Advertisement

ޔޯގާ ހަމަނުޖެހުން: މުހައްމަދު އިސްމާއީލްގެ ބަންދަށް ފަސް ދުވަސް، ޝެއިހް ނިޝާނަށް ހަތް ދުވަސް

23 ޖޫން 2022 - 14:13 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ލެވަންޑާ ރެސްޓޯރަންޓު ކައިރިން މުހައްމަދު އިސްމާއީލް ހައްޔަރުކޮށްގެން ގެންދަނީ --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


ޔޯގާ ހަމަނުޖެހުން: މުހައްމަދު އިސްމާއީލްގެ ބަންދަށް ފަސް ދުވަސް، ޝެއިހް ނިޝާނަށް ހަތް ދުވަސް

23 ޖޫން 2022 - 14:13 0

ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ޔޫތު މިނިސްޓްރީއާ ގުޅިގެން، ރާއްޖޭގައި ހުންނަ އިންޑިއަން ކަލްޗަރަލް ސެންޓަރުން ބޭއްވި ހަރަކާތް ކުރިއަށް ދަނިކޮށް އެތަނަށް ވަދެގަނެ, ހަމަނުޖެހުން ހިންގި މައްސަލާގައި އިއްޔެ ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު ޖަހައިފި އެވެ.

އެގޮތުން ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލާއި ޕީޕީއެމްގެ އެކްޓިވިސްޓް މުހައްމަދު ރައްޒާންގެ ބަންދަށް ފަސް ދުވަސް ޖަހާފައިވާއިރު ޝެއިހް އާދަމް ނިޝާންގެ ބަންދަށް ކްރިމިނަލް ކޯޓުން ހަތް ދުވަސް ޖަހާފައިވާކަން "އަދަދު" އަށް ވަނީ ޔަގީން ކުރެވިފަ އެވެ.

އެ މީހުންނާ ދެކޮޅަށް އެ ހަރަކާތުގައި ބައިވެރިވި މީހުންނާ ކުރިމަތިލައި، މާރާމާރީ ހިންގައި، އެތަނުގައި ހުރި ތަކެއްޗަށް ގެއްލުންދީ، އާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ހަމަނުޖެހުން ހިންގައި، ފުލުހުންނާ ކުރިމަތިލައި، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އަޅާފައިވާ ކަމަށް ތުހުމަތުކޮށްފަ އެވެ.

ރެހެންދި ފްލެޓު ކައިރިން ޝެއިހު ނިޝާން ހައްޔަރުކޮށްގެން ގެންދަނީ --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


އެ ސަރަހައްދުގައި ހަރަކާތްތެރިވި ފުލުހުންގެ ބަހާއި، ސީސީޓީވީ ފުޓޭޖުގެ އިތުރުން އިންޓެލިޖެންސް ރިޕޯޓު ވަނީ ހެކީގެ ގޮތުގައި އެ މީހުންނާ ދެކޮޅަށް ވަނީ ހުށަހަޅައިފަ އެވެ.

މުހައްމަދު އިސްމާއީލާއި ރައްޒާން ހައްޔަރުކޮށްގެން ގެންދިޔައީ އަލިމަސް ކާނިވަލުގައި ހުންނަ "ލެވެންޑާ" ކެފޭ ތެރޭގައި ތިއްބަ އެވެ.

އިއްޔެ ހައްޔަރުކުރި ހަ މީހުންނާ އެކު ފުލުހުންގެ ބަންދުގައި މި މައްސަލައާ ގުޅިގެން 12 މީހުން އެބަތިއްބެވެ. އިއްޔެ ހަ މީހުންނަށް ބަންދުގެ މުއްދަތު ޖެހި އެވެ. އޭގެ ތެރެއިން ހަތަރު މީހުން ބަންދުކުރަން ކޯޓުން އަމުރުކުރީ 60 ދުވަހަށެވެ. ބާކީ ތިބި ދެ މީހުން ބަންދުކުރީ ފަސް ދުވަހަށެވެ.

