Advertisement

އެފްރިކާގެ މޮޅު ކުޅުންތެރިޔާ އެވޯޑަށް ވާދަކުރަނީ މާނޭ އާއި ސަލާހު އަދި މެންޑީ

21 ޖުލައި 2022 - 08:37 0


އެފްރިކާގެ މޮޅު ކުޅުންތެރިޔާ އެވޯޑަށް ވާދަކުރަނީ މާނޭ އާއި ސަލާހު އަދި މެންޑީ

21 ޖުލައި 2022 - 08:37 0

ރަބަތު، މޮރޮކޯ (ޖުލައި 21) - އެފްރިކާގެ މޮޅު ކުޅުންތެރިޔާގެ އެވޯޑަށް ވާދަކުރާ ގަދަ ތިން ކުޅުންތެރިންގެ ގޮތުގައި މިސްރުގެ ފޯވާޑް މުހައްމަދު ސަލާހާއި ސެނެގާލްގެ ސަޑިއޯ މާނޭ އަދި އެޑޮއާޑް މެންޑީ ޝޯޓްލިސްޓުކޮށްފި އެވެ.

އެންމެ ފަހުން 2019 ވަނަ އަހަރު އެފްރިކާގެ ފުޓްބޯޅަ ކޮންފެޑެރޭޝަން އިން އެންމެ މޮޅު ކުޅުންތެރިޔާ ހޮވިއިރު، އެ ފަހަރު އެވޯޑް ހޯދީ މާނޭ އެވެ. މި އަހަރު ކުރީކޮޅު، ސެނެގާލްއާ އެކު އެފްރިކަން ކަޕް އޮފް ނޭޝަންސް ކާމިޔާބުކުރި މާނޭ ވަނީ މިދިޔަ ސީޒަނުގައި ލިވަޕޫލާ އެކު އެފްއޭ ކަޕާއި ލީގު ކަޕް ކާމިޔާބުކޮށް، ޗެމްޕިއަންސް ލީގުގެ ފައިނަލު ވެސް ކުޅެފަ އެވެ.

މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ލިވަޕޫލް ދޫކޮށް ބަޔާން މިއުނިކަށް ބަދަލުވި މާނޭ އަކީ މި އަހަރު އެފްރިކާގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދާނެ ކަމަށް ފޭވަރިޓެއްގެ ގޮތުގައި ގިނަ ބަޔަކު ގުނާ ކުޅުންތެރިޔާ އެވެ.

ދާދި ފަހުން ލިވަޕޫލްގެ ކޮންޓްރެކްޓް އާ ކުރި ސަލާހަށް މިސްރާ އެކު މިދިޔަ އަހަރަކީ އެންމެ ރަނގަޅު އަހަރެއް ނޫނެވެ. އެފްރިކަން ކަޕް އޮފް ނޭޝަންސް ފައިނަލުން ސެނެގާލް އަތުން ބަލިވިއިރު، ހަމަ އެ ޓީމު އަތުން ވޯލްޑް ކަޕް ކޮލިފައިން ޕްލޭއޮފްގައި ކެޓީ އެވެ. އެކަމަކު، އިންޑިވިޖުއަލީ އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ބޮޑު ތަފާތެއް ދެއްކި ސަލާހު ވަނީ ލިވަޕޫލުން ލީގު ކަޕާއި އެފްއޭ ކަޕް ހޯދިއިރު، މޮޅަށް ކުޅެ، ޗެމްޕިއަންސް ލީގުގެ ފައިނަލަށް ލިވަޕޫލް ގެންގޮސްދިނުމާއި ޕްރިމިއާ ލީގުގެ ރޭހުގައި ލިވަޕޫލް ދެމި އޮތުމުގައި އިސް ރޯލެއް ކުޅެފަ އެވެ.

ޗެލްްސީން ޔުއެފާ ސުޕަ ކަޕާއި ފީފާ ކްލަބް ވޯލްޑް ކަޕް ހޯދި ޓީމުގައި ހިމެނޭ މެންޑީ ވަނީ މިިދިޔަ އަހަރެއްހާ ދުވަސް ތެރޭ ގޯލްކީޕަރަކަށް ލިބޭ ގިނަ އެވޯޑްތަކެއް ހޯދައިފަ އެވެ. އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ތަށި ސެނެގާލަށް ހޯދައިދޭން މާނޭ އެކޭ އެއްވަރަށް މެންޑީ ވެސް މަސައްކަތްކުރި އެވެ.

ސަލާހު ވަނީ 2017 އާއި 2018 ވަނަ އަހަރު އެފްރިކާގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދައިފަ އެވެ. ސަލާހު ފަހަތަށް ޖައްސާލައި 2019 ވަނަ އަހަރުގެ އެވޯޑް ހޯދީ މާނޭ އެވެ. މާނޭ މި ފަހަރު އެފްރިކާގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައިފިނަމަ އޭނާ ވެގެންދާނީ ބަޔާނުގައި ހުރެ އެ ޓްރޮފީ ހޯދާ ފުރަތަމަ ކުޅުންތެރިޔާ އަށެވެ.

މި ފަހަރުގެ އެވޯޑް ލިބޭ ކުޅުންތެރިއެއް އިއުލާނު ކުރާނީ ހޮނިހިރު ދުވަހުގެރޭގަ އެވެ.