Advertisement

އަގަށް އެސައިންމަންޓް ހެދުމުގެ ވިޔަފާރި ގާނޫނުނަކުން ވެސް ނުހުއްޓުވުނު

4 އޮގަސްޓު 2022 - 10:10 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން


އަގަށް އެސައިންމަންޓް ހެދުމުގެ ވިޔަފާރި ގާނޫނުނަކުން ވެސް ނުހުއްޓުވުނު

4 އޮގަސްޓު 2022 - 10:10 0

ގިނަ ދުވަސްތަކަކަށްފަހު އިއްޔެ ރައްޓެއްސަކާ ދިމާވެ ދެކެވުނު ވާހަކައެއްގެ ތެރޭގައި އެސައިންމަންޓެއް ހަދަން ނޭނގިގެން އުޅޭ ވާހަކައެއް ދެއްކި އެވެ. އަހަރެންނަށް އެނގިގެން އޭނަ ޑިގްރީ ނިންމާ މާސްޓާސް ނިންމިތާވެސް ދެ އަހަރުވެދާނެ އެވެ. އިތުރަށް ކިޔަވާކަން ނޭނގޭތީ ޔަގީން ކުރަން އަނެއްކާ ކިޔަވަން ފެށީތޯ އަހާލުމުން ހިނިގަނޑެއް ޖަހާލި އެވެ.

"ކިޔަވާ މީހާ އެކަންޏެއް ނޫންދޯ އެސައިންމަންޓް ހަދާނީ. އެހެން މީހަކަށް ވެސް އެސައިންމަންޓެއް ހަދައިދެވިދާނުން. ހާދަ ރުފިޔާއެކޭމީ،"

އާއެކެވެ. އެއީ މިހާރު އޭނަގެ "ސައިޑް ބިޒްނަސް" އެވެ. ސަރުކާރު ވަޒީފާގައި އުޅެފައި ގެއަށް އައިސް އިތުރަށް އާމްދަނީ ހޯދުމަށް ކުރާ މަސައްކަތެވެ. އެހެން މީހުންނަށް އަގަށް އެސައިންމަންޓް ހަދައިދެނީ އެވެ.

އެއީ, ގާނޫނުން މަނާ ކަމެއްކަން އެނގޭ ކަމަށާއި ނަމަވެސް އެކަން ހުއްޓުވާނެ މީހަކު ނެތް ކަމަށް އޭނާ ތަކުރާރުކޮށް ބުންޏެވެ.

"ރާއްޖޭގައި ގާނޫނު ފާސްކުރާނެ ކޮންމެ ކަމަކަށްވެސް. އެއީ ފޮތުގަ އޮންނަ އެއްޗެއް. އެއިންވާ ކަމެއް އެބަ އޮތްތަ؟ އަހަރެންނަށް އެނގިގެން މިކަން ކޮށްދޭ އެތައް ބަޔަކު އެބަ އުޅޭ. ވަޒީފާއިން ލިބޭ މުސާރައަށްވުރެ އެސައިންމަންޓް ހަދައިދީގެން މަހަކަށް ލިބޭ މުސާރަ ބޮޑު. ފިޔަވަޅެއް ވެސް ނޭޅޭނެ،" އޭނާ ބުންޏެވެ.

އަގަށް އެސައިންމަންޓް ހަދައިދިނުމަކީ ގާނޫނީ ކުށެއް!

ރާއްޖޭގެ ކޮލެޖް/ ޔުނިވާސިޓީތަކުގައި ކިޔަވާ ދަރިވަރުންގެ ނަތީޖާގެ ބޮޑު ބައެއް ނަގަނީ ހަދާ އެސައިންމަންޓް ތަކުންނެވެ. ބައެއް ތަންތަނުން އެސައިންމަންޓަށް 70 ޕަސެންޓުން ދަށުން މާކްސް ނަގާއިރު އަނެއްބައި ތަންތަނުން ޓެސްޓު ނުދީ ހަމައެކަނި އެސައިންމަންޓުން ކުއްޖާ ފާސްކޮށްދޭ ތަންތަންވެސް ރާއްޖޭގައި އެބަ ހިންގަ އެވެ.

