Advertisement

ރާއްޖޭން ގަތް ކޮވިޑް ވެކްސިންގެ އަދަދު ހާމަ ނުކުރި!

10 ޖުލައި 2022 - 16:01 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

މިނިސްޓަރު އަހްމަދު ނަސީމް: ރާއްޖޭގައި ވެކްސިންގެ ދަތިކަމެއް ކުރިމަތިނުވާނެ ކަމުގެ ޔަގީންކަން މިނިސްޓްރީން އަބަދުވެސްދޭ--- ފޮޓޯ: އަދަދު


ރާއްޖޭން ގަތް ކޮވިޑް ވެކްސިންގެ އަދަދު ހާމަ ނުކުރި!

10 ޖުލައި 2022 - 16:01 0

ކޮވިޑުން ދިފާއުވުމަށް ޖަހަމުންދާ ވެކްސިންގެ ތެރެއިން ރާއްޖެއިން ގަތީ ކިހާ އަދަދެއްގެ ވެކްސިނެއްކަން ހާމަ ނުކުރާނެ ކަމަށް ހެލްތް މިނިސްޓްރީން ބުނެފި އެވެ.

ކޮވިޑުން އަރައިގަތުމަށް ވެކްސިނޭޝަން ޕްރޮގްރާމް ރާއްޖޭގައި މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ފެށީ އިންޑިއާއިން ހަދިޔާކުރި 200،000 ޑޯޒުންނެވެ.

އޭގެ އިތުރަށް ރާއްޖެ އިން ވަނީ ޖުމްލަ 1،000،000 ޑޯޒަށް ފައިސާ ދައްކައިފަ އެވެ. އެއީ ސިންގަޕޫރުގެ އެސްޓްރާ ޒެނިކާ އަށް 700،000 ޑޯޒާއި އިންޑިއާގެ ސިރަމް އިންސްޓިޓިއުޓަށް 300،000 ޑޯޒަށެވެ.

މީގެ ތެރެއިން ރާއްޖެއަށް ލިބުނީ އިންޑިއާއަށް ފައިސާ ދެއްކި ވެކްސިންގެ ތެރެއިން 100،000 ޑޯޒެވެ. ބާކީ 200،000 ލިބުނުކަމެއް ހާމައެއް ނުކުރެ އެވެ.

މީގެ އިތުރުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯއިން އިސް ނަގައިގެން ފެށި ކޮވެކްސް ފެސިލިޓީން ރާއްޖެއަށް ލިބުނު ވެކްސިންގެ އިތުރުން ސަރުކާރުން ގަތް ވެކްސިންގެ އަދަދާ ގުޅިގެން މިނިސްޓްރީން ބުނީ އެއީ މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ދަށުން ދޫކުރެވެން ނެތް މައުލޫމާތު ކަމަށާއި އެ މައުލޫމާތު ހާމަ ނުކުރާނެ ކަމަށެވެ.

"ރާއްޖޭގެ ސަރުކާރުގެ ފަރާތުން ގަނެފައިވާ އެއްވެސް ވެކްސިނެއްގެ މައުލޫމާތެއް ހިމެނިފައެއް ނުވާނެ. ސަބަބަކީ އެ މައުލޫމާތު ހޯދާފައި ވަނީ ހާމަ ނުކުރާނެ ކަމަށް އެއްބަސްވެގެން ކަމުގައި ވުމުން،" މިނިސްޓްރީން ބުންޏެވެ.

އެ އެއްބަސްވުމުގައި ވިޔަފާރީގެ ސިއްރު ހިމެނޭ ކަމަށާއި އެ މައުލޫމާތު ހާމަކޮށްފިނަމަ ވިޔަފާރީގެ ތިންވަނަ ފަރާތުގެ މާލީ މަސަލަހަތަށް ނުރަނގަޅު އަސަރު ކުރާނެ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

ކޮވިޑު ވެކްސިނާ ގުޅޭގޮތުން ހެލްތު މިނިސްޓްރީން ފޯރުކޮށްދީފައިވާ މައުލޫމާތަށް ބަލާއިރު، ކޮވެކްސް ފެސިލިޓީގެ ފަރާތުން ރާއްޖެއަށް ލިބިފައި ވަނީ ޖުމްލަ 581،770 ޑޯޒެވެ. މިއީ ހިލޭ ލިބިފައިވާ އަދަދެވެ.

