Advertisement

ފައިރޫޒްގެ ހިތްވަރާއި ބުރަ މަސައްކަތް: ހުރީ ދޫދޭ ގޮތަކަށް ނޫން!

11 ޖުލައި 2022 - 12:22 0

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު

ގައުމީ ވޮލީބޯޅަ ޓީމުގެ އާދަމް ފައިރޫޒް: އޭނާ އަކީ ފަހަކަށް އައިސް މޮޅު ކުޅުމެއް ދައްކަމުން އަންނަ ކުޅުންތެރިއެއް.-- އަދަދު ގްރެފިކްސް: މުހައްމަދު އިސާމް ސާމިރު


ފައިރޫޒްގެ ހިތްވަރާއި ބުރަ މަސައްކަތް: ހުރީ ދޫދޭ ގޮތަކަށް ނޫން!

11 ޖުލައި 2022 - 12:22 0

ސްޓޭޑިއަމް ވޮލީ ކޯޓަށް ގޮސް، އެތަނުގައި ކުޅެން އުޅެގެން އެ ހިސާބުން ފަަށައިގެން ގައުމީ ޓީމާ ހަމައަށްދާ ކުޅުންތެރިން މިހާރު ވަރަށް ގިނަ އެވެ. މި ވަގުތު އޮތް ގައުމީ ސްކޮޑުގައި ވެސް އޭގެ ކުޅުންތެރިން އެބަތިބި އެވެ. ގައުމީ ޓީމުގެ ސެންޓަ ކުޅުންތެރިޔާ، އާދަމް ފައިރޫޒްގެ ވާހަކަ ވެސް އޮތީ ސްޓޭޑިއަމް ވޮލީއާ ގުޅިފަ އެވެ.

އެންމެ ކުރިން ވެސް މާލޭގައި އުޅެމުންދިޔަ ފައިރޫޒް، 27، ވޮލީ އަށް ފުރަތަމަ ދާން ފެށީ މާ ބޮޑު ޝައުގެއް އެކަމަށް ހުރެގެނެއް ނޫނެވެ. އެއްމާބަނޑު ބޭބެ، އަހުމަދު ފާޒިލް ވޮލީ ކުޅެން ދާތީ، އޭނާއާ އެކު ދަނީ އެވެ. އެ ގޮތަށް ދާތީ ފައިރޫޒާ ދިމާވަނީ، ގައުމީ ޓީމުގެ ކިޓް މެނޭޖަރަކަށް މިހާރު ހުރި އިސްމާއިލް ސަމާހު (ދޮމްބެ)އާ އެވެ.

އެ ގޮތުން 2012 ވަނަ އަހަރު ހިސާބުގައި، ފައިރޫޒްގެ އުމުރުން 16 ނޫނީ 17 އަހަރުގައި އޭނާ އަށް، ދިމާވަނީ އޭރު މާލެ އައިސް ތިބި ބިދޭސީ މޮޅު ކުޅުންތެރިންނެވެ. އެ ކުޅުންތެރިންގެ ކުޅުން ވެސް ފެނި، ދިވެހި ވޮލީ މެޗުތައް ގަވާއިދުން ފެންނަން ފެށުމާ އެކު މަޑުމަޑުން ހިތް ލެބެމުންދިޔައީ ވޮލީ އަށެވެ.

އެހެން ދުވަސްތައް ގުނަމުން ދަނިކޮށް، ފައިރޫޒްގެ އުފަން ރަށް، ވ. ކެޔޮދޫ އަށް އަތޮޅު މުބާރާތުގައި ވޮލީ ކޯޗު، އިބްރާހިމް ޖަލީލް (ޖައްލަ)، ދިޔަ ދަތުރެއްގައި ފައިރޫޒް ފާހަގަވި އެވެ. އެއީ ފައިރޫޒް ކުޅެގެން ފެނުނު ތަފާތަކަށް ވުރެ، ތަރައްގީ ކުރެވޭނެ ހުނަރުން ފާހަގަވި ކަމަކުންނެވެ.

"ފުރަތަމަ ކޮޅުގައި ދޮމްބެ އާއި ޖައްލަ އުޅުނީ ދެން، ޖައްލަ ގެންދިޔައީ 2013 ގަ ސޮނެވާފުށްޓަށް، ރިސޯޓް ވޮލީ އަށް، އެއީ ފެށުން، އެ އަހަރު ދިޔައީ ފައިނަލަށް،" ވޮލީ ފަށައިގެން އައި ގޮތް "އަދަދު" އަށް ކިޔައިދެމުން ފައިރޫޒް ބުންޏެވެ.

