27 ޖޫން 2022 - 09:20 0
އަމަން ހަލީމް
ސިނަމާލޭ ބްރިޖު ސަރަހައްދުގައި ސައިކަލުތަކެއް: މާލޭގައި އުޅަނދުތައް އިންތިހާއަށް ގިނަވެ ތޮއްޖެހުމުގެ މައްސަލަ ބޮޑު. -- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު
27 ޖޫން 2022 - 09:20 0
މާލެ އާއި ގުޅީފަޅާއި ތިލަފުށި ހިމެނޭހެން ގްރޭޓާ މާލޭ ސަރަހައްދުގެ އާބަން ޓްރާންސްޕޯޓް މާސްޓާ ޕްލޭން އެކުލަވާލުމުގެ މަސައްކަތް ޓްރާންސްޕޯޓް މިނިސްޓްރީން ފަށައިފި އެވެ.
ޓްރާންސްޕޯޓުން ބުނެފައިވާ ގޮތުގައި ދިހަ އަހަރަށް އެކުލަވާލާ މި މާސްޓާ ޕްލޭނުުގެ މައިގަނޑު އަމާޒަކީ މާލެ ސަރަހައްދުގެ ވަށާޖެހޭ، ދެމެހެއްޓެނިވި، ތިމާވެއްޓާ ރައްޓެހި ދަތުރުފަތުރުގެ ނިޒާމެއް އެކުލަވާލުމެވެ. އަދި ޖައްވަށް ދޫކުރާ ވިހަ ގްރީންހައުސް ގޭސްތައް މަދުކުރުމާއި ދަތުރުފަތުރުގެ ސަބަބުން ވައި ތަޣައްޔަރުވުން ކުޑަކުރުމެވެ.
ޓްރާންސްޕޯޓް މާސްޓާޕްލޭން އެކުލަވާލުމުގެ މަސައްކަތަކީ ގްލޯބަލް އެންވަޔަރަމަންޓް ފެސިލިޓީ (ޖީއީއެފް)ގެ ހިލޭ އެހީގެ ދަށުން އެންވަޔަރަމަންޓް މިނިސްޓްރީން ހިންގަމުން އަންނަ "އިންޓެގްރޭޓަޑް ސަސްޓެއިނަބަލް އެންޑް ލޯ އެމިޝަން ޓްރާންސްޕޯޓް އިން ދަ މޯލްޑިވްސް" ޕްރޮޖެކްޓުގެ ބައެކެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން މިހާރު ވަނީ އާބަން ޓްރާންސްޕޯޓް މާސްޓާ ޕްލޭން އެކުލަވާލުމުގެ އަމަލީ މަސައްކަތް ފަށާފަ އެވެ. އެގޮތުން އެއްގަމާއި ކަނޑު ދަތުރުފަތުރުތައް ހިމެނޭގޮތަށް މާސްޓާ ޕްލޭނަށް ކޮންސަލްޓަންޓަކު ހޯދަން އެ މިނިސްޓްރީން ވަނީ މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު އިއުލާންކޮށްފަ އެވެ.
އެ އިއުލާނުގައިވާ ގޮތުގައި މި މާސްޓާ ޕްލޭނުން ސަރުކާރާއި ކަމާގުޅޭ އެހެން ފަރާތްތަކުގެ މެދުގައި މުއާމަލާތްކުރުން ހަރުދަނާކޮށް، ތިމާވެއްޓާ ރައްޓެހި ދަތުރުފަތުރުގެ ނިޒާމަކަށް ފަހިކޮށްދޭނެ އެވެ. އަދި މިހާރު ހުރި ސިޔާސަތުތަކާއި ޕްރޮގްރާމުތަކާ ގުޅިގެން ގާނޫނީ ގޮތުން ހުރި ހުރަސްތައް ދެނެގަތުމާ އެކު އެކަންކަން ތަންފީޒުކުރަން އިދާރާތަކަށް ދިމާވާ ގޮންޖެހުންތައް ދެނެގަނެ، އެކަންކަން ހައްލުކުރަން ފަހިކޮށްދޭނެ އެވެ.
އޭގެ އިތުރުން ދަތުރުފަތުރު ނިޒާމު ތަރައްގީކުރަން ހިންގާ ޕްރޮޖެކްޓުތަކުގައި މާލެ ސަރަހައްދުގައި ތޮއްޖެހުން ކުޑަކުރެވޭނެ ގޮތަކަށް ޕަބްލިކް ޓްރާންސްޕޯޓް ނިޒާމުގެ ރޯޑްމެޕް އެކުލަވާލުމާއި މަގުތައް ފަރުމާކުރާއިރު ތޮއްޖެހުން ކުޑަކުރަން ކުރެވިދާނެ ކަންކަން ދެނެގަނެވޭނެ އެވެ.
ހަމައެހެންމެ، މިހާރު ބޭނުންކުރާ އުޅަނދުުތަކުގެ ބަދަލުގައި ބޭނުންކުރެވޭނީ ކޮންކަހަލަ އުޅަނދުތަކެއްތޯ ދެނެގެނެވޭނެ އެވެ. މިސާލަކަށް މާލެ-ތިލަފުށި ބްރިޖުގައި "ޓްރެއިންސް/ޓްރޭމް" އެއް ގާއިމުކުރެވިދާނެތޯ ބަލާނެ އެވެ. އަދި އުޅަނދުތަކުގެ "އޭޖް ލިމިޓް" ކަނޑައެޅުން ފަދަ ކަންކަން ވެސް ކުރެވޭނެ އެވެ.
މިއީ އާބާދީ ބޮޑު މާލެ ސަރަހައްދުގައި ތޮއްޖެހުން ކުޑަކުރަން ކޮންމެހެން ކުރަން ޖެހިފައިވާ މަސައްކަތެކެވެ. އަދި 2030 އަށް ނެޓް ޒީރޯއަށް ދާން ކުރަމުންދާ މަސައްކަތަށް މުހިންމު ކަމެކެވެ.
Comment