Advertisement

ސޭފްގާޑިން ޕްރޮގްރާމް: ބައިނަލްއަގުވާމީ ފުރުސަތުގެ ތެރެއިން އެފްއޭއެމުން ކުރާ ބޭނުންތެރި ގައުމީ މަސައްކަތެއް

1 ޖުލައި 2022 - 09:13 0

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު

ކޮމަންވެލްތާއި ފުޓްބޯލް ފޯ ޕީސް އިން އެފްއޭއެމާ ގުޅިގެން ރާއްޖޭގައި ބޭއްވި ސޭފްގާޑިން ޕްރޮގްރާމްގެ ތެރެއިން އައްޑޫގައި ކުރިއަށްދިޔަ ޕީސް ފުޓްބޯޅަ މުބާރާތް.-- ފޮޓޯ: އެފްއޭއެމް


ސޭފްގާޑިން ޕްރޮގްރާމް: ބައިނަލްއަގުވާމީ ފުރުސަތުގެ ތެރެއިން އެފްއޭއެމުން ކުރާ ބޭނުންތެރި ގައުމީ މަސައްކަތެއް

1 ޖުލައި 2022 - 09:13 0

އެފްއޭއެމުން ވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހު، މުޖުތަމައުގައި އުޅޭ ކުޑަކުދިންނަށް ފުޓްބޯޅައިގެ ތެރެއިން ކަށަވަރުކޮށްދޭން ޖެހޭ ރައްކާތެރިކަން ޔަގީންކޮށްދިނުމުގެ ބޭނުމުގައި އެފްއޭއެމް ފައުންޑޭޝަންގެ ބެލުމުގެ ދަށުން "އެފްއޭއެމް ޗައިލްޑް ސޭފްގާޑިން ޕޮލިސީ"ގެ މުހިންމު ބިޔަ މަސައްކަތް ފަށައިފަ އެވެ.

މި ކަމަށް ކުރު މުއްދަތެއްގެ ތެރޭގައި ބައިނަލްއަގުވާމީ މައިދާނުގެ ސަމާލުކަން ލިބި ރާއްޖެ އަށް ވަނީ ފުރުސަތުތަކެއްގެ ދޮރު ހުޅުވިފަ އެވެ.

އެ ގޮތުން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް)ގެ ފަރާތުން ފުޓްބޯޅައިގެ ތެރެއިން ރައްކާތެރިކަން ކަށަވަރުކުރަން ކުރެވޭ މަސައްކަތުގައި އެކުލަވާލި ސާފް ސޭފްގާޑިން ސްޓިއަރިން ކޮމިޓީގެ ބައްދަލުވުމެއް މާލޭގައި ކުރިއަށް ދިޔަ އެެވެ. އެ ކޮމިޓީ ލީޑުކުރުމުގެ ފުރުސަތު ރާއްޖެ އަށް ލިބުނީ، ކަންކަން ކުރަން އިސްނަގާތީ އެވެ. އަދި ރާއްޖޭން ސޭފްގާޑިންގެ ކަންކަމަށް ގެންގުޅުނު ތަސައްވުރުގެ ސަބަބުން ބައިނަލްއަގުވާމީ ޖަމިއްޔާތަކުން ރާއްޖޭގައި ޕްރޮގްރާމް ހިންގަން ޝައުގުވެރިވި އެވެ.

އެ ގޮތުގައި ކުރިއަށް ގޮސް، މި މަހު 20-28 އަށް މި ވަނީ އެފްއޭއެމް ފައުންޑޭޭޝަނާއި ދި ކޮމަންވެލްތު އަދި ފުޓްބޯލް ފޯ ޕީސް ގުޅިގެން، ރާއްޖޭގެ ތިން ސަރަހައްދެއްގައި ފުޓްބޯޅައިގެ ތެރެއިން ކުޑަކުދިންނަށް ދޭން ޖެހޭ ރައްކާތެރިކަން ގާއިމްކުރާނެ ގޮތްގޮތަށް ކިޔައިދޭން ސޭފްގާޑިން ޕްރޮގްރާމެއްގެ ވޯކްޝޮޕްތަކެއް ބާއްވައިފަ އެެވެ.

