Advertisement

ލީގުގެ ގަދަ ހަތަރެއް ޔަގީންކޮށް ވެމްކޯ ފުރަތަމަ ފަހަރަށް ގައުމީ މުބާރާތަށް

2 ޖުލައި 2022 - 01:26 0

ގުޑީސްގެ ދެ ކުޅުންތެރިން ކައިރިން ވެމްކޯގެ ކުޑަކާއްޓެ (ކ). ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ


ލީގުގެ ގަދަ ހަތަރެއް ޔަގީންކޮށް ވެމްކޯ ފުރަތަމަ ފަހަރަށް ގައުމީ މުބާރާތަށް

2 ޖުލައި 2022 - 01:26 0

މައިލޯ ގައުމީ ވޮލީބޯޅަ ލީގުގައި މިރޭ ކުޅުނު މެޗުން ގުޑީސް ސްޕޯޓްސް ކްލަބް ބަލިކޮށް، ކްލަބް ވެމްކޯ އިން ލީގުގެ ގަދަ ހަތަރެއް ޔަގީންކޮށް ފުރަތަމަ ފަހަރަށް ގައުމީ މުބާރާތަށް ކޮލިފައިވެއްޖެ އެވެ.

މިއީ ފިިރިހެން ވޮލީގައި ވެމްކޯ އިން ވާދަކުރާ ފުރަތަމަ ފަހަރެވެ. އެ ޓީމުން ވަނީ އެސޯސިއޭޝަން ކަޕްގެ ކޮލިފައިން ބުރުގެ ތެރެއަށް އައިސް، އެ މުބާރާތުގެ ފައިނަލް ބުރުގައި ވާދަކޮށް މުބާރާތުގެ ފައިނަލުގައި ސްޕޯޓްސް ކްލަބް ސިޓީ އަތުން ބަލިވެފަ އެވެ. ގައުމީ ލީގުގެ ގަދަ ހަތަރަކަށް ގައުމީ މުބާރާތުން ޖާގަ ލިބޭ ގޮތަށް އޮތްއިރު، މިރޭގެ މޮޅާ އެކު ވެމްކޯ އިން މި ވަނީ ގައުމީ މުބާރާތުގެ ޖާގައެއް ހޯދައިފަ އެވެ. މިއީ އެ ޓީމުން ފިރިހެން ޑިވިޝަނުގެ ގައުމީ މުބާރާތުގައި ކުޅޭ ފުރަތަމަ ފަހަރެވެ.

ލީގުގައި މިރޭ ކުޅުނު މެޗަށް ފަހު، ކޮންމެ ޓީމެއް ވަނީ ހަތަރު މެޗު ކުޅެފަ އެވެ. ލީގުގެ ގަދަ ހަތަރެއް ވެސް ވަނީ ޔަގީންވެފަ އެވެ. އެ ގޮތުން އެއް ވަނައިގައި އޮތީ ޗެމްޕިއަންކަން ކަށަވަރުކޮށްފައިވާ ސިޓީ އެވެ. އެ ޓީމަށް ވަނީ 12 ޕޮއިންޓް ލިބިފަ އެވެ. ދެ ވަނައިގައި އޮތް ދިވެހި ސިފައިންގެ ކްލަބަށް ވަނީ ނުވަ ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް ވެމްކޯ އަށް އަށް ޕޮއިންޓް ލިބިފައިވާއިރު، ހަތަރެއްގައި އޮތް ޕޮލިސް ކްލަބަށް ވަނީ ހަތް ޕޮއިންޓް ލިބިފަ އެވެ. ގުޑީސް އާއި އޮއްފު އަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.

ގުޑީސްގެ ދިގު އައްޔަ (ކ) ވެމްކޯގެ ފައިރޫޒް ކައިރިން ބޯޅަ ފޮނުވާލަން މަސައްކަތްކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ


ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި މިރޭ ކުޅުނު މެޗުގެ ސެޓުތައް ދިޔައީ، 25-18، 25-21 އަދި 25-21 އިންނެވެ.

