Advertisement

ގައުމީ ވޮލީ ލީގު ފުރަތަމަ މެޗުގައި ވެމްކޯ އިން އޮއްފު ބަލިކޮށްފި

25 ޖޫން 2022 - 18:59 0

ވެމްކޯ ޓީމުގެ އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) މިއަދުގެ މެޗުގެ ތެރެއިން.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


ގައުމީ ވޮލީ ލީގު ފުރަތަމަ މެޗުގައި ވެމްކޯ އިން އޮއްފު ބަލިކޮށްފި

25 ޖޫން 2022 - 18:59 0

ގައުމީ ވޮލީބޯޅަ ލީގުގައި ފުރަތަމަ މެޗުގައި މިއަދު ހަވީރު ކްލަބް ވެމްކޯ އިން ފަހަތުން އަރައި 3-1 ސެޓުން އޮއްފު އެފްސީ ބަލިކޮށްފި އެވެ.

މި ފަހަރުގެ ވޮލީބޯޅަ ސީޒަނުގައި ވެމްކޯ އިން މި ވަނީ ތިން ވަނަ ފަހަރަށް އޮއްފު ބަލިކޮށްފަ އެވެ. އެންމެ ފުރަތަމަ އެސޯސިއޭޝަން ކަޕްގެ ޕްރިލިމިނަރީ ބުރުގައި އޮއްފު އަތުން ވެމްކޯ މޮޅުވީ 3-1 ސެޓުންނެވެ. އޮއްފު އަތުން އެސޯސިއޭޝަން ކަޕްގެ ލީގު ބުރުގައި ވެމްކޯ މޮޅުވީ ވެސް 3-1 ސެޓުންނެވެ. ހަމަަ އެ ނަތީޖާއިން ގައުމީ ލީގުގައި މިއަދު ވެމްކޯ މޮޅުވިއިރު، ފުރަތަމަ ދެ މެޗާއި މި މެޗުގެ ތަފާތަކީ ފުރަތަމަ ސެޓު، އޮއްފުން ގެންގޮސްފައި ވަނިކޮށް ފަހަތުން އަރައި ވެމްކޯ މޮޅުވުމެވެ.

ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި މިއަދު ހަވީރު ކުޅުނު މެޗަށް ނުކުތްއިރު، ގައުމީ ލީގަށް ދެ ޓީމުން ވެސް ވަނީ ޓްރާންސްފާތަކެއް ކޮށްފަ އެވެ. މި މެޗުގެ ސެޓުތައް ދިޔައީ 22-25، 25-21، 25-21 އަދި 25-20 އިންނެވެ.

އޮއްފު ޓީމުގެ ޑެންޒޯ މިއަދުގެ މެޗުގެ ތެރެއިން އުފާފާޅުކުރަނީ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


މެޗުގެ ފުރަތަމަ ސެޓުގައި އޮއްފު ރަނގަޅު ރޫހެއްގައި ކުޅެލި އެވެ. އެ ޓީމަށް އަލަށް ގެނައި ސެޓަރު، އަލީ މައުރޫފް (މާޓޭ) އާއި ލިބަރޯ، އާދަމް ނިޒާމް (ކިތުނަ)، މި ސެޓުގައި ރަނގަޅަށް ކުޅުނުއިރު، އިންޑިއާ ދެ ކުޅުންތެރިން، ގުރު ޕްރަސަންތު އާއި ޖޯން ޖޯސެފް ވެސް ވަނީ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ.

އޮއްފުން ފުރަތަމަ ސެޓު 22-25 އިން ގެންދިޔައިރު، އެ ޓީމުގައި ހިމެނޭ އަހުމަދު މުހައްމަދު (ކޯކޭ) އާއި މުހައްމަދު އަލީ (ޑެންޒޯ) ވެސް މި ސެޓުގައި ރަނގަޅަށް ކުޅުނެވެ.

ދެ ވަނަ ސެޓާއި ތިން ވަނަ ސެޓަށް ވެމްކޯ އިން ކުޅުން ރަނގަޅުކުރި އެވެ. ވެމްކޯގެ އިންޑިއާ ދެ ކުޅުންތެރިން، ސެޓަރު ރަންޖިތު ސިންހާއި ސެންޓަ ބްލޮކަރު، އަޝްވަލް ރާއީގެ ކުޅުން ފެންނަން ފެށި އެވެ. އެ ޓީމުގައި ހިމެނޭ ގައުމީ ޓީމުގެ ކެޕްޓަން، އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ)ގެ ރަނގަޅު ޝޮޓްތައް މި ދެ ސެޓުގައި ފެނިގެންދިޔައިރު، އާދަމް ފައިރޫޒް ވެސް ވަނީ ޑިފެންސް ބޯޅަތަކާއި އެޓޭކްގައި ވެސް ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. ވެމްކޯ އިން 25-21، 25-21 އިން ދެ ސެޓު ގެންގޮސް ހަމަޖެހިލި އެވެ.

ވެމްކޯ އިން ހަތަރު ވަނަ ސެޓު ފެށިއިރު، ރަނގަޅު ލީޑެއް ނެގި ނަަމަވެސް ސާވިސް ބޭކާރުވުމާއި ޑިފެންސްކުރުމާއި އެޓޭކްގައި ވެސް ގޯސްތަކެއް ހެދި، އޮއްފު އަށް ނަތީޖާ އަނބުރާލަން ފުރުސަތު ލިބުނެވެ. އެ ގޮތުން އޮއްފު އިން 08-13 އިން ވެސް މި ސެޓުގައި ކުރީގައި އޮތް ނަމަވެސް ޓައިމްއައުޓް ނަގައިގެން ވެމްކޯ ޓީމުން ޕްރެޝަރަށް ހޭނި، ކުރިއެރުން ހޯދަން ފެށި އެވެ. ފަރުވާތެރިކަމާ އެކު ކުޅެން ފަށައި، ސެޓުގެ ނަތީޖާ އަނބުރާލައި، ކުރިން ދެ ސެޓުގައި ނެގި ކޮންޓްރޯލް ވެމްކޯ އިން އަލުން ދެމެހެއްޓި އެވެ. ވެމްކޯގެ އަޝްފާގު އާދަމް (އައްކަޅޭ) އާއި ކުޑަކާއްޓެ ތަޖުރިބާގެ ބޭނުންކޮށް، ފަހު ސެޓުގައި މޮޅު ކުޅުމެއް ދެއްކިއިރު، އެ ޓީމުން 25-20 އިން ހަތަރު ވަނަ ސެޓު ގެންގޮސް މެޗުން މޮޅުވީ އެވެ.

ލީގު ބުރުގެ ދެ ވަނަ މެޗުގައި މިރޭ 20:30 ގައި ސްޕޯޓްސް ކްލަބް ސިޓީ ބައްދަލުކުރާނީ ގުޑީސް ސްޕޯޓްސް ކްލަބާ އެވެ. ސިޓީ އަކީ ބުރާސްފަތި ދުވަހުގެރޭ ނިމުނު އެސޯސިއޭޝަން ކަޕްގެ ޗެމްޕިއަނުންނެވެ. ގައުމީ ލީގު އެންމެ ފަހުން 2020 ވަނަ އަހަރުގެ ކުރީކޮޅުގައި ބޭއްވިއިރު، ޗެމްޕިއަނަކީ ދިވެހި ސިފައިންގެ ކްލަބް އެވެ.