Advertisement

ފައިސާ ނެތިސް ބާސެލޯނާ އިން ކުޅުންތެރިން ގަންނަ ގޮތެއް ނުވިސްނުނު: ނާގަލްސްމަން

20 ޖުލައި 2022 - 07:55 0


ފައިސާ ނެތިސް ބާސެލޯނާ އިން ކުޅުންތެރިން ގަންނަ ގޮތެއް ނުވިސްނުނު: ނާގަލްސްމަން

20 ޖުލައި 2022 - 07:55 0

މިއުނިކް (ޖުލައި 20) - ބާސެލޯނާ އަތުގައި ފައިސާ ނެތިސް އެ ޓީމުން ބޭނުންވާ ކޮންމެ ކުޅުންތެރިއަކު ގަންނަ ގޮތެއް ނުވިސްނުނު ކަމަށް ބަޔާން މިއުނިކްގެ ކޯޗު ހޫލިއަން ނާގަލްސްމަން ބުނެފި އެވެ.

ނާގަލްސްމަން މި ގޮތަށް ބުނީ ބާސެލޯނާ އިން ބަޔާންގެ ތަރި ރޮބަޓް ލެވަންޑޯސްކީގެ ޑީލް ނިންމުމުން އެ ކަމާ މެދު ދެކޭގޮތެއް އޮޅުންފިލުވަން ނޫސްވެރިއަކު ސުވާލުކުރުމުންނެވެ.

"ބާސެލޯނާ އަކީ ދުނިޔޭގެ ހަމައެކަނި ކްލަބް އަތުގައި ފައިސާ ނެތިސް ވެސް އެ މީހުން ބޭނުން ކޮންމެ ކުޅުންތެރިއަކު ގަންނަ، ހަމައެކަނި ރޮބަޓް (ލެވަންޑޯސްކީ) އެއް ނޫން، އެ މީހުން ބޭނުން ކޮންމެ ކުޅުންތެރިއަކު އެބަގެނޭ، އަހަންނަށް ނޭނގެ ކިހިނެއް ކަމެއް. އަަހަންނަކަށް ނުއެއް ވިސްނުނު،" ބަޔާންގެ ޕްރީ ސީޒަން ޓުއާ ތެރެއިން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެމުން ނާގަލްސްމަން ބުންޏެވެ.

ނާގަލްސްމަން ބުނީ މީގެ ވިސްނަން ޖެހެނީ ބާސެލޯނާގެ މާލީ ހާލަތު އެހާ ގޯސްކޮށް އޮއްވައި، އެ ކްލަބުން 100 މިލިއަން ޑޮލަރަށް ވުރެ އިތުރަށް ހަރަދުކޮށް ކުޅުންތެރިން ގަންނަން ގަވާއިދުގެ ތެރެއިން ހުއްދަ ލިބުނު ގޮތެއް އޮތްތޯ ބެލުމަށް ކަމަށެެވެ.

މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ބާސެލޯނާ އިން ވަނީ 50 މިލިއަން ޑޮލަރަށް ލެވަންޑޯސްކީ ގަތްއިރު، 65 މިލިއަން ޑޮލަރު ދައްކާފައި ލީޑްސް ޔުނައިޓެޑްގެ ވިންގް، ރަފީނިއާގެ ސޮއި ހޯދާފައިވާތީ އެވެ.

މީގެ އިތުރުން ހިލޭ ޓްރާންސްފާއެއްގައި ޗެލްސީ އަށް ކުޅުނު އަންދްރެއަސް ކްރިސްޓެންސަން އާއި އޭސީ މިލާންގެ ފްރޭންކް ކެސިއޭ ވެސް ވަނީ ބާސެލޯނާ އަށް ބަދަލުވެފަ އެވެ.

ރިޕޯޓްތައް ބުނާގޮތުން ބާސެލޯނާ އަށް ފައިސާ ހަމަޖެހުނީ އެ ކްލަބްގެ ލަލީގާއާ ގުޅޭ ޓީވީ ރައިޓްސް އެކްސްކްލޫސިވް ޑީލެއްގެ ދަށުން އެމެރިކާގެ ކުންފުންޏަކަށް ވިއްކާލުމުން ލިބުނު ފައިސާ އާއި މި ސީޒަނުން ފެށިގެން ބާސެލޯނާގެ މެއިން ސްޕޮންސަރަކަށް ސްޕޮޓިފައި ހަމަޖައްސައި، ހަތަރު އަހަރަށް ސޮއިކުރި ކޮންޓްރެކްޓްގެ ފުރަތަމަ ޕޭމަންޓް ހަމަޖެހިގެން ދިއުމުންނެވެ.

މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ބަޔާން މިއުނިކްގެ ވިޔަފާރި ވެސް ރަނގަޅެވެ.

ބަޔާނުން ވަނީ ޖުމްލަ އެއްކޮށް 91 މިލިއަން ޑޮލަރުގެ ޑީލެއްގެ ދަށުން ޔުވެންޓަސް އަށް ކުޅެމުން އައި ނެދަލެންޑްސްގެ ޑިފެންޑަރު، މަތައިސް ޑި ލިޓްގެ ސޮއި ހޯދައިފަ އެވެ. އުމުރުން 22 އަހަރުގެ ޑި ލިޓް ބަޔާނާ އެކު ސޮއިކުރީ ފަސް އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ.

މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ބަޔާނުން ދެން ސޮއިކުރީ، ޖުމްލަ 42 މިލިއަން ޑޮލަރަށް ލިވަޕޫލްގެ ސަޑިއޯ މާނޭ އާއި 20 މިލިއަން ޑޮލަރަށް އަޔަކްސްގެ މިޑްފީލްޑަރު ރަޔާން ގްރަވެންބާޗް އަދި ހިލޭ ޓްރާންސްފާއެއްގައި އަޔަކްސްގެ ފުލްބެކް، ނުސޭރް މަޒްރައޮއީ އެވެ.