Advertisement

އެފްރިކާގެ މޮޅު ކުޅުންތެރިޔާގެ މަގާމު މާނޭ އަށް

22 ޖުލައި 2022 - 19:09 0


އެފްރިކާގެ މޮޅު ކުޅުންތެރިޔާގެ މަގާމު މާނޭ އަށް

22 ޖުލައި 2022 - 19:09 0

ރަބަތު، މޮރޮކޯ (ޖުލައި 22) - އެފްރިކާގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑް ނެގާލްގެ ފޯވަޑް ސާދިއޯ މާނޭ އަށް ލިބިއްޖެ އެވެ. މިއީ މާނޭ އަށް މި އެވޯޑް ލިބުނު ދެވަނަ ފަހަރެވެ.

މޮރޮކޯގެ ރަބަތުގައި ރޭ އޮތް އެފްރިކާ ކޮންފެޑަރޭޝަންގެ އެންމެ މޮޅު ކުޅުންތެރިޔާ ހޮވުމުގެ ރަސްމިއްޔާތުގައި، މާނޭ މި މަގާމަށް ހޮވުނީ ލިވަޕޫލަށް ކުޅޭ މިސްރުގެ ފޯވަޑް މުހައްމަދު ސަލާހް އަދި ޗެލްސީ އާއި ސެނެގާލްގެ ގޯލްކީޕަރު އެޑޮއާޑް މެންޑީއާ ވާދަކޮށްގެނެވެ.

މާނޭ މި މަގާމު އެންމެ ފުރަތަމަ ހޯދީ 2019 ވަނަ އަހަރު ލިވަޕޫލަށް ކުޅެނިކޮށެވެ. މިދިޔަ ސީޒަނަށް ފަހު އޭނާ ވަނީ ލިވަޕޫލް ދޫކޮށް، ޖަރުމަންގެ ބަޔާން މިއުނިކަށް ބަދަލުވެފަ އެވެ.

"ވަރަށް އުފާވެއްޖެ، މި އެވޯޑް އަނެއްކާ ވެސް ލިބުނީމަ. ކްލަބާއި ގައުމީ ޓީމުގެ ކުޅުންތެރިންނާ ކޯޗުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން،" މާނޭ ބުންޏެވެ.

މި އަހަރު ކުރީކޮޅު، ސެނެގާލްއާ އެކު އެފްރިކަން ކަޕް އޮފް ނޭޝަންސް ކާމިޔާބުކުރި މާނޭ ވަނީ މިދިޔަ ސީޒަނުގައި ލިވަޕޫލާ އެކު އެފްއޭ ކަޕާއި ލީގު ކަޕް ކާމިޔާބުކޮށް، ޗެމްޕިއަންސް ލީގުގެ ފައިނަލު ވެސް ކުޅެފަ އެވެ.

ލިވަޕޫލަށް 2016 ވަނަ އަހަރުގެ ތެރޭގައި މާނޭ ބަދަލުވީ ސައުތުހެމްޓަން އަށް ކުޅުމަށް ފަހު އެވެ. އޭގެ ކުރިން އޭނާ ވަނީ އޮސްޓްރިއާގެ ރެޑްބުލް ސަލްޒްބާގް އަދި ފްރާންސްގެ މެޓްޒް އަށް ކުޅެފަ އެވެ. މިދިޔަ ސީޒަނަށް ފަހު ލިވަޕޫލް ދޫކޮށް، މާނޭ ބަޔާނަށް ބަދަލުވީ 30 މިލިއަން ޔޫރޯ އަށް ވުރެން ބޮޑު ޓްރާންސްފާ ފީއެއްގަ އެވެ.