9 ޖުލައި 2022 - 11:03 0
އައްޒާމް އަލިފުޅު
މި ފަހަރުގެ ވޮލީބޯޅަ ސީޒަނުގެ މެޗެއްގެ ތެރެއިން ޕޮލިހުގެ ޝާމިލް ޕޮއިންޓެއް ލިބުމުން އުފާފާޅުކުރަނީ.-- ފޮޓޯ: އިމޭޖަސް.އެމްވީ
9 ޖުލައި 2022 - 11:03 0
މީގެ ތިން ވަރަަކަށް އަހަރު ކުރިން ޕޮލިސް ކްލަބުން ރަނގަޅު ޒުވާން ކުޅުންތެރިންތަކެއް ރަށްރަށުން ހޯދައިގެން، ޓީމެއް ބިނާކުރުމުގެ މަސައްކަތް ފެށި އެވެ. އޭގެ ތެރެއިން ހާސިލްކުރެވިފައިވާ ހިސާބެއް ބެލުމާއި، ދެން ކުރިއަށްދެވޭނެ ގޮތްތަކެއް ހޯދުމުގެ ބޭނުމުގައި މިދިޔަ އަހަރުގެ އޮގަސްޓް މަހު، ނުވަ ވަނަ ދުވަހު، ހުޅުމާލޭ ވޮލީ ކޯޓުގައި ޕޮލިސް ކްލަބްގެ ޖޫނިއާ ޓީމާއި ސީނިއާ ޓީމެއްގެ މެޗެއް ބޭއްވި އެވެ. އެ މެޗު ބަލަން ދައުވަތުދީ އެ ދުވަހުގެ، ޝަރަފްވެރި މެހެމާނަކީ ވީއޭއެމްގެ ރައީސް މުހައްމަދު ރަނޭޝް (ރަނޭ) އެވެ.
އެ މެޗަށް ފަަހު ރަނޭގެ ސިކުނޑީގައި ކުރެހުނު އެއް މަންޒަރަކީ، ޒުވާން ކުޅުންތެރިންގެ ވަރުގަދަ ޕޫލެއް ހަދައިގެން، އެ ކުޅުންތެރިން ޑިވެލޮޕްކޮށް، އަހަރުތަކެއް ވަންދެން ގައުމީ ޓީމު ތަމްސީލްކުރާނެ ކުޅުންތެރިންތަކެއް އުފެއްދުމެވެ.
އެ ގޮތުން އެ މަސައްކަތް ފަށައި، "ވޮލީބޯލް އެކްސަލަންސް ޕްރޮގްރާމް"ގެ ނަމުގައި ޕްރޮޖެކްޓެއް ފެށީ 23 އަހަރުން ދަށުގެ ކުޅުންތެރިންނަށް ހާއްސަކޮށްގެންނެވެ. މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ފެށި އެ ޕްރޮގްރާމްގައި އިސްކޮށް ބެހެއްޓީ، ޕޮލިހުގެ ކޯޗު ފަތުހުﷲ ވަހީދު (ފައްލޯ) އާއި ދިވެހި ސިފައިންގެ ކްލަބްގެ ތަރި، އަދި ކޯޗިންގައި ވެސް ތަޖުރިބާތަކެއް ހޯދަމުން އަންނަ، އަހުމަދު އަބްދުލް ކަރީމް (ލޯންގޭ) އެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު 25 ވަނަ ދުވަހުގައި ވީއޭއެމް އިން ފެށި އެކްސަލަންސް ޕްރޮގްރާމް ލޯންޗްކުރުމުގެ ތެރެއިން.-- ފޮޓޯ: ވީއޭއެމް
ތިރީސް ކުޅުންތެރިންގެ ސްކޮޑެއް ނަަގައި، އެކްސަލަންސް ޕްރޮގްރާމެއް މީގެ އަށް މަސް ކުރިން ފަށައި، ވަކި ހިސާބަކާ ހަމައިން މެދުކަނޑާލަން ޖެހުނު ނަމަވެސް ނިމިދިޔަ ދެ މަހެއްހާ ދުވަހު ފެނުނު ގައުމީ ލެވަލްގެ ތިން މުބާރާތް (އެސޯސިއޭޝަން ކަޕް، ގައުމީ ވޮލީބޯޅަ ލީގު އަދި ގައުމީ ވޮލީބޯޅަ މުބާރާތް) ތިން މުބާރާތުގައި ޒުވާން ކުޅުންތެރިންގެ ހުނަރު ފެނުނެވެ. ކޮންފިޑެންސާ އެކު ރަނގަޅު ލެވަލެއްގައި ކުޅެވޭނެކަން ސާބިތުކޮށްދިން ކުޅުންތެރިން ވެސް ފާހަގަވި އެވެ. މިއީ މުސްތަގުބަލަށް ބަލާއިރު ފައިދާކުރާނެ ކަމެކެވެ.