2019 ވަަނަ އަހަރު މާލޭގައި ލަންކާއާ ދެކޮޅަށް ކުޅުނު މެޗެއްގެ ތެރެއިން ފައިރޫޒް.


އެ ފަހަރު ރިސޯޓް ވޮލީ ނިމުމާ އެކު، ދެން ޖެހިގެން އައި އަހަރު ވީއޭއެމްގެ 21 އަހަރުން ދަށުގެ މުބާރާތަށް ދިވެހި ސިފައިންގެ ކްލަބުން ހެދި ޓީމަކަށް ފައިރޫޒް ގެންދިޔައީ، ކޯޗު މުހައްމަދު ޝަރަފް އެވެ. ސިފައިންގެ ސީނިއާ ޓީމާ އެކު ޓްރެއިން ކުރަން ވެސް ފައިރޫޒަށް ފުރުސަތު ދިން ނަމަވެސް ދިމާވި ކަމަކާ ހުރެ، ސިފައިންގެ ޓީމާ ވަކިވީ އެވެ.

ސިފައިންގެ ޓީމުން ވަކިވުމާ އެކު ދެން ފުރުސަތު ހުޅުވުނީ ޔޫތު ސްޕޯޓްސް ކްލަބުންނެވެ. ކަންދިމާވީ ރަނގަޅަށެވެ. ޔޫތު ސްޕޯޓްސް ކްލަބްގައި ފައިރޫޒަށް ރަނގަޅަށް ކުޅެން ފުރުސަތު ލިބި މީހުން ލޮލުގައި ވެސް އޭނާ އަޅައިގަތެވެ.

އެކަމަކު، ޖެހިގެން އައި ދުވަސްތަކުގައި މާ ބޮޑު ފުރުސަތެއް ނުލިބި އަނެއްކާ ވެސް ހުންނަން ޖެހުނެވެ. އެހެން ދުވަސްތައް ގުނަމުން ދަނިކޮށް، ވީއޭއެމްގެ މިހާރުގެ ނައިބު ރައީސް އަޝްރަފް އަލީ (އަސްރާ)ގެ ހިންގުމުގެ ދަށުން އޮތް ސްޕޯޓްސް ކްލަބް ސިޓީން ފައިރޫޒަށް ފުރުސަތު ހުޅުވުނެވެ.

"އަހަރެން މީހަކަށް ހަދައިދޭން، އަސްރާ އަކީ ވަރަށް ބޮޑު ހެލްޕެއްވި މީހެއް ހަގީގަތުގައި. އެ ދުވަސްވަރު ވަރަށް ދަށްވެފައި ހުއްޓައި އަސްރާ އަތުގައި ހިފީ،" ފައިރޫޒް ބުންޏެވެ.

ސިޓީގައި ދެއްކި ކުޅުމާ އެކު، ގައުމީ ޓީމުގެ ކޯޗަކަށް 2015 ގައި ހުރި، ތައިލެންޑްގެ ސުންޓޮން ފޮސީޓާގެ ކޯޗުކަމުގައި ބިނާކުރި 23 އަހަރުން ދަށުގެ ޓީމާ އެކު ފައިރޫޒަށް ސީނިއާ ޓީމަށް ދިއުމަށް ވެސް މަގުކޮށިގެންދިޔަ އެވެ.

ގައުމީ ޓީމުން ޒުވާން ކުޅުންތެރިއެއްގެ ގޮތުގައި ފައިރޫޒް ފުރުސަތު ހޯދައި، ރަނގަޅަށް މަސައްކަތް ކުރި އެވެ. އެ މަންޒަރު ފެނި، ވީއޭއެމްގެ އެންމެ ފަހުގެ ދެ ރައީސުން ކަމަށްވާ މުހައްމަދު ލަތީފް އާއި މުހައްމަދު ރަނޭޝް (ރަނޭ)ގެ ބެލުމުގެ ދަށު އޭރު އޮތް، މޯލްޑިވިއަން ޓީމަށް ފައިރޫޒް ގެންދިޔަ އެވެ.

