Advertisement

ޖުނާހު މަރުވީ ފޮޓޯ ނަގަން އުޅެނިކޮށް ރާޅުގަނޑަށް ދަމައިގަނެގެން

2 ޖުލައި 2022 - 12:46 1

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް މަރުވި ތ. ދިޔަމިގިލީ، އީސާ ޖުނާހު: އޭނާއަކީ ސަން އައިލެންޑް ރިސޯޓުގައި މަސައްކަތް ކުރަމުންދިޔަ ޒުވާނެއް -- ފޮޓޯ: ސޯޝަލް މީޑިއާ


ޖުނާހު މަރުވީ ފޮޓޯ ނަގަން އުޅެނިކޮށް ރާޅުގަނޑަށް ދަމައިގަނެގެން

2 ޖުލައި 2022 - 12:46 1

އދ. ފެންފުށީގައި އިއްޔެ މަރުވި އީސާ ޖުނާހު، 23، މަރުވީ އުދަ އަރާ މަންޒަރުގެ ފޮޓޯ ނަގަން ހުއްޓައި ރާޅުގަނޑަށް ދަމައިގަނެގެން ކަމަށް އޭނާގެ ރަހުމަތްތެރިން ބުނެފި އެވެ.

ސަން އައިލެންޑް ރިސޯޓުގައި މަސައްކަތް ކުރަމުންދިޔަ، ތ. ދިޔަމިގިއްޔަށް ނިސްބަތްވާ ޖުނާހު މަރުވީ ރޭގެ ވަގުތެއްގަ އެވެ. އުދަ އަރާ މަންޒަރުގެ ފޮޓޯ ނަގަން އުޅެނިކޮށް ރާޅުގަނޑު ތެރެއަށް އޭނާ އަދި ރަހުމަތްތެރިޔަކު ދަމައިގަނެ، މޫދަށް ގެއްލުނުކަމުގެ ރިޕޯޓް ފުލުހުންނަށް އެންމެ ފުރަތަމަ ލިބުނީ ހަވީރު 6:00 ޖެހިއިރެވެ.

"ޖުނާހުއާ މި ރަށު އިތުރު ކުއްޖަކާ ތިބީ ފޮޓޯ ނަގަން، މޫދުގެ ތަނބިކައްޓާ ހިސާބަށް އެރިގެން. ދެން އުދަގަނޑާއި ބާނި ގަނޑާއި އެއްކޮށް ރާޅު އައިސް އެ ދެކުދިން އޮޔާ ދަމައިގަތީ،" އިއްޔެގެ ހާދިސާގައި ކަން ހިނގިގޮތް ކިޔައިދެމުން، ފެންފުށި ކައުންސިލްގެ މެމްބަރު ޝީޒާ ވަސީމް ވިދާޅުވި އެވެ.

އިއްޔެ ފެންފުއްޓަށް ދިޔަ ޖުނާހު އޭނަގެ ތިން ރައްޓެހިންނާއެކު، އެ ރަށު ތުނޑިއަށް ދިޔައީ ހަވީރު އެވެ. އޭނާއާ އެއްކޮށް ދިޔަ މީހުން ބުނީ ޖުނާހު މޫދަށް އެރުމުގެ ބޭނުމަކަށްވީ ހަމައެކަނި އުދައިގެ ފޮޓޯ ނެގުމެވެ. ނަމަވެސް އެރި އުޅެނިކޮށް ޖުނާހު އަދި އޭނާގެ އިތުރު ރަހުމަތްތެރިޔަކު އޮޔާ ދިޔައީ ކަމަށް އޭނާ ބުންޏެވެ.