އިންޑިއާގެ ޕްރައިމް ވޮލީ ލީގުގެ މޮޅު 18 ކުޅުންތެރިން ގެނެސްގެން، ރާއްޖޭގެ ހަ ކްލަބަށް ޑްރާފްޓް ސިސްޓަމެއްގެ ތެރެއިން އެ ކުޅުންތެރިން ބަހައިގެން ވަރުގަދަ ސީޒަނެއް ނިންމާލިއިރު، މި ފަދަ ސީޒަނެއްގެ މެޗުތަކެއްގައި ޒުވާން ހުނަރު ފެނުމަކީ ވޮލީ އަށް ދިރުން ލިބޭނެ ކަމެކެވެ. މި ފަދަ ފޯމެޓަކަށް ވޮލީ ސީޒަން ބޭއްވުމަކީ ވެސް ހަގީގަތުގައި ނެގެޓިވް ކަންތައްތަކެއް ހުއްޓަސް، ލޯކަލް ވޮލީ ސީޒަން ވަރުގަދަ ގޮތަކަށް ގެންގޮސް ކުރިއެރުން ހޯދަން ގެނައި ބަދަލެކެވެ.
މި ފަހަރުގެ ވޮލީ ސީޒަނުގައި ވާދަކުރި ޕޮލިސް ޓީމުގެ މާއިޝް އަހުމަދު، އަހުމަދު ނާފިއު، ހައިލަމް ހަސަން އަދި ޝާމިލް މުހައްމަދުގެ އިތުރުން، ދިވެހި ސިފައިންގެ ކްލަބަށް އެސޯސިއޭޝަން ކަޕްގައި ކުޅުނު މާއިދު މުހައްމަދު ހަލީލް ވެސް ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. އަދި ގުޑީސް ސްޕޯޓްސް ކްލަބްގެ ލިބަރޯ، މުހައްމަދު މުޒުލިފް ވެސް ވަނީ މި ފަހަރު ޖުމްލަކޮށް ބަލާއިރު، ދެއްކި ކުޅުމުގައި ކުރިއެރުން ހޯދައިފަ އެވެ.
މީގެ ތެރެއިން މާއިދު އަށް ފަހު ދެ މުބާރާތުގައި ނުކުޅެވުނީ އޭނާގެ ނަން ޕޮލިހާއި ސިފައިންގެ ޓީމުގައި ޖަހާފައި އޮވެ، ދެ ޓީމުގެ ވެސް ކޮންޓްރެކްޓެއް އޮންނާނެ ކަމަށް ބުނުމުންނެވެ. އެއީ އޭނާ އަށް އެޅި ޑިސިޕްލިނަރީ ފިޔަވަޅެކެވެ.
ޕޮލިހުގެ ކޯޗަކަށް ހުރީ ޒުވާން ޓީމު އެކުލަވާލުމުގެ މަަސައްކަތުގައި އިސްކޮށް އުޅުނު، އަދި އެކްސަލަންސް ޕްރޮގްރާމްގައި ވެސް ހަރަކާތްތެރިވި، ކުރީގެ ކުޅުންތެރިޔާ، ފައްލޯ އެވެ. ފައްލޯގެ ކޯޗުކަމުގައި ޕޮލިހުން އެސޯސިއޭޝަން ކަޕާއި ލީގުގެ ހަތަރު ވަނަ ދިޔައިރު، ގައުމީ މުބާރާތުގެ ތިން ވަނަ ހޯދި އެވެ.