ދަރިވަރު ކުލާހުގައި ކުރާ މަސައްކަތުން އެ ކުއްޖާއަކީ ކޮން ފެނަވަރެއްގެ ކުއްޖެއްކަން މުދައްރިސަށް ފާހަގަ ވާނެ އެވެ. އެހެންވެ، ރާއްޖޭގެ ބައެއް ކޮލެޖްތަކުގައި އެސައިންމަންޓްތައް ހަދާފައި ހުންނަނީ ކުއްޖާ ނޫންކަން ކިޔަވައިދެއްވާ ލެކްޗަރާއިންނަށް ވެސް ފާހަގަވެ އެވެ. އެކަމާ ޝަކުވާ ވެސް ކުރެ އެވެ. އެއީ ގާނޫނުން ކުށަކަށްވާ ނަމަވެސް, އެކަމަށް ފިޔަވަޅެއް ނޭޅޭކަން ލެކްޗަރާއިން ވެސް ފާހަގަ ކުރެ އެވެ.

މީގެ ނަތީޖާއަކީ އެ ދަރިވަރު މީހުންލައްވާ އެސައިންމަންޓް ހަދައިގެން ސެޓްފިކެޓު ހޯދުމެވެ. އެހެން މީހަކު ކުރި މަސައްކަތުން ދަރިވަރަށް އެއްވެސް ކަމެއް ހާސިލްނުވެ ސެޓްފިކެޓެއް ހާސިލްވުމެވެ.

މަތީ ތައުލީމު ހާސިލުކުރަމުންދާ މަރުކަޒުތަކުން ފުރިހަމަ ކުރަން ދޭ މަސައްކަތެއް ދަރިވަރަކު އަމިއްލައަށް ނުހަދައި، އަގުދީގެން ނުވަތަ އެހެން ފަރާތެއް މެދުވެރިކޮށް ކުރުމަކީ ކުށެއް ކަމަށް ކަނޑައަޅައި، މަތީ ތައުލީމުގެ ގާނޫނު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހު އެވެ.

އެ ގާނޫނުގައިވާ ގޮތުން ދަރިވަރަކު އަމިއްލައަށް ފުރިހަމަކުރަން ޖެހޭ އެސައިންޓްމަންޓެއް އެހެން މީހަކަށް އަގު ދީގެން ކުރުވުމާއި އެހެން މީހަކު އެކަން އަގަށް ކޮށްދޭން ހުށަހެޅުމަކީ ވެސް ކުށެކެވެ.

އެގޮތުން ދަރިވަރަކު އެހެން މީހަކު ލައްވައި އަގު ދީގެން އެސައިންޓްމަންޓް ހަދައިފިނަމަ 5000ރ. އިން ޖޫރިމަނާކުރެެވެ އެވެ. އެހެން ދަރިވަރުންގެ އެސައިންމަންޓު ފަދަ މަސައްކަތްތައް ވިޔަފާރި އުސޫލުން އަގު ނަގައިގެން ކޮށްދިނުމަކީ ކުށަކަށް ހަދައި، އެކަމުގެ އަދަބެއްގެ ގޮތުން 10،000ރ. ގެ ޖޫރިމަނާއެއް ކުރާނެ ކަމަށް އެ ބިލުގައިވެ އެވެ.

އަގު ދީގެން އެސައިންޓްމަންޓް ހަދުވާނަމަ އެކަން ބަލައި ފިޔަވަޅު އެޅޭނެ ނިޒާމެއް މަތީ ތައުލީމު ދޭ އިންސްޓްޓިއުޝަންތަކުގައި ގާއިމްކޮށްފައި ހުންނަން ޖެހެ އެވެ. ނަމަވެސް, ވިޔަފާރިއަކަށް އެކަން ކުރާނަމަ އެކަމާ މެދު ފިޔަވަޅު އަޅާނީ މިނިސްޓްރީން ގާއިމުކުރާ ނިޒާމެއްގެ ދަށުން ކަމަށް ބިލްގައިވެ އެވެ.