ފުރަތަމަ ސެޓު ފަށައިގެން ގުޑީސް އިން ވަނީ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. އެ ޓީމުގެ ސެޓަރު، ހުސެއިން ވިޝާމް (ބުޅިކެ) ދޭ ބޯޅަތަކުގައި އަލީ އާމިރު (ދިގު އައްޔަ) އާއި ހަސަން ނިލާމް (ޕާޓޭ)ގެ ރަނގަޅު އެޓޭކްތަކެއް ފެނިގެންދިޔައިރު، ގުޑީސް އިން 05-09 އިން ލީޑުގައި ވެސް އޮތެވެ. އެކަމަކު، މަޑުމަޑުން މެޗުގެ ތެރެއަށް ވަދެ، ވެމްކޯ އިން ނަތީޖާ އަނބުރާލީ އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އާއި އިންޑިއާގެ ސެންޓަ ބްލޮކަރު، އަޝްވަލް ރާއީގެ ރަނގަޅު އެޓޭކްތަކާ އެކު އެވެ. އެ ގޮތުން 11-10 އިން ވެމްކޯ އިން ލީޑުނެގިފަހުން، ދެން ގުޑީސް އަށް އަލުން މެޗުގެ ތެރެއަށް ވަންނަން ފުރުސަތު ނުލިބެ އެވެ. އެ ގޮތަށް ގޮސް، ވެމްކޯ އިން 25-18 އިން ސެޓު ނިންމާލި އެވެ.

ވެމްކޯގެ ސެޓަރު ރަންޖީތު ސިންގް ދާން ޖެހުމުން، އެ ޓީމުން ގެނައި އިންޑިއާގެ އާ ސެޓަރު، ވިޕުލް ކުމާރުގެ ކުޅުން މަޑުމަޑުން އެ ޓީމުގެ ގޭމަށް ހޭނި، ކޮންމެ ސެޓެއްގެ ވެސް މެދެއްހާ ހިސާބުން ރަނގަޅަށް ކުޅެން ފަށަ އެވެ. ދެ ވަަނަ ސެޓު ފަށައިގެން ވަރަށް ވާދަވެރިކޮށް ދެ ޓީމުގެ ސްކޯ ދިޔައިރު، މި ސެޓުގައި ވެސް ފޯރިގަދަކޮށް ދިޔަ ވަގުތުތަކުގައި ވެމްކޯގެ އެޓޭކަރުންގެ ބޭނުން ހިފީ ވިޕުލްގެ ބޯޅަތަކުންނެވެ. މުހިންމު ވަގުތުގައި ކުޑަކާއްޓެ އާއި އާދަމް ފައިރޫޒްގެ ކުޅުން ފެނުނީ މި ސެޓުގައި ރަނގަޅުކޮށެވެ. ވެމްކޯ އިން ދެ ވަނަ ސެޓު ގެންދިޔައީ، 25-21 އިންނެވެ.

ގުޑީސްގެ ޕާޓޭ (ކ) ވެމްކޯގެ ކުޑަކާއްޓެ ޖަހާ ޝޮޓް ބްލޮކްކުރަން މަސައްކަތް ކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ


ތިން ވަނަ ސެޓުގައި ގުޑީސް އިން ވަރަށް ވަރުގަދަ އަށް ޖެއްސި އެވެ. އެ ގޮތުން އެ ޓީމުން ވަނީ 07-10 އިން ލީޑެއް ވެސް ނަގައިފަ އެވެ. ގުޑީސްގެ ބިދޭސީ ކުޅުންތެރިޔާ، މޯހިތު ޝަރާވަތުގެ ރަނގަޅު ބޯޅަތަކެއް އެ ވަގުތު ފެނިގެންދިޔަ އެވެ. އެކަމަކު، އޭގެ ފަހުން ވެމްކޯ އިން ޑިފެންސް ބޯޅަތަކުގައި ސަމާލުވެގެން ކުޅެން ފެށި އެވެ. ސެޓުގެ ސްކޯ މެދަކާ ޖެހެންދެން، ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެންނަމުންދިޔައިރު، އަޝްވަލް އާއި ކުޑަކާއްޓެގެ ބޭނުންހިފައި ވެމްކޯ އިން 18-17 އިން ލީޑުނެގި ހިސާބުން ދެން އެ ޓީމަށް ކޮންޓްރޯލެއް ލިބިގެން ކުޅެން ފެށި އެވެ. އެ ރޫހުގައި ކުޅެ، ތިން ވަނަ ސެޓު 25-21 އިން ގެންގޮސް ވެމްކޯ މެޗުން މޮޅުވީ އެވެ.

ލީގުގައި ބާކީ ދެން އޮތީ ތިން މެޗެވެ. އެއީ މާދަމާ ހަވީރު ސިފައިންނާއި ޕޮލިސް ކުޅޭ މެޗާއި މާދަމާރޭ ސިޓީ އާއި ވެމްކޯ ބައްދަލުކުރާ މެޗާއި އާދިއްތަ ދުވަހުގެރޭ އޮއްފު އާއި ގުޑީސް ކުޅޭ މެޗެވެ. މާދަމާރޭ ސިޓީ އާއި ވެމްކޯ ކުޅޭ މެޗަށް ފަހު ލީގު ޗެމްޕިއަން ސިޓީ އަށް އައްޑަނަ ހަވާލުކުރާނެ އެވެ.