about 11 hours 0
ލީވާން އަލީ ނާސިރު
ވައިކަރަދޫ އާއި ނޭކުރެންދޫ ކައިރީގައި އޮންނަ 69 ހެކްޓަރުގެ ވައިކަރަމުރައިދޫ.
about 11 hours 0
ހދ. ވައިކަރަމުރައިދޫ ބައެއްގައި ރިސޯޓު ތަރައްގީ ކުރަން ދިވެހި ކުންފުންޏަކަށް ދޫކުރި އެވޯޑު ލެޓާ ޓޫރިޒަމް މިނިސްޓްރީން ބާތިލުކޮށްފި އެވެ.
މިކަން އެ މިނިސްޓްރީން ރަސްމީކޮށް އިއުލާނު ނުކުރި ނަމަވެސް، މިދިޔަ އަހަރު މެއި މަހު ރިސޯޓު ތަރައްގީކުރަން ހުޅުވާލި ރަށްތަކާއި ފަޅުތަކުގެ ތެރެއިން ކުންފުނިތަކުން ޝައުގުވެރިވެގެން ހަވާލުކުރި ރަށްތަކުގެ ތެރެއިން މިހާތަނަށް އެ ވޯޑު ލެޓާ ބާތިލްކޮށްފައި ވަނީ ވައިކަރަމުރައިދޫ އާއި އއ. އަލިކޮއިރަށުގެ ކަން ވަނީ އެނގިފަ އެވެ.
ޓޫރިޒަމް މިިނިސްޓްރީގެ އޮފިޝަލަކު އެކަން ކަށަވަރު ކޮށްދެެއްވި އެވެ.
ވައިކަރަދޫ އާއި ނޭކުރެންދޫ ކައިރީގައި އޮންނަ 69 ހެކްޓަރުގެ ވައިކަރަމުރައިދޫން ޓޫރިޒަމް ބޭނުމަށް ކުއްޔަށް ދޫކުރަން ނިންމާފައި އޮތީ 15 ހެކްޓަރުގެ ބިމެވެ. އެ ރަށަށް ޝައުގުވެރިވެ ޕްރޮޕޯސަލް ހުށަހެޅީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އެއްބަނޑު އެއްބަފާ ބޭފުޅުންގެ ހިއްސާ އޮންނަ ޓްރީ ކޮރަލް ޕްރައިވެޓް ލިމިޓެޑުން ކަން އަދަދު ނޫހަށް ވަނީ އެނގިފަ އެވެ.
ޓްރީ ކޮރަލް ކުންފުނި ފުރަތަމަ އުފެއްދީ ޑރ. އިބްރާހިމް ނަޝިދު އާއި އޭނާއާއެކު އެހެން ބައެއް ވިޔަފާރީގައި ވެސް ބައިވެރިވާ އަބްދުއްރަހްމާން އަލީ އެވެ. ނަމަވެސް ނާޝިދުގެ ހިއްސާ ޖިބްސެއިލް ޕްރައިވެޓް ލިމިޓެޑަށް ފަހުން ބަދަލުކުރި އެވެ. ޖިބްސެއިލްގެ ހިއްސާދާރުންގެ ގޮތުގައި ތިބީ، ނާޝިދު، ނާޒިމް އަބްދުއްސައްތާރު އަދި ނާޝިދާ އަބްދުއްސައްތާރު އެވެ.
ތުލުސްދޫގައި ހުންނަ ކޮރަލް އިން ގެސްޓު ހައުސް ހިންގަނީ ވެސް ޓްރީ ކޮރަލް ކުންފުނިންނެވެ.
އެ ކުންފުނިން ވައިކަރަމުރައިދޫގައި ރިސޯޓު ތަރައްގީކުރަން ޝައުގުވެރިވެ ހުށަހެޅި ޕްރޮޕޯސަލް ޓޫރިޒަމް މިނިސްޓްރީން ގަބޫލުކޮށް، އެކުއިޒިޝަން ފީގެ ގޮތުގައި 1.8 މިލިއަން ޑޮލަރު (27.7 މިލިއަން ރުފިޔާ) ދެއްކުމަށް ފުރުސަތުތައް ދިން ކަމަށް މި ނޫހަށް އެނގިފައިވެ އެވެ. ނަމަވެސް އެކަމަށް އެއްވެސް އިޖާބައެއް ނުދެ އެެވެ.
"އެހެންވެ އެވޯޑު ލެޓާ ބާތިލްކުރީ،" އަދަދު ނޫހާ ވާހަކަ ދެއްކި، އެ މައުލޫމާތު އެނގޭ މީހަކު ބުންޏެވެ.
ޓޫރިޒަމް ބޭނުމަށް ހުޅުވައިލި ރަށްތަކާއި ފަޅުތަކުގެ ތެރެއިން ކުއްޔަން ނެގީ ކިތައް ތަން ކަމެއް، އަދި އެ ތަންތަނުގެ ތެރެއިން އެވޯޑު ލެޓާ ދީފައިވަނީ އަދި ބާތިލްކޮށްފައި ވަނީ ކިތައް ތަން ކަމެއް ސަރުކާރުން ހާމައެއް ނުކުރެ އެވެ.
Comment