Advertisement

500 މިލިއަން ޑޮލަރަށް ޓީއެމްއޭ ވިއްކާލަން ވިސްނަނީ: ރިޕޯޓު

23 ޖުލައި 2022 - 17:01 0

އަމަން ހަލީމް

އަމަން ހަލީމް

ޓީއެމްއޭގެ ސީޕްލޭނެއް ވެލޭނާ އިންޓަނޭޝަނަލް އެއާޕޯޓުގައި: ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން ފްލީޓު އޮންނަނީ ޓީއެމްއޭގައި. -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


500 މިލިއަން ޑޮލަރަށް ޓީއެމްއޭ ވިއްކާލަން ވިސްނަނީ: ރިޕޯޓު

23 ޖުލައި 2022 - 17:01 0

ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރު ކަމުގައިވާ ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) ވިއްކާލަން އެ ކުންފުނީގެ ހިއްސާ އޮންނަ ކާލައިލް ގްރޫޕުން ވިސްނަމުންދާ ކަމަށް ވިޔަފާރި ހަބަރުތައް ގެނެސްދޭ "ބްލޫމްބާގް" ނޫހުން ރިޕޯޓުކޮށްފި އެވެ.

މި މުއާމާލާތުގެ މައުލޫމާތު އިނގޭ ބަޔަކާ ހަވާލާދީ ބްލޫމްބާގެ ރިޕޯޓެއްގައި ވަނީ ކާލައިލް އާއި އެ ކުންފުންޏާ އެކު އިންވެސްޓްކޮށްފައިވާ ކިންގް ސްޓްރީޓް ކެޕިޓަލް މެނޭޖްމަންޓާއި ޑެވިޑްސަން ކެމްޕްނާ ކެޕިޓަލް މެނޭޖްމަންޓުން ޓީއެމްއޭ ވިއްކާލަން މަސައްކަތް ކުރަމުންދަނީ 500 މިލިއަން ޑޮލަރާ 700 މިލިއަން ޑޮލަރާ ދެމެދުގެ އަގެއްގަ އެވެ.

މިހާތަނަށް ކުރެވުނު މަޝްވަރާތަކުގައި އެހެން އިންވެސްޓްމަންޓް ފާމްތަކުން ވަނީ ޓީއެމްއޭ ގަންނަން ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. ނަމަވެސް، އަދި އިތުރު މުއްދަތަކަށް ޓީއެމްއޭ ވިއްކާ ނުލާ ބޭއްވުމުގެ ފުރުސަތު އެބައޮތް ކަމަށް ވެސް ރިޕޯޓުގައި ވެ އެވެ.

ކާލައިލް އާއި ދެން ތިބި އިންވެސްޓަރުންގެ އަތް ދަށަށް ޓީއެމްއޭ ދިޔައީ މިދިޔަ އަހަރުގެ މެދުތެރޭގަ އެވެ. އެއީ އޭރު އެ ކުންފުނީގެ މެޖޯރިޓީ ހިއްސާ އޮތް ބެއިން ކެޕިޓަލްގެ ލޯނެއް ރީސްޓްރަކްޗާ ކުރުމުގެ ތެރެއިންނެވެ.

ބެއިންއިން ޓީއެމްއޭގެ މެޖޯރިޓީ ހިއްސާ އެމެރިކާގެ ބްލެކްސްޓޯން ގްރޫޕުން ގަތީ، 2017 ވަނަ އަހަރު ޗައިނާގެ ޓެމްޕަސް ގްރޫޕާ ގުޅިގެން ހިންގި 500 މިލިއަން ޑޮލަރުގެ މުއާމަލާތެއްގަ އެވެ. ބެއިންއިން މި މުއާމަލާތް ފައިނޭންސް ކުރީ ކާލައިލް އާއި ބައެއް އެހެން ހެޖް ފަންޑުތަކުން ލޯނު ނަގައިގެންނެވެ. އެންމެ ބޮޑު ކްރެޑިޓަރަކީ ކާލައިލް އެވެ.

ހިއްސާ ދޫކޮށްލަން ބެއިންއަށް މަޖުބޫރިވީ ކޮވިޑް ބަލިމަޑުކަމުގެ ތެރޭގައި ޓީއެމްއޭގެ އޮޕަރޭޝަންތައް ހުއްޓުމަކަށް އައިސް ކްރެޑިޓަރުންނަށް މި ލޯނުތައް އަދާނުކުރެވިގެންނެވެ. އޭރު ރޮއިޓާސް ނޫހުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި، ކާލައިލްއިން ޓީއެމްއޭގެ މެޖޯރިޓީ ގަންނަން އެއްބަސްވީ ޓީއެމްއޭގެ 300 މިލިއަން ޑޮލަރުގެ ދަރަނި ރީސްޓްރަކްޗާ ކުރަން އެއްބަސްވެގެންނެވެ.

ރާއްޖޭގައި 1989 ވަނަ އަހަރު އޮޕަރޭޝަންތައް ފެށި ޓީއެމްއޭ (އޭރު ހަމިންބާޑް އައިލެންޑް ހެލިކޮޕްޓާސް)އަކީ ރާއްޖޭގެ ޓޫރިޒަމުގެ ކުރިއެރުމުގައި މުހިއްމު ރޯލެއް އަދާކުރި، އަދި ޓޫރިޒަމުން އެންމެ ބޮޑު މާލީ މަންފާއެއް ލިބެމުން އަންނަ އެއް ކުންފުންޏެވެ. މިހާރު ވެސް ރާއްޖޭގެ އެންމެ ގިނަ ރިސޯޓުތަކަށް އުފުލާ މި ކުންފުނީގެ އޮޕަރޭޝަނުގައި 57 ފްލައިޓު އޮވެ އެވެ.