ކ. މާލެ، ބ. އޭދަފުށި އަދި އައްޑޫ ސިޓީގައި މި ބޭއްވި ސޭފްގާޑިން އިން ފުޓްބޯލް ޕްރޮގްރާމް ގިނަ ގޮތްގޮތުން ކާމިޔާބެވެ. މިއީ ގައުމުގެ ތިން ސަަރަހައްދެއްގައި ކުރިއަށްދިޔަ ގައުމީ މަސައްކަތެކެވެ.

ދި ކޮމަންވެލްތާއި ފުޓްބޯލް ފޯ ޕީސް ގުޅިގެން ސޭފްގާޑިން އިން ފުޓްބޯލް ޕްރޮގްރާމްގެ ތެރެއިން، ވޯކް ޝޮޕްތަކުގެ އިތުރުން އައްޑޫ ސިޓީގައި ވަނީ ސްކޫލްތަކުގެ މެދުގައި ފުޓްބޯލް ފޯ ޕީސް މުބާރާތެއް ވެސް ބާއްވައިފަ އެވެ.

އެންމެ ފުރަތަމަ މި ޕްރޮގްރާމް، ލޯންޗްކުރި ސެޝަން ބޭއްވީ އޭދަފުށީގަ އެވެ. ރާއްޖޭގެ ފުޓްބޯޅައިގެ މަޝްހޫރު ރަށެއް ކަމަށްވާ އޭދަފުށީގައި ބޭއްވި ޕްރޮގްރާމްގައި އެ ރަށުގައި މި ވަގުތު އެކްޓިވްކޮށް، އުޅޭ ކްލަބްތަކާއި އެކެެޑަމީތަކާއި އިތުރުން ކޮމިއުނިޓީ ޓްރެއިނާސް ތެރޭގައި މަސައްކަތް ކުރާ މީހުންނާއި އެ ރަށުގައި މި ވަގުތު ޔޫތު ލީޑަރުންގެ ގޮތުގައި ފުޓްބޯޅައިގެ ހަރަކާތްތްތަކުގައި ބައިވެރިވެގެން އުޅޭ ގިނަ ބަޔަކު ޕްރޮގްރާމްގައި ބައިވެރިވި އެވެ. މިއީ ތަރުހީބަށް ބަލާއިރު، ރަނގަޅު އަދަދެކެވެ.

އޭދަފުށީގައި ކުރިއަށްދިޔަ ސޭފްގާޑިން ޕްރޮގްރާމްގެ ތެރެއިން: އޭދަފުށިން މި ޕްރޮގްރާމަށް ލިބުނު ތަރުހީބު ރަނގަޅު.-- ފޮޓޯ: އެފްއޭއެމް


އޭދަފުށީގެ ބައި ނިންމާލުމަށް ފަހު ދެން، މާލޭގައި ގެންދިޔައީ ދެ ބަޔަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ ސެޝަންތަކެެކެވެ. އޭގެ ފުރަތަމަ ސެޝަންގައި ބައިވެރިވީ ކްލަބްތަކާއި އެކެޑަމީތަކުގައި މަސައްކަތްކުރާ ކޯޗުންނާއި އޮފިޝަލުންނަށް، މިހާރު ކްލަބްތަކާއި އެކެޑަމީތަކުން އެފްއޭއެމުން ހޮވާލާފައިވާ ޗައިލްޑް ސޭފްގާޑިން ފޯކަލް ޕޮއިންޓް މެމްބަރުންނެވެ. އަދި އެ އަށް ފަހު، މާލޭގައި ބޭއްވި ދެ ވަނަ ސެޝަން ހާއްސަކުރީ އެފްއޭއެމްގައި މަސައްކަތް ކުރާ ކޯޗުންނާއި ފުޓްބޯޅައިގެ އެކި ޓެކްނިކަލް ކޯސްތައް އުނގަނައިދިނުމުގައި އުޅޭ އިންސްޓްރަކްޓަރުން އަދި ސީނިއާ ރެފްރީންނަށެވެ.