ޕޮލިހުގެ ކޯޗު ފަތުހުﷲ ވަހީދު (ފައްލޯ: ޕޮލިސްގައި ޔޫތު ޓީމެއް އެކުލަވާލައި، އެކްސަލަންސް ޕްރޮގްރާމްގައި ވެސް މަސައްކަތްކުރި.--- ފޮޓޯ: އިމޭޖަސް،އެމްވީ
ގައުމީ މުބާރާތުގެ ތިން ވަނަ ސެމީގައި ސިފައިން އަތުން ބަލިވި މެޗަށް ފަހު ފައްލޯ ބުނީ އޭނާ ޒުވާން ޓީމެއް އެކުލަވާލަން ކުރި މަސައްކަތުގައި މި ފަހަރު މިއީ ފެށުމެއް ކަމަށެވެ.
"އެކްސަލަންސް ޕްރޮގްރާމްގެ މާކުރިން އަޅުގަނޑުމެން ފަށައިފިން، 2019 ވަނަ އަހަރުން ފެށިގެން އަޅުގަނޑުމެން، ކުޅުންތެރިން ހޯދަން މަސައްކަތްކުރީ، މަސައްކަތްކުރީ އެންމެ މޮޅެތި ކުޅުންތެރިންނެއް ނޫން، ގައުމީ ޓީމަށް އަޅުގަނޑުމެންނަށް ބިނާކުރެވިދާނެ އިސްކޮޅުގެ ކުޅުންތެރިން އަދި އެކަމަށް ގާބިލު އަދި އެކަމަށް ޝައުގުވެރިކަން ހުރި ކުޅުންތެރިން، ހޯދައިގެން އަޅުގަނޑުމެން ފެށި މަސައްކަތެއްގެ ނަތީޖާ މި ނިމިގެންދިޔައީ،" ފައްލޯ ބުންޏެވެ.
"މިއީ ވޮލީބޯޅަ އެގްޒިބިޝަން މެޗުން ދެން، ފެށިގެން އައި ކަމެއް، އެ ތަނުން ވީއޭއެމްގެ ރައީސާ މަޝްވަރާކުރެވުނީ ގައުމީ ޓީމުގެ ކުލަވަރު ޖައްސާނެ ކުޅުންތެރިންތަކެއް ފެނިއްޖެއޭ. އެހެންވީމަ ޕޮލިސް ކްލަބާއި ވީއޭއެމާ ގުޅިގެން ޕްރޮގްރާމެއް ފަށަން، އެ ހިސާބުން އެ ފެށުނީ، އެ ހިސާބުން އަޅުގަނޑުމެންގެ މަސައްކަތުގެ ނަތީޖާ ހޯދަން އެ ފެށުނީ،"
ގައުމީ ޓީމުން އެންމެ ފަހުން ނެގި ދެ ސްކޮޑުގައި ވެސް ޒުވާން ކުުޅުންތެރިންގެ ނިސްބަތް ވަނީ އިތުރުވެފަ އެވެ. ޝާމިލް، މާއިޝް އަދި ނާފިއު ވަނީ ލޯކަލް މުބާރާތެއްގެ ތަޖުރިބާ ނެތި، އެންމެ ފަހުން ބޭއްވި ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ކުޅެފަ އެވެ. އޭގެ ފަހުން މިދިޔަ ފެބްރުއަރީ މަހު ބަންގްލަދޭޝާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުތަކަށް ނެގި ސްކޮޑުގައި، މާއިދު އާއި ދިވެހި ސިފައިންގެ ކްލަބްގެ، އަލީ ނިމާލް ވަނީ ހިމަނައިފަ އެވެ. އެ ދެ ކުޅުންތެރިންނަށް ބަންގްލަދޭޝް މެޗުތަކުގައި ފުރުސަތު ދިނެވެ.
