Advertisement

ވީރަދޭވަ: ސިލޯނުކަރަ އާއި ހަނގުރާމަ ކުޅަ ރަދުން

25 ޖުލައި 2022 - 12:39 4

އަހުމަދު އަލާ ދީދީ

އަހުމަދު އަލާ ދީދީ


ވީރަދޭވަ: ސިލޯނުކަރަ އާއި ހަނގުރާމަ ކުޅަ ރަދުން

25 ޖުލައި 2022 - 12:39 4

އާއެކެވެ! ދިވެހިރާއްޖެ ދޮށިވެފައި މުސްކުޅިއެވެ. މި ސަރަޙައްދުގައި މިހާރު އުފެދި އޮތް ދައުލަތްތަކުގެ މައްޗަށް ބަލާލިކަމުގައި ވިޔަސް އެންމެ މުސްކުޅި އެއް ދައުލަތުގެ ގޮތުގައި ހިމެނެއެވެ. ދިވެހީންގެ ދޮށިކަމުގެ މައްޗަށް އިންކާރު ކުރާނެ ޖާގައެއް ނެތެވެ. ތާރީޚާ ބަހާއި އަދި އާސާރުތަކާ ބެހޭ ޢިލްމުތަކުން އެހެރަ ހެކި ދައްކާ ގޮވާ ނަގަނީ މި ވާހަކައެވެ. ދޮށިވި ވަރަކަށް މާޒީވެސް ދިގުވެދެއެވެ. އެއީ ތާރީޚެވެ. ދިވެހި ގަދީމީ ޒަމާނަށް ތާރީޚު ޢިލްމުގައި މި ކިޔަނީ އެވޭލާ ޒަމާނެވެ. އެވޭލާ ޒަމާނުގެ ގިނަ ޚަބަރުތައް އަދި ވަނީ ނޭނގުމެއްގެ ތެރޭގައެވެ. އެއީވެސް ހޯދާ ބަލަންޖެހޭ ޚަބަރެކެވެ. ދުނިޔޭގެ ކުރިމައްޗަށް ނިކުމެ ތިމާމެންނަކީ މިތައްހާސް އަހަރުވީ މިނިވަން ދައުލަތެކޭ ބުނާއިރު، އެބުނާ އެތައްހާސް އަހަރުގެ މިނިވަންކަމާ މުސްތަޤިއްލުކަމުގެ މައްޗަށް ހެކި ދައްކާނީ އެނޫން ދެން ކޮން ގޮތަކުން ހެއްޔެވެ؟ ތާރީޚު ހޯދާން ބަޔަކު މަސައްކަތެއް ކުރަނީ އެހެންވެއެވެ.

ލިޔެވޭތޯ މި އުޅެވެނީ އެވޭލާ ޒަމާނުގެ ޚަބަރެކެވެ. މީގެ ނުވަ ސަތޭކަ އަހަރު ކުރީގެ ހާދިސާއެކެވެ. ސިލޯނުކަރަ ހިއްޕެވި ދިވެހި ރަސްކަލެއްގެ ވާހަކައެވެ. ސިލޯނުގެ މުސްކުޅި ފަތްފުއްތަކުގައި ނަންގަނެވި އެކަރައިގެ ތާރީޚުގައި ރިވާވެގެންވާ ވާހަކައެކެވެ. ވާހަކައިގެ އަސްލަކަށް ބަލާފައި ވާނީ ސިލޯނުގެ ފަތްފުއްތަކުން ކުރެ ކުލަވަމްސައޭ ކިޔުނު ފޮތުގެ އިނގިރޭސި ތަރުޖަމާގައި ނަންގަނެވިގެންވާ ގޮތެވެ. ކުލަވަމްސަ އިނގިރޭސި ބަހަށް ތަރުޖަމާ ކުޅައީ ޖަރުމަނުގެ ޕްރޮފެސަރު ގުރެއިގަރ ވިލްހެމްއެވެ.


