Advertisement

ދިއްފުށީގައި ގާނޫނު އާންމުންގެ އަތްމައްޗަށް، ފުލުހުންގެ ބާރެއް ނުހިނގި!

18 ޖުލައި 2022 - 11:24 23

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

ޝިހާމަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެނީ. ގްރޫޕް ހަދައިގެން އޭނާ ގައިގައި ތަޅާ ބޮޑެތި އަނިޔާތަކެއް ދިންއިރު ފުލުހުންނަށް ވެސް އެކަން ހުއްޓުވިފައި ނުވޭ --- ފޮޓޯ: ޝިހާމްގެ އާއިލާ


ދިއްފުށީގައި ގާނޫނު އާންމުންގެ އަތްމައްޗަށް، ފުލުހުންގެ ބާރެއް ނުހިނގި!

18 ޖުލައި 2022 - 11:24 23

މުހައްމަދު ޝިހާމް، 35، ކ. ދިއްފުއްޓަށް ކުރި ދަތުރުގައި މަރުނުވީ ހަމަ ކިރިޔާ އެވެ.

ދިއްފުށީ ރައްޔިތުން، އޭނާ އެ ރަށުގައި ގަން ހިންގުވައި، އޮރިޔާންކޮށް، ވަރަށް ގަދައަށް ތަޅައި، ހެލްތު ސެންޓަރުން ފަރުވާދިނުމަށް ވެސް ދެކޮޅު ހެދި އެވެ. ގާނޫނު އަމިއްލަ އަތް މައްޗަށް ނަގައި، އަނިޔާ ކުރުމުގެ ކުރިން، ޝިހާމުގެ ބޮލުގައި އެޅުވީ ވަރުގަދަ ތުހުމަތެކެވެ. އެއީ 15 އަހަރުގެ ކުޑަކުއްޖަކާ ގަދަކަމުން ބެހުން އުޅުނު ކަމުގެ ތުހުމަތެވެ.

"ފިހާރައެއްގެ ތެރޭގައި ހުއްޓާ ފުރަތަމަވެސް އައިސް ތަޅަން ފެށީ. އަހަރެން އެހީ ކިހިނެއް ވެގެންހޭ ތިއުޅެނީ. އެމީހުން ބުނީ ކީއް ކޮށްފަހޭ ތިޔައީ. އަހަރެން ބުނިން ކަމެއް ނުކުރަމޭ. އެމީހުން ބުނީ ކަލޭ ތިހުރީ ކުޑަކުއްޖަކާ ބެހިފައޭ. އަހަރެން ބުނިން އަހަރެން އެއްވެސް ކުއްޖަކާ ނުބެހެމޭ. ބުނީމާ ބުނީ ނޫނެކޭ އެކުއްޖާވެސް ބުންޏޭ އަހަންނޭ ބެހުނީ. އެހެން ކިޔާފަ މަގުމައްޗަށް ނެރެ އަހަރެން ތަޅަން ފެށީ،" އެ ވާހަކަ ކިޔައިދެމުން އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި އޮވެ ޝިހާމް ކިޔައިދިނެވެ.

ޝިހާމްގެ އާއިލާ މީހުން މި ނޫހާ ވާހަކަ ދައްކަމުން ބުނީ ދިއްފުށީގައި އޭނާ މަރުނުވީ ހަމަ ކިރިޔާ އެވެ. ގުރޫޕު ހަދައިގެން އަނިޔާ ކުރަމުންދިޔައިރު މީހަކު ތަނެއްގައި މަތާލުމަށްފަހު، ޝިހާމުގެ އަތް ބިންދާލުމަށް އުޅުނެވެ. އެހެން މީހަކު އޭނާގެ ދެ ލޯ ކޮނެލަން މަސައްކަތް ކުރި އެވެ. އޮރިޔާންކޮށް ޖިންސީ ގުނަވަނުގައި ފައިން ތެޅި އެވެ.

ޝިހާމް ދިއްފުއްޓަށް ދިޔައީ އޭނާގެ ތިން ދޮން ދަރިން ގޮވައިގެން، އެ ރަށަށް ނިސްބަތްވާ އެ ކުދިންގެ ބައްޕަ ގާތަށެވެ. އެއިރު ޝިހާމް އާއި ކުދިންގެ ބައްޕައާ ދެމެދު އޮތީ މައްސަލަ ޖެހިފަ އެވެ.