"މޯލްޑިވިއަންގައި އެ އަހަރު އެއް މުބާރާތް ހައެއްގައި ކުޅެފައި ދެން އޮތް ދެ މުބާރާތު ހުންނަން ޖެހުނީ ބެންޗުގައި، ދެ ވަަނަ ފަހަރަށް ވެސް މޯލްޑިވިއަން އަށް ކުޅެން ސޮއިކޮށްފައި، ހަމައެއްގޮތެއް ދިމާވީ އެއް މުބާރާތް ކުޅެފައި އަނެއް ދެ މުބާރާތް ބެންޗުގައި،" މޯލްޑިވިއަންގައި ކުޅުނުއިރުގެ ތަޖުރިބާތައް ފައިރޫޒް ކިޔައިދިނެވެ.

މިދިޔަ ފަސް ވަރަަކަށް އަހަރަަށް ބަލާއިރު، އެ މުއްދަތުގައި ފައިރޫޒް ކުރިއަރުވަން އެންމެ ބޮޑު އެހީއެއް ދިން އެއް ފަރާތަކީ، ދާދި ފަހުން ގައުމީ ޓީމުގެ ކޯޗުކަން ދެ ފަހަރެއްގެ މަތިން ކުރި މުހައްމަދު ސާޖިދު (ކާއްޓޭ) އެވެ. މޯލްޑިވިއަން ޓީމުގެ މުބާރާތްތަކަށް ފަހު، ފުވައްމުލަކު މުބާރާތެއްގައި ކާއްޓޭގެ ކޯޗުކަމުގައި ފައިރޫޒަށް ކުޅެލަން ލިބުނުއިރު، ގަވާއިދުން އެ ފަހުން ކާއްޓޭގެ އެހީތެރިކަން ވެސް ދިޔައީ ލިބެމުންނެވެ.

އޭގެ ފަހުން 2017 ވަނަ އަހަރު ސީލައިފް އަށް ކުޅެ، މާ ބޮޑު ކަމެއް ނުކުރެވި ދިޔަ ނަމަވެސް، ފަހުން 2018 ވަނަ އަހަރު ފައިރޫޒް ވަނީ ޕޮލިސް ކްލަބަށް ރަނގަޅަށް ކުޅެ، ގައުމީ މުބާރާތް ކާމިޔާބުކޮށްފަ އެވެ.

މިދިޔަ އަހަރު ލަންކާއާ ދެކޮޅަށް މާލޭގައި ކުޅުނު މެޗެއްގެ ތެރެއިން ފައިރޫޒް (ކ) އާއި ހުޒާމް.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


އޭގެ ޖެހިގެން އައި އަހަރު، 2019 ގައި ދިވެހި ސިފައިންގެ ކްލަބްގެ ހުށަހެޅުމެއް ދޫކޮށްލާފައި، ގުޑީސް ސްޕޯޓްސް ކްލަބްގައި ވެސް ފައިރޫޒް ދިޔައީ ރަނގަޅު ލެވަލަކަށް ކުޅެމުންނެވެ.

ގައުމީ ޓީމުގައި ތަޖުރިބާތައް: ފައިރޫޒް ކުރިއެރުން ހޯދީ ލިބުނު ކޮންމެ ފުރުސަތެއްގެ ބޭނުންހިފައިގެން

ބަންގްލަދޭޝްގެ ޑާކާގައި 2015 ވަނަ އަހަރު ބޭއްވި ސެންޓްރަލް ޒޯން މުބާރާތުން، ތައިލެންޑްގެ ކޯޗު ސުންޓޮންއާ އެކު ރާއްޖެ ރިހި މެޑަލް ހޯދި ޓީމުގައި ފައިރޫޒް ހިމެނެ އެވެ. އެ ފަހަރު އޭނާ އަށް ފުރުސަތު ލިބުނީ ޖޫނިއާ ކުޅުންތެރިންގެ ތެރެއިން އައި ޖާގައެއް ކަމަށްވާތީ ކުޅުމުގެ ފުރުސަތު ނުލިބެ އެވެ. އިނީ ބެންޗުގަ އެވެ.

