Advertisement

ފޮއިގޮނޑި އެޅުމާއި އަލިފާން ގެންގުޅުން

9 ޖުލައި 2022 - 08:23 1

ހަސަން ޒަރީރު (ލަގަން)

ހަސަން ޒަރީރު (ލަގަން)

ފޮއިގޮނޑި އަޅައިގެން އަލިފާން ރޯކުރަނީ. -- ފޮޓޯ: އިސްމާއީލް އަފްރާހު


ފޮއިގޮނޑި އެޅުމާއި އަލިފާން ގެންގުޅުން

9 ޖުލައި 2022 - 08:23 1

އަލިފާނަކީ އެއާނުލައި ނޫޅެވޭ ވަރުގެ ގާތް އެކުވެރި ރަހުމަތްތެރި އެކެވެ. ފަރުވާކުޑަ ކުރެވިއްޖެ ނަމަ ދެވަނައެއް ނެތްވަރުގެ ނުރައްކާތެރި ހަތުރަކަށްވާކަށް މާގިނައިރެއް ނުނަގާނެ އެވެ. ކިތަންމެ ކުޑަ ފުރުސަތެއް ލިބުނަސް ތިމާގެ ދިރިއުޅުން އަންދާ އަޅިއަށް ހަދާލާކަށް ގިނަ ވަގުތެއް ނުނަގަ އެވެ.

އަލިފާން ފޮއްޓާއި ލައިޓަރު ލިބުމުގެ ކުރިން ދިވެހިން އަލިފާން އަޅައި އުޅުނީ ފޮއިގޮނޑިންނެވެ. ފޮއިގޮނޑި އާންމުކޮށް ތައްޔާރުކޮށް އުޅެނީ ކަނދު ކަހަލަ މަޑު ލަކުޑިންނެވެ. މިކަމަށް ބޭނުންވަނީ ފޫޓެއް ހުންނަ ވަރުގެ ހަތަރު ވަރަކަށް އިންޗި ފުޅާމިނުގެ ކަނދު ފޮއްޗެކެވެ. ދެން ބޭނުން ވާނީ އަށެއްކަ އިންޗި ހުންނަ ވަރުގެ ތަންކޮޅެއް ހަރު ލަކުޑީގެ ފޯއްޔެކެވެ. މީގެ އިތުރުން ތިން ހަތަރު ފޫޓް ހުންނަ ވަރުގެ ރޯނު ކޮޅަކާއި ފޫނާއްޓެއް ބޭނުން ވެއެވެ.

އާ ފިލާގަނޑެއްނަމަ، ވަޅީ ތުނޑުން ފިލާގަނޑުގައި ފޮއިގެ ކޮޅު ޖެއްސުމަށްޓަކައި ތަންކޮޅެއް އަޑިކޮށްލަން ޖެހެ އެވެ. މި ލޯވަޅު ކުޑަކުޑަކޮށް ފޫދުއްވާލުމުން ފޮއިގޮނޑި އަޅަން ފަސޭފަވެ އެވެ. އެއަށްފަހު ފޮއިގެ އެއްކޮޅު އަޑިކޮށްލި ތަނުގައި ޖައްސާ އަނެއް ކޮޅުގައި ފޫނާށި ޖައްސާ އެކަކު އޮބާއިރު، އަނެކަކު ފޮއިގައި އޮޅައިފައިވާ ދިއުޅި ދަމަ އެވެ. ފިލާގަނޑުގައި ފޮއި ޖެހޭ ތަނުގައި ހޫނު އުފެދި އެ ތަނުގައި އަލިފާން އުފެދެ އެވެ.

އަލިފާން ފޮއްޓާއި ލައިޓަރު އާންމުވުމަށްފަހު ވެސް ކޮންމެ ގެއަކު އަލިފާން ފޮއްޓާއި ލައިޓަރެއް ނުގެންގުޅެ އެވެ. އަދި އާންމުކޮށް އޮޑި ދޯނިފަހަރުގައި ބޭނުން ކުރަމުން އައީ ފޮއިގޮނޑި އެވެ. ކޮންމެ އޮޑިއަކު ވެސް އަލިފާން އެޅުމަށްޓަކައި ފޮއިގޮނޑިއެއް އޮންނާނެ އެވެ. ކެއްކުމުގެ އިތުރުން ބިޑިއެއް ރޯކޮށްލަން ވިޔަސް ކޮންމެ ފަހަރަކު ފޮއިގޮނޑި އަޅަ އެވެ.

ރަށުގެ ބަދިގޭގައި ކައްކަންވެއްޖެނަމަ އަލިފާން ހޯދުމަށްޓަކައި، ދުން އަރަނީ ކޮން ބަދިގެއަކުންތޯ ބަލަ އެވެ. އެއަށް ފަހު ފުޅައްޕެއް ހިފައިގެން އެ ބަދިގެއަށް އަލިފާން ބަލާދެ އެވެ. އިހުގައި ގެދޮރުގައި ވަށާފާރު ރާނައެއް ނޫޅެ އެވެ. ބައެއް ގޭގޭގައި ކޮށި އަޅާފައި ހުރެއެވެ. އެހެން ކަމުން މާދުރުގައި ހުންނަ ބަދިގެ ބަދިގެއިން ދުންއަރާތަން ފެންނާނެ އެވެ.

އަލިފާން ގެންނަން ފުޅަފީގައި ރޯކުރުމަށްޓަކައި އުނދުނަށް ފުޅަފި ޖައްސައިގެން ރޯކުރެ އެވެ. އަނެއްބައި ފަހަރު ފުޅައްޕަށް އަލިފާން ބުރިއެއް ލައިގެން ހޫރަމުން (ރޯކުރުމަށް ތިރިން މައްޗަށް ވާގޮތަށް) ގެނެ އެވެ. ގެއާ ހަމައަށް އާދެވޭއިރު ހުންނާނީ ފުޅަފީގައި ރޯވެފަ އެވެ. ދެން އުނދުނަށް ލައި ދަރުޖައްސާ އަލިފާންގަނޑު ބޮޑުކޮށް ކައްކަން ނުވަތަ އަލިފާނުން ކުރަންވީ ކަމެއް ކުރެ އެވެ. ދެން އެގެއިން ކައިރި މީހުންނާއި އަލިފާން ނުލިބިގެން ދުރުން އަންނަ މީހުން އަލިފާން ގެންދާނެ އެވެ. މާ ގިނައިރު ބަހައްޓަން ބޭނުންނަމަ އާރުލާ ވަރުގަދަ ދަރު އަންދައިގެން ގިނައިރު އަލިފާން ބަހައްޓައެވެ.

އަބަދުވެސް އެންމެ ފަސޭހައިން އަލިފާން ލިބޭތަނަކީ ރައިވެރިންގެ ބަދިގެއެވެ. އެ ތަންތަނަކީ ރާ ކައްކާ ތަންތަންކަމަށް ވާތީ ވަރަށް ގިނައިރު އަލިފާން ނުނިވި ހުރެއެވެ.