ދިވެހިރާއްޖޭގެ ރަސްގެފާނު ވީރަދޭވަ ސިލޯނު ހިއްޕެވި ވާހަކަ ވަނީ އަންނިނިވި ފަދައިންނެވެ.

" އޭނާއަކީ ޤާއިދެކެވެ. އެއީ އާރިޔަނުންގެ ދައުލަތުގެ ވެރިޔާއެވެ. ޕަޅަންދީޕުގެ ރަސްގެފާނެވެ. ނަންފުޅަކީ ވީރަދޭވައެވެ. ކުޅަދާނަ ހަނގުރާމަވެރިން ތަކެއްގެ މައްޗަށް އެކުލެވިގެންވާ ލަޝްކަރަކައިގެން މަހާޓިއްތަގެ ބަނދަރަށް އޭނާ ފައިބާވަޑައިގެންފިއެވެ. އެދުންފުޅަކީ މުޅި "ލަންކާ" އޭނާގެ ބާރުފުޅުގެ ދަށަށް ގެންނެވުމެވެ.

މި ޚަބަރު (ސިންގަޅައިންގެ ރަސްގެފާނު) ވިއްކަމަބާހޫ އައްސަވާފައި ލަޝްކަރަކައިގެން އޭނާ އާއި ބައްދަލުކުޅައުމަށް ވަޑައިގެންނެވި އެވެ. (ދިވެހީންގެ ރަސްގެފާނު) ވީރަދޭވަ އާއި (ސިންގަޅައިންގެ ވެރި) ވިއްކަމަބާހހޫ އާއި ބައްދަލުވީ މަހާޓިއްތަގެ ކައިރީގައިވާ މަންނާރޭ ކިޔުނު ރަށްގަނޑުންނެވެ. ދެ ލަޝްކަރު ބައްދަލުވެ ފުރަތަމަ ހަނގުރާމަ ކުރީ މި ތަނުގަ އެވެ.

މި ހަނގުރާމައިގައި (ދިވެހިރާއްޖޭގެ ވެރި) ވީރަދޭވައަށް ފުރިހަމަ ކާމިޔާބު ލިބިވަޑައިގެންނެވިއެވެ. ސިންގަޅައިންނާއި ގަދަ ހަނގުރާމަ ކުރައްވާ އެ ލަޝްކަރުގައި ހިމެނުނު ނަންހުރި ކުޅަދާނަ ކިތަންމެ ހަނގުރާމަވެރިންނެއް ގަތުލު ކުރެއްވި އެވެ. މީގެ ތެރޭގައި ސިންގަޅަ ރަސްގެފާނުގެ ދެ ކޮއްކޯފުޅަކާއި ސިންގަޅަ ލަޝްކަރުގެ ކޮމާންޑަރުވެސް ހިމެނެ އެވެ. ހަމައެހެންމެ ސިންގަޅަ ލަޝްކަރުގެ ސެނާޕަތި (ޖެނެރަލް) ވެސް އަސީރެއްގެ ގޮތުގައި ހައްޔަރުވި އެވެ.

ސިންގަޅައިންގެ ވެރި ވިއްކަމަބާހޫގެ ލަޝްކަރު މުޅިން ހާވިޔާވެ ހަފުސްވުމުން ހަނގުރާމައިގެ މައިދާން ދޫކުރައްވާ ފިއްލަވާ ވަޑައިގަތެވެ. ދެން އަވަސް އަވަހަށް ވެރި ރަށަށް ވަޑައިގެން އުފުލޭ ޒާތުގެ މުދާތައް އެއްކުރައްވާ ޗަކަ ބިމުގެ ސަރަޙައްދެއްގައި ހުރި ކޯއްޓޭއަކަށް ވަޑައިގެން އެތަނުގައި ފިއްލަވާ ހުންނަވައިފި އެވެ. (ދިވެހީންގެ ވެރި) ވީރަދޭވަ އޭނާއަށް ލިބިވަޑައިގެންނެވި ފުރިހަމަ ނަސްރާއި އެކު ލަޝްކަރައިގެން ވަޑައިގެން ސިލޯނުގެ މައި ވެރިރަށްކަމުގައިވާ ޕޮއްލޮނޮރުވައަށް އަރާވަޑައިގެންނެވި އެވެ.

