7 ޖުލައި 2022 - 13:52 0
މުހައްމަދު އުޝާމް
7 ޖުލައި 2022 - 13:52 0
ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން އެމްޑީޕީއަށް މިދިޔަ މަހު ސޮއިކުރައްވައިފި އެވެ.
އަމިއްލަ މެންބަރެއްގެ ގޮތުގައި ހުންނެވި ސައުދު ސޮއިކުރައްވާފައިވާ ފޯމުގެ ފޮޓޯއެއް "އަދަދު"އަށް މިއަދު ވަނީ ލިބިފަ އެވެ. އެ ފޯމުން ފެންނަ ގޮތުގައި ސައުދު ސޮއިކުރެއްވީ މިދިޔަ ޖޫން މަހުގެ 20 ވަނަ ދުވަހުގަ އެވެ.
މިކަމާ ގުޅިގެން ސައުދުގެ ބަހެއް ލިބޭ ގޮތެއް އަދި ނުވެ އެވެ.
ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތީ ވެސް އެމްޑީޕީއަށެވެ. 87 މެންބަރުން ތިއްބަވާ މަޖިލީހުގައި އެމްޑީޕީގެ 65 މެންބަރުން ތިއްބަވަ އެވެ. ސައުދު ގުޅިވަޑައިގަތުމުން އެ ޕާޓީގެ 66 މެންބަރުން ދެން މަޖިލީހުގައި ތިއްބަވާނެ އެވެ.
ސައުދު ސިޔާސީ ދާއިރާއަށް ނުކުންނެވީ ޕީޕީއެމުންނެވެ. އަށާރަވަނަ މަޖިލީހުގައި ވެސް ވިލިނގިލި ދާއިރާ ސައުދު ތަމްސީލް ކުރެއްވިއިރު އެ ގޮނޑިއަށް އޭނާ އިންތިހާބުވީ ޕީޕީއެމްގެ ޓިކެޓުގަ އެވެ.
ޕީޕީއެމްގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިނގަމުން ދިޔަ ކަންކަމާ ހިތްހަމަނުޖެހިގެން އެ ޕާޓީ ދޫކޮށްލި 13 މެމްބަރުންގެ ތެރޭގައި އޭނާ ހިމެނިވަޑައިގެންނެވި އެވެ. އެއާއެކު، ޕީޕީއެމުން ވަކިވެގެން ގޮނޑި ގެއްލުވާލި 13 މެންބަރުންގެ ތެރޭގައި ވެސް ސައުދު ހިމެނިވަޑައިގަންނަވަ އެވެ.
އެ މައްސަލާގައި މަޖިލިސް ކުރާ ގެއަށް ނުވަދެވި، އަދި މަޖިލީހުގައި ދާއިރާ ތަމްސީލް ނުކުރެވި އަހަރަކަށް ވުރެ ގިނަ ދުވަސްވި އެވެ. އަލުން މަޖިލީހަށް ވަދެވޭ ގޮތްވީ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމުންނެވެ.
އެމްޑީޕީގެ އިސްވެ އޮތް ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ މި ސަރުކާރު ގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ސައުދު އެ ފަހުން ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއަށް ވެސް ސޮއިކުރެއްވި އެވެ. އެކަމަކު މަޖިލީހުގެ އިންތިހާބުގައި ވާދަކުރެއްވީ އަމިއްލަ ގޮތުންނެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment