Advertisement

ގްރީސްގެ ޖަންގަލީގައި ރޯވެ ގެތަކާއި ހޮސްޕިޓަލެއް އިވެކުއޭޓްކޮށްފި

20 ޖުލައި 2022 - 12:53 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ގްރީސްގެ އަވަށެއްގައި ރޯވެފައި: މާ ބޮޑަށް ހޫނުވުމުގެ ސަބަބުން ޔޫރަޕްގެ ގިނަ ގައުމުތަކެއްގެ ޖަންގަލީގައި ވަނީ އަލިފާން ރޯވެފައި. -- ފޮޓޯ: ރޮއިޓާޒް


ގްރީސްގެ ޖަންގަލީގައި ރޯވެ ގެތަކާއި ހޮސްޕިޓަލެއް އިވެކުއޭޓްކޮށްފި

20 ޖުލައި 2022 - 12:53 0

މި އަހަރުގެ ހޫނު މޫސުމުގައި ޔޫރަޕްގެ ގިނަ ގައުމުތަކަށް އާދަޔާ ހިލާފަށް ހޫނުގަދަވެ ޖަންގަލިތަކުގައި ރޯވެފައި ވަނިކޮށް، ގްރީސްގެ ވެރިރަށް އެތެންސް ކައިރީގައި އޮންނަ ޕެންޓެލީ ފަރުބަދަ މަތީ ހިސާބުގެ ގެތަކާއި ހޮސްޕިޓަލެއް އިވެކުއޭޓްކޮށްފި އެވެ.

ޕެންޓެލީ ފަރުބަދަ ކައިރިން އަލިފާން ރޯވީ އަންގާރަ ދުވަހުގެ މެންދުރެވެ. މިހާރު އެ ހިސާބުގެ އުޑުމަތީގައި ބޯ، ކަޅު ދުން ވަނީ ފެތުރިފަ އެވެ. އެއީ އެތެންސްއާ 27 ކިލޯމީޓަރު އުތުރުން އޮންނަ ސަރަހައްދެކެވެ. ބައެއް ފަރާތްތަކުން ބުނީ 50 ކިލޯމީޓަރު ދުރަށް ހުޅުގަނޑު ފެންނަ ކަަމަށެވެ.

ގްރީސްގެ ނޫސްތަކުން ބުނީ އަަލިފާންގަނޑުގައި މަދުވެގެން އެއް ގެ އަނދާ ހުލިވެފަައިވާ ކަމަށެވެ. ފަޔާ ބްރިގޭޑް ހިދުމަތުން ބުނީ މިހާތަނަށް އެއްވެސް މީހަކަށް އަނިޔާ ނުވާ ކަމަށެވެ.

އަލިފާންގަނޑު ކޮންޓްރޯލް ކުރުމުގެ މަސައްކަތުގައި 420 ފަޔާފައިޓަރުންނާއި 85 ފަޔާ ލޮރީ ބައިވެރިވެ އެވެ. މަތިން ފެން އެޅުމުގެ މަސައްކަތުގައި ވެސް 24 ހެލިކޮޕްޓަރާއި މަތިންދާބޯޓު ބައިވެރިވެ އެވެ.

ކަމާ ބެހޭ އިދާރާތަކުން އަންގާފައި ވަނީ ހަތަރު ސަރަހައްދެއް އިވެކުއޭޓް ކުރުމަށެވެ. އެއީ ޑްރާފީ، އަންތޫސާ، ޑިއޯނީ އަދި ޑަސަމާރީ އެވެ. ކައިރި އެހެން ހިސާބުތަކުގެ މީހުން ވެސް ގެތަކުން ނިކުތުމަށް ތައްޔާރަށް ތިބުމަށް އެންގި އެވެ.

ރައްކާތެރިވުމުގެ ގޮތުން ހޮސްޕިޓަލަކާއި ނޭޝަނަލް އޮބްޒަވޭޓަރީ ފޯ އެތެންސް ވެސް ވަނީ ބަންދުކޮށް، މީހުން ހުސްކޮށްފަ އެވެ. ޕެންޓެލީއަށް ދެވެން އޮންނަ މަގުތަކުގެ ޓްރެފިކް ހުއްޓުވާފައިވާ އިރު، އާއްމުން ރައްކާތެރި ހިސާބުތަކަށް ދިޔުމަށް ފުލުހުން ދަނީ އެހީވަމުންނެވެ.

މިދިޔަ އަހަރު ވެސް ގްރީސްގެ ޖަންގަލިތަކުގައި ރޯވެ 300،000 އޭކަރުގެ ސަރަަހައްދެއް އަނދާ ހުލިވި އެވެ.