Advertisement

ބަޔާނުން ބޭނުމީ އަގުކުޑަކޮށް ވިޔަސް މާނޭ ވިއްކާލަން

12 ޖުލައި 2023 - 12:39 0


ބަޔާނުން ބޭނުމީ އަގުކުޑަކޮށް ވިޔަސް މާނޭ ވިއްކާލަން

12 ޖުލައި 2023 - 12:39 0

މިއުނިކް (ޖުލައި 12) - މިދިޔަ އަހަރު ބަޔާން މިއުނިކުން ގަތް ސެނެގާލްގެ ފޯވާޑް ސަޑިއޯ މާނޭ، އަގުކުޑަ ޑީލެއްގެ ދަށުން ވިޔަސް ވިއްކާލަން ބަޔާނުން ތައްޔާރު ކަމަށް މީޑިއާ ރިޕޯޓް ބުނެފި އެވެ.

ލިވަޕޫލަށް 43 މިލިއަން ޑޮލަރު ދީފައި ބަޔާނުން މާނޭ ގަތްއިރު، މިދިޔަ ސީޒަން ފަށައިގެން އޭނާ އެ ޓީމަށް މޮޅު ކުޅުމެއް ދެއްކި އެވެ. އެހެން ނަމަވެސް، ނޮވެމްބަރު މަހު ކަކުލަށް ލިބުނު ސީރިއަސް އަނިޔާއެއްގެ ސަބަބުން ގަތަރުގައި ބޭއްވި ފީފާ ވޯލްޑް ކަޕްގައި ނުކުޅެވި، އޭނާ އެނބުރި އައީ ޖެނުއަރީ މަހު ފަހުކޮޅުގަ އެވެ.

އެކަމަކު، ކުޅުމަށް އެނބުރި އައިސް، ޗެމްޕިއަންސް ލީގުގައި މެންޗެސްޓާ ސިޓީއާ ކުޅުނު މެޗެއްގެ ތެރެއިން މާނޭ އާއި ބަޔާންގެ ލެރޯއި ސާނޭގެ މެދުގައި ހިނގި މާރާމާރީއެއްގެ ސަބަބުން، މާނޭ އަށް ވަނީ ބަޔާނުން އަދަބުދީފަ އެވެ.

އެ ގޮތުން، މާނޭ، އެ މާރާމާރީ ހިންގި މައްސަލައިގައި އޭނާ އަށް ދިނީ އެއް މެޗުގެ ސަސްޕެންޝަނެއްގެ އިތުރުން 350،000 ޑޮލަރުގެ ޖޫރިމަނާ އެކެވެ.

އެ މައްސަލަ އަށް ފަހު، މާނޭ، މި ފަހަރުގެ ޓްރާންސްފާގައި ބަޔާން ދޫކޮށްލާނެ ކަމުގެ ވާހަކަ އޮތީ ދެކެވިފަ އެވެ. ޖަރުމަނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ބަޔާނުން މިހާރު އޮތީ 20-25 މިލިއަން ޑޮލަރުގެ ފީ އަކަށް ވެސް މާނޭ ވިއްކާލަން ތައްޔާރަށެެވެ.

ރިޕޯޓްތައް ބުނާގޮތުގައި މާނޭ އަށް ނިއުކާސަލް ޔުނައިޓެޑާއި ސައުދީ ޕްރޮފެޝަނަލް ލީގުގެ ކްލަބްތަކުގެ ހުށަހެޅުންތަކެއް ވެސް ވަނީ ލިބިފަ އެވެ.

މާނޭއާ އެކު ސެނެގާލް ގައުމީ ޓީމަށް ކުޅޭ ކަލީދޫ ކުލިބާލީ އާއި އެޑޮއާޑް މެންޑީ ވެސް ވަނީ ސައުދީ ލީގަށް ބަދަލުވެފަ އެވެ. އެހެންކަމުން، މާނޭ ވެސް ސައުދީ ލީގަށް ދިއުމުގެ ފުރުސަތު އެބައޮތެވެ.

ބަޔާނުން މާނޭ ވިއްކާލަން ނިންމި އަނެއް ސަބަބަކީ ޓޮޓެންހަމް ހޮޓްސްޕާސްގެ ފޯވާޑް ހެރީ ކޭން ގަންނަން ކުރާ ބިޑަށް ފަންޑް ހޯދުމުގެ ގޮތުންނެވެ. ބަޔާނުން ކޭން ގަންނަން ކުރި ދެ ވަނަ ބިޑްގެ އަގަކީ 87 މިލިއަން ޑޮލަރު އެވެ. އެ އަގަށް ވެސް ޓޮޓެންހަމް އިން އޮތީ ކޭން ވިއްކާ ގޮތަކަށް ނޫނެވެ.

ޓޮޓެންހަމް އިން އަންނަނީ ކޭން ލައްވައި އިތުރު ކޮންޓްރެކްޓެއްގައި ސޮއިކުރަން މަސައްކަތް ކުރަމުންނެވެ. އެ ގޮތުން، ޓޮޓެންހަމް އިން މަޝްވަރާ ކުރަމުން އަންނަނީ ކޭންގެ މުސާރަ ހަފްތާ އަކު 500،000 ޑޮލަރަށް ވުރެ ބޮޑު ކުރުމަށެވެ.