Advertisement

ޖީޑީޕީގެ ނިސްބަތުން 97 ޕަސެންޓަށް ދައުލަތުގެ ދަރަނި ތިރިވެއްޖެ

7 ޖުލައި 2022 - 11:52 0

އަމަން ހަލީމް

އަމަން ހަލީމް

މާލޭ މަސް މާރުކޭޓު ސަރަހައްދުގައި އަޅާފައި ހުރި ދޯނިތަކެއް: ޖީޑީޕީގެ ނިސްބަތުން ދަރަނި ދަށަށް ދިޔައީ އިގުތިސޯދީ ހަރަކާތްތައް ފުޅާވަމުން ދާތީ. -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


ޖީޑީޕީގެ ނިސްބަތުން 97 ޕަސެންޓަށް ދައުލަތުގެ ދަރަނި ތިރިވެއްޖެ

7 ޖުލައި 2022 - 11:52 0

ކޮވިޑު ބަލިމަޑުކަމުގެ ތެރޭގައި ލައިގަތް އިގުތިސޯދީ ތާށިކަމުން އަރައިގަނެ ވިޔަފާރިތައް ހިނގައިގަތުމާ އެކު ޖީޑީޕީގެ ނިސްބަތުން ސަތޭކައިން މަތީގައި ހުރި ދައުލަތުގެ ދަރަނި 97 ޕަސެންޓަށް ވެއްޓިއްޖެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.

މިއީ ކޮވިޑު ބަލިމަޑުކަމުގެ ތެރޭގައި ފުލުފުލުގައި ސަރުކާރުން ނެގި ލޯނުތަކުގެ ސަބަބުން އިންތިހާއަށް އިތުރުވީ ދަރަނި ޖީޑީޕީގެ ނިސްބަތުން 100 ޕަސެންޓަށް ވުރެ ދަށަށް ދިޔަ ދެވަނަ ފަހަރެވެ. މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާ ނިމުނު އިރުވެސް ޖީޑީޕީގެ ނިސްބަތުން ދަރަނި ވަނީ 95 ޕަސެންޓަށް ވެއްޓިފަ އެވެ.

ނަމަވެސް އަހަރުގެ ތެރޭގައި ނެގި ލޯނުތަކާއި ކޮވިޑުގެ ޑެލްޓާ ވޭރިއަންޓާ ހެދި ދެވަނަ ކުއާޓަރުގައި ޓޫރިޒަމަށް އައި ހީނަރުކަމުގެ ސަބަބުން އަހަރު ނިމުނު އިރު ޖީޑީޕީގެ ނިސްބަތުން ދަރަނި ހުރީ 104 ޕަސެންޓުގަ އެވެ. ކޮވިޑުގެ އެންމެ ގޯސް ހާލަތުގައި މި އަދަދު 125 ޕަސެންޓަށް ވެސް ބޮޑުވި އެވެ.

ދިވެހި އިގުތިސޯދުގެ ހާލަތަށް އަލިއަޅުވާލާ އެމްއެމްއޭ އިން އެންމެފަހުން އާންމުކުރި އިކޮނޮމިކް އަޕްޑޭޓުގައިވާ ގޮތުގައި މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ނިޔަލަށް ދައުލަތުން ގެރެންޓީ ދީފައިވާ ދަރަނި ނުހިމަނާ ޖުމްލަ ދަރަންޏަކީ 84.8 ބިލިއަން ރުފިޔާ އެވެ.

އިގުތިސޯދީ އުފެއްދުންތެރިކަން ހުރީ 87.50 ބިލިއަން ރުފިޔާގަ އެވެ. އާންމުކޮށް ބާޒާރުގައި ހުންނަ އަގުތަކުން މުދަލާއި ހިދުމަތުގެ އަގުގެ ތެރެއެށް ޓެކްސް އެއްކުރުމަށް ފަހު ސަބްސިޑީ ކެންޑުމުން ޖެހޭ ރިއަލް ޖީޑީޕީ ހުރީ 75.55 ބިލިއަން ރުފިޔާގަ އެވެ.

ޖީޑީޕީގެ ނިސްބަތުން ދަރަނި ދަށަށް ދިޔަ ނަމަވެސް ޖުމްލަ ދަރަނި ދަށަކަށް ނުދެ އެވެ. މި އަހަރުގެ ފުރަތަމަ ކުއާޓާގެ ތެރޭގައި ވެސް ދައުލަތުގެ ރިކަރަންޓް ހަރަދުތައް ހަމަޖެއްސުމަށާއި ތަރައްގީގެ މަޝްރޫއުތައް ހިންގަން އިތުރަށް ދަރަނި ނަގާފައިވެ އެވެ. މީގެ ތެރެއިން ވެސް ބޮޑު ބަޔެއް ހިއްސާކުރަނީ އެތެރޭގެ (ޑޮމެސްޓިކް) ދަރަންޏެވެ.

މިދިޔަ އަންގާރަ ދުވަހު އިގުތިސޯދާ ގުޅޭ މައުލޫމާތު ދޭން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިކަމަށް އަލިއަޅުވާލަމުން ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވި ގޮތުގައި ސަރުކާރުގެ އަމާޒަކީ މެދު ރާސްތާގައި ޖީޑީޕީގެ ނިސްބަތުން ދަރަނި ކުޑަކުރުމެވެ.

އެގޮތުން މި ނިސްބަތުގައި ހިފިހައްޓަން މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެން ނަމަވެސް ދުނިޔޭގެ އިގުތިސޯދަށް ހުރި ފިއްތުންތަކާ އެކު ގިނަ ދަތިތަކެއް ހުރިކަން އޭނާ ފާހަގަކުރެއްވި އެވެ.