Advertisement

މޯލްޑިވްސް ޕްރޯގެ ޓްރަޔަލްސް: ހީޓުތައް ފެންނަނީ ފޯރިގަދަކޮށް!

25 ޖޫން 2022 - 08:05 0

މޯލްޑިވްސް ޕްރޯގެ ޓްރަޔަލްސްގެ ތެރެއިން ބޮޑީބޯޑަރަކު ރާޅާއަޅަނީ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


މޯލްޑިވްސް ޕްރޯގެ ޓްރަޔަލްސް: ހީޓުތައް ފެންނަނީ ފޯރިގަދަކޮށް!

25 ޖޫން 2022 - 08:05 0

މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން މާލޭގެ ރާޅުގަނޑު ސަރަހައްދުގައި ކުރިއަށްދާ މޯލްޑިވްސް ޕްރޯ ޓްރަޔަލްސްގެ ބައެއް ހީޓްތައް، މިހާތަނަށް ނިމިފައިވާއިރު، މުބާރާތަށް ކޮލިފައިވުމުގެ ފޯރިގަދަވެއްޖެ އެވެ.

އަންނަ މަހު ފަހުކޮޅު ރާއްޖޭގައި ހޯސްޓްކުރާ މޯލްޑިވްސް ޕްރޯގެ ޓްރަޔަލްސްގައި ޖުމްލަ 24 އެތުލީޓުން ބައިވެރިވެ އެވެ. މީގެ ތެރެއިން ޓްރަޔަލްސް ޑިވިޝަންތަކަށް ބެހިފައިވާ ގޮތަށް ބަލާއިރު، މެންސް އޯޕަން ކެޓަގަރީގައި 21 އެތުލީޓުން، ޖޫނިއާ މެންސް ބައިގައި 12 އެތުލީޓުން އަދި ޑްރޮޕްނީ ކެޓަގަރީގައި 10 އެތުލީޓުން ވާދަކުރެ އެވެ. މީގެ ތެެރެއިން ގިނަ އެތުލީޓުންނަކީ އެއް ޑިވިޝަނަށް ވުރެ، ގިނަ ކެޓަގަރީގައި ވާދަކުރާ އެތުލީޓުންނެވެ.

ފުރަތަމަ ދެ ދުވަހުގެ ނަތީޖާތަކަށް ފަހު މެންސް އޯޕަންސް މިހާރު ވަނީ ރައުންޑް ހަތަރަކާ ހަމައަށް ގޮސްފަ އެވެ. އެ ގޮތުން މިއަދު ރައުންްޑް ހަތަރަކުން ފަށާއިރު، 13 ބޮޑީބޯޑަރުން ހަތަރު ހީޓެއްގައި ވާދަކުރާނެ އެވެ. އެ ގޮތުން ހީޓް އެކެއްގައި ހިމެނެނީ، މުހައްމަދު ވިއާމް، މޫސާ މުހައްމަދު، އިނާޝް ނައީމް އަދި ހައްސާން މުހައްމަދު އެވެ. މީގެ ތެރެއިން ވިއަމް ވަނީ ރިކޮލިފައި ހީޓާއި ރައުންޑް ތިނެއްގެ ހީޓް އެކެއްގައި ރަނގަޅު ސްކޯއެއްކޮށްފަ އެެވެ.

މެންސް އޯޕަން ހަތަރު ވަނަ ރައުންޑްގެ ދެ ވަނަ ހީޓުގައި ވާދަކުރަނީ އަލީ ޖާވިދު (ޖާއްޓެ)، އަބްދުﷲ ޝިމާލް ޝަމީމް، އިބްރާހިމް އަތޫފް އަދި ޝިބްތު އެވެ. ޖާއްޓެ ވަނީ ފުރަތަމަ ރައުންޑްގައި އޭނާ ވާދަކުރި ހީޓްގައި 12.67 ޕޮއިންޓް ސްކޯކޮށްފަ އެވެ. އެ ހީޓުގައި ޖާއްޓެ ޖުމްލަ ފަސް ރާޅުގައި އެޅިިއިރު، އެއް ރާޅަށް ހަތް ޕޮއިންޓް ލިބިފައިވެ އެެވެ.

