Advertisement

މި ދައުރުގައި އަށް ބިލު ފާސްކުރުމަށްފަހު، މަޖިލިސް ޗުއްޓީއަށް

30 ޖޫން 2022 - 17:43 0

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ތެރެއިން-- ފޮޓޯ: މަޖިލިސް


މި ދައުރުގައި އަށް ބިލު ފާސްކުރުމަށްފަހު، މަޖިލިސް ޗުއްޓީއަށް

30 ޖޫން 2022 - 17:43 0

ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ އަށް ބިލެއް ފާސްކުރުމަށްފަހު، ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރު ނިންމައި ޗުއްޓީއަށް ހިނގައްޖެ އެވެ.

މަޖިލީހުގެ ގަވައިދުގައި ބުނާ ގޮތުން މަޖިލީހުގެ ޖަލްސާތައް އަހަރެއްގެ ތެރޭގައި ބެހިގެންދާނީ ތިން ދައުރަކަށެވެ.

ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުން ކޮންމެ އަހަރެއްގެ އޯގަސްޓު މަހަށް އެޑިޔުކޭޝަން މިނިސްޓްރީން ބަދަލު ކުރުމާ ގުޅިގެން، މަޖިލީހުގެ ޗުއްޓީއާ ދިރާސީ އާ އަހަރުގެ ޗުއްޓީއާ ދިމާކުރުމަށް ވަނީ މަޖިލީހުގެ ގަވައިދު ވަނީ އިސްލާހުކޮށްފަ އެވެ.

ކޮންމެ އަހަރެއްގެ ފުރަތަމަ ދައުރު ފެބުރުއަރީ މަހުގެ އެއް ވަނަ ދުވަހުން ފެށީގެން އެޕްރީލް މަހުގެ ނިޔަލަށް ހިނގާއިރު ދެވަނަ ދައުރު ހިނގާނީ މޭ މަހުގެ 17 ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށެވެ.

މަސައްކަތް މަދު ދައުރެއް

މިހާރު ހިނގަމުން އަންނަ 19 މަޖިލީހުގެ އެހެން ދައުރުތަކާ އަޅާ ބަލާއިރު، މި ދައުރުގައި މަޖިލީހުން ނިންމާފައިވާ މަސައްކަތްތައް މަދެވެ.

ޖަލްސާ ނިންމަވާލައްވަމުން، އާންމު އުސޫލުގެ ދަށުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ މި ދައުރުގައި ކުރެވުނު މަސައްކަތްތަކުގެ ކުރު ތަފްސީލެއް ދެއްވައިފަ އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި މި ދައުރުގައި މިހާތަނަށް އަށް ބިލެއް ވަނީ ފާސްކޮށްފަ އެވެ. ބިލުތަކުގެ އިތުރުން ދެ ގަރާރެެއް ވެސް މަޖިލީހުގެ ދެ ވަނަ ދައުރުގައި ވަނީ ފާސްކޮށްފައިވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

މީގެ ތެރެއިން ފަސް ބިލެއް ފާސްކޮށްފައިވަނީ ވަގުތު އިތުރުކޮށްގެން މިއަދު ކުރިއަށް ގެންދިޔަ ޖަލްސާގަ އެވެ.

މިއަދު ފާސްކުރި ބިލްތައް

  • ހެއްކާ ބެހޭ ބިލު
  • ފަންނީ އުފެއްދުންތައް މިންތި ކުރުމާއި ދަރަޖަ ކުރުމުގެ ބިލު
  • ނެތި ދިއުމުގެ ބިރު ހީވެފައިވާ ދިރޭތަކެތީގެ ވިޔަފާރި ކުރުމުގެ ބިލު
  • މަސްވެރިކަމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ޓޫރިޒަމް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު

ބިލުތައް ފާސްކުރުމުގެ އިތުރުން ވެސް ބައެއް މަސައްކަތްތައް ނިންމައި މިއަދުގެ ޖަލްސާގައި ވަނީ ވޯޓަށް އަހަފައިފަ އެވެ. އެގޮތުން މެޖިސްޓްރޭޓުންގެ މުސާރަ ބޮޑުކޮށް، ކްރިމިނަލް ކޯޓުގެ ގާޒީންނަށް އެލަވަންސް ދިނުމަށާއި ސިންގަޕޫރު ސަފީރަކަށް ތަސްމީން އަލީއަށް ރުހުން ދިނުމަށާއި ސިފްކޯއާއި ޕޮލްކޯއިން އަޅަމުން ގެންދާ ފްލެޓުތަކުގެ މައްސަލައާއި ގަވައިދު ހަދަން ޖެހޭ މުއްދަތުގައި ގަވައިދުތައް ނުހަދާ މައްސަލައިގެ އިތުރުން ކޮވިޑް ދުވަސްވަރު ނެގި ލޯނުތައް ފަސްކުރުމުގެ މައްސަލަ ވަނީ ފާސްކޮށްފަ އެވެ.

ދެ ވަނަ ދައުރުގެ އެހެން ބައެއް އުސްއަލިތައް

  • މައްސަލަ - 3
  • ރިޔާސަތުން ހުށަހެޅި މައްސަލަ - 3
  • މެމްބަރުން ހުށަހެޅި މައްސަލަ - 5
  • އެހެނިހެން މައްސަލަ - 6
  • ވަޒީރުންނާ ސުވާލުކުރުން - 30

ޖަލްސާ ނިންމާލައްވަމުން ނަޝީދު ވަނީ މެންބަރުންގެ މަސައްކަތްތަކަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައި ޝުކުރު ދަންނަވައިފަ އެވެ.

"އިއްޒަތްތެރި މެންބަރުން ފަރުވާތެރިކަމާއެކީގައި، ތި ބޭފުޅުންގެ ދާއިރާތަކުގެ މަސައްކަތް ކުރައްވާފައިވަނީ އަޅުގަނޑަށް ޔަގީން ރާއްޖޭގެ އެހެން ހުރިހާ މުވައްސަސާއަކަށް ވެސް އިދާރާއަކަށް ވެސް މިސާލަކަށް ވާނެ،" ނަޝީދު ވިދާޅުވި އެވެ.

މި އަހަރުގެ ތިން ވަނަ ދައުރު ފެށޭނީ އޯގަސްޓު މަހުގެ 16 ވަނަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ.