Advertisement

ބޭލް އެމެރިކާ ޓީމަކަށް ދިޔައީ ޗުއްޓީ އަކަށް ނޫން

11 ޖުލައި 2022 - 09:02 0


ބޭލް އެމެރިކާ ޓީމަކަށް ދިޔައީ ޗުއްޓީ އަކަށް ނޫން

11 ޖުލައި 2022 - 09:02 0

ލޮސް އެންޖެލްސް (ޖުލައި 11) - އެމެރިކާގެ މައި ފުޓްބޯޅަ ލީގު، މޭޖަ ލީގު ސޮކާ (އެމްއެލްއެސް)ގެ ކްލަބް ލޮސް އެންޖެލްސް އެފްސީ (އެލްއޭ އެފްސީ)އާ ގުުޅުނީ ޗުއްޓީއެއްގެ ވިސްނުމުގައި ނޫން ކަމަށް ވޭލްސްގެ ކެޕްޓަން، ގަރެތު ބޭލް ބުނެފި އެވެ.

ބޭލް 32، އެންމެ ފަހުން ކުޅުނު ކުލަބު ރެއާލް މެޑްރިޑާ އެކު ހަދާފައިވާ ކޮންޓްރެކްޓް މިދިޔަ ސީޒަންގެ ނިޔަލަށް ހަމަވިއިރު، ގިނަ ޓީމުތަކެއްގެ ހުށަހެޅުން އޭނާ އަށް ލިބިފައި އޮތެވެ. އެކަމަކު، ހުރިހާ ގޮތަކުން ވިސްނާފައި ބޭލް ނިންމީ އެލްއޭ އެފްސީއާ ގުޅޭށެެވެ.

ބޭލް ބުނީ ޒޫމް މެދުވެރިކޮށް ކުރި ކޯލަކަށް ފަހު އެލްއޭ އަށް ސޮއިކުރަން ނިންމީ އެ ކްލަބްގެ ފުޓްބޯޅަ ޕްރޮޖެކްޓްގައި ގަޔާވާ ކަންތައްތަކެއް ހުރުމުން ކަމަށެވެ.

"އަހަރެން ބޭނުން މި ކްލަބަށް، މި ކްލަބްގައި ތިބި ޒުވާން ކުޅުންތެރިންނަށް އެހީވާން، މި ކްލަބްގެ ފުޓްބޯޅަ ޕްރޮޖެކްޓް ވަރަށް ރަނގަޅު، އަހަންނަށް މީގެ ފެނުނީ ވަރަށް ރަނގަޅު ވިސްނުމެއްގައި ހިންގަން ފަށާފައި އޮތް ކްލަބެއް، އެލްއޭ އެފްސީ އަކީ މުސްތަގުބަލު އޮތް ޓީމެއް،" ބޭލް ބުންޏެވެ. "މިއީ އެއް އަހަރުގެ ކޮންޓްރެކްޓެއް ވިޔަސް، މިއީ ޗުއްޓީއެއް ނޫން، އަހަރެންގެ ވެސް ޕްލޭންތަކެއް އެބައޮތް،"

އެލްއޭ އެފްސީއާ އެކު ބޭލް ސޮއިކުރީ 1.6 މިލިއަން ޑޮލަރުގެ ކޮންޓްރެކްޓެއްގަ އެވެ. އެއީ ދެ ވަނަ އަހަރަށް ކޮންޓްރެކްޓް އާ ކުރާނަމަ މުސާރަ ބޮޑުވާ ގޮތަށެވެ. ބޭލް ރެއާލްގައި ހުރީ އަހަރަކު މުސާރައިގެ ގޮތުގައި 25-30 މިިލިއަން ޑޮލަރު ލިބޭ ކޮންޓްރެކްޓެއްގަ އެވެ. އެހެންކަމުން، އެލްއޭ އެފްސީއާ ގުޅެން އޭނާ މި ވަނީ ވަރަށް ބޮޑުތަނުން މުސާރަ ކުޑަކޮށްފަ އެވެ.

ގަތަރުގައި މި އަހަރު ފަހުކޮޅު ބާއްވާ ފީފާ ވޯލްޑް ކަޕަށް ވޭލްސް ގޮވައިގެން ދާއިރު، ބޭލްގެ ވިސްނުމަކީ އެމެރިކާ ލީގުގައި ލިބޭ ތަޖުރިބާތަކުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށެވެ.

"ރަނގަޅު މެޗުތަކެއް ކުޅެލަން ލިބުން އެ އަހަންނަށް ވަރަށް މުހިންމު ކަމެއް، އެމެރިކާ ލީގު އަހަރެން ކުރިން ވެސް ބަލަން، މި މާހައުލު މިއަދު ފެނިފައި، އަހަރެން ވަރަށް ޝައުގުވެރިވެއްޖެ، މިހާރު ވެސް މި ކުރެވެނީ އަމިއްލަ ގެއަކަށް އައުމުން ކުރެވޭ ކަހަލަ އިހުސާސެއް،" އެލްއޭ އެފްސީގެ ސަޕޯޓަރުން އޭނާ އަށް ކީ މަރުހަބާ އަށް އިޝާރާތްކޮށް ބޭލް ބުންޏެވެ.

ޓޮޓެންހަމް ހޮޓްސްޕާސް އިން ވިދާލި ބޭލް، 2013 ވަނަ އަހަރު 100 މިލިއަން ޔޫރޯ (106 މިލިއަން ޑޮލަރު)ގެ ޓްރާންސްފާ ފީއެއްގައި ރެއާލާ ގުޅުނެވެ. ބޭލް ވަނީ ރެއާލާ އެކު ޖުމްލަ 19 ތަށި ހޯދައިފަ އެވެ. އޭގެ ތެރޭގައި ޗެމްޕިއަންސް ލީގު ފަސް ފަހަރު އަދި ސްޕެނިޝް ލީގު (ލަލީގާ) ތިން ފަހަރު ހިމެނެ އެވެ.

ރެއާލްގައި ހޭދަކުރި ނުވަ އަހަރުގެ ތެރޭގައި، ބޭލް ވަނީ ތާރީހީ ލަނޑުތަކެއް ވެސް ޖަހައިފަ އެވެ. އޭގެ ތެރޭގައި، 2018 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުމެ، ލިވަޕޫލް ކޮޅަށް ޖެހި ދެ ލަނޑު ހިމެނެ އެވެ. މީގެ އިތުރުން، 2014 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި އެތުލެޓިކޯ މެޑްރިޑް ކޮޅަށް އިތުރު ވަގުތުގައި ބޭލް ޖެހި ލަނޑު ވެސް ފާހަގަކޮށްލެވެ އެވެ.