"ކުދިންނަށް ހަރަދު ނުކުރާތީ މީގެ ދުވަސްކޮޅެއް ކުރިން ޝިހާމްގެ އަނބިމީހާއާ އޭނާގެ ކުރީގެ ފިރިމީހާއާ ދެމެދު ހިތްހަމަނުޖެހުމެއް އުޅުނު. ސްކޫލަށް ބޭނުންވާ ތަކެތި ނުލިބިގެން ވެސް އުޅުނު. އެކަންތަކުގައި ދަރިންގެ ބައްޕަ ބުނެފައި އޮތީ ލަދުގަންނަވާލާނަމޭ. އެއީ މި މަހު 11 ގައި،" ޝިހާމްގެ ބައްޕަ، ޝައްމޫން މުހައްމަދު ބުންޏެވެ.

ނަމަވެސް ޝިހާމްގެ އަނބިމީހާގެ ކުރީގެ ފިރިމީހާ އެ ތުހުމަތުތައް ދޮގު ކުރެ އެވެ. އަދި ޝިހާމްގެ އާއިލާއިން ކުރާ ހުރިހާ ތުހުމަތުތަކެއް ވެސް އޭނާ ދޮގު ކުރި އެވެ.

ދިއްފުއްޓަށް ޝިހާމް ދިޔައީ އީދަށެވެ. ހުރީ ގެސްޓް ހައުސްއެއްގައި ކަމަށްވެ އެވެ.

"ގެސްޓް ހައުސެއްގަ ތިބީ. އެ ގެއަކު [ދޮން ދަރިންގެ ބައްޕަގެ ގެއަކު] ނޫން. އެކަމަކު އެންމެން ކާން ދަނީ އެ ގެޔަށް. އޭގެ މާނައަކީ އެ ރަށު މީހުންނަށް ފެންނާނެއޭ އެ ގެ އަށް ވަދެ ނިކުންނަތަން. އެކަހަލަ ތުހުމަތެއް އެޅުން އެންމެ ފަސޭހަ ވާނީ އެހެން. ގެއަށް އާންމުކޮށް އަންނަ މީހަކަށް،" ޝައްމޫން ކިޔައިދިނެވެ.

ޝިހާމްގެ ބޮލުގައި ބޮޑު ތުހުމަތެއް އެޅުވުމަށްފަހު، ތަޅާ އަނިޔާ ކުރަމުން އޭނާ ގެންދިޔައީ އެ ރަށުގެ ސިއްހީ މަރުކަޒު ދޮރުމައްޗަށެވެ. އަދި, ކުއްޖާއާ ބެހުނު ކަމަށް އެއްބަސްވާން މަޖުބޫރު ކުރުވި ކަމަށް ޝިހާމް ކިޔައިދިނެވެ. ނަމަވެސް, ނުކުރާ ކަމަކަށް ދުވަހަކުވެސް އެއްބަސް ނުވާނެ ކަމަށް ބުނުމުން ކުރިއަށްވުރެ ބޮޑުވަރު ކޮށްލި އެވެ.

ހޮސްޕިޓަލްގައި ތިބި މީހުންގެ ކައިރިން ފަރުވާ ހޯދުމަށް އެދުމުން ފަރުވާ ދިނުމަށް ދެކޮޅު ހެދި ކަމަށް އަދި ފަރުވާ ހޯދުމަށް އެހެން ތާކަށް ދިއުމަށް ބުނި ކަމަށް ޝިހާމް ބުންޏެވެ.

"އަނިޔާ ކުރަމުން ދިޔަ އިރު ހޮސްޕިޓަލުގެ މުވައްޒަފުންނާއި ޑޮކްޓަރުން ވެސް ތިބި. ފަރުވާއެއް ދޭކަށް އެމީހުން ނޫޅޭ. އޭގެ ފަހުން ހޮސްޕިޓަލަށް ވެއްދި އިރު އެތަނުގައި ޕޮލިސް ސާޖަންޓެއް ހުރި. ކޮން ރަށެއްގެ މީހެއް ކަމެއް ނޭނގެ،" ޝިހާމް ހަނދާން ކުރަމުން އޭނާއާ މެދު ކަންތައްވީ ގޮތް ކިޔަދެމުން ދިޔަ އެވެ.

