24 ޖޫން 2022 - 09:03 0
ގައުމީ އިވެންޓެއްގެ ތެރެއިން ސައުސަން ފަތަނީ.
24 ޖޫން 2022 - 09:03 0
ހަންގޭރީގެ ބުޑަޕެސްޓްގައި މިހާރު ކުރިއަށްދާ ފީނާ ވޯލްޑް ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ތަޖުރިބާކާރު ފެތުންތެރިޔާ، އައިޝަތު ސައުސަން އިތުރު ދެ ގައުމީ ރެކޯޑެއް ހަދައިފި އެވެ.
މި ފަހަރުގެ މުބާރާތުގައި ރާއްޖޭން މިހާތަނަށް ހަތް ގައުމީ ރެކޯޑް އާ ކުރިއިރު، އޭގެ ތެރެއިން ތިން ގައުމީ ރެކޯޑެއް އާ ކުރީ ސައުސަން، 34، އެވެ. މީގެ އިތުރުން ރާއްޖޭގެ މުބާލް އައްޒާމް އިބްރާހިމް ދެ ރެކޯޑެއް އާ ކުރިއިރު، ހަމްނާ އަހުމަދު އަދި މުހައްމަދު އާން ހުސެއިން، ކޮންމެ ފެތުން ތެރިއަކު ވަނީ ރެކޯޑެއް އާ ކޮށްފަ އެވެ.
ސައުޝަން، މި ފަހަރު އެންމެ ފުރަތަމަ އާ ކުރީ އަންހެނުންގެ ލޯންގް ކޯސް 100 މީޓަރު ބެކްސްޓްރޯކް އިވެންޓުގެ ގައުމީ ރެކޯޑް އެވެ. އެ ރެކޯޑް އާކުރީ 01.18.76 އިން އިވެންޓް ފުރިހަމަ ކޮށްގެންނެވެ. ސައުސަން ވަނީ އެ ރެކޯޑް މި ފަހަރުގެ މުބާރާތުގައި ދެ ވަނަ ފަހަރަށް އާ ކޮށްފަ އެވެ. ސައުސަން 100 މީޓަރ ބެކްސްޓްރޯކްގެ ގައުމީ ރެކޯޑް އަނެއްކާ އާކުރީ 01.18.58 އިން މެޑްލޭ ރިލޭ އިވެންޓްގައި 100 މީޓަރ ބެކްސްޓްރޯކް ގެ ލެންތު ފުރިހަމަ ކޮށްގެންނެވެ.
މީގެ އިތުރުން، ސައުސަން، 200 މީޓަރު ބެކްސްޓްރޯކް އިވެންޓްގެ ގައުމީ ރެކޯޑް އާ ކުރީ މި ފަހަރުގެ މުބާރާތުގައި 02.53.55 އިން އިވެންޓް ފުރިހަމަ ކޮށްގެންނެވެ. މީގެ ކުރިން 200 މީޓަރު ބެކްސްޓްރޯކް އިވެންޓްގެ ގައުމީ ރެކޯޑް ވެސް އޮތީ ސައުސަން އަތުގަ އެވެ. އެއީ 2018 ވަނަ އަހަރު، އިންޑޮނީޝިއާގެ ޖަކާޓާ އާއި ޕަލެމްބަމްގައި ބޭއްވި 18 ވަނަ އޭޝިއަން ގޭމްސްގަ އެވެ. އެ ފަހަރު ސައުސަން ރެކޯޑް ހެދީ 02.57.90 އިން ރޭސް ފުރިހަމަ ކޮށްގެންނެވެ. މިއީ 4.35 ސިކުންތުގެ ކުރިއެރުމެކެވެ.
އެންމެ ފަހުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ޔޫއޭއީގައި ހޯސްޓްކުރި ވޯލްޑް ޗެމްޕިއަންޝިޕްގައި ރާއްޖޭން ނުވަ ގައުމީ ރެކޯޑެއް އާ ކުރި އެެވެ. އެ ފަހަރު ވާދަކުރި ގައުމީ ފެތުމުގެ ސްކޮޑުގައި ހިމެނުނުނީ ހަމްނާ، ސައުސަން، އާން އަދި އިމްއާން އެވެ. މި ފަހަރުގެ ވޯލްޑް ޗެމްޕިއަންޝިޕް އަންނަ މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ އެވެ.
Comment