ގައުމީ ޓީމާ އެކު ކުރި ފުރަތަމަ ތަޖުރިބާ އަށް ފަހު، ފައިރޫޒް ހުރީ ދެން ލިބޭނެ ފުރުސަތަކަށް ބަލަބަލަ އެވެ. އެކަަމަކު، 2016 ވަނަ އަހަރު ގައުމީ ކޯޗުކަމާ ހަވާލުވި ސްރީ ލަންކާގެ ކޯޗު، ސިސިރާ ކުމާރް ވެންޑަކޫންގެ ކޯޗުކަމުގައި ޓީމަށް އަރަން ފައިރޫޒަށް ނަސީބުގެ އެހީ އާއި ކެތްތެރިކަން ބޭނުންވި އެވެ.

"އެ ފަަހަރު ޓީމަށް އެރީ ނަސީބު ވެސް ރަނގަޅުވުމުންނޭ ބުނެވޭނީ، އަސްލު އިނީ ޓީމުން ކަޓާގޮތަށް، ލަންކާ ކޭމްޕް ތެރޭގައި އަހަރެން ބޭނުމެއް ނުކުރޭ އެއްވެސް ގޮތަކަށް، އެހެން އިންދައި، އަހުސަން އާއި ދިގު އައްޔަ އަށް އަނިއަކާ ހެދި އެއް ދުވަހު ނުކުޅެވުނީމަ، އެހެން އައި ފުރުސަތަކުން ޓީމަށް އެރީ،" ފައިރޫޒް ބުންޏެވެ.

"އަހުސަން އާއި ދިގު އައްޔަ ނުކުޅޭތީ، ދެން އެ ދުވަހު މެދަކަށް ތިބީ މަށާއި އަނިލް، އޭނަ އަށް އިތުރު ގޮތެއް ނެތް، ކުޅުވަން ޖެހިއްޖެ، ލަންކާގެ އާމީއާ ދެކޮޅަށް ކުޅެން ޖެހުނީ، އެ ދުވަހު އަހަންނަށް އަރައި ވަރަށް ރަނގަޅު ބްލޮކްތަކެއް ކުރެވުނު، ދެން ތިބި މީހުންނަށް އެ ހިސާބުން އަހަންނާ ހެދި ތުރެޓް ބޮޑުވެއްޖެ، ކުރިން މަށަކީ ތުރެޓެއް ނޫން. އެ ފަހަރު ޓީމަށް އެރީ، ބްލޮކް ރަނގަޅުވެގެންނޭ ބުނެވިދާނެ. އެ ފަހަރު ބްރޮންޒް ލިބުނު ޓީމުގައި ވެސް ހުންނާނެ،"

ވެންޑަކޫން އަށް ފަހު ގައުމީ ކޯޗުކަމާ ހަވާލުވީ ޝަރަފް އެވެ. އެ ގޮތުން 2017 ވަނަ އަހަރު މާލޭގައި ހޯސްޓްކުރި ސެންްޓްރަލް ޒޯން މުބާރާތުގައި ޝަރަފްގެ ކޯޗުކަމުގައި ފައިރޫޒަށް ކުޅެން ފުުރުސަތު ދިނެވެ.

"ޝަރަފް ބުނާނެ މެޗަށް މި ލަނީ ވަކި މީހެއް ވީމައެއް ނޫނޭ މޮޅުވީމައޭ، އަހަންނަށް ހަމަ ލިބުނު ހަމަ ގިނަ މީހުންނެކޭ އެއްވަރަށް ކުޅެން. ބެންޗުން ފަށާ ދުވަސް ވެސް ދާނެ، ހައެއްގައި ކުޅޭ ދުވަސް ވެސް އަންނާނެ،" 2017 ވަނަ އަހަރުގެ މުބާރާތުގެ ހަނދާން އާ ކުރަމުން ފައިރޫޒް ބުންޏެވެ.

އިންޑިއާގެ ހައިދަރުއާބާދާ ދެކޮޅަށް މާލޭގައި ކުޅުނު މެޗެއްގެ ތެރެއިން ފައިރޫޒް (ވ) އާއި ކުޑަކާއްޓެ ބްލޮކްއަކަށް އަރައި.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ޝަރަފަށް ފަހު ދެން ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ ކާއްޓޭ އެވެ. ޝަރަފެކޭ އެއްގޮތަށް ކާއްޓޭ އަކީ ވެސް ފައިރޫޒްގެ ކެރިއަރުގައި އެހީތެރިވެދިން ފަރާތެއް ކަމަށްވާތީ، ފައިރޫޒަށް އޮތް އިތުބާރު ވެސް ބޮޑުވި އެވެ.