ހަތަރު ވަަނަ ރައުންޑުގެ ހީޓް ތިނެއްގައި އޮތީ ރީޝާން އާއި އަލީ ހުޝްރުވާން އަހުމަދު (ކުޑައައްޔަ) އެވެ. އެންމެ ފަހުން ބޭއްވި ބުރުނު ޝިކާރު ޗެލެންޖްގެ ޗެމްޕިއަން، ކުޑައައްޔަ، ރައުންޑް އެކެއްގެ ހީޓް ހަތެއްގެ އެއް ވަނަ ހޯދީ 11.66 ޕޮއިންޓުންނެވެ. އަދި ރައުންޑު ތިނެއްގެ ހީޓް ހަތަކުން އެއް ވަނަ ހޯދީ، 12.17ގެ ސްކޯއަކާ އެކު އެވެ. ކުޑައައްޔައާ ވާދަކުރާ ރީޝާން ވަނީ ތިން ވަނަ ރައުންޑްގައި ހީޓް ތިނެއްގެ އެއް ވަނަ ހޯދައިފަ އެވެ. ރީޝާން، 8.40 ޕޮއިންޓުން އެއް ވަނަ ހޯދިއިރު، ދެ ވަނަ އަށް ދިޔަ އަތޫފް އަށް ސްކޯ ކުރެވުނީ 7.56 ޕޮއިންޓެވެ. މި ހީޓުގެ ތިން ވަނަ ދިޔަ، އަސްވާން މުހައްމަދު ވަނީ ކަޓައިފަ އެވެ. އޭނާ އަށް ސްކޯ ކުރެވުނީ 7.17 ޕޮއިންޓެވެ.

ހަތަރު ވަނަ ރައުންޑްގެ ހަތަރު ވަނަ ހީޓުގައި ހިމެނެނީ، މުހައްމަދު ޖަރީޝް ޖިހާދު އާއި އަހުމަދު ނަޒްމީން އަދި މުހައްމަދު ނިފާޒް އެވެ. ނަޒްމީން ވަނީ ފުރަތަަމަ ރައުންޑްގެ ފުރަތަމަ ހީޓްގެ އެއް ވަނަ ހޯދައިފަ އެވެ. އެއީ 12.0 ޕޮއިންޓުގެ ސްކޯ އަކުންނެވެ. ތިން ވަނަ ރައުންޑުގެ ފުރަތަމަ ހީޓުގައި ވާދަކޮށް، ނަޒްމިން ދެ ވަނަ އަށް ދިޔައިރު، އޭނާގެ ސްކޯ އަކީ 10.04 ޕޮއިންޓެވެ.

ޕޮއިންޓް ސްކޯރިން އަށް ބަލާއިރު، ކޮންމެ އެތުލީޓަކަށް ވެސް އެ ހީޓެއްގެ ޖުމްލަ މާކްސް ލިބޭނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ރާޅެއްގެ މާކްސް އެއްކޮށްލައިގެންނެވެ.

ޖޫނިއާ މެންސް ޑިވިޝަނުގައި މިއަދު އޮތީ ރައުންޑް ތިނެއްގެ ތިން ހީޓެވެ. މި ތިން ހީޓުގައި ގަދަ 10 ރާޅާ އެޅުންތެރިން ވާދަކުރާނެ އެވެ. އެ ގޮތުން ޖޫނިއާ ބައިގެ ތިން ވަނަ ރައުންޑްގެ ހީޓް އެކެއްގައި ވާދަކުރަނީ މުހައްމަދު ކައިފް، ޖަރީޝް، ޝިމާލް އަދި ހައްސާން އެވެ. ހީޓް ދޭއްގައި ހިމެނެނީ އާމިން އުމަރު މޫސާ، އަތޫފް އަދި މުހައްމަދު ސާއިލް ސާލިހު އެވެ. އަދި ހީޓް ތިނެއްގައި ހިމެނެނީ 13 އަހަރުގެ އިޔަން އަހުމަދު އާއި ޝިބްތު އަދި ޔައިޝް ބިން ހުސެއިން ޒުހެއިރު އެވެ.

މޯލްޑިވްސް ޕްރޯ ޓްރަޔަލްސް އަކީ ހަމައެކަނި އަންނަ މަހުގެ ވަރުގަދަ އިންޓަނޭޝަނަލް މުބާރާތް، އައިބީސީ މޯލްޑިވްސް ޕްރޯ އިން ލިބޭ ޖާގަ ވުރެ، މާ މުހިންމު ފުރުސަތެއް ވެސް ފަހިވެފައި އޮތް އިވެންޓެެކެވެ. ޓްރަޔަލްސްގައި ބައިވެރިވެ، ބޮޑީބޯޑަރުން ހޯދާ މާކްސް މި އަހަރު މުޅިން އަލަށް ފެށި މޯލްޑިވްސް ބޮޑީބޯޑިން ލީގަށް ގުނާނެ އެވެ.

