Advertisement

ރިސޯޓު ނުނިމި ދިހަ އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ނުވަ ރަށެއް!

4 ޖުލައި 2022 - 14:30 7

އަމަން ހަލީމް

އަމަން ހަލީމް

ރިސޯޓު ތަރައްގީކުރަން ދޫކޮށްފައިވާ ރަށްތަކުގެ ތެރެއިން ނުހެދި ހުރި ބައެއް ރަށްތައް: (ވ-ކ) ގދ. ލޮނުދޫހުއްޓާ، މ. ގަސްވެލި، ދެކުނު ބޮޑުވެލި އަދި ކުޑައުސްފުއްޓާއި ހއ. ބެރިންމަދޫ. -- ގްރެފިކްސް: މުހައްމަދު އިސާމް (ފޮޓޯ: ގޫގްލް އާތް)


ރިސޯޓު ނުނިމި ދިހަ އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ނުވަ ރަށެއް!

4 ޖުލައި 2022 - 14:30 7

ޓޫރިޒަމްގެ ބޭނުންތަކަށް އެކި ފަހަރުމަތިން ދޫކޮށްފައިވާ ރަށްރަށުގެ ތެރެއިން ރިސޯޓު ހެދުމުގެ މަސައްކަތް މިހާތަނަށް ނުނިމޭ ރަށްތަކުގެ ތެރޭގައި 10 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ނުވަ ތަނެއް ހިމެނޭކަން "އަދަދު" ނޫހަށް އެނގިއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުރި ޑިވެލޮޕިން އައިލެންޑްސް ލިސްޓާއި އެހެނިހެން މަސްދަރުތަކުން ލިބެން ހުރި މައުލޫމާތު އަޅާކިޔުމަށް ފަހު މި ނޫހުން އެކުލަވާލި ލިސްޓުގައި މަސައްކަތް ހުއްޓިފައިވާ ރަށްރަށާއި މިއަދާ ހަމައަށް އެއްވެސް މަސައްކަތެއް ނުކުރާ ރަށްރަށް ހިމެނެ އެވެ.

މަސައްކަތް ހުއްޓިފައި ހުރި ރަށްތަކުގެ ތެރޭގައި 20 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ރަށަކާއި 15 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ތިން ރަށަކާއި ދިހަ އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ރަށެއް ހިމެނެ އެވެ. އެ ރަށްތަކަކީ:

  • ޅ. ހުދުފުށި
  • ގދ. ލޮނުދޫހުއްޓާ
  • ނ. މާވެލާވަރު
  • ށ. ދޮޅިޔަދޫ
  • ހއ. ބެރިންމަދޫ

ރިސޯޓު ހަދަން ކުއްޔަށް ދިން ފަހުން އެއްވެސް ވަރަކަށް މަސައްކަތް ކުރިޔަށް ނުދާ ރަށްތަކުގެ ތެރޭގައި ހިމެނޭ ހަތަރު ރަށަކީ ވެސް ރަށް ހަވާލުކުރިފަހުން 15 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ރަށްރަށެވެ. އެ ރަށްތަކަކީ:

  • ނ. ހުއިވަނި
  • ގދ. ކައިށިދޫ (ކާށިދޫ)
  • މ. ގަސްވެލި، ދެކުނު ބޮޑުވެލި އަދި ކުޑައުސްފުށި
  • ރ. ލުނދުފުށި

މިހެން ހުރި ރަށްތަކާ ގުޅިގެން އިތުރަށް ހޯދި މައުލޫމާތުން އިނގޭ ގޮތުގައި މަސައްކަތް ހުއްޓިފައިވާ ގިނަ ރަށްތަކަކީ ރަހުނުކުރުމަށް ފަހު ނެގި ލޯނުތަކުގެ މައްސަލައިގައި ވިއްކާލަން ކޯޓުން ހުއްދަ ދީފައިވާ ރަށްރަށާއި ކޯޓު މަރުހަލާގައި ތާށިވެފައި ހުރި ރަށްރަށެވެ. އެއްވެސް މަސައްކަތެއް ނުކުރާ ރަށްރަށުގެ ތެރެއިން ލޯނު ނުދައްކައިގެން ވިއްކާލަން މަސައްކަތް ކުރާ ހަމައެކަނި ރަށަކީ ގަސްވެއްޔެވެ.

ކުއްޔަށް ދީފައިވާ ރަށްތަކުގެ ތެރެއިން މިހާތަނަށް ރިސޯޓު ނުނިމި އެންމެ ގިނަ ދުވަސްވެފައިވާ ރަށްތައް. -- ގްރެފިކްސް: މުހައްމަދު އިސާމް


ލަފާކުރެވޭ ގޮތުގައި މި ހުރިހާ ރަށަކީ ވެސް މިފަހުން ޓޫރިޒަމް މިނިސްޓްރީން އެއްބަސްވުންތަކަށް ބަދަލު ގެނެސް ތިން އަހަރުގެ ތެރޭގައި ރިސޯޓު ހުޅުވަން ޝަރުތުކޮށްފައިވާ ތަންތަނުގެ ތެރޭގައި ހިމެނޭ ރަށްރަށެވެ. މިހާރު ތަރައްގީކުރަމުންދާ ލިސްޓުގައި 108 ރިސޯޓެއް ހިމެނޭއިރު އޭގެ ތެރެއިން 75 ރަށެއްގެ އެއްބަސްވުން އާކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ހާމަކޮށްފަ އެވެ.

މި ނުވަ ރަށާ ގުޅޭ ތަފްސީލު ރިޕޯޓުތައް ކައިރި މުސްތަގުބަލެއްގައި މި ނޫހުން ގެނެސްދޭނެ އެވެ.