Advertisement

މާޒިޔާ އިން ޖެހިޖެހިގެން ތިން ވަނަ ފަހަރަށް ދިވެހި ޕްރިމިއާ ލީގު ޗެމްޕިއަންކަން ހޯދައިފި

22 ޖުލައި 2022 - 19:03 0

މިއަދުގެ މެޗުގައި ދަ ގްރާންޑޭ ކޮޅަށް ގޯލު ޖެހުމަށް ފަހު މާޒިޔާގެ ޓަނާ އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ


މާޒިޔާ އިން ޖެހިޖެހިގެން ތިން ވަނަ ފަހަރަށް ދިވެހި ޕްރިމިއާ ލީގު ޗެމްޕިއަންކަން ހޯދައިފި

22 ޖުލައި 2022 - 19:03 0

ދަ ގްރާންޑޭ ސްޕޯޓްްސް ކްލަބް 1-0 އިން ބަލިކޮށް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ޖެހިޖެހިގެން ތިން ވަނަ ފަހަރަށް ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

މާޒިޔާ އިން ރާއްޖޭގެ ލީގު ޗެމްޕިއަންކަން އެންމެ ފުރަތަމަ ހޯދީ 2016 ވަނަ އަހަރު އަލީ ސުޒޭންގެ ކޯޗުކަމުގަ އެވެ. އޭގެ ފަހުން 2019-2020 ވަނަ އަހަރު މެސެޑޯނިއާގެ ކޯޗު މަރުޖާން ސެކުލޮސްކީ ވަނީ މާޒިޔާ އަށް ރާއްޖޭގެ ލީގު ތަށި ހޯދައިދީފަ އެވެ. ކޮވިޑް-19ގެ ސަބަބުން ދެ ބުރަށް ފަހު ލީގުގެ ކުޅުން ހުއްޓާލުމާ އެކު މާޒިޔާ އިން މިދިޔަ ފަހަރު، ސާބިއާގެ ކޯޗު ރިސްޓޯ ވިޑަކޮވިޗްގެ އިރުޝާދުގެ ދަށުން، 2020-2021 ވަނަ އަހަރު ލީގު ޗެމްޕިއަންކަން ހޯދީ ދެ ބުރު ކުޅެގެންނެވެ.

އެކަަމަކު، މި ފަހަރު ލީގުގެ ތިން ބުރު ކުޅެން ނިންމިއިރު، ބާކީ ތިން މެޗު އޮއްވައި، ސާބިއާގެ ކޯޗު މިއޮޑްރަގް ޖެސިކް ވަނީ މާޒިޔާ އަށް ޖެހިޖެހިގެން ތިން ވަނަ ފަހަރަށް ލީގު ހޯދައިދީފަ އެވެ. މި ފަހަރުގެ ޕްރެޒިޑެންޓްސް ކަޕް ފައިނަލުގައި ކްލަބް ވެލެންސިއާ އަތުން މާޒިޔާ ބަލިވުމުން، އޭރު އެ ޓީމުގެ ކޯޗަކަށް ހުރި މުހައްމަދު ޝިޔާޒް (މޯހަން) ވަކިކޮށް ޖެސިކް ގެނައިިއިރު، އޭނާގެ ކޯޗުކަމުގައި މާޒިޔާ އިން ލީގުގައި މިހާތަނަށް ލީގުގައި ކުޅުނު 19 މެޗުގެ ތެރެއިން ބަލިވީ ދެ ވަނައިގައި އޮތް އީގަލްސް އަތުން އެކަންޏެވެ. މެޗަކުން އެއްވަރުނުވެ އޮތްއިރު، 18 މެޗުން މޮޅުވި އެވެ.

މާޒިޔާގެ ދާދު (ވ) ޖަހާ ބޯޅައެއް ބްލޮކްކުރަން ދަ ގްރާންޑޭގެ ކޮލަމްބިއާ ޑިފެންޑަރު އިވާން މަސައްކަތް ކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ


މާޒިޔާ އެއް ވަނައިގައި އޮތީ 19 މެޗުން 54 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އީގަލްސް އޮތީ 19 މެޗުން 46 ޕޮއިންޓާ އެކު އެވެ. މާޒިޔާ އަަށް ބާކީ އޮތީ ޔުނައިޓެޑް ވިކްޓަރީ އާއި އީގަލްސްއާ ދެކޮޅަށް ކުޅޭ ދެ މެޗެވެ.

ލީގުގެ ފުލުގައި އޮތް ދަ ގްރާންޑޭ ކޮޅަށް މާޒިޔާ އިން މެޗުގައި ޖެހި ހަމައެކަނި ގޯލު ކާމިޔާބުކުރީ ސްޕެއިނުގެ މިޑްފީލްޑަރު ޓަނާ ޑޮމިންގޭޒް އެވެ. މެޗުގެ 41 ވަނަ މިނިޓްގައި މާޒިޔާގެ ނާއިޒު ހަސަން (ދާދު) އޭރިއާތެރެއިން ތަަނަވަސްކުރި އެޓޭކެއްގައި ޓަނާ ވަނީ ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ. މިއީ މި ސީޒަނުގައި މާޒިޔާ އަށް ކުޅެދިން 22 މެޗުން ޓަނާ ޖެހި 21 ވަނަ ގޯލެވެ. އެ މެޗުތަކުގައި 17 ގޯލު ޖަހަން، ޓަނާ ވަނީ ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.

މިއަދުގެ މެޗުގައި މާޒިޔާގެ ސަމޫހު އަލީ (ސަމުއްޓެ) ބޮލުން ޖެހި ގޯލެއް އޮފްސައިޑް ކަމަށް ނިންމިއިރު، ދެ ވަނަ ހާފުގައި ބަދަލަކަށް ކުޅެން އަރައި މާޒިޔާގެ ކެޕްޓަން، އަސަދުﷲ އަބްދުﷲ ޖެހި ޝޮޓެއް ވަނީ ގޯލުގެ ދަނޑިއަށް އަމާޒުވެފަ އެވެ.

ލީގުގައި މިހާތަނަށް ކުޅުނު 19 މެޗުން ދަ ގްރާންޑޭ އަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ. އެ ޓީމަށް މި ސީޒަނުގައި މިހާތަނަށް ކުޅުނު 26 މެޗުން މޮޅެއް ނުލިބެ އެވެ. އެއީ ލީގުގެ 19 މެޗާއި ޕްރެޒިޑެންޓްސް ކަޕްގެ ހަތް މެޗެވެ. ލީގުގެ ފުލުގައި ނިންމަން ޖެހޭނެކަން ދަ ގްރާންޑޭ އަށް ކަށަވަރުވެފައިވާއިރު، އަންނަ ސީޒަނުގައި ލީގުގައި ދެމި އޮންނަން މި ފަހަރު އެ ޓީމުން ރެލިގޭޝަން ޕްލޭއޮފްގައި ކުޅެން ޖެހޭނެ އެވެ. ރެލިގޭޝަނުގައި ކުޅެނީ ލީގުގެ ފުލަށް ދާ ދެ ޓީމާއި ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަނާއި ރަނަރަޕް އެވެ.