Advertisement

ރައްޔިތުން ތިބީ ފާރައަށް، ގެމަނަފުއްޓަށް ދެން މަސްތުވާތަކެތި އެރުވިޔަނުދޭނެ!

10 ޖުލައި 2022 - 20:17 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

ގއ. ގެމަނަފުށި---


ރައްޔިތުން ތިބީ ފާރައަށް، ގެމަނަފުއްޓަށް ދެން މަސްތުވާތަކެތި އެރުވިޔަނުދޭނެ!

10 ޖުލައި 2022 - 20:17 0

މީގެ މަހެއްހާ ދުވަސްކުރިން ގއ. ގެމަނަފުއްޓަކީ މަސްތުވާތަކެތިން ސަލާމަތް ނުވާ ރައްތަކުގެ ލިސްޓުންވެސް އެންމެ ކުރީގައި އޮތް އެއް ރަށެވެ.

އާބާދީގައި ދެހާސް ވަރަކަށް މީހުން ދިރިއުޅޭ ގެމަނަފުށީގައި މަސްތުވާތަކެއްޗަކީ އެ ރަށުގެ އާންމު އެއްޗެކެވެ. ރަށުން މަސްތުވާތަކެތި ބޭނުން އިރަކު ލިބެ އެވެ. ބޭނުން ވަރަކަށެވެ. ބޭނުންކޮށްގެން "ބިއްޖެހިފައި" ތިބޭ ޒުވާނުންވެސް އިންތިހާ އެވެ.

ރަށަށް ވަމުންދިޔަ ގޮތް ބަލަން ތިބެން އެ ރަށުގެ ރައްޔިތުން ބޭނުމެއް ނުވި އެވެ. ފުލުހުންނާއެކު އަތުކުރި އޮޅާލީ ޒުވާނުން ގެނބެމުންދިޔަ ވަޅުގަނޑުން ސަލާމަތް ކުރުމަށެވެ. މަސްތުގެ ވަބާއިން ސަލާމަތްވެ ހަރުދަނާ ޒުވާނުންތަކެއް އުފެއްދުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރުމަށެވެ.

"މި ރަށުގައި މަސްތުވާތަކެތި އާންމުކޮށް ބޭނުންކުރާ އުޅޭނީ 20 ވަރަކަށް މީހުން. އޭގެ ތެރެއިންވެސް ރަށަށް މަސްތުވާތަކެތި އެތެރެކުރާ މީހާ ގެންގޮސް މިހާރު ދަނީ ފަރުވާ ދެމުން،" މަސްތުވާތަކެތިން ގެމަނަފުށި ސަލާމަތް ކުރުމަށް ކުރި ކަންތައްތައް ކިޔައިދެއްވަމުން އެ ރަށު ކައުންސިލްގެ ރައީސް އިބްރާހިމް ނާޝިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގެމަނަފުއްޓަށް މަސްތުވާތަކެތި އެތެރެކުރެވެން ހުރި ހުރިހާ މަގެއް މިހާރު ވާނީ ބަންދު ކުރެވިފައި ކަމަށާއި އެއްވެސް ގޮތެއް ނޯންނާނެ ކަމަށެވެ.

މަސް ދުވަހަށް ފުލުހުން ހިންގި އެ ހަރަކާތުގައި އެ ރަށުގައި މަސްތުވާތަކެތި ބޭނުން ކުރާ މީހުންގެ ތެރެއިން ބައިވެރި ނުވަނީ ހަ މީހުން ކަމަށް ވެސް ނާޝިދު ވިދާޅުވި އެވެ.

"މި ރަށަށް ޑްރަގް އެތެރެ ކުރާ މީހާ، އޭނާ މިހާރުވީ ފަރުވާއަށް ޑްރަގް ފްރީ އައިލެންޑަށް ގެންގޮސްފަ. އޭނާވެސް ހުއްޓާލަން މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން މައުލޫމާތުދޭ. މިހާރު ނީންނާނެ ރަށަށް މަސްތުވާތަކެތި އެތެރެ ކުރެވޭނެ އެއްވެސް މަގެއް،"

އޭނާ އިތުރަށް ވިދާޅުވީ ރަށަށް މަސްތުވާތަކެތި ގެނައުން ހުއްޓާލުމަށް ކުރި މަސައްކަތުގެ ނަތީޖާ ރަނގަޅު ކަމަށާއި ނަމަވެސް ކުރަންޖެހުނީ ބުރަ މަސައްކަތެއް ކަމަށެވެ. އެއީ އާންމުކޮށް މަސްތުވާތަކެތި ބޭނުން ކުރާ މީހަކު ކުއްލިއަކަށް އެ ބޭނުން ކުރުން ހުއްޓާލުމުން ފެންނަ ނަތީޖާގެ ސަބަބުން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ގެނަމަފުށި މަތިން ނަގާފައި--


