3 ޖުލައި 2022 - 10:33 0
މުހައްމަދު އުޝާމް
މަރަލާފައިވާ އުދައްޔު: އުދައްޔު ލައިގެން އުޅުނު ހެދުމުގައި ހޭކިފައިހުރި ލެއިން ދައުވާ ލިބޭ އެކެއްގެ ޑީއެންއޭ ވެސް ނެތް ކަމަށް ބުނި
3 ޖުލައި 2022 - 10:33 0
ނިމިދިޔަ އަހަރުގެ ފެބްރުއަރީ މަހު ގއ. މާމެންދޫގައި މާރާމާރީ ހިންގައި އެ ރަށު ލިލީ އޮފް ދަ ވެލީ، އަހްމަދު އުދައްޔު އެ ރޭ ލައިގެން އުޅުނު ޓީޝާޓާއި ސޯޓުގައި ހޭކިފައި ހުރި ލެއިން އެ މައްސަލާގައި ދައުވާ ކޮށްފައިވާ މީހުންގެ ޑީއެންއޭ ނުފެންނަ ކަމަށް ޑީއެންއޭ ރިޕޯޓް ތައްޔާރު ކުރީ މީހާ މިއަދު ބުނެފި އެވެ.
މި މައްސަލާގައި ގއ. މާމެންދޫ، ރިހިފަރުދާގޭ، އަހުމަދު ޝަމީމް އާއި ހަމަ އެ ރަށު ބިލަތްމާގޭ، ޝަރަފު ރަޝީދާއި ގުލްފާމުގޭ، މުހައްމަދު މާޒިންގެ މައްޗަށް ދައުލަތުން ކުރާ ދައުވާއަކީ ގަސްތުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާގެ އިތުރަށް މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ދައުވާ އެވެ. އުދައްޔު މަރާލި ކަމުގެ ދައުވާ އުފުލާފައިވަނީ 18 އަހަރު ނުފުރޭ ކުޑަކުއްޖަކަށެވެ.
ޑީއެންއޭ ރިޕޯޓްތައް ތައްޔާރު ކުރި އޮފިސަރު މިއަދު ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި ހެކިބަސް ދެމުން ބުނެދިން ގޮތުގައި، އުދައްޔު ލައިގެން ހުރި ހެދުމުގައި ހޭކިފައި ހުރި ލެއިން ފެނުނީ ހަމައެކަނި އޭނާގެ ލެ އެވެ. އަދި ދައުވާ ރައްދުވާ މީހުން ލައިގެން ހުރި ހެދުމުގައި ހޭކިފައިވާ ލެއިން އުދައްޔުގެ ޑީއެންއޭ ފެނިފައި ނުވާ ކަމަށް އޭނާ ބުންޏެވެ.
"އުދައްޔު ލައިގެން ހުރި ޓީޝާޓްއާއި ސޯޓުގައި ހޭކިފައިވާ ލެއިންނާއި އޭނާގެ ނިޔަފަތި ދަށުން ނަގާފައިވާ ސާމްޕަލް އިން ފެނިފައިވަނީ ހަމައެކަނި އުދައްޔުގެ ލޭ، އެއިން ހުށަހެޅިފައިވާ އެއްވެސް ޕްރޮފައިލްއެއްގެ [ދައުވާ ލިބޭ ފަރާތްތަކުގެ] ޑީއެންއޭ ފެނިފައެއް ނުވޭ،" ދިފާއީ ވަކީލުން އަމާޒު ކުރި ސުވާލުތަކަށް ޖަވާބު ދެމުން ދައުލަތުގެ ހެކި ބުންޏެވެ.
ހެކިވެރިޔާ ބުނި ގޮތުން، ދައުވާ ލިބޭ މީހުން ލައިގެން ހުރި ހެދުމުގައި ހޭކިފައިވާ ލެއިން އެ މީހެއްގެ ޑީއެންއޭ ފެނިފައިވެ އެވެ. އެ މީހުންގެ ހެދުމުގައި ވެސް އެހެން މީހެއްގެ ޑީއެންއޭއެއް ފެނިފައި ނުވާ ކަމަށް ވެސް ބުންޏެވެ.
