3 ޖުލައި 2022 - 01:35 0
ސިޓީ ކުޅުންތެރިން ތަށްޓާ އެކު އުފާފާޅުކުރަނީ.-- ފޮޓޯ: އިމޭޖަސް.އެމްވީ
3 ޖުލައި 2022 - 01:35 0
ކުލަބު ވެމްކޯ ވެސް ބަލިކޮށް، މައިލޯ ގައުމީ ވޮލީބޯޅަ ލީގުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، 100 ޕަސެންޓް ރެކޯޑަކާ އެކު ސްޕޯޓްސް ކުލަބު ސިޓީ އިން މިރޭ ލީގު ޝީލްޑް އުފުލާލައިފި އެވެ.
ގައުމީ ވޮލީބޯޅަ ލީގުގައި ސްޕޯޓްސް ކުލަބު ސިޓީ އިން މިރޭގެ މެޗަށް ނުކުތްއިރު ވެސް އޮތީ ލީގުގެ އެއް ވަނަ ޔަގީންކޮށްފަ އެވެ. އެ ޓީމުން މިރޭގެ މެޗު ކާމިޔާބުކުރުމާއިއެކު ލީގުގައި ކުޅުނު ފަސް މެޗުން ވަނީ 15 ޕޮއިންޓް ލިބިފަ އެވެ. ދެ ވަނައިގައި އޮތް ސިފައިންގެ ކުލަބަށް 12 ޕޮއިންޓް ލިބުނުއިރު، ތިން ވަނަ ލިބުނު ކުލަބު ވެމްކޯ އަށް ލިބުނީ އަށް ޕޮއިންޓެވެ. ހަތަރު ވަނަ އަށް ދިޔަ ޕޮލިސް ކުލަބަށް ލިބުނީ ހަތް ޕޮއިންޓެވެ. ފުލުގައި އޮތް ދެ ޓީމު ކަމަށްވާ އޮއްފު އެފްސީ އާއި ސްޕޯޓްސް ކުލަބު ގުޑީސް މާދަމާ ރޭ ލީގުގެ ފަހު މެޗުގައި ވާދަކުރާނެ އެވެ.
ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި މިރޭ ކުޅުނު މެޗު ސިޓީ އިން ކާމިޔާބު ކުރީ ވެމްކޯ އާ ވާދަކޮށް 3-1 ސެޓުންނެވެ.
މެޗުގެ ފުރަތަމަ ސެޓަށް ދެ ޓީމުން ނެރެފައިވަނީ ރަސްމީ ހަ ކުޅުންތެރިންނެވެ. ފުރަތަމަ ސެޓު ފަށައިގެން ލީޑެއް ނަގައި އެންމެ ފަހު ވަގުތާ ހަމައަށް ދެ ޕޮއިންޓްގެ ލީޑު ދަމަހައްޓައި ވެމްކޯ އިން 23-25 އިން ސެޓު ކާމިޔާބުކުރި އެވެ. ވެމްކޯ ޓީމްގެ އިންޑިއާ ސެންޓަ ބްލޮކަރު، އަޝްވަލް ރާއީ އާއި ރާއްޖޭގެ ކެޕްޓަން، އިސްމާއިލް ސާޖިދު (ކުޑަ ކާއްޓޭ) މި ސެޓުގައި ތަފާތު ދެއްކި އެވެ. މިއީ މި ފަހަރުގެ ލީގުގައި ސިޓީ އަތުން ގެއްލުނު ފުރަތަމަ ސެޓެވެ.
ސިޓީ ކުޅުންތެރިން މިރޭގެ މެޗުގެ ތެރެއިން އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ
ދެ ވަނަ ސެޓު ފަށައިގެން ދެ ޓީމް ހަމަހަމަކޮށް ގޮސް ހަ ވަނަ ޕޮއިންޓާ އެކު ސިޓީ އިން ލީޑު ނެގި އެވެ. އެ ލީޑު ފުޅާކޮށް 25-14 އިން ސިޓީ މި ސެޓު ކާމިޔާބުކުރި އެވެ. މި ސެޓުގައި ސިޓީގެ ކެޕްޓަން އަލީ ހުޒާމް (ހުޒަންޓެ) އާއި ވިނީތު ކުމާރުގެ ހަމަލާތައް ހުއްޓުވުމުގައި ވެމްކޯ އަށް އުނދަގޫތަކާ ކުރިމަތިވި އެވެ.
