Advertisement

މިސްރާއި ސައުދީން 7.7 ބިލިއަން ޑޮލަރުގެ ޑީލްތަކުގައި ސޮއިކޮށްފި

ސައުދީ ވަލީ އަހުދު އަމީރު މުހައްމަދު ބިން ސަލްމާން އަދި މިސްރުގެ ރައީސް އަބްދުލް ފައްތާހް އަލް ސިސީ. -- ފޮޓޯ: ގެޓީ އިމޭޖާޒް


މިސްރާއި ސައުދީން 7.7 ބިލިއަން ޑޮލަރުގެ ޑީލްތަކުގައި ސޮއިކޮށްފި

ގާހިރާ، މިސްރު (ޖޫން 21) - ސައުދީ އަރަބިއްޔާގެ ވަލީ އަހުރު އަމީރު މުހައްމަދު ބިން ސަލްމާން މިސްރަށް ކުރައްވަމުންދާ ދަތުފުޅުގެ ތެރެއިން ދެ ގައުމުގެ ދެމެދުގައި 7.7 ބިލިއަން ޑޮލަރުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފި އެވެ.

ސޮއިކުރީ އިންފްރާސްޓްރަކްޗާ، ލޮޖިސްޓިކްސްގެ ހިދުމަތް، ބަނދަރު މެނޭޖް ކުރުމާއި، ދަނޑުވެރި ކާބޯތަކެއްޗާއި، ބޭހުގެ އިންޑަސްޓްރީ، ފޮސިލް ފިޔުލް، އިއާދަކުރަނިވި ހަކަތަ އަދި ސައިބާ ސެކިއުރިޓީއާ ގުޅޭ އެއްބަސްވުންތަކެއްގައި ކަމަށް މިސްރުގެ އަލް އަހްރަމް ނޫހުން ބުންޏެވެ.

"ޖުމްލަ 7.7 ބިލިއަން ޑޮލަރުގެ 14 އިންވެސްޓްމަންޓް އެއްބަސްވުމުގައި ސޮއިކުރީ އިގްތިސާދީ ހަރަކާތްތަކުގައި އިސްކޮށް އުޅޭ ސައުދީ އަދި މިސްރުގެ ގިނަ ކުންފުނިތަކާއި އިދާރާތަކުގެ މެދުގައި،" ސައުދީ އަރަބިއްޔާގެ އަލް އެހްބަރިއްޔާ ނޫހުން ޓްވިޓާ މެދުވެރިކޮށް ބުންޏެވެ.

ސައުދީ އަރަބިއްޔާގެ އިންވެސްޓްމަންޓް މިނިސްޓްރީން ބުނީ އެއްބަސްވުންތަކުގެ މަގްސަދަކީ "އިންވެސްޓްމަންޓާއި އިގްތިސާދީ ގުޅުން ވަރުގަދަ ކުރުން" ކަމަށެވެ.

މިސްރުގެ ރަސްމީ ތަފާސްހިސާބުތައް ދައްކާ ގޮތުން 2020 ވަނަ އަހަރާ އަޅާ ބަލާއިރު 2021 ވަނަ އަހަރު މިސްރާއި ސައުދީ އަރަބިއްޔާގެވިޔަފާރި 62 ޕަސެންޓް ކުރިއަށް ޖެހި، 9.1 ބިލިއަން ޑޮލަރަށް އެރި އެވެ.

ސައުދީ އަރަބިއްޔާގައި މިސްރުގެ ރައްޔިތުންނަށް އޮތް ވަޒީފާގެ ފުރުސަތުތަކަކީ މިސްރަށް ބޭރު ފައިސާ ލިބޭ އެންމެ ބޮޑު އެއް ދޮރެވެ. އެގޮތުން 2020-2021 އަށް 11 ބިލިއަން ޑޮލަރަށް ވުރެ ބޮޑު އަދަދެއް މިސްރަށް ލިބުނެވެ. އެއީ އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު 17 ޕަސެންޓުގެ ކުރިއެރުމެކެވެ.

އިންފްލޭޝަނާއި، އިންފްރާސްޓްރަކްޗާއަށް ބޮޑެތި ހޭދަ ކުރުމާއި، ފައިސާގެ އަގު ވެއްޓުން ފަދަ މައްސަލަތައް ކުރިމަތިވެފައިވާ މިސްރުން މިހާރު ވެސް ދަނީ އާ ލޯނެއް ހޯދަން އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)އާ އެކު މަޝްވަރާ ކުރަމުންނެވެ.

ސައުދީ ވަލީ އަހުދު މިސްރަށް ދެ ދުވަހުގެ ދަތުރުފުޅެއް ފެއްޓެވީ ހޯމަ ދުވަހު އެވެ. މި ދަތުރުގައި މިސްރުގެ އިތުރުން އުރުދުން އާދި ތުރުކީއަށް ވެސް ވަޑައިގަންނަވާނެ އެވެ.

ތުރުކީއަށް ބުދަ ދުވަހު ކުރައްވާ ދަތުރު ވާނީ 2018 ވަނަ އަހަރު އިސްތަންބޫލްގައި ހުންނަ ސައުދީ ކޮންޒިއުލޭޓް ތެރޭގައި ނޫސްވެރިޔާ ޖަމާލް ހަޝޮގްޖީ މަރާލުމާ އެކު ދެ ގައުމުގެ ގުޅުން ގޯސްވުމަށް ފަހު، ސައުދީ ވަލީ އަހުދު ތުރުކީއަށް ކުރައްވާ ފުރަތަމަ ދަތުރަށެވެ.