އެކަމަކު، ކާއްޓޭ ހަވާލުވުމަކީ ހަމައެކަނި ފައިރޫޒަށް އޮތް ހިތްހަމަޖެހުމަކާއި ލިބުނު ފުރުސަތަކަށް ވުރެ، އޭނާ އަށް މުހިންމުވީ މުޅި ޓީމަށް ކާއްޓޭ ގެނައި ބަދަލެވެ.

"ކާއްޓޭ ޓީމާ ހަވާލުވި ހިސާބުން ޓީމު ޓީމެއްގެ ގޮތުގައި ކުރިއެރި، އެއީ މީހުން ބޭނުންވާ ގޮތަކަށް އުޅޭކަށް ފުރުސަތެއް ނެތް، އަސްލު، އެ ޑިސިޕްލިން އައި، އަސްލު ހަގީގަތަށް ބުނަންޏާ ގައުމީ ޓީމެއް ޓީމެއްގެ ގޮތުގައި ކުރިއެރި، ކާއްޓޭ އައި ފަހުން. ފަހަރަކަށް ވުރެ ފަހަރެއް ކާއްޓޭގެ ކޯޗުކަމުގައި ދިޔައީ ކުރިއަރަމުން،" 2018 އިން ފެށިގެން ކާއްޓޭ ގައުމީ ޓީމާ އެކު ކުރި މަސައްކަތަށް އިޝާރާތްކޮށް ފައިރޫޒް ބުންޏެވެ.

ވިހި އަހަރަށް ވުރެ ތަޖުރިބާ ބޮޑު، ދުނިޔޭގެ ވޮލީގެ އެންމެ މަތީ ފަންތީގެ ހޫނުގައި ވެސް މަސައްކަތް ކޮށްފައިވާ ސާބިއާގެ ކޯޗު މިލޮރަޑް ކިޔާޗް، 2019 ވަނަ އަހަރު ކުރީކޮޅު ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ ރާއްޖޭގެ ވޮލީ "އެއް ހަރުފަތް" މައްޗަށް ގެންދެވޭނެ ކަމުގެ އަމާޒުގަ އެެެވެ.

ފައިރޫޒް ބުނީ މިލޮރަޑް އަކީ މޮޅު ކޯޗެއް ކަމަށާއި އެކަމަކު، އޭނާ މަސައްކަތް ކުރަން ޖެހުނު މުއްދަތު ކުޑަވުމާއި ކޮވިޑް-19ގެ ތެރޭގައި އެ އައި ހުއްޓުމުގެ ތެރެއިން އޭނާ އަށް ބޭނުންވާ ކަންކަން ނުކުރެވި ދާން ޖެހުނީ ކަމަށެވެ.

ސާބިއާ ކޯޗާ އެކު ކުރި ތަމްރީންތަކުގެ ތެރެއިން ފައިރޫޒަށް ދަސްވި ހާއްސަ ކަމެއް އެބައޮތެެވެ.

"އަމިއްލަ ނަފްސަށް ވިސްނާލީމަ އެނގިއްޖެ މިކަން ވާނީ ވަރަށް މަސައްކަތް ކޮށްގެންކަން. ދެން ފެށީ ކުރިން ނުކުރާ ވަރަށް މަސައްކަތްކުރަން، ކުރިން އެހެން އުޅޭއިރު، ޕްރެކްޓިހެއް ވައްޓާލަން، މިހާރު ހަމަ އެއްވެސް ވަރަކަށް އެކަމެއް ނެތް، ޖިމް ތެރެއިން ވެސް، ކެންސަލްވާ ދުވަހުގެ ބަދަލުގައި އަމިއްލަ އަށް ގޮސް ވެސް އެ ސެޝަން ވެސް ނަގަން، މިހާރު މި ހުރި ކޯޗު (ބްރެޒިލްގެ ސާޖިއޯ ވެލޯސް) އެ ގޮތަށް ވަރަށް ސަޅި، ގެއްލޭ ސެޝަން ނަގުވާ، އެހެންވީމަ ދަށެއް ނުވާނެތާ،" ފައިރޫޒް ބުންޏެވެ.