ޕޮއްލޮނޮރުވައިގައި ވީރަދޭވަ ދުވަސް ގަނޑަކު ހުންނެވުމަށްފަހު ހިތްޕުޅު ހަމަޖެހިވަޑައެއް ނުގެންނެވި އެވެ. އެއީ ވިއްކަމަބާހހޫ ގަތުލު ނުކުރެއްވޭތީއެވެ. މިހެންކަމުން އަލުން ހަނގުރާމައިގެ ބެރު ޖައްސަވާ ލަޝްކަރު އެއްކުރައްވާ ސިންގަޅައިންގެ ރާޖާ ވިއްކަމަބާހހޫ ފިއްލަވާ ހުންނެވި ކޯއްޓޭ އާއި ދިމާއަށް މިސްރާބު ޖެއްސެވިއެވެ. މި ޚަބަރު ވިއްކަމަބާހހޫ އަށް ލިބިވަޑައިގެންނެވުމުންވެސް ސީދާ ހަނގުރާމައަށް ނިކުމެވަޑައިގަންނަވާކަށް ކެރިވަޑައެއް ނުގެންނެވިއެވެ. ކޯއްޓޭގައި ހުންނަވާ ލަޝްކަރެއް ތައްޔާރު ކުރެއްވުމަށްފަހު ފޮނުއްވީއެވެ.

ވީރަދޭވަގެ ލަޝްކަރާ ވިއްކަމަބާހހޫ ފޮނުއްވި ލަޝްކަރާ ބައްދަލުވީ އަންތަރަވިއްތިކައޭ ކިޔުނު އަވަށްގަނޑާއި ހިސާބުންނެވެ. އެއީ ޗަސްބިމުގެ ސަރަޙައްދެކެވެ. ދެ ލަޝްކަރު ބައްދަލުވެ ގަދަ ހަނގުރާމަވެވުނެވެ. އެހެންނަމަވެސް، މި ފަހަރު ނަސީބު އައިސް ހިފީ ވިއްކަމަބާހހޫގެ ފަޅީގަ އެވެ. ޗަސް ބިމުގެ ސަބަބުން ވީރަދޭވަގެ ލަޝްކަރަށް އެތައް ދައްޗަކާއި ކުރިމަތިލާން ޖެހުނެވެ. އޭގެ ފައިދާ ވިއްކަމަބާހހޫ ފޮނުއްވި ލަޝްކަރަށް ނެގުނީ އެވެ. ހަނގުރާމަ ނިމުނީ ވީރަދޭވަ ގަތުލުވެ ސިންގަޅައިންނަށް ކުރި ލިބިގެންނެވެ...."

ވީރަދޭވަ އާއި ވިއްކަމަބާހހޫގެ ހަނގުރާމަ ހިނގީ މީލާދުން 1114 ވަނަ އަހަރާއި 1117 ވަނަ އަހަރާއި ދެމެދުގެ އަހަރެއްގަ އެވެ. ދިވެހީންގެ ވީރަދޭވަ ރަސްގެފާނު ހަނގުރާމަޔަށް ސިލޯނަށް ވަޑައިގެންނެވި އިރު އެކަރައިގެ ތެރޭގައި ވަނީ ދާޚިލީ ބޮޑު އަރައިރުން ގަނޑެއް ފެށިފަ އެވެ. ދާޚިލީ ކަންކަން ހަމައިން ނެއްޓި ބޮޑުންގެ މެދުގައި ކޯޅުން ގިނަވެ ރައްޔިތުން ބައިބައިވެ ދާ ވަގުތަކީ އެބަޔެއްގެ މައްޗަށް ގަދަވާން އެދޭ ފަރާތަކަށް ލިބޭނެ އެންމެ ފަހި ފުރުސަތެވެ. ވީރަދޭވަ ރަސްގެފާނު ހިއްޕަވާފައި އެވަނީ އެ ފުރުސަތުގެ ބޭނުންފުޅެވެ. މިހެންކަމުން ކޮންމެވެސް ވަރަކަށް އެއިރުގެ ސިލޯނުކަރައިގެ ޙާލަތުގެ މައްޗަށް އަލިއަޅުވާލުމަކީވެސް މުހިންމުކަމެއްކަމުގައި ދެކެމެވެ.