"ވަރަށް ގިނަ ބައިވެރިންގެ ފަރާތުން ރަނގަޅު ފީޑްބެކެއް ލިބިގެންދިޔަ، އަސްލު މި ވޯކްޝޮޕްސްތަކުގެ ތެރެއިން ވަރަށް ގިިނަ ފުޓްބޯޅައިގެ ތެރެއިން އެކި ކަަހަލަ ކަންކަން އިންކޯޕަރޭޓްކޮށްގެން މި ޕްރޮގްރާމްސްތަކެއް ގެންދެވޭނެ ގޮތްތައް ޑިޒައިންކުރުމުގައި ދުނިޔޭގެ އެހެން ގައުމުތަކުގެ ބެސްޓް ޕްރެކްޓިސްތަކުގެ މައުލޫމާތު ވެސް ލިބިގެންދިޔަ،" އެފްއޭއެމްގެ ޑިރެކްޓާ އޮފް އިންޓަނޭޝަނަލް ރިލޭޝަންސް، މަރިޔަމް އަންޖުމް އަފްޒަލް، "އަދަދު" އަށް ބުންޏެވެ.

"ސްޕޯޓިން އެލިމަންޓްސް އާއި ނޮން ސްޕޯޓިން އެލިމަންޓްސް ގުޅުވާލައިގެން ދެބައިގެ ތެރެއިން ކުދިންގެ ޑިވެލޮޕްމަންޓް އަށް ބަލައި، ފުޓްބޯޅަ ވެސް އެންމެ ސަސްޓެއިނަބަލް ގޮތެއްގައި ޑިވެލޮޕް ވެގެންދާނެ ކެޕޭސިޓީ މީގެ ތެރެއިން ދަސްވާނެ،"

އަންޖުމް ބުނީ ސޭފްގާޑިން ޕޮލިސީ މިދިޔަ އަހަރު ލޯންޗްކުރި ފަހުން ހަގީގަތުގައި މިވީ މުއްދަތުގެ ތެރޭގައި ވެސް ފުޓްބޯޅަ ކުޅޭ މާހައުލަކީ ކުދިންނަށް ރައްކާތެރި ތަނެއްގެ ގޮތުގައި ބާއްވަން ގިނަ ކަންތައްތަކެއް ކުރެވިފައިވާ ކަމަށެވެ. އެ ގޮތުން، ދާދި ފަހުން މި ނިމުނު ސޭފްގާޑިން ޕްރޮގްރާމްގެ ކުރިން ވެސް ގާތްގަނޑަކަށް 200 ފުޓްބޯޅަ ޕްރޮފެޝަނަލުން ސޭފްގާޑިންގެ ތެރެއިން ތަމްރީން ކުރެވިފައިވާ ކަމަށެވެ.

"މި ޕްރޮގްރާމް މިހާރު ހަމަ ކާމިޔާބު ކަމާ އެކު ނިންމާލެވުނީމަ ހަމަ އެ އަދަދުތައް 450 އާ ހަމައަށް މައްޗަށް ޖައްސާލެވިއްޖެ، އެއީ ހަމަ ކުޑަ ދުވަސްކޮޅެއްގެ ތެެރޭގައި މި ހޭލުންތެރިކަން އުފެދިގެން ކަންނޭނގެ މިދިޔައީ، އެފްއޭއެމް ތެރޭގައި ވެސް ބަދަލުތަކެއް އައިސްފި. ރަނގަޅު ބަދަލުތަކެއް އޮޕަރޭޝަންސްތަކުގެ ތެރެއިން ގެނެވިއްޖެ،"