ނޭޕާލްގެ ކަތުމަންޑޫ އާއި ޕޮކާރާގައި 2019 ވަނަ އަހަރު ބޭއްވި ސައުތު އޭޝިއަން ގޭމްސް އަށް ފަހު އައިސް 2020 ވަނަ އަހަރުގެ ކުރީކޮޅުގައި ކުޅުމަށް ފަހު، ދެން އައި ކޮވިޑް-19ގެ ބްރޭކުގެ ތެރޭގައި ކުޅިވަރުތަކަށް ބޮޑު ހުއްޓުމެއް އަ އެވެ. ކުޅިވަރުތައް މެދުކަނޑާލަން ޖެހުނު ބްރޭކުގެ ތެރޭގައި ގިނަ ކުޅުންތެރިންގެ ފިޓްނަސް އަށް އަސަރުކުރި އެވެ. ނުކުޅެ ހުންނަން ޖެހުމުން، ހަށިގަނޑަށް ވެސް ބޮޑެތި ބަދަލުތަކެއް އަ އެވެ.

"ކޮވިޑް-19ގެ ކުރިން އަހަރެންގެ ހުންނާނީ 77 ނޫނީ 78 ކިލޯ، ކޮވިޑް ތެރޭ 100 ނޫނީ 98 ވަރު، އެނބުރި ކޯޓަށް އައިސް ޖޯޒީ ލީމަ ހީވަނީ ބެއާއެއް ހެން، ބަންގްލަދޭޝް މެޗު ކުޅެން ފެށީމަ އައިސްފި، 87 އަށް، ކުޅެން ފެށީމަ ވަރަށް އަވަހަށް ދާނެ. މިހާރު ދެން، އިތުރަށް ލުޔެއް ނުވޭ، އެއީ ޖިމް ޖައްސާފައި މެއިންޓެއިން ކުރާތީ،" ކޮވިޑަށް ފަހު އެނބުރި އައިގޮތް ކިޔައިދެމުން ފައިރޫޒް ބުންޏެވެ.

ގައުމީ ޓީމުގެ ޕްރެކްޓިހެއްގެ ތެރެއިން ފައިރޫޒް (ކ).-- ފޮޓޯ: އަދަދު


ކުުރު މުއްދަތެއްގެ ތެރޭގައި ކުރިން ހުރި ލެވަލަށް އަންނަން ފައިރޫޒް ކުރި މަސައްކަތުގައި އާއިލާ އާއި އެކުވެރިންގެ އެހީތެރިކަން ލިބުނީތީ އޭނާ އެކަން ވަރަށް ބޮޑަށް ފާހަގަކުރެ އެެވެ.

ގައުމީ ކޯޗު ސާޖިއޯއާ މެދު އުންމީދު ބޮޑު

ދުނިޔޭގެ ވޮލީބޯޅަ ފެޑެރޭޝަން، އެފްއައިވީބީ އާއި ސަރުކާރުގެ އެހީއާ އެކު ބްރެޒިލްގެ ފެންވަރު ރަނގަޅު ކޯޗު ސާޖިއޯ ވެލޯސޯ ގައުމީ ޓީމާ ގުޅުނީ މީގެ ފަސް މަސް ކުރިންނެވެ.

ސާޖިއޯ ދާދި ފަހުން "އަދަދު" އަށް ދިން އިންޓަވިއުގައި ވެސް ފާހަގަކުރި އެއް ކަމަކީ އޭނާ ބޭނުންވާ ފެންވަރުގެ ވޮލީބޯޅައެއް ކުުޅުވަން ޓީމުގެ ފިޓްނަސް މައްޗަށް ޖައްސާލަން ޖެހޭ ކަމެވެ.

ފައިރޫޒް ބުނީ ސާޖިއޯއާ އެކު ކުރެވުނު މަސައްކަތުގައި ފިޓްނަސް އަށް އެހާ ބޮޑު އަހައްމިއްޔަތުކަމެއް ދިނުމުގެ ނަތީޖާ ނިމިދިޔަ ވޮލީބޯޅަ ސީޒަނުގައި ފެނިފައިވާ ކަމަށެެވެ. ގާތްގަނޑަކަށް 45 ދުވަހު އުނދަގޫ ޝެޑިއުލެއްގެ ތެރެއިން، ތިން މުބާރާތެއްގެ ވަރުގަދަ ގިނަ މެޗުތަކެއް ގާތްގާތުގައި ކުޅެން ޖެހުމުން ވެސް ބޮޑު އިންޖަރީއެއް ނުފެނި ކުޅުންތެރިންނަށް ކުޅެވުނީ، ކޯޗު ސާޖިއޯ ހުއްޓައިނުލައި ނަގަމުން އަންނަ ފިޒިކަލް/ޖިމް ސެޝަންތަކުގެ ސަބަބުން ކަމަށެވެ.

