Advertisement

ދަނޑުގައި ހަމަނުޖެހުން ހިންގީ ސަރުކާރުން ރާވައިގެން ޔާމީނުގެ އަގު ވައްޓާލަން: އިދިކޮޅު

21 ޖޫން 2022 - 19:50 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

އިދިކޮޅު ޕީޕީއެމް ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން - ފޮޓޯ: ޕީޕީއެމް


ދަނޑުގައި ހަމަނުޖެހުން ހިންގީ ސަރުކާރުން ރާވައިގެން ޔާމީނުގެ އަގު ވައްޓާލަން: އިދިކޮޅު

21 ޖޫން 2022 - 19:50 0

ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ޔޫތު މިނިސްޓްރީއާ ގުޅިގެން، ރާއްޖޭގައި ހުންނަ އިންޑިއަން ކަލްޗަރަލް ސެންޓަރުން ބޭއްވި ހަރަކާތް ކުރިއަށް ދަނިކޮށް އެތަނަށް ބަޔަކު ވަދެގަނެ, ހަމަލާދީ ހިންގި ހަމަނުޖެހުމަކީ ސަރުކާރުން ރާވައިގެން ކުރި ކަމެއް ކަމަށް އިދިކޮޅު ކޯލިޝަނުން މިއަދު ބުނެފި އެވެ.

ޕީޕީއެމްއާއި ޕީއެންސީން މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ އެ ހަމަނުޖެހުން ހިންގީ ޕީޕީއެމްގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަގު ވައްޓާލަން ކަމަށެވެ.

"މިއީ ޕީޕީއެމް ޕީއެންސީއާއި އެ ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަގު ވައްޓާލަން ވެގެން ސަރުކާރުން ރާވައިގެން ކުރާ ކަމެއް،" އަދުރޭ ވިދާޅުވި އެވެ.

ޔޯގާ ހަރަކާތް ހިންގާތީ އެ ކަމާ ނުރުހުން ފާޅުކޮށް ހަރަކާތެއް ބާއްވާކަން ފުލުހުންނަށް ކުރިއާލާ އެނގި ތިބެ އެ ކަމަށް އެއްވެސް ތައްޔާރެއް ވެފައި ނުވުމަކީ ސަރުކާރާއި ފުލުހުންގެ ފެއިލާއެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އިންޓެލް ލިބި އެ ކަން ނުހުއްޓުވީމައި އަޅުގަނޑުމެންނަށް ދެންނެވިދާނެ މިއީ ސަރުކާރުން ރާވައިގެން ކުރި ކަމެކޭ ޕީޕީއެމް ޕީއެންސީގެ ބޮލުގައި އަޅުވަން،" އަދުރޭ ވިދާޅުވި އެވެ.

އަދުރޭ ވިދާޅުވީ މި މައްސަލައިގެ ތަހުގީގު ހިންގަން ޖެހޭނީ ވަރަށް މިނިވަން ކަމާ އެކު ކަމަށެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ބޭނުންވާ ބަޔަކަށް ތުހުމަތު އެޅުމުގެ ފުރުސަތު ދެވިގެން ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއީ ރާވައިގެން ބަޔަކު ވެއްދީ ކަމަށް [ބެލެވޭ]، ނޫނީ ނުވަދެވޭނެ، އެހެންވެ ތަހުގީގު ގެންދަން ޖެހޭ، ވަރަށް މިނިވަން ކަމާއެކު ތަހުގީގު ގެންދަން ޖެހޭ ކަމެއް،" އަދުރޭ ވިދާޅުވި އެވެ.

މި ކަމުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގެ އަތެއް ވެސް އޮވެދާނެ ކަމަށް އަދުރޭ ވިދާޅުވި އެވެ. އެކަންކަން ވެސް ބަލަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑަށް ޔަގީންކަމަކީ އެފަދަ ހަމަނުޖެހުމެއްގައި ޕީޕީއެމް ޕީއެންސީ ބައިވެރިނުވާނެ ކަން، އަޅުގަނޑުމެންނަކީ ސުލްހަވެރިކަމަށް ލޯބިކުރާ ބަޔެއް،" އޭނާ ވިދާޅުވި އެވެ.

މިއީ ސަރުކާރުން ރާވައިގެން ކުރި ކަމެއް ކަމަށް އިދިކޮޅުން ތުހުމަތު ކުރާއިރު، ފުލުހުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ވަނީ މިހާތަނަށް ތަހުގީގަށް އެނގިފައިވާ ގޮތުގައި, ހަމަނުޖެހުން ހިންގި މީހުން ބޭނުންކޮށްފައިވާ ބައެއް އާލަތްތައް ނެރެފައިވަނީ ޕީޕީއެމްގެ އޮފީހުންނެވެ.