ކޮމަން ވެލްތުން ދެކެނީ މިއީ "ޕައިލޮޓް ޕްރޮގްރާމް" އެއްގެ ގޮތުގައި

ފަންސާސް ހަތަރު ގައުމު ހިމެނޭ ކޮމަންވެލްތުގައި ރާއްޖެ ދެމި އޮންނަ އެންމެ ބޮޑު ސަބަަބަކީ އެ ޖަމިއްޔާގެ ތެރެއިން އެކި އެކި ދާއިރާތަކުން ފަހިވާ ފުރުސަތުތައް ގައުމަށް މުހިންމުވާތީ އެވެ. ފުޓްބޯލް ފޯ ޕީސްއާ ގުޅިގެން ކޮމަންވެލްތުން ރާއްޖޭގައި އެފްއޭއެމްގެ އެހީތެރިކަމާ އެކު ބިނާކުރަނިވި މި ފަދަ ވޯކްޝޮޕްތަކެއް ބޭއްވުމަކީ މުސްތަގުބަލަށް ހެޔޮ ބަދަލެއް ގެނުވޭނެ ކަމެކެވެ. ގައުމެއް ކުރިއަރާނީ ރަނގަޅު ޖީލެއް ބިނާ ކުރެވިގެންނެވެ.

ކޮމަންވެލްތު ސެކްެރެޓޭރިއަޓްގެ ކެޕޭސިޓީ ބިލްޑިން އޮފިސަރު، އައްސާން، ސޭފްގާޑިން ޕްރޮގްރާމްގެ ތެރެއިން މުހިންމު މައުލޫމާތުތަކެއް ކިޔައިދެނީ.


"އަހަރެން މި ތަނަށް އައީ މިދިޔަ އޮކްޓޫބަރު، ސާފް ސޭފްގާޑިން ކޮންފަރެންސަށް، އައިސްފައި އަހަންނަށް ފެނިގެންދިޔަ މި ތަނުގައި ސޭފްގާޑިން ކަންކަމުގެ ތެރެއިން ކުރެވިދާނެ ކަންތައްތައް. އޭގެ ފަހުން، އަހަރެން ދިޔައީ މި ކަހަލަ ޕްރޮގްރާމެއް ޑިޒައިން ކުރުމުގެ މަސައްކަތްތަކެއް ކުރަމުން. މީގެ، ރާއްޖޭގައި މި އޮތް ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމިއްޔާތަކާއި ކޯޗުންނާއި ކްލަބްތަކާއި ކުޅުންތެރިންނާ ގުޅިގެން ކަންކަން ކުރެވޭނެކަން ފެނިގެންދިޔަ،" ދި ކޮމަންވެލްތު ސެކްރެޓޭރިއަޓްގެ ކެޕޭސިޓީ ބިލްޑިން އޮފިސަރު، އައްސާން އަލީ، "އަދަދު" އަށް ވިދާޅުވި އެވެ.

އައްސާން ވިދާޅުވީ ފުޓްބޯޅަ އަކީ މީހުން ބިނާކޮށް މުޖުތަމައު އަކަށް ފައިދާހުރި ބަދަލުތަކެއް ގެނެވޭނެ ކަމެއްކަން ދުނިޔޭގެ އެކި ހިސާބުތަކުން ވެސް ފެނިފައިވާ ކަމަށެެވެ. މި ކަންކަމަށް ބަލާއިރު ސޭފްގާޑިން އަކީ ރާއްޖެ ކަހަލަ ޖަޒީރާކޮށް އޮތް ގައުމަކަށް ވަރަށް މުހިންމު ކަމެއްގެ ގޮތުގައި އައްސާން ދެކިލައްވަ އެވެ.

"އެއީ އެހެން ރަށްތައް މި އޮތީ ވެރިކަން ކުރާ ރަށަށް ވުރެ ދުރުުގައި، އެހެންވީމަ، ކަންކަން ހަމަޖެހިފައި ހުންނަން އެބަޖެހޭ. އެހެންވީމަ، ކޮންމެ ރަށެއްގައި ކަހަލަ ގޮތަކަށް ސޭފްގާޑިން (ރައްކާތެރިކަމުގެ ފިޔަަވަޅުތަކަށް)ގެ ކަންކަމަށް އަހުލުވެރިވެފައި އޮންނަން ޖެހޭ. އެކަން ކުރަން ބަލާއިރު، ފުޓްބޯޅަ ކަހަލަ ކޮންމެ ރަށެއްގެ މީހުން ޝައުގުވެރިވާ ކުޅިވަރެއްގެ ތެރެއިން ކުރަން ފަސޭހަވާނެ،" އައްސާން ވިދާޅުވި އެވެ.