"މިހާރު ވެސް އެންމެން (ގައުމީ ސްކޮޑުގެ ކުޅުންތެރިން) ތިބީ ވަރަށް ފިޓްކޮށް، އެކަން މިދިޔަ މުބާރާތްތަކުގައި ފެނިއްޖެ، އެ މީހުން (ދިވެހި ކުޅުންތެރިން ތަފާތެއް ގެންނަން) ޕާފޯމްކުރި ޓީމަށް ފައިދާހުރި ގިނަ ކަންތައްތަކެއް ވެސް ކުރި. މިސާލަކަށް ކޮންމެ ޓީމެއްގައި ވެސް ޓީމު ޓީމެއްގެ ގޮތުގައި ހިފަހައްޓަނީ ދިވެހި ކުޅުންތެރިން،" ފައިރޫޒް ބުންޏެވެ.

"މުބާރާތްތައް ކުޅެމުންދިޔައިރު، ގައުމީ ޓީމުގެ އެންމެން ދިޔައީ ކޯޗާ އެކު ޖިމް ސެޝަން ނަގަމުން، އެހެންވީމަ ފިޒިކަލީ ޓީމު ރަނގަޅީ، ޝޮޓެއް ޖަހާލީމަ ކޮނޑަށް ތަދުވެގެން އުޅޭކަށް މި ފަހަރު އެހާ ބޮޑަށް ނުޖެހުނު ގިނަ މީހުން،"

ފައިރޫޒަށް މި ފަހަރުހެ ވޮލީބޯޅަ ސީޒަނުގައި ކުޅުނުއިރު، ރަނގަޅު ކުޅުން ދައްކައި، ދެ މުބާރާތެއްގެ ޑްރީމް ޓީމުގައި ހިމެނެން ފަސޭހަވި ސަބަބަކީ، އެ ޓީމުގައި ތިބި އަބަދުވެސް އެހީވާ ކުޅުންތެރިންގެ އެއްބާރުލުމެވެ. އެ ގޮތުން އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އާއި އިބްރާހިމް އާދިލް (ކޮއްކޮ) އެވެ. ފައިރޫޒް ބުނީ އަބަދުވެސް ކުޑަކާއްޓެ އާއި އާދިލްގެ އެހީ ލިބޭ ކަމަށެވެ.

މި ސީޒަނަކީ ރާއްޖޭގެ ވޮލީގައި ތަފާތު ފަހަރެކެވެ. އިންޑިއާގެ ޕްރައިމް ވޮލީބޯޅަ ލީގުގައި ކުޅޭ މޮޅު 18 ކުޅުންތެރިން ޑްރާފްޓް ސިސްޓަމެއްގެ ތެރެއިން ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ހަ ކްލަބަކަށް ބަހައިގެން ކުޅުނުއިރު، ފަސޭހައޭ ބުނެވޭނެ މެޗެއް ނުފެނެ އެވެ. ފައިރޫޒް ބުނީ ފަސޭހަކޮށް ނަގައިގެން "އަރާމްކޮށްލެވޭނެ" މެޗެއް މި ފަހަރު ނެތް ކަމަށެވެ.

މި ފަހަރުގެ ވޮލީ ސީޒަންގެ މެޗެއްގެ ތެރެއިން ފައިރޫޒް.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


މިދިޔަ އަހަރުތަކުގައި ލޯކަލް ވޮލީ އާއި ގައުމީ ޓީމުން މާލޭގައި ކުޅުނު އެކުވެރިކަމުގެ މެޗުތަކުގައި އެންމެ ބޮޑު ކުރިއެރުމެއް ފެނުނު އެއް ކުޅުންތެރިއަކީ ފައިރޫޒް އެވެ. ފައިރޫޒް ކުޅޭ މަގާމަކީ އާންމު ގޮތެއްގައި ދިވެހި ޓީމަށް ފާޑުކިޔުން ވެސް އަމާޒުވާ މަގާމެކެވެ. އޭނާގެ އަމާޒަކީ މަޑުމަޑުން އިތުބާރު ހޯދައި އެކަން ބަދަލުކުރުމެވެ.