އެ ހަމަނުޖެހުން ހިންގި މީހުން ތިބީ ޝަހާދަތުގެ ދެކަލިމަ ކަޅު ކުލައިން ލިޔެފައިވާ ހުދު ކުލައިގެ ދިދަތަކެއް ހިފައިގެންނެވެ. ޕީޕީއެމް އޮފީހުގައި އެ ދިދަތައް ހުރި މަންޒަރު ފެންނަ ފޮޓޯތަކެއް ވަނީ އާންމުވެފައިވާއިރު, އެއީ ޕީޕީއެމްއިން އެންމެ ފަހުން ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ބޭނުންކުރި ދިދަތަކެވެ.

މިއަދު އާންމުވެފައިވާ ފޮޓޯތަކަކުން ފެންނަ ގޮތުގައި, ހޯރަފުށި ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލް ޕީޕީއެމް އޮފީހުން ދިދަތައް ނެރޭ މަންޒަރު ފެނެ އެވެ. މުހައްމަދު އިސްމާއިލަކީ ޕީޕީއެމްގެ ސިޔާސީ ހަރަކާތްތައް ހިންގުމުގައި އިސްކޮށް އުޅުއްވާ ބޭފުޅާ އެވެ.

ޕީޕީއެމްގެ ބައެއް އިސް އޮފިޝަލުން ވެސް ވަނީ އެ ދިދަތައް އެ ޕާޓީގެ ފަރާތުން އެ ހަރަކާތް ހިންގި މީހުންނަށް ފޯރުކޮށްދިން ކަން މި ނޫހަށް ކަށަވަރުކޮށްދެއްވައިފަ އެވެ. ނަމަވެސް, ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލް ވިދާޅުވި ގޮތުގައި މިއަދުގެ ހަމަނުޖެހުން ހިންގި މީހުން ބޭނުންކުރި ދިދަތަކަކީ ސީދާ ޕީޕީއެމްގެ އޮފީހުން ނެރުނު ދިދަތަކެއް ކަމެއް ޔަގީން ނުވާ ކަމާއި އެކަން ޖެހޭނީ ބަލާށެވެ.

މިއަދު ހެނދުނު 6:30 ގައި ފެށި ހަރަކާތަށް ހުރަސް އަޅަން ގަދަކަމުން ގަލޮޅު ދަނޑަށް ވަދެ ބަޔަކު ހަމަލާ ދިނެވެ. އެ ހަރަކާތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވާހަކަ ދައްކަވަން ހުއްޓައި ބަޔަކު ދަނޑަށް ވަދެގަނެ އަޑު ގަދަކުރަމުން އެ ހަރަކާތް ހުއްޓުވި އެވެ. އެވަގުތު އިންޑިއާގެ ހައިކޮމިޝަނަރާއި އދ. އިން ރާއްޖެއަށް ކަނޑައަޅާފައި ތިބޭ ޑިޕްލޮމެޓުން ވެސް ތިއްބެވެ.

ގިނަ އަދަދެއްގެ ޑިޕްލޮމެޓުން ތިއްބައި, ފުލުހުންގެ ސަފުތައް ފޫއަޅައި އެ ބޭފުޅުންނާ ހަމައަށް ހަމަލާ ދޭން ބަޔަކަށް ވަދެވުނު ގޮތާމެދު ފުލުހުންނަށް ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. އަދި, އެ ހަރަކާތުގެ މައުލޫމާތު ކުރިން ލިބިފައިވާއިރު, އެކަމަށް ފުލުހުންނަށް ތައްޔާރުވެފައި ނެތް ކަމަށް ބުނެ ވެސް ފާޑުކިޔުން އަމާޒުވެފައިވެ އެވެ.

ގަލޮޅު ދަނޑުގެ ގޭޓްތަކުން މީހުންތައް ވަދެގަނެ, ދިދަތަކުން ބައެއް މީހުންނަށް ހަމަލާދޭން މަސައްކަތްކޮށްފައިވެ އެވެ. އެ މީހުންގެ ހަމަލާ އަމާޒުވި މީހުންގެ ތެރޭގައި އިންޑިއާ ހައިކޮމިޝަނުގެ މުވައްޒަފަކު ވެސް ހިމެނެ އެވެ. ނަމަވެސް، އެއްވެސް ޑިޕްލޮމެޓަކަށް އަނިޔާ ވެފައެއް ނުވެ އެވެ.

އެ މީހުން ދަނޑަށް ވަދެގަތީ ދަނޑުގެ ބޭރުގައި ޖަހާފައި ހުރި ފެންސް ވެސް ހަލާކުކޮށްލުމަށް ފަހު އެވެ. އަދި، އެ ތަނުގައި ޖަހާފައި ހުރި ބައެއް ބޯޑުތަކަށް ވެސް ގެއްލުން ދިނެވެ. ފުލުހުންނަށް އެ މީހުން ބޭރުކޮށްލެވުނީ 40 ވަރަކަށް މިނެޓު ފަހުންނެވެ. އަދި، އެއްވި މީހުން ފޮނުވާލަން ކަރުނަ ގޭސް ވެސް ޖެހި އެވެ.

ހަމަނުޖެހުމުގެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ތަހުގީގު ކުރަމުންދާއިރު, މިހާތަނަށް ހަ މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.