ދެ މަހަށް ބަންދުކުރި މީހުންނަކީ މުހައްމަދު ނަދީމް, ވީނަސް ކ. ތުލުސްދޫ, މުހައްމަދު މައުސޫމް, ހެޕީސައިޑް ތ. މަޑިފުށި, މުހައްމަދު ހުސެއިން, ގްރީން ހައުސް ހއ. ތުރާކުނު އަދި އަމީން އަހުމަދު, ލިލީ ޕާކް ގދ. ރަތަފަންދޫ އެވެ.

ފަސް ދުވަހަށް ބަންދުކުރީ ޝާމީ ރަޝާދު އިދްރީސް, ދަފްތަރު ނަންބަރު 1105, އަދި މުހައްމަދު ޒިލްޔާން, މއ. ކަނުހުރާ އެވެ.

މައްސަލައިގެ ފަސްފަހަތް

އަންގާރަ ދުވަހުގެ ހެނދުނު 6:30 ގައި ފެށި ހަރަކާތަށް ހުރަސް އަޅަން ގަދަކަމުން ގަލޮޅު ދަނޑަށް ވަދެ ބަޔަކު ހަމަލާ ދިނެވެ. އެ ހަރަކާތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވާހަކަ ދައްކަވަން ހުއްޓައި ބަޔަކު ދަނޑަށް ވަދެގަނެ އަޑު ގަދަކުރަމުން އެ ހަރަކާތް ހުއްޓުވި އެވެ. އެވަގުތު އިންޑިއާގެ ހައިކޮމިޝަނަރާއި އދ. އިން ރާއްޖެއަށް ކަނޑައަޅާފައި ތިބޭ ޑިޕްލޮމެޓުން ވެސް ތިއްބެވެ.

ގިނަ އަދަދެއްގެ ޑިޕްލޮމެޓުން ތިއްބައި, ފުލުހުންގެ ސަފުތައް ފޫއަޅުވައި އެ ބޭފުޅުންނާ ހަމައަށް ހަމަލާ ދޭން ބަޔަކަށް ވަދެވުމުން ފުލުހުންނަށް ވެސް ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ. އަދި, އެ ހަރަކާތުގެ މައުލޫމާތު ކުރިން ލިބިފައިވާއިރު, އެކަމަށް ފުލުހުންނަށް ތައްޔާރުވެފައި ނެތް ކަމަށް ބުނެ ވެސް ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.

މި މައްސަލައިގައި ފުލުހުން އަމަލުކުރި ގޮތާ މެދު ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އަދި މިކަން ހިނގައިދިޔަ ގޮތް ބަލަން ކުރިޔަށް ގެންދާ ރިވިއުއަކަށް ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވި އެވެ.

ގަލޮޅު ދަނޑުގެ ގޭޓްތަކުން މީހުންތައް ވަދެގަނެ, ދިދަތަކުން ބައެއް މީހުންނަށް ހަމަލާދޭން މަސައްކަތްކޮށްފައިވެ އެވެ. އެ މީހުންގެ ހަމަލާ އަމާޒުވި މީހުންގެ ތެރޭގައި އިންޑިއާ ހައިކޮމިޝަނުގެ މުވައްޒަފަކު ވެސް ހިމެނެ އެވެ. ނަމަވެސް، އެއްވެސް ޑިޕްލޮމެޓަކަށް އަނިޔާ ވެފައެއް ނުވެ އެވެ.

އެ މީހުން ދަނޑަށް ވަދެގަތީ ދަނޑުގެ ބޭރުގައި ޖަހާފައި ހުރި ފެންސް ވެސް ހަލާކުކޮށްލުމަށް ފަހު އެވެ. އެ ތަނުގައި ޖަހާފައި ހުރި ބައެއް ބޯޑުތަކަށް ވެސް ގެއްލުން ދިނެވެ. ފުލުހުންނަށް އެ މީހުން ބޭރުކޮށްލެވުނީ 40 ވަރަކަށް މިނެޓު ފަހުންނެވެ. އަދި، އެއްވި މީހުން ފޮނުވާލަން ކަރުނަ ގޭސް ވެސް ޖެހި އެވެ.