Advertisement

މަހުލޫފަށް މަރުގެ އިންޒާރު ދީފި، މައްސަލަ ފުލުހަށް

23 ޖޫން 2022 - 10:17 2

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް: މިނިސްޓަރަށް ވަނީ މަރުގެ އިންޒާރު ދީފައި-- ފައިލް ފޮޓޯ


މަހުލޫފަށް މަރުގެ އިންޒާރު ދީފި، މައްސަލަ ފުލުހަށް

23 ޖޫން 2022 - 10:17 2

ޔޯގާ ހަރަކާތް ބޭއްވުމާ ގުޅިގެން، ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފަށް މަރުގެ އިންޒާރުދީ މެސެޖު ކުރި މައްސަލައެއް ފުލުހުންނަށް މިއަދު ހުށަހަޅައިފި އެވެ.

ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް އިންޑިއަން ކަލްޗަރަލް ސެންޓަރާއި ޔޫތު މިނިސްޓްރީން ބޭއްވި ހަރަކާތް ހުއްޓުވައި، ތަންތަނަށް ގެއްލުންދީ މީހުންނަށް އަނިޔާކުރި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

"މަރުގެ އިންޒާރުދީ މެސެޖުކޮށްފައި އޮތީ އަޅުގަނޑު ކުރިން ގެންގުޅުނު ނަންބަރަށް، މިހާރު މައްސަލަ ވާނީ ފުލުހުންގެ ސަމާލުކަމަށް ގެނެސްފައި،" މަހުލޫފް މި ނޫހަށް ވިދާޅުވި އެވެ.

މަހުލޫފް ވަނީ މަރުގެ އިންޒާރުދީ ކޮށްފައިވާ މެސެޖުގެ ސްކްރީންޝޮޓެއް ހިއްސާކޮށްފަ އެވެ. އެ މެސެޖުގައި ވަނީ އެއީ "ގަދަފަދަ އިންޒާރެއް" ކަމަށާއި "ޔޯގާ ހަލާލުކޮށްގެން ތި ފަތުރަނީ ބާތިލް ފިކުރެއް" ކަމަށް ބުނެފަ އެވެ.

އަދި، "އަތު ޖެހުނު ނަމަ ނޮޅާ ލީމުސް" ކަމަށާއި އެ މީހުންގެ "އަހަކަށް ނުވަތަ ޖަމިއްޔާއަކަށް" ފިޔަަވަޅު އެޅިޔަސް މަހުލޫފާއި އާއިލާގެ "ޒަމާން ދުއްވާލާނެ" ކަމަށް ބުނެފަ އެވެ. އަބަދު މިނިސްޓަރު ކަމުގައި ނުހުރެވޭނެ ކަމަށް ވެސް މެސެޖުގައި ބުނެފައިވެ އެވެ.

މެސެޖުތައް ހިއްސާކޮށް މަހުލޫފް ވިދާޅުވީ ބިރު ދައްކައިގެން އެއްވެސް ކަމެއް ހާސިލް ނުވާނެ ކަމަށެވެ.

"ތިޔަކަހަލަ ކޮހެއްގެ އަތުން މަރުވެއްޖެޔާ ޔަގީނުން ވެސް އަޅުގަނޑު ވާނީ ޝަހީދަކަށް. މިނިސްޓަރު ކަމަކީ މާގަދަ ކަމެއްކަމަށް ތިމާއަށް ގަބޫލުކުރެވުނަސް، މަގާމަކީ އަޅުގަނޑަށް އެއްވެސް މުހިއްމުކަމެއް ނޫން،" މަހުލޫފް ވިދާޅުވެފައިވެ އެވެ.

ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ހަފްލާއަށް ވަދެގަނެ ހަމަނުޖެހުމާއި މާރާމާރީ ހިންގި މައްސަލައިގައި އިސްކޮށް ތިބި ކަމަށް ތުހުމަތުވާ ގިނަ ބަޔަކު އިއްޔެ ވަނީ ހައްޔަރުކޮށްފަ އެވެ.

ޖުމުލަ ހަ މީހުން ހައްޔަރުކޮށްފައިވާއިރު، އޭގެ ތެރޭގައި ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް އާއި ޕީޕީއެމްގެ އެކްޓިވިސްޓް މުހައްމަދު ރައްޒާނާއި ޝެއިހު ފަޒްލޫން މުހައްމަދާއި ޝެއިހު އާދަމް ނިޝާން ހިމެނެ އެވެ.

އެެ މައްސަލައިގައި ހޮނިހިރު ދުވަހު ހައްޔަރު ކުރި ހަ މީހެއްގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން ވަނީ އިތުރުކޮށްދީފަ އެވެ. އޭގެ ތެރެއިން ހަތަރު މީހުން ބަންދުކުރަން ކޯޓުން އަމުރުކުރީ 60 ދުވަހަށެވެ. ބާކީ ތިބި ދެ މީހުން ބަންދުކުރީ ފަސް ދުވަހަށެވެ.

އިންޑިއާ ކަލްޗަރަލް ސެންޓަރާއި ޔޫތު މިނިސްޓްރީ ގުޅިގެން ބާއްވަން އުޅުނު އިންޓަނޭޝަނަލް ޔޯގާ ޑޭ ހަރަކާތަށް ބަޔަކު ހުރަސްއެޅީ ޔޯގާއަކީ އިސްލާމް ދީނާ ހިލާފު ކަމެއް ކަމަށް ބުނެ އެކަން ހުއްޓުވުމަށެވެ. މި މީހުން އެތަނަށް ވަދެގަތީ އދ. އާއި ބޭރު ގައުމުތަކުގެ އިސް ޑިޕްލޮމެޓުން އެ ހަރަކާތުގައި ބައިވެރިވާން ގަލޮޅު ދަނޑުގެ ތެރޭގައި ތިއްބަ އެވެ.

ގިނަ އަދަދެއްގެ ޑިޕްލޮމެޓުން ތިއްބައި, ފުލުހުންގެ ސަފުތައް ފޫއަޅުވައި އެ ބޭފުޅުންނާ ހަމައަށް ހަމަލާ ދޭން ބަޔަކަށް ވަދެވުމުން ފުލުހުންނަށް ވެސް ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ. އަދި, އެ ހަރަކާތުގެ މައުލޫމާތު ކުރިން ލިބިފައިވާއިރު, އެކަމަށް ފުލުހުންނަށް ތައްޔާރުވެފައި ނެތް ކަމަށް ބުނެ ވެސް ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.