Advertisement

ލަމްޕްޓޭ އާއި ވިލިއަމްސް އިންގްލެންޑާއި ސްޕެއިން ގައުމީ ޓީމު ދޫކޮށްލީ ގާނާ އަށް ކުޅެން

7 ޖުލައި 2022 - 08:43 0


ލަމްޕްޓޭ އާއި ވިލިއަމްސް އިންގްލެންޑާއި ސްޕެއިން ގައުމީ ޓީމު ދޫކޮށްލީ ގާނާ އަށް ކުޅެން

7 ޖުލައި 2022 - 08:43 0

ލަންޑަން (ޖުލައި 7) - އިންގްލެންޑްގެ އުމުރުފުރާ ގައުމީ ޓީމުތަކަށް ކުޅެފައިވާ، ބްރައިޓަންގެ ފުލްބެކް، ތާރިގު ލަމްޕްޓޭ އާއި ސްޕެއިން ގައުމީ ޓީމަށް ކުޅެފައިވާ، އެތުލެޓިކް ބިލްބާއޯގެ ފޯވާޑް، އިނާކީ ވިލިއަމްސް، ބައިނަލްއަގުވާމީ ލެވަލްގައި ގާނާ ގައުމީ ޓީމަށް ކުޅެން ނިންމައިފި އެވެ.

ލަންޑަނަށް އުފަން، 21 އަހަރުގެ ލަމްޕްޓޭ ވަނީ އިންގްލެންޑްގެ ޔޫތު ގައުމީ ޓީމުތަކަށް ގަވާއިދުން ކުޅެފަ އެވެ. އެކަމަކު، ސީނިއާ ޓީމުން ފުރުސަތު ހޯދުން އުނދަގޫވެފައިވާތީ، ލަމްޕްޓޭ ވަނީ މިދިޔަ މަހު ބޭއްވި 21 އަހަރުން ދަށުގެ ޔޫރޯގައި އިންގްލެންޑުން ނެގި ސްކޮޑުގައި އޭނާ ނުހިމަނަން އެދިފަ އެވެ. އެއީ ގާނާ ގައުމީ ޓީމަށް ކުޅެން ނިންމުމުގެ ގޮތުންނެވެ.

އިނާކީ ވިލިއަމްސް، 28، ވަނީ ސްޕެއިންގެ 21 އަހަރުން ދަށުގެ ޓީމަށް ކުޅުމުގެ އިތުރުން، ސްޕެއިންގެ ސީނިއާ ޓީމަށް އެކުވެރިކަމުގެ މެޗެއްގައި ކުޅެފަ އެވެ.

އިންޖަރީ ނުވެ، ޖެހިޖެހިގެން ގިނަ މެޗުތަކެއް ސްޕެނިޝް ލީގުގައި ކުޅުމުގެ ރެކޯޑް އޮތް އިނާކީ ވިލިއަމްސް އަށް ސްޕެއިން ގައުމި ޓީމުން ފުރުސަތު ހޯދުން އުނދަގޫވެފައި ވާތީ އޭނާ އެންމެ ފަހުން ނިންމީ ގާނާ އިން ލިބިިފައިވާ ފުރުސަތުގެ ބޭނުން ހިފާށެވެ.

ޗެލްސީގެ ޔޫތު ޓީމަށް ކުރިން ކުޅުނު، ލަމްޕްޓޭ އާއި އިނާކީ ވިލިއަމްސްގެ އިތުރުން ގާނާ އިން ވަނީ ޖަރުމަނަށް އުފަން ތިން ކުޅުންތެރިއަކަށް ގާނާ އަށް ކުޅުމުގެ ފުރުސަތު ދީފަ އެވެ.

އެއީ ޖަރުމަނުގެ ކްލަބް، ޑަމްސްޓާޑް 98 އަށް ކުޅޭ 22 އަހަރުގެ ޑިފެންޑަރު، ޕްފެއިފާ އާއި ހެމްބާގަށް ކުޅޭ އަމްބްރޯސިއަސް އާއި ކޮނިގްސްޑޮފާ އެވެ. މި ދެ ކުޅުންތެރިންނަކީ ޖަރުމަނު 21 އަހަރުން ދަށުގެ ގައުމީ ޓީމަށް ކުޅުނު ކުޅުންތެރިންނެވެ.

ގާނާގެ ފުޓްބޯޅަ ރައީސް ކާޓް އޮކްރާކޫ ވިދާޅުވީ ގާނާ ގައުމީ ޓީމަށް ކުޅެވޭނެ ރަނގަޅު ފެންވަރު ކުޅުންތެރިންނަށް އެ ފުރުސަތު ހޯދައިދިނުމަކީ އެ ގައުމުގެ ފުޓްބޯޅަ އަނެއް ލެވަލަށް ގެންދަން އަޅައިދެވޭ ބިންގަލެއް ކަމަށެވެ.

ފީފާ އިން 2020 ވަނަ އަހަރު ގައުމީ ޓީމުގެ ކުޅުންތެރިން އެއް ގައުމުން އަނެއް ގައުމަށް ބަދަލުވުމުގެ އުސޫލަށް ވަނި ލުޔެއް ދީފަ އެވެ. އެ ގޮތުން 21 އަހަރުން މަތީގެ ކުޅުންތެރިއަކު އެއް ގައުމަށް ތިން މެޗަށް ވުރެ އިތުރަށް ނުކުޅެ ހުއްޓައި، އޭނާއާ އާއިލީ ގޮތުން ގުޅުން އޮތް އެހެން ގައުމެއްގެ ގައުމީ ޓީމަށް ކުޅެން ބަދަލުވެވޭނެ އެވެ.