ޝިހާމަށް އަނިޔާ ކޮށްފައިވާ ތަންތަނުގައި ބޭސް އަޅާފައި-- ފޮޓޯ: އާއިލާ


ޝިހާމް ބުނީ އޭނާއަށް އަނިޔާ ކުރުމުގައި ފުލުހުން ވެސް ބައިވެރިވި ކަމަށެވެ. ނަމަވެސް ފުލުހުން އެ ތުހުމަތު ދޮގު ކުރެ އެވެ.

"އެ ސާޖެންޓަކީ ވަރަށް ހަށިގަނޑުން ބިޔަކޮށް ހުރި މީހެއް. އޭނަ ބުނީ ކަލޭ ހީނުކުރައްޗޭ، ކަލޭ ބޭނުންހާ ގޮތެއް ހެދޭނެ. ތިމަންނަމެންގެ ހިސާބެ މިއީ. ތިމަންނަމެންގެ ސަރަހައްދޭ މިއީ. މިރަށުން ކަލޭ ދާނީ ސްޓްރެޗަރެއްގައޭ. އެގޮތަށް އެރަށުން ގެންދިޔައީ ވެސް. އޭނަ ބުނި ސްޓްރެޗާގަ ދާނީ ވެސް ތިމަންނަމެންގެ އަތްދަށަށޭ. ހޭ އަރުވާލާނަމޭ،" ޝިހާމް ކިޔައިދިނެވެ.

އެއިރު ރަށު ތެރޭގައި ފެތުރޭ އަޑަކީ ކުޑަކުއްޖާއާ ބެހުނު ކަމަށް ޝިހާމް އެއްބަސްވި ކަމަށް ބުނެ ފަތުރާ ދޮގު އަޑެވެ.

"އޭރު އަހަރެން ކުއްޖާއާ ބެހުނު ކަމަށް އެއްބަސްވެއްޖެ ކަމަށް ބުނެ ދޮގު ހަބަރު ފަތުރާފަ އޮތީ. ރައްޔިތުން ތިބީ ހޫނު ވެފަ. އެމީހުންނަކަށް އޭރު ހަގީގަތެއް ނޭނގޭ. ފުލުހުން ބޭރުގަ ތިއްބާ ފުލުހުންގެ ސަފު ފޫއަޅުވާ އަނެއްކާވެސް އަނިޔާކުރި މީހުން ވަދެ ހޮސްޕިޓަލުގެ ލައިޓް ނިއްވާފަ އަހަރެން ދަމާ ގެންދިޔައީ. މަގުމައްޗަށް ނެރެ އަހަރެންގެ ގައިގައި ތަޅަމުން އަނިޔާ ކުރަމުން ގޮސް އަހަރެން ހޭ ނެތުނީ،" ކަންތައް ހިނގައިދިޔަ ގޮތް ޝިހާމް ކިޔައިދިނެވެ.

ޝިހާމްގެ ބޮލުގެ ދެ ނާރު ފިތި ނާރެއް ފަޅައިގެން ގޮސްފައިވާ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ އާއިލާއިން ބުންޏެވެ. ޝިހާމް ކިޔައިދިން ގޮތުންނަމަ އެއީ އެ ރަށު މަރުކަޒު ކައިރީ ހުރި ގަސް އިންދާ ސިމެންތި ޕޮޓެއް އޭނަގެ ބޮލަށް ތަޅާލުމުން ލިބުނު އަނިޔާ އެވެ.

ޝިހާމްގެ ނިތްކުރިމަތު ހުރީ ވަރަށް ބޮޑަށް ގޮނބިލާ ނޫފައިގެންފަ އެވެ. އެއީ ފާރެއްގައި ބޯ ތެޅުމުން ލިބުނު އަނިޔާ ކަމަށް އޭނާ ބުންޏެވެ. އަނގަ އެތެރެއިން ވަނީ 16 ތަނެއް ފަހާފަ އެވެ. މީގެ އިތުރުން ކޮނޑުގެ ކަށިގަނޑަށް އަނިޔާވެފައިވާ ކަމަށް އާއިލާއިން ބުންޏެވެ.