ސޭފްގާޑިންގެ މުހިންމު ކަންތައްތަކެއް ރާއްޖޭގައި ކުރެވިދާނެކަން އައްސާން އަށް ގަބޫލުކުރެވުނީ މިދިޔަ އަހަރު ރާއްޖޭގައި ބޭއްވި ސާފް ސޭފްގާޑިން ސެމިނާގެ ތެރެއިންނެވެ. އެ ސެމިނާގެ ތެރެއިން އުފެދުނު ގުޅުމާ އެކު އެފްއޭއެމާ ބައިވެެރިވެގެން ފުރަތަމަ މި ހިންގުނު ޕްރޮގްރާމާ މެދު ހިތްހަމަޖެހިފައި ހުރެ އައްސާން ވިދާޅުވީ އޭދަފުށި، މާލެ އަދި އައްޑޫ ސިޓީގައި މި ފަހަރު، މި ކުރިއަށްދިޔައީ "ޕައިލެޓް ޕްރޮގްރާމް" ކަމަށާއި މުސްތަގުބަލުގައި މީގެ ގިނަ ޕްރޮފްރާމްތައް އެފްއޭއެމާ ގުޅިގެން ބޭއްވުމަށް ގަސްދުކުރާ ކަމަށެެވެ.

"މި ޕްރޮގްރާމްގެ ފައިދާ ވަރަށް ބޮޑަށް ކުރިތަން ފެނުނު، ބައިވެރިވި މީހުންނަށް މީގެ މުހިންމުކަން އިހުސާސްކުރެވިގެންދިޔަ، ބައެއް ރަށްރަށުގައި މި ޕްރޮގްރާމްގެ ތެރެއިން ކުރެވުނު ކަންކަމުން އަހަރެމެންނަށް ވަރަށް ބޭނުންތެރި މައޫލޫމާތު ހޯދުނު، އެއީ އެ މި ކަހަލަ ޕްރޮގްރާމެއްގެ ބޭނުން، މުޖުތަމައުގައި ހުންނަ މައްސަލަތަކަށް ފުޓްބޯޅަ ކަހަލަ މަގުބޫލު ކުޅިވަރެއްގެ ތެރެއިން، އެކިއެކި ގޮންޖެހުންތަކަށް ހައްލު ހޯދުން،" އައްސާން ވިދާޅުވި އެވެ.

ސޭފްގާޑިން ޕްރޮގްރާމަށް އައްޑޫ ސިޓީން މަރުހަބާ ކިޔަނީ.


އައްސާން ވިދާޅުވީ އެފްއޭއެމް އޮތީ މި ފަދަ ޕްރޮގްރާމްތަކަށް މަރުހަބާ ކިޔަން ތައްޔާރަށް ކަމަށްވާތީ، އެއީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.

ފުޓްބޯލް ފޯ ޕީސް، ތަރިންގެ ބައިވެރިވުމާ އެކު ދެނީ ބޭނުންހިފޭ މެސެޖްތަކެއް

ރާއްޖޭގައި 2008 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި ޕާކިސްތާން ގައުމީ ޓީމަށް ފުރަތަމަ ފަހަރު މެޗެއް ކުޅުނު ކާޝިފް ސިއްދިގީ (ކާޝް)، އޭނާގެ ނަމުގައި ފައުންޑޭޝަނެއް ހެދީ 2011 ވަނަ އަހަރު އެވެ.

އޭގެ ދެ އަަހަރު ފަހުން ފުޓްބޯލް ފޯ ޕީސް އިންޓަނޭޝަނަލްގެ މަސައްކަތް ފަށައި، ކޯ-ފައުންޑަރެއްގެ ގޮތުގައި ކާޝް މަސައްކަތް ފެށީ ފުޓްބޯޅަ މެދުވެރިކޮށް އެކިއެކި ދާއިރާތަކުން މަސައްކަތްތަކެއް ކުރުމަށެވެ. އެ ކަމަށް އޭނާ އަށް ލިބުނު އެންމެ ބޮޑު ޕްލަސް ޕޮއިންޓަކީ، ޔުނައިޓެޑް ނޭޝަންސް (އދ) އޭނާއާ ބައިވެރިވުމެވެ. އަދި މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިން ވެސް އޭނާއާ އެކު އަތުގުޅާލައިގެން މިކަން ކުރަން ބޭނުންވާތީ އެވެ.