  • އިންޑިޔާގެ ކޮވިޝިލްޑްގެ 12،000 ޑޯޒް
  • ފައިޒާގެ 445،770 ޑޯޒް
  • އެސްޓްރަޒެނިކާގެ 124،000 ޑޯޒް

ކޮވެކްސް ފެސިލިޓީގެ ބޭރުން ހިލޭ ލިބިފައިވާ ކަމަށް މިނިސްޓްރީން ބުނީ:

  • އިންޑިޔާއިން ރާއްޖެއަށް ހަދިޔާކުރި 200،000 ޑޯޒްގެ ކޮވިޝީލްޑް ވެކްސިން
  • ޗައިނާއިން ރާއްޖެއަށް ހަދިޔާކުރި 200،000 ޑޯޒްގެ ސިނޯފާމް ވެކްސިން

މީގެ އިތުރުން އަމިއްލަ ފަރާތްތަކުން ހަދިޔާކުރި ވެކްސިންވެސް ލިބުނު ކަމަށް މިނިސްޓްރީން ބުންޏެވެ.

  • ޗައިނާގެ ސިނޯފާމް 50،200 ޑޯޒް
  • އިންޑިޔާގެ ކޮވިޝީލްޑް 60،00 ޑޯޒް

ހަތަރުވަނަ ޑޯޒް ފެށީ ވެކްސިންގެ އާ ޝިޕްމަންޓެއް ލިބުމުން!

ރާއްޖޭގައި ކޮވިޑުން ދިފާއުވުމަށް އިތުރު ޑޯޒެއް ޖަހަން ފަށާފައި ވަނީ މިދިޔަ މަހުގެ 22ގަ އެވެ. އެއީ 12 އަހަރާއި 17އަހަރާއި ދެމެދުގެ ކުދިންނަށް ކޮވިޑް ވެކްސިންގެ ތިން ވަނަ ޑޯޒަކާއި 18 އަހަރުން މަތީ މީހުންނަށް ކޮވިޑް ވެކްސިންގެ ހަތަރު ވަނަ ޑޯޒެކެވެ.

މިނިސްޓްރީން ބުނީ އިތުރި ޑޯޒެއް ފެށީ ވެކްސިންގެ އާ ޝިޕްމަންޓެއް ލިބުމުން ކަމަށެވެ. އޭގެ މައުލޫމާތު ހޯދުމަށް ދެ ހަފްތާ ވަންދެން ކުރި މަސައްކަތުންވެސް ވަނީ ލިބޭގޮތް ނުވެފަ އެވެ.

އެހެން ކަމުން އެއީ ރާއްޖެއިން ގަތް ވެކްސިން ކަމެއް ނުވަތަ ހިލޭ ލިބުނު ވެކްސިން ކަމެއް ސާފެއް ނުވެ އެވެ.

އެޗްޕީއޭއިން އެންމެ ފަހުން އާންމު ކޮށްފައިވާ ވެކްސިންގެ މައުލޫމާތު ތަކަށް ބަލާއިރު، ފުރަތަމަ ޑޯސް 398،910 މީހުން ޖަހާފައިވެ އެވެ. އެއީ ރާއްޖޭގެ އާބާދީގެ 88.10 ޕަސެންޓު މީހުންނެވެ.

ދެވަނަ ޑޯޒް 384،595 މީހުން ޖަހާފައި ވާއިރު އެއީ އާބާދީގެ 84.94 ޕަސެންޓް މީހުންނެވެ. އަދި ބޫސްޓާ ޑޯޒް ޖަހާފައި ވަނީ އާބާދީގެ 36.34 ޕަސެންޓެވެ. އެއީ 164،555 މީހުންނެވެ. އަދި ބޫސްޓާގެ ދެވަނަ ޑޯޒް ޖެހީ 405 މީހުންނެވެ.