އެންމެ ފުރަތަމަ މީގެ ހާހެއްހައި އަހަރު ކުރިޔަށް ޖެހިލަމާ ހިނގާށެވެ. މި ސަރަޙައްދުގައި ޗޯޅާއިންގެ އާރާއި ބާރު ގަދަ ދުވަސްވަރެކެވެ. އެއްގަމާއި ކަނޑުގެ ވަރުގަދަ ލަޝްކަރެއް އޮތް ބައެކެވެ. އޭގެ ބޭނުން އެބައިމީހުން ހިފަމުން ދިޔައީ ދައުލަތް ފުޅާކުރުމަށެވެ. ދައުލަތްތަކާއި އެއްގަމުން ހަނގުރާމަކޮށް ހިފަމުން ކަނޑު ހުރަސްކޮށް ދުރު ގައުމުތަކާއިވެސް ހަނގުރާމަކުރެ އެވެ. ބަރުމާ އާއި އަސޭކަރަ އަދި މެލޭ ސަރަޙައްދުގެ ގައުމުތަކާއި ހަމަޔަށް ވެސް އެބައިމީހުންގެ ބާރު ފޯރުވި އެވެ. ހަމަ މިބީދައިން ކަނޑުގެ ސަރަޙައްދުން އެބައިމީހުންނާއި އެންމެ ގާތުގައިވާ ދެ ގައުމާވެސް ހަނގުރާމަ ކުރި އެވެ. އެއީ ސިންގަޅައިންނާއި ދިވެހީންނެވެ. ދެފަހަރެއްގެ މަތީން ދިވެހިރާއްޖެޔަށް އެމީހުންގެ ލަޝްކަރު ފޮނުވި އެވެ. ޗޯޅާއިންނާއި ދިވެހީންނާއި ދެމެދު ގަދަ ހަނގުރާމަ ވެވުނެވެ. އެހެނަސް ދިވެހި ވެރިކަން މިލްކު ކުރެވިފައެއް ނުވެ އެވެ. މިއާއި ޚިލާފަށް ސިންގަޅައިންގެ މައްޗަށް އެބައިމީހުންނަށް ގަދަވެ ގަނެވުނެވެ. އެކަރައިގެ ވެރިކަން މިލްކު ކުރެވުނެވެ.

ސިންގަޅައިންގެ މައްޗަށް ޗޯޅާއިން ގަދަވެގަތްތާ ހަތްދިހަ ފަސްވަރަކަށް އަހަރު ފަހެވެ. އެކަރައިގެ ޝާހީ އަމީރަކު ހަނގުރާމައިގެ ކަމަރު ބަންނަވައިގެން ނިކުންނަވާ އެބައިމީހުންނާ ހަނގުރާމަ ކުރެއްވި އެވެ. އަލުން ސިންގަޅަ ވެރިކަން ގާއިމު ކުރެއްވިއެވެ. އެބޭކަލެއްގެ ނަންފުޅަކީ ވިޖާޔަބާހހޫ އެއްވަނަ އެވެ. މިރަސްގެފާނުން އަލުން މުޅި ސިލޯނުކަރަ އާރާސްތުކުރެއްވިއެވެ. ޝަހަރުތައް އިމާރާތް ކުރެއްވި އެވެ. ފަންސާސް ފަސް އަހަރުގެ ދިގު މުއްދަތަކަށް ރަސްކަން ކުރެއްވުމަށްފަހު އަވަހާރަވީ މީލާދުން 1114 ވަނަ އަހަރުގަ އެވެ. ދެން ސިންގަޅަ މުސްކުޅި އާދަތަކާއި އެއްގޮތް ވާނޭ ގޮތުގެ މަތީން ރަސްކަމަށް އިސްކުޅައީ އަވަހާރަވި ރަދުންނާއި އެއްބަނޑުގައި ހުންނެވި ކޮއްކޯފުޅެވެ. ނަންފުޅަކީ ޖާޔާބާހހޫއެވެ.

