Advertisement

ހާލަތުގެ ގޮތުން ކްލަބް ވެމްކޯ އަށް ލިބުނީ ހައްގު މިންވަރު

5 ޖުލައި 2022 - 11:22 0

ވެމްކޯގެ ކޯޗު ނިޒާރު: ގޮންޖެހުންތަކުގެ ތެރެއިން ކުރެވުނު މަސައްކަތާ މެދު ނިޒާރު ހިތްހަމަޖެހޭ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ހާލަތުގެ ގޮތުން ކްލަބް ވެމްކޯ އަށް ލިބުނީ ހައްގު މިންވަރު

5 ޖުލައި 2022 - 11:22 0

މިއީ ކްލަބް ވެމްކޯ އިން ރާއްޖޭގެ ފިރިހެން ވޮލީބޯޅައިގައި ބައިވެރިވި ފުރަތަަމަ ފަހަރެވެ. އެ ޓީމުން ވަނީ އެސޯސިއޭޝަން ކަޕްގެ ފައިނަލުގައި ފުރަތަމަ ފަހަރަށް ވާދަކޮށް، ގައުމީ މުބާރާތުގައި ވެސް ފުރަތަމަ ފަހަރަށް ކުޅެފަ އެވެ. ފުރަތަމަ އަހަރަށް ބަލާއިރު، ވެމްކޯގެ ކޯޗު އިބްރާހިމް ނިޒާރު (ބޮޑޭ) ދެކޭގޮތުގައި ވެމްކޯ ޓީމަށް ދިމާވި ކަންތައްތަކަށް ބަލާނަމަ މި ފަހަރުގެ ސީޒަނުގައި ލިބިފައި މި ވަނީ އެ ޓީމަށް ހައްގު މިންވަރު ކަމަށެވެ.

"ވެމްކޯ އަށް ހައްގު މިންވަރު މި އޮތީ ލިބިފައި ފެންނަން، ވަރަށް ރީތިކޮށް ނަތީޖާ ވެސް. ވެމްކޯގެ އެންމެ ބޮޑު މައްސަލަ އަކަށް ދިމާވެފައި މި އިންނަނީ މި ރޯގާ ކަންތައްތަކާއި، ދެން، ވަރަށް އިންޖަރީގައި އުޅެމުން އަސްލު ކުޅުންތެރިން ކުޅެފައި އެ އިނީ، ދެން މި މެޗުގައި ވެސް އެބައި ފެނިފައި އެ ދިޔައީ ހަގީގަތުގައި ވެމްކޯ ޓީމު ކުރާ މަސައްކަތާއި ހިތްވަރަށް ސާބަސްދެން އެކަމަކު، ވެސް މި ކަހަލަ މެޗުތަކަށް އަންނައިރު މީހާ ރަނގަޅަށް ފިޓްނުވާ ކަމަށްވާނަމަ އަސްލު އެބައި ދައްކާނެ ހަމަ،" ގައުމީ މުބާރާތުގެ ސެމީ ފައިނަލުން އިއްޔެ ޕޮލިސް ކްލަބް އަތުން ބަލިވި މެޗަށް ފަހު ބޮޑޭ ބުންޏެވެ.

ވެމްކޯ އަށް މި ފަހަރުގެ ސީޒަނުގައި ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ އެސޯސިއޭޝަން ކަޕްގެ ފައިނަލް ބުުރުގެ ފުރަތަމަ މެޗުގައި އެ ޓީމުގެ އެއް ބިދޭސީ ކުޅުންތެރިޔާ، އަމިތު ސިންހް ކަޕްތާންސިންހްގެ ކަކުލަށް އަނިޔާވެ، ސީޒަނުގައި ނުކުޅެވުމެވެ. އަނެއްކޮޅުން، ގައުމީ ލީގުގެ މެދުތެރެއިން ވެމްކޯގެ ސެޓަރު، ރަންޖީތު ސިންގް އަމިއްލަ ސަބަބަކާ ހުރެ ދާން ޖެހުނެވެ. ރަންޖިތުގެ ބަދަލުގައި ގެނައި އިންޑިއާގެ ސެޓަރު، ވިޕުލް ކުމާރަށް ވެސް ރަނގަޅު ވަރަކަށް ޕްރެކްޓިސް ނުކުރެވި ކުޅެން ޖެހުމުން ޓީމާ އެކު ކޮމްބިނޭޝަން ފެނުނީ އެންމެ އެދެވޭ ވަރަކަށް ނޫނެވެ.

