Advertisement

ރޮނާލްޑޯ އަށް ސައުދީ އަރަބިއްޔާ އިން ލިބުނު 275 މިލިއަން ޑޮލަރުގެ އޮފާ ދޫކޮށްލައިފި: ރިޕޯޓް

15 ޖުލައި 2022 - 09:38 0


ރޮނާލްޑޯ އަށް ސައުދީ އަރަބިއްޔާ އިން ލިބުނު 275 މިލިއަން ޑޮލަރުގެ އޮފާ ދޫކޮށްލައިފި: ރިޕޯޓް

15 ޖުލައި 2022 - 09:38 0

ލިޒްބަން، ޕޯޗުގަލް (ޖުލައި 15) - މެންޗެސްޓާ ޔުނައިޓެޑްގެ ތަރި، ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ސައުދީ އަރަބިއްޔާ އިން ލިބުނު 275 މިލިއަން ޑޮލަރުގެ އޮފާ ދޫކޮށްލާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ރޮނާލްޑޯ، 37، މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ކްލަބް ބަދަލުކުރަން ބޭނުންވާކަން ޔުނައިޓެޑްގެ ސީނިއާ މެނޭޖްމަންޓަށް އަންގާފައިވީ ނަމަވެސް އެ ކްލަބްގެ ކޯޗު އެރިކް ޓެން ހާގް ވަނީ ރޮނާލްޑޯ އަކީ "ވިއްކާ ކުޅުންތެރިއެއް ނޫން ކަމަށް" ބުނެފަ އެވެ.

އެކަމަކު، ޓެން ހާގްގެ އެ ވާހަކަތަކާ އެކު ވެސް ރޮނާލްޑޯ އަށް އެކި ކްލަބްތަކުގެ ހުށަހެޅުންތައް އަންނަނީ ލިބެމުންނެވެ. އެ ގޮތުން އެންމެ އަގުބޮޑު އޮފާއެއް ލިބުނީ ސައުދީ ކްލަބަކުން ކަމަށް ޔޫރަޕާއި އޭޝިއާގެ އެކި މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.

އެ ގޮތުން ސައުދީ ކްލަބަކުން ރޮނާލްޑޯ އަށް ލިބުނު ދެ އަހަރުގެ ކޮންޓްރެކްޓްގެ ޖުމްލަ އަގަކީ 275 މިލިއަން ޑޮލަރެވެ. މުސާރައިގެ ގޮތުގައި އަހަރަކު އެ ކޮންޓްރެކްޓްގެ ތެރެއިން ދޭނީ 30-40 މިލިއަން ޑޮލަރެވެ. ބާކީ ފައިސާތަކަކީ އެކިއެކި ސްޕޮންސަޝިޕް ޑީލްތަކާއި އޭޖެންޓް ފީ އާއި ޔުނައިޓެޑުން ރޮނާލްޑޯ ގަންނަން ދައްކާ ފީ ހިމެނޭ ގޮތަށް އޮތް ޕެކޭޖެކެވެ.

ޕޯޗުގީސް މީޑިއާތަކުން ރިޕޯޓްކުރާގޮތުގައި ރޮނާލްޑޯގެ ވިސްނުމަކީ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ޔުނައިޓެޑް ދޫކޮށްލިޔަސް ޔޫރަޕްގައި މަޑުކުރުމެވެ. އެހެންވެ، ސައުދީގެ އޮފާ ދޫކޮށްލަން ނިންމީ އެވެ.

ރޮނާލްޑޯ، އިނގިރޭސި އިތުރު ކްލަބަކަށް ބަދަލުވުމުގެ ފުރުސަތު އޮތް ކަމަށް ގިނަ މީޑިއާތަކުން ރިޕޯޓްކުރިއިރު، ގިނަ ބަޔަކުގެ ވާހަކަތައް ހުރީ ޗެލްސީއާ ގުޅުވައިގެންނެވެ. އެއީ ޗެލްސީގެ އާ ވެރިޔާ، އެމެރިކާގެ މަހުޖަނު، ޓޮޑް ބޯލީ އާއި ރޮނާލްޑޯގެ އޭޖެންޓް ޖޯޖް މެންޑޭޒް ބައްދަލުކޮށްފައިވާތީ އެވެ.

އޭގެ ފަހުން، އެމެރިކާގައި ޗެލްސީގެ ސަޕޯޓަރަކު، ވަނީ އެ ޓީމުގެ ކޯޗު ތޯމަސް ޓުޗެލް ގާތުގައި ރޮނާލްޑޯގެ ޓްރާންސްފާ ވާހަކަ އަހައިފަ އެެވެ. އެކަމަކު، ޓުޗެލް ވަނީ ރޮނާލްޑޯއާ ގުޅުވައިގެން އެއްވެސް ވާހަކައެއް ދައްކަން ދެކޮޅު ހަދައިފަ އެވެ.

އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ޗެލްސީން ވަނީ ރޮނާލްޑޯގެ ޓްރާންސްފާ ކަންކަމުގެ ތެރެއަށް ނުވަންނަން ނިންމައިފަ އެވެ.

ތޭރަ އަހަރަށް ފަހު ރޮނާލްޑޯ މިދިޔަ ސީޒަނުގައި ޔުނައިޓެޑާ ގުޅުނީ ދެ އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ. ޔުނައިޓެޑުން ރޮނާލްޑޯ ގަންނަން، ޔުވެންޓަސް އަށް ފުރަތަމަ ދެއްކީ 17 މިލިއަން ޑޮލަރެވެ. އަދި ފަހުން ޔުވެންޓަސް އަށް އިތުރު ނުވަ މިލިއަން ޑޮލަރު ދޭން ވަނީ ކޮންޓްރެކްޓްގައި އެއްބަސްވެފަ އެވެ.

މިދިޔަ ސީޒަނުގައި ރޮނާލްޑޯ ވަނީ ހުރިހާ މުބާރާތެއްގައި 24 ގޯލު ޖަހައިފަ އެވެ. ރޮނާލްޑޯ އަށް ވަނީ ކޮންޓްރެކްޓްގައި އެއްބަސްވެފައިވާ ގޮތަށް މިދިޔަ ސީޒަން ނިމުމުން ބޯނަހެއް ވެސް ދީފަ އެވެ. އެކަމަކު، މި ފަހަރުގެ ޗެމްޕިއަންސް ލީގުގައި ޔުނައިޓެޑް ނެތުމުން އެ ކްލަބްގެ އެހެން ކުޅުންތެރިންނެކޭ އެއްގޮތަށް ރޮނާލްޑޯގެ މުސާރަ ވެސް ވަނީ 25 އިންސައްތަ މުސާރަ ކުޑަކޮށްފަ އެވެ.

ޔުނައިޓެޑްގެ ޕްރީ ސީޒަން ޕްރެކްޓިސްތަކުގައި ރޮނާލްޑޯ އަދި ބައިވެރިއެއްނުވެ އެވެ. އާއިލީ ކަމެއްގައި ކްލަބުން ރިލީސް ހޯދައިގެން ރޮނާލްޑޯ ހުރިއިރު، އޭނާ އަންނަނީ ފިޓްނަސް ހިފެހެއްޓުމުގެ ގޮތުން ޕޯޗުގަލްގައި ހުރެ އިންޑިވިޖުއަލް ޓްރެއިނިންތަކެއް ހަދަމުންނެވެ.