"ފުރަތަމަ ފެށި ދުވަސްކޮޅު އެ ބޭނުންކުރާ މީހުން އެޑްމިޓްވެސް ކުރި. ތިން މީހުންނަށް ޖެހުނު އެޑްމިޓްކޮށްގެން ފަރުވާ ދޭން. އެއީ ނުލިބުނީމަ ހުއްޓުވާލަން ފަރުވާ ދޭން ޖެހޭ ގޮތަށް،"

މަސްތުވާތަކެތި ބޭނުން ކުރުމަށްފަހު ހުއްޓާލާ މީހުނަށް އެކަށީގެންވާ ފަރުވާ ދެވޭނެ ފަސޭހަ މަގެއް ނޯންނަކަން ނާޝިދު ފާހަގަކުރެއްވި އެވެ. ނަމަވެސް މަސްތުވާތަކެއްޗަށް ފަރުވާ ދެވޭނެ ތަނެއް ގާއިމް ކުރުމަށް ކައުންސިލުން މަޝްވަރާ ކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރަށް މަސްތުން ސަލާމަތް ކުރުމަށް ރައްޔިތުން އަތުކުރި އޮޅާލައިގެން!

"ރަށުތެރެ ބަލަހައްޓަން، ރަށުގަ ހިނގާ ކަންކަން ބަލަހައްޓަން، ރަށަށް އަރާ ފައިބާ މީހުން ބަލަން، ރަށަށް ޑިންގީއެއް ނޫނީ ދޯންޏެއް އަޔަސް އެކަން އަންގާނެ މީހުން ތިބޭނެ މިހާރު. 24 ގަޑިއިރު މީހުން ތިބޭނެ އެކަމަށް،" ނާޝިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފުލުހުންނާއި ރައްޔިތުން ގުޅިގެން ރަށުގެ ހާލަތު މޮނިޓާ ކުރުމަށް ފޯސްއެއް އެކުލަވާލާފައިވާ ކަމަށެވެ. އެހެންކަމުން ގެމަނަފުއްޓަށް މަސްތުވާތަކެތި އެތެރެ ކުރުމަކީ ފަސޭހަ ކަމަކަށް ނުވާނެ އެވެ. އަދި އެތަކެތި ބޭނުންކޮށް ގެންގުޅުމަކީވެސް ގެމަނަފުށީގައި ކުރަން ފަސޭހަ ކަމަކަށް ނުވާނެ ކަމަށް ނާޝިދު ފާހަގަ ކުރެއްވި އެވެ.

"ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑަށް މިކަމަށް އެއްބާރުލުން ލިބޭ. ރަށުން މީހަކު ފުރައިގެން ދިޔަސް ގުޅާފަ ބުނާނެ މިވެނި މީހަކު ގޮއްސިއޭ، ޑިންގީއެއް އަޔަސް މިހާރު ގުޅާނެ. ހަބަރު ދޭނެ ބަރާބަރަށް،" ނާޝިދު ވިދާޅުވި އެވެ.

ނާޝިދު ވިދާޅުވީ "ޑްރަގް ފްރީ އައިލެންޑު"ގެ ގޮތުގައި ފުލުހުން ކަނޑައެޅި ފަސް ރަށުގެ ތެރޭގައި ގެމަނަފުށި ހިމެނުމަކީ ވަރަށް ރަނގަޅު ކަމެއް ކަމަށެވެ. މިއީ ރާއްޖޭގައި މިފަދަ ކަމެއް ފެށި ފުރަތަމަ ފަހަރެވެ.

ޔުނިވާސިޓީ އޮފް ބިކޮކާ-މިލާނޯއިން 2019 ވަނަ އަހަރު ރާއްޖޭގައި ކުރި ދިރާސާއަކުން ދައްކާ ގޮތުގައި މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި 4،000 އަށް ވުރެ ގިނަ މީހުން އެބަ ތިއްބެވެ. ނަމަވެސް ރާއްޖޭގައި އެކަމަށް ދެވޭނެ އެންމެ އެކަށީގެންވާ ފަރުވާއެއް ނުހުރެ އެވެ.