"އަދަދު" އިން ކުރި އިންޓަވިއުއެއްގައި ކާޝް ބުނީ އޭނާ ފުޓްބޯޅައިގައި ކުރި ދަތުރުތަކުގައި ސާފް، އޮލިމްޕިކްސް، އެމެރިކާ އަދި އިންގްލެންޑްގައި ފުޓްބޯޅަ ކެރިއަރު ކުރިއަށް ގެންގޮސްފައި، ލިބިފައިވާ މި ތަޖުރިބާތަކުން އޭނާ އަށް ލިބުނު މައުލޫމާތަކީ "ފުޓްބޯޅަ އަކީ ހަމައެކަނި ދަނޑުމަތީގައި" ކުޅޭ ކުޅިވަރެއް ނޫން ކަމެވެ.

"އަހަރެމެން ހުރިހާ ކަމެއް ބިނާވެފައި އޮންނަނީ ދަނޑުމަތީގައި ކަމަށް ވިޔަސް، ފުޓްބޯޅައިގެ ތެރެއިން އަހަރެމެންނަށް މުޖުތަމައު އަށް ބަދަލު ގެެނެވޭނެ ގިނަ ކަންތައްތަކެއް އެބަހުރިކަން. އެއީ ކުޑަކުދިންނަށް ރަނގަޅު ވެއްޓެން ބިނާކޮށް ރަނގަޅު ޖީލުތަކެއް ބިނާކުރަން ފުރުސަތު ދީގެން،" ކާޝް ބުންޏެވެ.

މާލޭގައި ބޭއްވި ސޭފްގާޑިން ޕްރޮގްރާމްގެ ބައްދަލުވުމެއްގެ ތެރެއިން ކާޝް ބައިވެރިންނާ ވާހަކަ ދައްކަނީ.-- ފޮޓޯ: އެފްއޭއެމް


"ފުޓްބޯޅަ އަކީ 3.5 ބިލިއަން މީހުންނާ ގުޅިފައި އޮތް ކަމެއް. އެއީ ވަރަށް ގިނަ މީހުން، ފުޓްބޯލް ފޯ ޕީސް އިން ކޮމަންވެލްތާ ގުޅިގެން ނޫނީ ޔުނައިޓެޑް ނޭޝަންސްއާ ގުޅިގެން ނޫނީ ޖީ20 ސަމިޓާ ގުޅިގެން ނޫނީ ވައި20 ސަމިޓާ ގުޅިގެން ވިޔަސް ކުރެވޭނެ ބައިވަރު ކަންތައް އެބަހުރި، އެއީ ފުޓްބޯޅައިން ބޭރުގައި މި ހުރި ސޯޝަލް މައްސަލަތަކަށް ފުޓްބޯޅައިގެ ޒަރިއްޔާ އިން ހައްލުތަކެއް ހޯދުން،"

މިހާތަނަށް ފުޓްބޯލް ފޯ ޕީސް އިން އެކި އެކި ޕްރޮގްރާމްތައް ހިންގަން ލިބުނު ފަސޭހަ އަކީ މަޝްހޫރު ކުޅުންތެރިންގެ ޒަރިއްޔާ އިން ފުޓްބޯޅަ އަށް ހިދުމަތްކުރެވޭނެ ގޮތްތައް ހޯދުމެވެ.

ރާއްޖޭގައި ހަފްތާއެއް ވަންދެން ފުޓްބޯލް ފޯ ޕީސްގެ ޕްރޮގްރާމް މި ގެންދިޔައީ ނިއުކާސަލް ޔުނައިޓެޑާއި ކާޑިފް ސިޓީ އަށް ޕްރިމިއާ ލީގުގައި ކުޅެފައިވާ އިނގިރޭސި ޒުވާން ގައުމީ ޓީމުތަކަށް ކުޅެފައިވާ ފޯވާޑް މައިކަލް ޗޮޕްރާއާ އެކު އެވެ.

