Advertisement

އިރުމަތީގެ ސިޓީއަކުން ފައިބަން ޔޫކްރެއިން ސިފައިންނަށް އަންގައިފި

އިރުމަތީ ޔޫކްރެއިންގައި ހަނގުރާމައިގެ ހާލަތު ގޯސް. -- ފޮޓޯ: ގެޓީ އިމޭޖާޒް


އިރުމަތީގެ ސިޓީއަކުން ފައިބަން ޔޫކްރެއިން ސިފައިންނަށް އަންގައިފި

ޔޫކްރެއިންގެ އިރުމަތީގައި އޮންނަ ސެވެރޮޑޮނެސްކް ސިޓީއިން ފައިބަން އެ ގައުމުގެ ސިފައިންނަށް އަންގައިފި އެވެ.

ޔޫކްރެއިން ހަނގުރާމައިގެ ހާލަތު އެންމެ ގޯސްކޮށް އޮތީ އެ ގައުމުގެ އިރުމަތީގަ އެވެ. ސެވެރޮޑޮނެސްކް ސިޓީގެ ކޮންޓްރޯލް ހޯދަން ރަޝިއާއިން ހުއްޓުމެއް ނެތި ބޮން އަޅާތާ ހަފްތާތަކެއް ވެއްޖެ އެވެ.

އެ ސިޓީއިން ޔޫކްރެއިން ސިފައިން ފޭބުމާ އެކު އިރުމަތީ ޔޫކްރެއިންގެ ލިސިޗާންކް ސިޓީ ފިޔަވައި ލުހާންސްކް ސަރަހައްދުގެ ފުރިހަމަ ކޮންޓްރޯލް ރަޝިއާއަށް ލިބޭނެ އެވެ.

ލުހާންސްކްއަކީ ރަޝިއާ ބަހުން ވާހަކަ ދައްކާ ބަޔަކު ދިރިއުޅޭ ޔޫކްރެއިންގެ އިރުމަތީގެ ހިސާބެކެވެ. އެ ތަން ހިފުމަކީ ރައީސް ލެޑިމިއަ ޕުޓިންގެ އެއް ލަނޑުދަނޑި އެވެ.

ލުހާންސްކް އާއި ޑޮނެސްކް ސަރަހައްދާ އެކު ޔޫކްރެއިންގެ އިރުމައްޗަށް ކިޔަނީ ޑޮންބާސް އެވެ. ދެހާސް ސާދަ ވަނަ އަހަރުން ފެށިގެން އެ ތަނުގައި އޮންނަނީ ޔޫކްރެއިން ސަރުކާރާ ވަކިވެ، ރަޝިއާއަށް ތާއީދު ކުރާ ބަޔެއްގެ ވެރިކަމެވެ.

ހަނގުރާމައިގައި ސެވެރޮޑޮނެސްކްއަށް ބޮޑެތި ގެއްލުންތައް ލިބިފައިވާ އިރު، އެ ސިޓީގެ ހުރިހާ ބްރިޖެއް ވަނީ ސުންނާފަތިވެފަ އެވެ. އަދި ސިޓީގެ ގެތަކުގެ 80 ޕަސެންޓަށް ބޮޑެތި ގެއްލުން ލިބިފައިވެ އެވެ.

ހަނގުރާމަ ފެށުމުގެ ކުރިން އެ ސިޓީގެ އާބާދީއަކީ 100،000 މީހުންނެވެ. މިހާރު ވެސް އެތައް ސަތޭކަ ބަޔަކު ސިޓީގައި ތިބި އިރު، އެ މީހުން ތިބީ ރައްކާތެރިވުމުގެ ގޮތުން ކެމިކަލް ޕްލާންޓެއްގެ ތެރޭގަ އެވެ.