އެ ދެ ކުދިން އޮޔާ ދަމައިގަތުމުން އެއްގަމުގަ ހުރި ފިރިހެން ކުއްޖަކު އޭނަ މަންމަ އަށް ގުޅާފައި ވެގެން އުޅޭގޮތް ކިޔާދިނުމުން ކައުންސިލުން ޑިންގީއެއްގައި އެ ސަރަހައްދަށް ދިޔަ ކަމަށް ކައުންސިލުގެ ޝީޒާ ވިދާޅުވި އެވެ. އަދި އެ ހިސާބުން ޑިންގީއެއްގައި ކުދިން ހޯދުމަށް ނިކުތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ފުރަތަމަ ފެނުނީ މި ރަށު ކުއްޖާ. އެ ކުއްޖާ ނެގި އިރުވެސް ވަރަށް ބޮޑަށް ލޮނު ބޮވިފަ އޮތީ. އެ ކުއްޖާ ނަގާފަ ޑިންގީއަށް ލާފަ އަނެއް ކުއްޖާ ހޯދަން މަސައްކަތް ކޮށްކޮށް ވެސް ނުފެނިގެން ފުރަތަމަ ނެގުނު ކުއްޖާ ގެނެސް ހޮސްޕިޓަލަށްލީ،" ކަން ހިގާދިޔަ ގޮތް ކިޔައިދެމުން ޝީޒާ ވިދާޅުވި އެވެ.

ޝީޒާ ބުނީ މޫދަށް ގެއްލުނު ދެ މީހުންގެ ތެރެއިން ސަލާމަތްވި ޒުވާނާ މަރުކަޒަށް ގެނައިރު ނޭވާާލުން ރަނގަޅުވަމުން ދިޔަ ކަމަށެވެ. އުމުރުން 19 އަހަރުގެ ހައިޝަމް އިބްރާހިމަށް އެންމެ ފުރަތަމަ ފަރުވާ ދިނީ ފެންފުށީ ހެލްތު ސެންޓަރުގަ އެވެ. ނަމަވެސް ހާލު ސީރިއަސްވުމުން އިތުރު ފަރުވާއަށް އދ. އަތޮޅު މަހިބަދޫ ހޮސްޕިޓަލަށް ގެންދިޔަ އެވެ.

"އަނެއް ކުއްޖާ ފެނުނީ ހޯދާތާ 45-50 ވަރަކަށް މިނެޓަށްވުރެ ވެސް ގިނައިރު ފަހުން. ނެގި އިރުވެސް ނޭވައެއް ނުލާ.، މަރުވެފަ އޮތީ. ޑޮކްޓަރުން ވެސް ބުނެފި ގެނެސް ބެލި ގޮތަށް، މަރުވެފައޭ،" ޝީޒާ ކިޔައިދިނެވެ.

ޝީޒާ ވިދާޅުވީ އިއްޔެ އެ ހާދިސާ ހިނގި، ރަށުގެ ހުޅަނގު ފަރާތުގައި އޮންނަ ތުނޑި އަކީ އާންމުކޮށް ވެސް އޮއެ ގަދަ ހިސާބެއް ކަމަށެވެ. މޫސުން ގޯސް ދުވަސްވަރެއް ނަމަ އުދަވެސް އަރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މޫސުން ގޯސް ދުވަސްވަރެއް ނަމަ އެތަން ހީވާނީ ސުނާމީ އަރާހެން. އެކަހަލަ އޮއެވަރެއް ހުންނާނީ. އަބަދުވެސް އޮއެ ބާރު ހިސާބެއް އެއީ. އެތާ އިންނާނީ އޮޅާލާ ވައްތަކަށް އިންނަ އޮއެގަނޑެއް،" ޝީޒާ ބުންޏެވެ.

މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރަކަށް ވާއިރު އިއްޔެ ވަނީ ވަރަށް ގިނަ ރަށްރަށަށް އުދަ އަރާ ކަނޑުގެ ތަފާތު ހާދިސާތައް ވެސް ހިނގާފަ އެވެ.

އިއްޔެ ވަނީ ރާއްޖޭގެ މެދު އަދި ދެކުނުގެ ހަތް އަތޮޅެއްގެ 18 ރަށަށް ވަރަށް ބޮޑަށް އުދަ އަރައި 200 އަށް ވުރެ ގިނަ ގޭބީސީތަކަށް ލޮނު ވަދެ ބޮޑެތި ގެއްލުންތަކެއްވެފަ އެވެ. އުދަ އަރާފައި ވަނީ އދ. އަތޮޅާއި ތ. އަތޮޅާއި ލ. އަތޮޅާއި ގއ. އަތޮޅާއި ގދ. އަތޮޅު އަދި އައްޑުއަށެވެ.