ޒުވާން ކުޅުންތެރިން ބިނާކުރުމާއި ތަޖުރިބާ ދީގެން ޑިވެލޮޕްކުރުމުގެ އެއް މަރުހަލާ ވީއޭއެމްގެ މިހާރުގެ ލީޑަޝިޕުން އެންމެ ފަހުން ގައުމީ ޓީމު ކުޅުނު މެޗުތަކުގައި ނިންމައިފި އެވެ. ގައުމީ ޓީމުން އެންމެ ފަހުން މެޗުތަކުގައި ތަޖުރިބާ ހާސިލްކުރަން ލިބުނު ކުޅުންތެރިން މި ވަނީ، މި ފަހަރުގެ ލޯކަލް ވޮލީބޯޅަ ސީޒަނުގައި ވާދަވެރި ގިނަ މެޗުތަކެއް ކުޅެފަ އެވެ.
މި ފަހަރުގެ ވޮލީ ސީޒަނުގައި ޖުމްލަކޮށް ދިވެހި ވޮލީ އަށް އެ ލިބުނު ތަޖުރިބާގެ ބޭނުންހިފައި ގޯސްކޮށް ދިޔަ ކަމެއް ހޯދައި ރަނގަޅު ކުރަންޖެހެ އެެވެ. މާއިދު ފަދަ ހުނަރުވެރި ކުޅުންތެރިއެއްގެ ސަސްޕެންޝަން އެއީ އެއް ކަމެވެ. ޒުވާން ކުޅުންތެރިއެއްގެ މުސްތަގުބަލު ގެއްލޭފަދަ ގޮތަކަށް ކަންތައްތައް ހިނގައިދިޔުން އެއީ ކުޅިވަރަކަށް ލިބޭނެ ގެއްލުމެކެވެ.
ޕޮލިހުގެ މާއިޝް: މި ފަހަރުގެ ވޮލީ ސީޒަނުގައި ޖުމްލަ ގޮތެއްގައި އެންމެ ރަނގަޅު ކުޅުމެއް ދެއްކި އެއް ކުޅުންތެރިއަކީ މާއިޝް.-- ފޮޓޯ: އިމޭޖަސް.އެމްވީ
ވީއޭއެމުން މިހާރު އެ ކުރިއަރަމުން އަންނަ އެ ޒުވާން ކުޅުންތެރިން ރަނގަޅު ގޮތުގައި ޑިވެލޮޕްކޮށްފިނަމަ ކުރިއަށް އޮތް 10 އަހަރު ބޭނުންކުރެވޭނެ ރަނގަޅު ލެވަލްގެ މޮޅެތި ކުޅުންތެރިން މި ފަަހަރުގެ ސީޒަނުގައި ވަނީ ފެނިގެން ގޮސްފަ އެވެ. ޕްރެޝަރުގައި ކުޅެން ދިވެހި ޒުވާން ކުޅުންތެރިން މަޑުމަޑުން ހޭނިގެންދިޔަ، ކަންކަން ދަސްކުރަމުންދިޔަ މަންޒަރު ޔަގީނުން ވެސް ފެނިގެންދިޔަ އެވެ.
ވޮލީބޯޅަ ކޯޗު އަދި ވީއޭއެމްގެ ކޯޗާސް ކޮމިޝަންގެ ޗެއާމަން، ޝުއައިބް އަހުމަދު، މެޗުތަކުގެ އެނަލައިސިސްތަކުގެ ތެރެއިން ފާހަގަކުރި އެއް ކަމަކީ މި ފަހަރުގެ ވޮލީބޯޅަ ސީޒަނުން ފެނުނު ޕޮޒިޓިވް ކަންތައްތަކުގެ ތެރެއިން ޒުވާން ކުޅުންތެރިން ކޮންފިޑެންސް ރަނގަޅުވުން އެއީ އެއް ކަންތައް ކަމަށެވެ. މި ފަދަ ވޮލީބޯޅައިގެ ކުރިމަގަށް މުިހިންމު ކަންތައްތަކަަށް މި ފަހަރުގެ ވޮލީބޯޅަ ސީޒަނުން އައީ ކޮން ބަދަލުތަކެއްތޯ ހޯދާ ބަލައި، ދެން އިން ހަރުފަތަށް ދާން ކުރަން ޖެހޭ މަސައްކަތަކީ ކޮބައިކަން ދެނެގަނެ، އެ އަށް ފޯކަސް ކުރުން ނުހަނު މުހިންމު ކަމަށް ޝުއައިބު ވެސް ފާހަގަކުރި އެވެ.
Comment