"ވެމްކޯ އަށް އަސްލު ވަރަށް އުނދަގޫތަކާ ދިމާވި އަސްލު، އެސޯސިއޭޝަން ކަޕްގެ ފުރަތަމަ މެޗުގައި އަމިތު ގެއްލުނު ހިސާބުން ފެށިގެން ޓީމަށް ވަރަށް ބޮޑެތި އުނދަގޫތައް އައި، އެތަން ފޫބައްދާނެ ގޮތެއް ހޯދަން ވަރަށް އުނދަގޫތަކެއް ވެސް އައި، އެ ފޫނުބެއްދިގެން ގޮސް، ޓީމު މި ހިސާބަށް އައިކަން ވެސް އެއީ ހަމަ ވަރަށް ބޮޑު ކާމިޔާބެއް ވެމްކޯ ޓީމަށް،" ގޮންޖެހުންތަަކަށް އިޝާރާތްކޮށް ވެސް އާދެވުނު ހިސާބާ މެދު ހިތްހަމަޖެހުމެއް އެބައޮތްކަން ފާހަގަކޮށް ބޮޑޭ ބުންޏެވެ.

އެސޯސިއޭޝަން ކަޕްގެ ޕްރިލިމިނަރީ ރައުންޑުން ފެށިގެން ގައުމީ މުބާރާތުގެ ފުރަތަމަ ސެމީ ފައިނަލާ ހަމައަށް ވެމްކޯ އިން މި ފަހަރުގެ ވޮލީ ސީޒަނުގައި ޖުމްލަ 16 މެޗު ކުޅުނުއިރު، ބަލިވީ ފަސް މެޗުންނެވެ. އެއީ އެސޯސިއޭޝަން ކަޕްގެ ލީގު ބުރުގައި ދިވެހި ސިފައިންގެ ކްލަބް އަތުންނާއި ފައިނަލުގައި ސްޕޯޓްސް ކްލަބް ސިޓީ އަތުން އަދި ލީގުގައި ސިފައިންނާއި ސިޓީ އަތުން ބަލިވުމުގެ އިތުރުން ގައުމީ މުބާރާތުގެ ފުރަތަމަ ސެމީގައި ޕޮލިސް ކްލަބް އަތުންނެވެ.

ރާއްޖޭގައި އުފެދުނު އެންމެ މޮޅު ވޮލީ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ބޮޑޭ ބުނީ ވެމްކޯގެ އަކީ ޓީމެއްގެ ގޮތުގައި ކިޔާނަމަ ފިރިހެން ވޮލީ އަށް އަދި އާ ބައެއް ކަމަށެވެ.

"އަސްލު ބުނަންޏާ ވެމްކޯ އަކީ އަލަށް ގައުމީ މުބާރާތަށާއި މި މުބާރާތަށް ވެސް އަލަށް ނުކުމެގެން އުޅޭ ޓީމެއް، ކުޅުންތެރިންނަކީ މުބާރާތްތައް ކުޅެފައި ހުރި ކުޅުންތެރިން ކަމުގައި ވިޔަސް ވެމްކޯ އަކީ އާ ޓީމެއް،" ބޮޑޭ ބުންޏެވެ.

"ވެމްކޯގެ ސަޕޯޓަރުންނާއި ވެމްކޯގެ މެނޭޖްމަންޓުން ޓީމަށް އެދޭ ސަޕޯޓާއި ހިތްވަރާއި މި ހުރިހާ ކަމަކަށް ބަލާއިރު މިއީ ސާބަސް ދޭ ވަރުގެ ސީޒަނެއް، ދެން، ވެމްކޯގެ ފަރާތުން އެސޯސިއޭޝަނަށް ދޭން ޖެހޭ ހުރިހާ އެއްބާރުލުމެއް ދީފައިވާނީ،"

ވެމްކޯ އަށް ކުޅުނު ދިވެހި ކުޅުންތެރިންގެ ތެރޭގައި ރާއްޖޭގެ އެންމެ މޮޅު ވޮލީ ކުޅުންތެރިޔާގެ މަގާމު ގިނަ ފަހަރުތަކެއް ވަންދެން ހޯދާފައިވާ އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އާއި ގައުމީ ޓީމަށް ގިނަ އަހަރުތަކެއް ވަންދެން ކުޅެފައިވާ އަޝްފާގު އާދަމް (އައްކަޅޭ)ގެ އިތުރުން ގައުމީ ޓީމުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ސެންޓަ ބްލޮކަރު، އާދަމް ފައިރޫޒާއި ގައުމީ ޓީމުގެ ލިބަރޯ، ޖަވާމް އަލީ ހިމެނެ އެވެ.

ކޯޗިން ޓީމަށް ބަލާއިރު، ނިޒާރު އަށް އެހީތެރިވުމުގެ ގޮތުން އެސިސްޓަންޓް ކޯޗަކަށް، ގައުމީ ވޮލީ ޓީމުގެ ކުރީގެ ކޯޗު މުހައްމަދު ޝަރަފް ވެސް ވަނީ މަސައްކަތްކޮށްފަ އެވެ.