ގާނޫނުން މަނާކޮށްފައިވާ ނަމަވެސް ފިޔަވަޅު ނޭޅޭ މައްސަލާގައި ހަޔާ އެޑިއުކޭޝަންގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

މިއީ ގާނޫނޫ މަނާކުރާ ކަމެއްކަން އެނގިހުރެ އެކަން ކުރަމުންދާ މީހުން ވަކި މަދެއް ނުވެ އެވެ. ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމަތަކުގައި ފާޅުގައި އިސްތިހާރުކުރެ އެވެ.

ފޭސްބުކްގައި ޕޭޖުތައް، ވައިބާގައި ގުރޫޕުތައް، އައިބޭގައި އިސްތިހާރުތައް ފިޔަވަޅެއް ނާޅާ!

އޮންލައިން އެކިއެކި ވެބްސައިޓުތަކުގައި އެސައިންމަންޓް ހަދައިދޭ ކަމަށް އިސްތިހާރުކޮށްފައިވާ އިރު "އަދަދު" އިން ގުޅުމުން ވެސް އެކަން ވަނީ ޔަގީން ކޮށްދީފަ އެވެ.

މިބުނާ ރައްޓެހި މީހާގެ ފަރާތުން އެނގުނީ މިކަމުގައި އެންމެ އިސްކޮށް ފޭސްބުކްގައި ހަރަކާތްތެރިވާ އެއް ބަޔަކީ "އެސައިންމަންޓް މާސްޓާ" ކިޔާ ޕޭޖެއް ކަމެވެ.

ނަމަވެސް, އެއީ ގާނޫނުން މަނާކޮށްފައި އޮންނަ ކަމަކަށްވާތީ ކުރިން ހިނގި ޕޭޖަކަށް ވެދާނެ ކަމަށް އަޖުމަ ބަލާލަން މި ނޫހުން މެސެޖެއް ކޮށްލީމެވެ.

ވައިބާއިން މެސެޖު ކުރުމަށް ނަމްބަރެއް ފޮނުވާލުމުން އެ ނަމްބަރަށް މެސެޖްކުރީމެވެ. އަދި މިހާރު ވެސް އެސައިންމަންޓް ހަދާދެންތޯ އެހުމުން، ހަދަން ބޭނުންވަނީ ކޮން މާއްދާއެއްގެ އެސައިންމަންޓެއްތޯ އެހި އެވެ.

އެސައިންމަންޓް ހަދާދޭ މީހަކާ ދެކެވިފައިވާ ވައިބާ މެސެޖުތަކެއް


އެސައިންމަންޓް ހަދައިދޭ އެކުވެރިޔާގެ ފަރާތުން އެނގުނީ މިއީ މިހާ ކުޑަކޮށް ނިންމާލެވިދާނެ މައްސަލައެއް ނޫން ކަމެވެ. ސަބަބަކީ މިއީ އެއްބަޔަކު މިހާރު ވިޔަފާރިއަކަށް ވެސް ކުރާ ކަމަކަށް ވެފައިވާތީ އެވެ.

ވިޔަފާރިކުރަން ދިވެހިން އެންމެ ގިނައިން ބޭނުންކުރާ "އައިބޭ"ގައި ވެސް ފުޅާކޮށް މި ވިޔަފާރި އެބަކުރެ އެވެ. އައިބޭގައި އެކަނިވެސް އެސައިންމަންޓް ހަދާދޭ ކަމަށް ބުނެ 29 މީހަކު އިޝްތިހާރު ޖަހާފައި ވެ އެވެ.

