކޭޖްތަކުގެ ބޮޑު ފައިދާއެއްވީ މީހުންގެ ފަސް ޕަސެންޓަކީ އަންހެނުންނެވެ.

ސާވޭއަށް ޖަވާބު ދިން މީހުންގެ ތެރެއިން ސްޓިމިއުލަސް ޕެކޭޖްތަކުގެ ފައިދާ ކޮންމެވެސް ވަރަކަށް ކުރިކަމަށް ބުނެފައި ވަނީ އަށް ޕަސެންޓު މީހުންނެވެ. އޭގެ ހަތް ޕަސެންޓަކީ ވެސް އަންހެނުންނެވެ.

ނުރަސްމީ މަސައްކަތްތައް ކުރާ މީހުންގެ 69 ޕަސެންޓް މީހުންނަށް ސްޓިމިއުލަސް ޕެކޭޖްތަކުގެ އެއްވެސް ފައިދާއެއް ނުކުރެ އެވެ.