ޖާޔާބާހޫގެ ވަލީ ޢަހުދަކަށް ވާންވާނީ އަވަހާރަވި ރަސްގެފާނުގެ ދަރިކަލުންނެވެ. އެއީ ވިއްކަމަބާހޫ އެވެ. އެހެންނަމަވެސް މި ޝާހީ އާދަކާދަ އާއި ޚިލާފަށް ޖާޔާބާހހޫގެ ވަލީ ޢަހުދެއްގެ ގޮތުގައި އެރަސްގެފާނު ޚިޔާރު ކުރެއްވީ މާނާބާރްނައޭ ކިޔުނު އަމީރެކެވެ. މިއީ އަވަހާރަވި ރަސްގެފާނުގެ އަންހެން ކޮއްކޯފުޅުގެ ދަރިކަލުންނެވެ. މިކަމުގެ އަޑީގައި އިންނެވީވެސް ޚުދު އެކަމަނާ އެވެ. ވިއްކަމަބާހހޫއަށް ބައްޕާފުޅު އަވަހާރަވީކަމުގެ ޚަބަރު ލިބިވަޑައިގެންނެވީ ވެސް ބޮޑު ދައިތާފުޅުގެ ދަރިކަލުން އޭނާގެ ހައްގު މަގާމަށް ހަމަޖެއްސެވި ފަހުންނެވެ.

ވިއްކަމަބާހހޫ ހަނގުރާމައިގެ ބެރުތައް ތަޅައިގަނެ ބޮޑުބޭބޭފުޅު ޖާޔާބާހހޫ އާއި ހަނގުރާމަ ކުރެއްވުމަށް އަވަސްވެވަޑައިގެންނެވިއެވެ. ޖާޔާބާހހޫ ވެސް ހަމަ އެ ބީދައިން ލަޝްކަރަކައިގެން ނިކުންނެވި އެވެ. ބުނެވޭ ގޮތުގައި މި ކޯޅުން ގަނޑުގެ ތެރެއިން ދެބައިމީހުންމެ އެކި ފަހަރު މަތީން އެކު ޖުމުލަ ހަތް ފަހަރު ހަނގުރާމަ ކުރެއްވިއެވެ. ސިލޯނުކަރައިގެ ޝާހީ އާއިލާ ދެބައިވެ ބޮޑުންގެ މެދުގައި ކޯޅުން ގަދަވެ ދާޚިލީ އަރައިރުން ގަނޑަކަށް ވެއްޓިގެން ދިޔައީ މިހެންވެ އެވެ. ދިވެހީންގެ ވީރަ ދޭވަ ސިލޯނުކަރައަށް ވަޑައިގެންނެވީ ވިއްކަމަބާހހޫ އާއި ޖަޔާބާހހޫ ހަތްވަނަ ފަހަރު ހަނގުރާމައަށް ނިކުންނެވި ވަގުތެވެ. މި ވީރަދޭވަ ރަސްގެފާނާއި ބެހޭ ގޮތުން އިތުރު ތަފްސީލެއް އަދި ހޯދިފައެއް ނުވެއެވެ. އެނގޭހާ މިންވަރު އިސްވެ ބަޔާންކުރެވިފައި އެވަނީ އެވެ.