Advertisement

ރޮނާލްޑޯ އަށް ބިޑްކުރަން އެތުލެޓިކޯ އިން މަޝްވަރާކޮށްފި

19 ޖުލައި 2022 - 07:42 0


ރޮނާލްޑޯ އަށް ބިޑްކުރަން އެތުލެޓިކޯ އިން މަޝްވަރާކޮށްފި

19 ޖުލައި 2022 - 07:42 0

މެޑްރިޑް (މެއި 19) - މެންޗެސްޓާ ޔުނައިޓެޑްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ބިޑް ކުރަން ސްޕެއިނުގެ އެތުލެޓިކޯ މެޑްރިޑުން މަޝްވަރާކޮށްފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

އިޓަލީގެ ޔުވެންޓަސް ދޫކޮށް, މިދިޔަ ސީޒަން ފެށުނު ފަހުން, 13 އަހަރަށް ފަހު, ރޮނާލްޑޯ ޔުނައިޓެޑާ ގުޅުނީ ދެ އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ. އެކަމަކު، ޔުނައިޓެޑްގައި ފުރަތަމަ ސީޒަން ނިންމާލުމަށް ފަހު، ރޮނާލްޑޯ އެ ކްލަބް ދޫކޮށްލަން ބޭނުންވާކަން ކްލަބްގެ ސީނިއާ މެނޭޖްމަންޓަށް ވަނީ އަންގައިފަ އެވެ.

ރޮނާލްޑޯ، 37، ޔުނައިޓެޑް ދޫކޮށްލަން ބޭނުންވާ އެއް ސަބަބަކީ އަންނަ ސީޒަނުގައި ޗެމްޕިއަންސް ލީގު ކުޅޭ ކްލަބަކަށް ދިއުމަަށެވެ. ޔުނައިޓެޑްގައި މަޑުކޮށްފިނަަމަ ރޮނާލްޑޯ ފެންނާނީ ޔޫރޮޕާ ލީގުންނެވެ. އެހެންވެއްޖެނަމަ، މިއީ ރޮނާލްޑޯގެ ކެރިއަރުގައި ޔޫރޮޕާ ލީގުން ފެންނާނެ ފުރަތަމަ ފަހަރެވެ.

މަޝްހޫރު ގިނަ ކްލަބްތަކަކުން ވަނީ ރޮނާލްޑޯ އަށް ބިޑް ނުކުރާނެ ކަމަށް ބުނެފަ އެވެ. އޭގެ ތެރޭގައި ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކާއި ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީ ހިމެނެ އެވެ. އިނގިރޭސި ކްލަބް، ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލް ވެސް ވަނީ ރޮނާލްޑޯ ގެންނަން ބޭނުންނުވާކަން ކްލަބްގެ ވެރިންނަށް އަންގައިފަ އެވެެ.

ޔުނައިޓެޑުން ރޮނާލްޑޯ ނުވިއްކާނެ ކަމަށް ބުނަަމުންދިޔަ ނަމަވެސް އޭނާގެ އޭޖެންޓް، ޖޯޖް މެންޑޭޒް އަންނަނީ އެކި ކްލަބްތަކުގެ އޮފާތަކާ މެދު މަޝްވަރާ ކުރަމުންނެވެ. މެންޑޭޒްގެ ގާތް ފަރާތްތަކާ ހަވާލާދީ ޕޯޗުގީސް ބައެއް މީޑިއާތަކުން ރިޕޯޓްކުރާގޮތުގައި ރޮނާލްޑޯ، ޕްރޮފެޝަނަލް ލެވަލްގައި އެންމެ ފުރަތަމަ ކުޅުނު ޕޯޗުގަލްގެ ސްޕޯޓިން ލިޒްބަންއާ މި ވަގުތު ގުޅުމުގެ ވިސްނުމެއް އޭނާގެ ނެތެވެ.

އެކަމަކު، ރޮނާލްޑޯ އަށް އެތުލެޓިކޯ އިން ހުށަހެޅުމެއް އަތުވެއްޖެނަމަ އޭނާ އެ އޮފާއާ މެދު ވިސްނާނެ ކަމަށް ޕޯޗުގީސް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ. ސްޕެއިނުގެ މާކާ ރޭޑިއޯ ސްޕޯޓްސް ޝޯ އިން ރިޕޯޓްކުރާގޮތުގައި ރޮނާލްޑޯ އަށް ބިޑް ކުރުމާ މެދު އެތުލެޓިކޯގެ ރައީސް އެންރީކޭ ސެރޭޒޯ ވަނީ އެ ކްލަބްގެ ކޯޗު ޑިއޭގޯ ސިމިއޯނީއާ މަޝްވަރާކޮށްފަ އެވެ.

ރިޕޯޓްތައް ބުނާގޮތުގައި ސިމިއޯނީ އެދޭނަމަ ރޮނާލްޑޯ ގަންނަން 15 މިލިއަން ޑޮލަރުގެ ބިޑެއް އެތުލެޓިކޯ އިން ކުރުމުގެ ފުރުސަތު އެބައޮތެވެ.

ރޮނާލްޑޯ ވަނީ އޭނާގެ ކެރިއަރުގައި އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅުނު 35 މެޗުން 25 ގޯލު ޖަހައިފަ އެވެ. އޭގެ ތެރޭގައި ރެއާލް މެޑްރިޑާއި ޔުވެންޓަސް އަށް ކުޅެމުން އެތުލެޓިކޯ ކޮޅަށް ހެދި ހަތަރު ހެޓްރިކް ހިމެނެ އެވެ. ރޮނާލްޑޯ އެތުލެޓިކޯ އަށް ބަދަލުވާން ރެއާލްގެ ސަޕޯޓަރުން ބޭނުމެއްނުވާނެ އެވެ. އެއީ ރޮނާލްޑޯ ވެސް އެތުލެޓިކޯ އަށް ދާން ދެކޮޅު ހަދާނެ ސަބަބެއް ކަމަށް ސްޕެއިނުގެ ފުޓްބޯޅަ ތަޖުރިބާކާރުން ދެކެ އެވެ.

ޔުނައިޓެޑްގެ އާ ކޯޗު އެރިކް ޓެން ހާގް އަންނަ ސީޒަނަށް ކަނޑައެޅި ޕްލޭނުގައި ރޮނާލްޑޯ ހިމެނޭ ކަމަށް އޭނާ ވަނީ ބުނެފަ އެވެ. އެކަމަކު، ރޮނާލްޑޯ މިހާތަނަށް ޔުނައިޓެޑްގެ ޕްރީ ސީޒަނުގައި ބައިވެރިނުވެ، ފަރިތަކުރަމުން އަންނަނީ ޕޯޗުގަލް ފުޓްބޯޅަ ފެޑެރޭޝަންގެ ޓްރެއިނިން ފެސިލިޓީގަ އެވެ.

ރޮނާލްޑޯ ޔުނައިޓެޑްގެ ޕްރީ ސީޒަނާ ނުގުޅި ހުރީ އާއިލާ ކަމެއްގެ ސަބަބުން ބްރޭކެއް ބޭނުންވާތީ ކަމަށް ޔުނައިޓެޑުން ވަނީ މީޑިއާގައި ބުނެފަ އެވެ.