Advertisement

ގައުމީ ވޮލީ ލީގު: ޕޮލިސް ތިން ސެޓުން ބަލިކޮށް ސިޓީގެ ވަރުގަދަ ފެށުން ކުރިއަށް

27 ޖޫން 2022 - 00:22 0

މުބާރާތުގައި ސިޓީ ކުޅުނު ފުރަތަމަ މެޗުގެ ތެރެއިން.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ގައުމީ ވޮލީ ލީގު: ޕޮލިސް ތިން ސެޓުން ބަލިކޮށް ސިޓީގެ ވަރުގަދަ ފެށުން ކުރިއަށް

27 ޖޫން 2022 - 00:22 0

ގައުމީ ވޮލީބޯޅަ ލީގުގައި މިރޭ ކުޅުނު މެޗުން ޕޮލިސް ކްލަބް އަތުން ވެސް ސީދާ ތިން ސެޓުން މޮޅުވެ، ސްޕޯޓްސް ކްލަބް ސިޓީގެ ވަރުގަދަ ފެށުން ދަމަހައްޓައިފި އެވެ.

އެސޯސިއޭޝަން ކަޕްގެ ޗެމްޕިއަންކަން ހޯދި ސިޓީން މި ފަހަރުގެ ގައުމީ ލީގުގެ ފުރަތަމަ މެޗުގައި ރޭ ވަނީ ގުޑީސް ސްޕޯޓްސް ކްލަބް ސީދާ ތިން ސެޓުން ބަލިކޮށްފަ އެވެ. މިރޭ ޕޮލިސް އަތުން ވެސް ސީދާ ތިން ސެޓުން ސިޓީ މޮޅުވިއިރު، މިއީ ކުރިއަށް ހުރި މެޗުތަކަށްދާއިރު، އެ ޓީމުގެ ކޮންފިޑެންސަށް މުހިންމު މޮޅަކަށްވާނެ އެވެ.

ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި މިރޭ ކުޅުނު މެޗުގެ ސެޓުތައް ސިޓީން ގެންދިޔައީ 27-25، 25-20 އަދި 25-20 އިންނެވެ.

ޕޮލިހުން ފުރަތަމަ ސެޓުގައި ސިޓީ އަށް ރަނގަޅު ފައިޓެއް ދިނެވެ. އެ ގޮތުން ޕޮލިހުގެ ސެޓަރު، މުއްތުސާމީ އަޕަވޫގެ ބޯޅަތަކުގެ ބޭނުންހިފައި، ޕޮލިހުގެ ކުޅުންތެރިން ވަނީ ރަނގަޅު އެޓޭކްތަކެއް ފެނިފަ އެެވެ. އަނެއްކޮޅުން ސިޓީގެ ކެޕްޓަން އަލީ ހުޒާމް (ހުޒަންޓެ) އާއި އިންޑިއާގެ ވިނީތު ކުމާރުގެ ރަނގަޅު ޝޮޓްތަކެއް ފެނިގެންދިޔައިރު، ޑިފެންސް ބޯޅަތަކުގައި ސިޓީގެ ލިބަރޯ އަހުމަދު ނަބީލް ވެސް ރަނގަޅު ބޯޅަތަކެއް ހޯދި އެވެ. ފުރަތަމަ ސެޓުގެ ފަހުކޮޅު، ވަރަށް ވާންކޮށް ދިޔަ ނަމަވެސް ސިޓީން ވަނީ މުހިންމު ވަގުތުތަކުގައި ތަފާތު ދައްކައި، 27-25 އިން ސެޓު ގެންގޮސްފަ އެވެ.

ފުރަތަމަ ސެޓު އެހާ ވާދަވެރިކޮށް ފަހު ޕޮއިންޓާ ހަމައަށް ދިޔަ ނަމަވެސް ދެން ކުޅުނު ދެ ސެޓުގައި ޕޮލިހަށް އެހާ ރަނގަޅު ފައިޓެއް ދެވޭ ގޮތެއްނުވި އެވެ. އޭގެ ބަދަލުގައި، ސިޓީގެ ހުސެއިން ޔޫސުފް (ޓޯއި) އާއި ވިނީތު އަދި ހުޒަންޓެ ރަނގަޅު ކޮންފިޑެންސެއްގައި ހުރެ ކުޅެލި އެވެ. ނަތީޖާ އަކަށްވީ މާ ބޮޑު އުނދަގޫ ކަމެއްނެތި، ދެން ކުޅުނު ދެ ސެޓު، 25-20، 25-20 އިން ގެންގޮސް ސިޓީ މެޗުން މޮޅުވުމެވެ.

ލީގުގައި މާދަމާ ހަވީރު ކުޅޭ މެޗުގައި ދިވެހި ސިފައިންގެ ކްލަބް ނުކުންނާނީ އޮއްފު އެފްސީއާ ދެކޮޅަށެވެ. އޮއްފު ފުރަަތަމަ މެޗުން ކްލަބް ވެމްކޯ އަތުން ބަލިވީ އެވެ. އެކަމަކު، ސިފައިން ވަނީ ފުރަތަަމަ މެޗުގައި މިއަދު ހަވީރު ވެމްކޯ ބަލިކޮށްފަ އެވެ. މާދަމާރޭ ކުޅޭނީ ޕޮލިހާއި ގުޑީސް އެވެ. މި ދެ ޓީމު ވެސް ވަނީ ފުރަތަމަ މެޗުން ބަލިވެފަ އެވެ.