އަގު ފެށެނީ 1000ރ. އިން

"އެކި އަގަށް ހަދައިދެނީ. ކޮންމެ އެސައިންމަންޓެއް ވެސް ފެށޭ އަގަކީ 1000ރ. ދެން އަސްލު އަގު ކަނޑައަޅަން އެނގޭނީ އެސައިންމަންޓަށް ބަލާފައި،" ކުރިން ވާހަކަ ދެއްކި އެކުވެރިޔާ ބުންޏެވެ.

އެއީ އޭނަ އެސައިންމަންޓް ހަދައިދޭ އަގެވެ. އޭނަގެ ފަރާތުން ހޯދި މައުލޫމާތަށް ބަލާއިރު މަހަކަށް ހަދަން ލިބޭ އެސައިންމަންޓްގެ އުޅޭނީ 10 އިން މަތީގަ އެވެ. އެއީ 1000ރ ގެ ރޭޓުން ބަލާނަމަ މަހެއްގެ މައްޗަށް 10،000ރ. އެވެ.

އެކި މީހުން އެސައިންމަންޓް ހަދާދިނުމުގައި އަގު ތަފާތެވެ. އެއް ބަޔަކުގެ އަގުތައް 500-3000 ރުފިޔާއާ ދެމެދު އުޅޭއިރު އައިބޭގައި ޖަހާފައިވާ އަގުތައް 600ރ. އާއި 700ރ. އިން ވެސް ފެށިފައި އެބަހުއްޓެވެ.

ކޮންމެ އަގެއްގައި ހަދައިދިން ނަމަވެސް މިއީ ވިޔަފާރިއަކަށް ފުޅާވެގެންދާއިރު ވިސްނާލަން ޖެހޭ ކަމެކެވެ. ބޮޑެތި ލޯނުތައް ނަގައިގެން ބޮޑު އަގުގައި މައިންބަފައިންގެ ބުރަ މަސައްކަތުން ކިޔަވައިދެނީ މިފަދަ ގޮތްގޮތަށް ފާސްވާން ހެއްޔެވެ.

ކިޔަވާ ނިމުމަށްފަހު ގައުމަށް ހިދުމަތް ކުރަން ނުކުންނަ ދަރިންނަކީ މަކަރާއި ހީލަތުން އެހެން މީހުންގެ ސިކުންޑިން ހޯދާފައިވާ ސެޓްފިކެޓެއްގެ ވެރިއަކަށްވެއްޖެނަމަ އެއީ ރާއްޖޭގެ ތަރައްގީ އާއި އުފެއްދުންތެރި ކަމަށް ވެސް އޮތް ބޮޑު ހުރަހެކެވެ.

އެ އެކުވެރިޔާ ބުނިފަދައިން ރާއްޖޭގެ ގާނޫނަކީ ފޮތެއްގައި ލިޔެވިފައި އޮތް އެއްޗަކަށްވާނަމަ އަންނަން އޮތް ޖީލުތަކަށް އޮތީ ބަނަ މުސްތަގުބަލެކެވެ. ރާއްޖޭގެ ތައުލީމީ ދާއިރާގެ ކުރިމަގުގައި އޮތީ ބޮޑު ކަޅު ވިލާގަނޑެކެވެ.

މި އުސޫލުން ކަންކަން ކުރިއަށްދާނަމަ މާދަމާގެ ސިއްހީ ހިދުމަތްތެރިންގެ ގޮތުގައި ތިބޭނީ އެހެން މީހަކަށް ލާރިދީގެން ހެއްދުވި އެސައިންމަންޓުތަކުން ފާސްވެގެންތިބި ޑޮކްޓަރުންނެވެ. ކިޔަވައިދޭން ތިބޭނީ ހައްގުނޫން ސެޓްފިކެޓެއް ހިފައިގެން ތިބި ރޯނު އެދުރުންނެވެ. ވަކާލާތުކޮށްދީ، ނިޔާކަނޑައަޅަން ޝަރުއީ ދާއިރާގައި ތިބޭނީ އޮޅުވާލައިގެން ހޯދި ސެޓްފިކޭޓް ހިފައިގެން ތިބި ދޮގުވެރިންނެވެ.