ތިން ވަނަ ސެޓަށް ވެމްކޯ އިން ނުކުތީ ބޮޑެތި ބަދަލުތަކަކާ އެކުގަ އެވެ. އެ ގޮތުން ބިދޭސީ ސެޓަރު، ވިޕުލް ކުމާރް، ކެޕްޓަން ކުޑަކާއްޓޭގެ ބަދަލުގައި ބެންޗުގައި ތިބި ކުޅުންތެރިންނަށް ކޯޗު ފުރުސަތު ދިނެވެ. ސެޓުގެ ވަކި ހިސާބަކުން އަޝްވަލް ރާއީ ވެސް އިނީ ބެންޗުގަ އެވެ. މީގެ ފައިދާ ނަގައި ސިޓީ އިން ފަސޭހަކަމާ އެކު ފަހު ދެ ސެޓު ކާމިޔާބުކުރި އެވެ. ފަހު ދެ ސެޓު ސިޓީ އިން ހޯދީ 25-16 އާއި 25-12 އިންނެވެ.
މި މެޗަށް ފަހު ލީގުގެ ޗެމްޕިއަން ސިޓީ އަށް ލީގު ޝީލްޑް ހަވާލުކުރުން އޮތެވެ. އަދި ތިން ވަނަ އަށް ދިޔަ ވެމްކޯ އަށް ވެސް މެޑަލް ހަވާލުކުރުން އޮތެވެ. މެޑަލް ހަވާލުކޮށްދިނުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފް އެވެ.
މިއަދު ހަވީރު ދިވެހި ސިފައިންގެ ކްލަބުން 3-1 ސެޓުން ޕޮލިސް ބަލިކޮށް ލީގުގެ ދެ ވަނަ ހޯދި އެވެ.
ގައުމީ ލީގުގެ ފަހު މެޗުގައި މާދަމާ ރޭ ގުޑީސް އާއި އޮއްފު އެފްސީ ވާދަކުރާއިރު، ލީގުގެ ވަނަތަކަށް ހޮވުނު ކުޅުންތެރިން އިއުލާންކުރާނީ މާދަމާރޭގެ މެޗަށް ފަހުގަ އެވެ.
ގައުމީ ލީގަށް ފަހު ގައުމީ މުބާރާތުގެ ކުޅުން ފަށާނީ ހޯމަ ދުވަހުގެ ހަވީރެވެ. އެ ދުވަހު ކުޅޭ ސެމީ ފައިނަލް ފުރަތަމަ މެޗުގައި ވާދަކުރާނީ ޕޮލިހާއި ވެމްކޯ އެވެ. އެރޭ ކުޅޭ ސެމީ ފައިނަލް ދެ ވަނަ މެޗުގައި ވާދަކުރާނީ ލީގުގެ ޗެމްޕިއަން ސިޓީ އާއި ދެ ވަނަ ހޯދި ސިފައިންނެވެ.
ސިޓީ އާއި ސިފައިން ކުޅޭ މެޗުން މޮޅުވާ ޓީމަކަށް ފައިނަލުގެ ސީދާ ޖާގަ ލިބޭނެ އެވެ. އެކަމަކު، ބަލިވާ ޓީމެއް ޖެހޭނީ ވެމްކޯ އާއި ޕޮލިސް ކުޅޭ ސެމީ ފައިނަލުން މޮޅުވާ ޓީމަކާ ކުޅޭށެވެ. އެ މެޗުން މޮޅުވާ ޓީމަކަށް ފައިނަލުގެ ފަހު ޖާގަ ލިބޭނެ އެވެ.
ގައުމީ މުބާރާތުގެ ފައިނަލް އޮންނާނީ މި މަހު ހަތް ވަނަ ދުވަހުގެރޭގަ އެވެ.
Comment