ކާޝް ބުނީ އުނދަގޫ މާހައުލެއްގެ ތެރެއިން ބޮޑުވެގެން، ފުޓްބޯޅަ ކަަހަލަ މަގުބޫލު ކުޅިވަރެއްގައި ކުރިއަށްދާން ހުރި ގޮންޖެހުންތަކުގެ ތަޖުރިބާ އޭނާ އަށް ލިބިފައިވާ ކަމަށެވެ. ފުޓްބޯލް ފޯ ޕީސް ޕްރޮގްރާމްގައި ކާޝްގެ މަންމަ ބައިވެރިވެ، މީހުންނަށް ދިިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދޭނެ ގޮތް ބުނެދެނީ އަމިއްލަ ދިރިއުޅުމުގެ ތަޖުރިބާ އިން ކަމަށް ކާޝް ވަނީ ފާހަގަކޮށްފަ އެވެ.

"އެފްއޭއެމާ ގުޅިގެން އަހަރެމެންނަށް މަސައްކަތް ކުރެވިދާނެ. އަހަރެމެންނަށް މި ޕްރޮގްރާމްގެ ތެރެއިން ވެސް ގިނަ ކަންކަން އުނގަނައި ދެވިފައިވާނީ، ނަފްސާނީ ދުޅަހެޔޮކަމުގެ މުހިންމުކަން، ކޮވިޑް-19 ގެ މި ކަންކަމަށް ފަހު މި އައި އުނދަގޫތަކަށް ހޭލުންތެރިވާނެ ގޮތް، ކުދިންގެ މެދުގައި ހިނގާ އެކިއެކި ނޭދެވޭ ކަންކަމާ ކުރިމަތިލައި ހައްލު ހޯދާނެ ގޮތް. މި ހުރިހާ ކަމަކަށް އޮތް ހައްލަކީ، ގުޅިގެން މަސައްކަތް ކުރުން،" ކާޝް ބުންޏެވެ.

އައްޑޫގައި ކުރިއަށްދިޔަ ޕީސް ޓޯނަމެންޓް ނިންމާލުމަށް ފަހު.-- ފޮޓޯ: އެފްއޭއެމް


"އެފްއޭއެމްގެ އެބައޮތް އެ ވިސްނުން، އަހަރެމެން މި ތިބީ އެހީވާން،"

ރާއްޖޭގެ ކޮންމެ މީހަކީ ފުޓްބޯޅަ އަށް ލޯބިކުރާ މީހެއް ކަމަށްވާއިރު، ފުޓްބޯޅައިގެ ތެރެއިން މުޖުތަމައު އަށް ބޭނުންތެރި އެތައް ކަމެއް ކުރެވޭނެކަމުގެ ޔަގީންކަން ކާޝް އަށް އެބައޮތެވެ. އެގޮތުން އެފްއޭއެމާ ގުޅިގެން، ފުޓްބޯޅައިގެ ތެރެއިން މުޖަތަމައުގެ ފައިދާ އަށް ކުރެވެން ހުރި ކަންކަން ކުރަން އިސްކަން ދޭންޖެހޭނެ ކަމަށް ކާޝް ބުނެފައިވެ އެވެ.

އެންމެ މުހިންމު އެއް ކަމަކީ ސޭފްގާޑިން ކަހަލަ ކަމަކަށް ހާއްސަ އަހައްމިއްޔަތު ކަމެއްދީ ރައްކާތެރި މާހައުލެއްގައި ކުދިން ބޮޑުވެ، ބިނާކުރަނިވި މުޖުތަމައުއެއްގެ ތެރެއިން ގައުމު ޑިވެލޮޕް ކުރުމެވެ. އާބާދީ ކުޑަ ގައުމެއްގައި ރަނގަޅު މުޖުތަމައު އެއް ބިނާކުރެވޭނެ ގޮތަކީ އެންމެންގެ ބައިވެރިވުން ލިބޭ ކަމެއްގެ ތެރެއިން ބޭނުންވާ މެސެޖުތައް ފޯރުކޮށްދިނުމެވެ. އެ ކަމަށް ބަލާއިރު ފުޓްބޯޅަ އަކީ އެންމެ ރަނގަޅު ޕްލެޓްފޯމެވެ.