"އަސްލު ކިޔަނީ (ގައުމީ ޓީމު ދަށްވާ ސަބަބަކީ) ޑިފެންސް ނުވަނީއޭ ބްލޮކްނުވަނީއޭ، ދެން، މި ފަހަރު ވަރަށް ފޯކަސް އެބަކުރަން، މެދު މީހުންތައް އެބަ ތައްޔާރުވޭ، އަހަރެމެން ފަރާތުން ތަފާތެއް ގެނެވޭނެ ކަންތައްތައް ކުރަން، މިހާރު ހީވޭ މީހުންނަށް ވެސް ފެންނަހެން އެކަން، މެދު މީހުންތައް ރަނގަޅުވާހެން،" ފައިރޫޒް ބުންޏެވެ.

"ކުރިން ރާއްޖޭގެ މެޗެއް ކުޅޭއިރު، މެދަކުން ނުޖަހާނެ، މެދުން ވައްޓާލާނީ، މެދަށް ދީފާނެ މެޗަކުން އެކަތި، އެކަމަކު، މިހާރު ސީދާ ކުޅުންތެރިން ވެސް، ކޯޗުން ވެސް، ބުނާނެ މެދުން އެޓޭކްކޮށް، ބްލޮކަރުން މައިތިރިކުރާށޭ، އޭރުން އައުޓްސައިޑަށް ފަސޭހަވާނެއޭ، މެދަކީ ވެސް މުހިންމުކޮށް ކުޅޭތަނެއްކަން ވެސް މިހާރު އެބަފެނޭ. އުންމީދުކުރަނީ. މިއީ ރަނގަޅު ބަދަލެއްކަމަށް،"

ގައުމީ ކޯޗު ސާޖިއޯ މިހާރު ކަންކަން ގެންދަނީ އެންމެ ޕްރޮފެޝަނަލް ލެވަލްގައި ކަަމަށް ފައިރޫޒް ވަނީ ބުނެފަ އެވެ. މީގެ ފައިދާ މަޑުމަޑުން ގައުމީ ޓީމުން ފެންނައިރު، ދުރުރާސްތާ ވިސްނުމަކުން ބަލާއިރު، ޓީމު ތިބި ޒުވާން ކުޅުންތެރިންނަށް ވެސް ތަފާތު ދެއްކޭނެ ކަމަށް ފައިރޫޒް ގަބޫލުކުރެ އެވެ.

މި ވަގުތު ފައިރޫޒް ހުރި ލެވަލަކީ ކެރިއަރުގައި އޭނާ އަށް ކުރިއެރުން އިހުސާސްކުރެވޭ ހިސާބެކެވެ. އެކަމަކު، މިއީ އަދި ނިމުމަކަށް ވުރެ ބޮޑަށް އޭނާ ބޭނުމީ ފެށުމަކަށް ހެދުމަށެވެ.

"ކުރިން ހުރި ލެވަލް އަށް ވުރެ ހިއްލާލެވިއްޖެ، އަދި ޕީކަކަށް ނުދެވޭ، އަދި ޓާގެޓް އެބައޮތް މި އަށް ވުރެ ކުޅުން ރަނގަޅުކުރަން. އެއީ މި އަށް ވުރެ ރަނގަޅު ނުކޮށެއް، އަހަރެން މި ހުރި ލެވަލަށް ވުރެ ރަނގަޅުވެގެން ނޫނީ ސެންޓްރަލް ޒޯނުން ކާމިޔާބު ހޯދަން އުނދަގޫވާނެ. އެއީ މިހާރު ޓީމުތަކުން ސެންޓަ ބޮޑަށް ބޭނުންކުރާތީ،"

ގައުމީ ޓީމާ އެކު ފައިރޫޒް ވަނީ ސެންޓްރަލް ޒޯންގައި ރިހި މެޑަލާއި ލޯ މެޑަލް ހޯދައިފަ އެވެ. ރާއްޖޭން ވޮލީގައި ގިނަ ބަޔެއް ދެކެން އެންމެ ބޭނުންވަނީ ރަން މެޑަލެއް ހޯދާ ދުވަހެވެ. އެ ފަދަ ޓާގެޓެއްގައި މަސައްކަތްކުރާއިރު، ފައިރޫޒް ފަދަ ކުޅުންތެރިން ކުރިއަރައިގެން ސަރަހައްދީ ލެވަލްގައި މޮޅަށް ކުޅުން މުހިންމެވެ.