މީގެ އިތުރުން މި ޕޮއިންޓްތަކާއި ދާދިފަހުން ނިމުނު އެމްޓީސީސީ ބުރުނު ޝިކާރުގެ ޕޮއިންޓްތައް ހިމެނޭ ގޮތަށް، ޖުމްލަ އަދަދަށް ބަލައި، މި އަހަރުގެ ނިޔަލަށް ސީނިއާ އަދި ޖޫނިއާ ގައުމީ ޓީމެއް ނެގޭނެ އެވެ. އެއީ ސީނިއާ ހަތަރު ބޮޑީބޯޑަރުންނާއި ދެ އޮފިޝަލުންގެ އިތުރުން ޖޫނިއާ ގައުމީ ޓީމަށް ހަތަރު ބޮޑީބޯޑަރުންނާއި ދެ އޮފިޝަލުންނެވެ.

މިއީ 2019 ވަނަ އަހަރުގެ ފަހުން ގައުމީ ސްކޮޑެއް ނެގޭނެ ފުރަތަަމަ ފަހަރު ވެސް މެ އެވެ. ޓްރަަޔަލްސް އަށް ފަހު ނެގޭ ގައުމީ ޓީމުތައް މި އަހަރުގެ ނިޔަލަށް ދެމި އޮންނާނެ އެވެ. ދެން އާ ގައުމީ ޓީމެއް ނަގާނީ މި އަހަރުގެ ބޮޑީބޯޑިން ސީޒަން ނިމުމުންނެވެ.

މޯލްޑިވްސް ޕްރޯގެ ފުރުސަތުތައް އޮތީ ކިހިނެއް؟

އައިބީސީގެ ވިސްނުމަކީ ހޯސްޓްކުރާ ގައުމަކަށް ދެ ވައިލްޑްކާޑް ސްލޮޓް ދިނުމެވެ. އެއީ ކޮންމެ ޑިވިޝަނަކަށް ދެ ސްލޮޓް ދޭ ގޮތަށެވެ. ވައިލްޑްކާޑް ސްލޮޓް ލިބޭ އެތުލީޓެއް ވާދަކުރާނީ ގަދަ 32 ބޮޑީބޯޑަރުން ވާދަކުރަން ފަށާ ހިސާބުންނެވެ. އެ ގޮތުން ވައިލްޑްކާޑް ދޭނީ ބޮޑީބޯޑިން ލީގުގެ ރޭންކިން އެއް ވަނަ އަދި ދެ ވަނަ އަށެވެ.

އައިބީސީން ދޭ ވައިލްޑްކާޑް ސްލޮޓްގައި ރާއްޖޭން ވާދަކުރާނީ ސީނިއާ ޑިވިޝަނުގައި ދެ ބޮޑީބޯޑަރުންނާއި ޖޫނިއާ މެންސް ޑިވިޝަންގައި ދެ ބޮޑީބޯޑަރުންނާއި ޓްރަޔަލްސް އިން ކުރިހޯދާ ޑްރޮޕްނީ ކެޓަގަރީގެ ދެ ބޮޑީބޯޑަރުންނަށެވެ.

ހުނަރުހުރި ލެވަލާއި މުބާރާތުގައި ވާދަކުރަން އަންނަ ދުނިޔޭގެ އެންމެ ވަރުގަދަ ބޮޑީބޯޑަރުންގެ ލެވަލަށް ބަލާފައި، ވައިލްޑްކާޑް އެންޓްރީއެއް ދިނުމުގެ ބަދަލުގައި، ވިމެންސް ޑިވިޝަނުން ވައިލްޑް ކާޑްގެ ބަދަލުގައި އެމްބީބީއޭ އިން ދޭނީ ފްރީ ޕާސް އެވެ. ޕްރީ ޕާސް ދިނުމަށް ހަމަޖެހިފައިވަނީ މެންސް އޯޕަން ކެޓަގަރީ އާއި ޖޫނިއާ މެންސް ކެޓަގަރީން ހަތަރު ޖާގަ، ވިމެންސް އޯޕަން ޑިވިޝަން އަދި ޑްރޮޕްނީ ޑިވިޝަން، ކޮންމެ ޑިވިޝަނަކުން ދެ ޖާގަ އެވެ.