އަނިޔާ ކުރި މީހާ ބިންމައްޗަށް ވައްޓާލައިގެން ބަޔަކު ހެވިފަ: ފުލުހުންގެ ފަރާތުން ކުޑަ އެހީއެއް ލިބުނުއިރު ސިއްހީ މަރުކަޒުން ފަރުވާދޭން ދެކޮޅު ހެދި -- ފޮޓޯ: ވީޑިއޯ ކެޕްޗާ


ހުއްޓާ ނުލާ ތިން ގަޑިއިރު ވަންދެން ކުރި އެ އަނިޔާ ނުކުރުމަށް އޭނާގެ އަންހެނުން މަސައްކަތް ކުރި ނަމަވެސް ހުއްޓާލީ މާލެއިން ދިޔަ ތިން ލޯންޗުގެ ފުލުހުން އައުމުން ކަމަށް އޭނާ ބުންޏެވެ. ފަރުވާއެއް ލިބުނީ ވެސް އެ ފަހުން ކަމަށް އޭނާ ކިޔައިދިނެވެ.

އެ ހާދިސާގައި އަނިޔާކުރި މީހުންގެ ތެރޭގައި ދިއްފުށީ ކައުންސިލްގެ މެމްބަރުން ވެސް ހިމެނޭ ކަމަށް ޝިހާމްގެ އާއިލާއިން ތުހުމަތު ކުރެ އެވެ. ނަމަވެސް ކައުންސިލުން އެކަން ދޮގު ކުރެ އެވެ.

"އެތަނުގަ ޝިހާމަށް އަނިޔާ ކުރި މީހުން ވަކިވަކިން އެނގޭ ހަމަ. ހުރިހާ މައުލޫމާތެއް ހޯދައިފިން. އެކަމަކު އަހަރުމެން ބޭނުމެއް ނުވޭ އެ މީހުންގެ ލެވަލަށް ވެއްޓޭކަށް. އެއީ މިއީ މާފް ކުރެވޭނެ ކަމެއް ނޫން. މީހެއްގެ ހައްގަކަށް އަރައިގަތުން،" ޝިހާމްގެ އާއިލާ މީހުން އޭޑީކޭ ހޮސްޕިޓަލުގައި ތިބެ ކިޔައިދެމުން ދިޔަ އެވެ.

ޝިހާމަށް މިހާރު ވެސް އޭޑީކޭގައި ފަރުވާދެމުންދާއިރު އޭނާގެ ބައްޕަގެ އޮތީ އެންމެ އަޒުމެކެވެ. އެއީ އޭނާގެ ދަރިފުޅުގެ ބޮލުގައި އަޅުވާފައި އޮތް ދޮގު އިލްޒާމުން އޭނާ ސަލާމަތް ކުރުމެވެ.

"އެ ސޮރު އެތާ އޮވެ ރަނގަޅު ނުވިޔަސް މަރުވެގެން ދާކަށް ބޭނުމެއް ނޫން ދޮގު ބަދުނާމެއް ބޮލުގަ އެޅިގެންނެއް. މި ބައްޕަ ދިރިހުރިއްޔާ އެ ދަރިފުޅަށް އިންސާފު ހޯދައިދޭން ކުރެވެން އޮތް ކަމެއް ކުރާނަން،"

ޝިހާމަށް އަނިޔާ ކުރި އެއްވެސް މީހަކު މިހާތަނަށް ހައްޔަރުކޮށްފައެއް ނުވެ އެވެ. ފުލުހުންނަށް ގުޅުމުން ބުނީ އެ މައްސަލަ ބަލަމުންދާ ކަމަށެވެ. އިތުރު އެއްޗެއް ނުބުނެ އެވެ.

އިސްލާހު ކުރެވިފައި: ޖުލައި 18، 2020


މި ލިޔުމުގައި ޝިހާމްގެ އާއިލާއިން ކުރާ ތުހުމަތުތައް ރައްދުވާ ފަރާތުގެ ބަހެއް ހިމެނުމަށް ލިޔުން ވަނީ ޝާއިއު ކުރި ފަހުން އިސްލާހު ކުރެވިފަ އެވެ.