ޑީއެންއޭ ތައްޔާރު ކުރި އޮފިސަރު ހިމެނޭހެން ޖުމްލަ ހަތަރު ހެކިވެރިއެއްގެ ހެކިބަސް މިއަދު ނެގި އެވެ. ދެން ހެކިބަސް ނެގި މީހުންގެ ތެރޭގައި ހިމެނެނީ ހޮސްޕިޓަލަށް ގޮސް އުދައްޔުގެ ހަަށިގަނޑު ތަހުލީލުކުރި އޮފިސަރާއި ކުށުގެ ވެއްޓަށް ގޮސް ސީން ބަލައިފާސްކުރި އޮފިސަރަކާއި، ވީޑިއޯ އެނަލީސިސް ރިޕޯޓް ތައްޔާރު ކުރި އޮފިސަރެވެ.
މިއަދު އިތުރު ދެ ހެކިން ހާޒިރުކޮށް ހެކިބަސް ނަގަން ހަމަޖެހިފައި އޮތް ނަމަވެސް ހެކިން ހާޒިރުވެފައި ނުވާތީ ހެކިބަސް ނެގިފައެއް ނުވެ އެވެ. އެއިން އެއް ހެކިވެރިޔަކީ މުހިންމު ހެއްކެއްގެ ގޮތުގައި ދައުލަތުން ފާހަގަ ކުރި އެވެ.
މި މައްސަލައިގެ އަޑުއެހުމެއް މާދަމާއަށް ވެސް ވަނީ ތާވަލުކޮށްފަ އެވެ. މާދަމާ ހަމަޖެހިފައިވަނީ ބައެއް ޑޮކްޓަރުންގެ ހެކިބަސް ނެގުމަށެވެ. ނަމަވެސް މާމެންދޫގައި އުދައްޔުއަށް ފަރުވާ ދިން ޑޮކްޓަރަށް ގއ. ވިލިނގިލީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުވެވެން ނެތުމުން މާމެންދޫ މެޖިސްޓްރޭޓް ކޯޓުން ވީޑިއޯ/އޯޑިއޯ ކޮންފެރެންސްކޮށް ގުޅުވައިލުމަށް މަސައްކަތް ކޮށްދޭން ދައުލަތުން އެދުނެވެ. އެ ކަން ޝަރީއަތުން ޔަގީންކުރުމަށް ފަހު ދައުލަތަށް އަންގާނެ ކަމަށް ގާޒީ އަލީ ނަދީމް ވިދާޅުވި އެވެ.
ގާޒީ އަލީ ނަދީމް މީގެ ކުރިން މަސައްކަތް ކުރެއްވީ މިދިޔަ މަހުގެ 12 ވަނަ ދުވަހުން ފެށިގެން 30 ދުވަހާ ހަމައަށް ރަސްމީ ބަންދު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެކިބަސް ނެގުމަށް ފަހު އެ މަރުހަލާ ނިންމުމަށެވެ. ނަމަވެސް ބައެއް ދުވަސްދުވަހަށް ތާވަލުކުރާ އަޑުއެހުން ކެންސަލް ވެގެން އެ މަރުހަލާ އަދިވެސް ނިމޭ ގޮތެއް ނުވެ އެވެ.
އުދައްޔުގެ މަރާ ގުޅިގެން ކުޑަކުއްޖެއްގެ މައްޗަށް ވެސް ދައުވާ ކޮށްފައިވެ އެވެ. ކުޑަކުއްޖަކަށް ވުމުން އޭނާގެ މައްސަލަ ކުރިއަށް ދަނީ ޖުވެނައިލް ކޯޓުގަ އެވެ. މީހަކު މެރުމުގެ ކުށުގެ ދައުވާއާއި މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާ އެ ކުއްޖާއަށް ކުރާއިރު، އުދައްޔު މަރުވީ އެ ކުއްޖާ ދިން ހަމަލާއަކުން ހާލަތު ގޯސްވެ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ.
އުދައްޔު މަރާލީ ފެބްރުއަރީ 8، 2021 ގެ ރޭ 10 ޖަހާކަށް ހާއިރު ކަމަށް ފުލުހުން ބުނެފައިވެ އެވެ. މިއީ މާމެންދޫގައި ދެ ގްރޕެއްގެ ދެމެދުގައި މާރާމާރީއެއް ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.
އުދައްޔުގެ ފުރަގަހުން ފުއްޕާމެއާ ދިމާލަށް ތަކުރާރުކޮށް ވަޅި ހަރާފައި ހުރި ކަމަށްވެ އެވެ. މި މާރާމާރީގައި އުދައްޔުގެ ބޭބެއަށް ވެސް ސީރިއަސް އަނިޔާތަކެއް ލިބުނެވެ.
0.00%
50.00%
50.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment